Thursday, May 30, 2013

ސަޢުދު ބުން މުޢާޛު رضي الله عنه



ޞަޢުދު ބިން މުޢާޛު رضي الله عنه އިސްލާމްވެ ވަޑައިގަތީ އެކަލޭގެފާނުގެ އުމުރުން އެއްތިރީސް އަހަރުފުޅުގައެވެ. އަދި ޝަހީދުވެވަޑައިގެން މިދުނިޔެ ދޫކުރައްވާފައިވަނީ އުމުރުން ސަތުތިރީސް އަހަރުފުޅުގައެވެ. މި ހަތް އަހަރު ވެގެންދިޔައީ އެކަލޭގެފާނަށް ނުހަނު ބޮޑު އިމްތިޙާނުތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެން ހަތް އަހަރަށެވެ. އެކަލޭގެފާނުގެ ހުރިހާ ޖޯރެއް ( ހަކަތައެއް) ﷲ ގެ ދީނަށް ނަޞްރު ހޯދައިދިނުމުގައި ހޭދަކުރެއްވި ހަތް އަހަރަށެވެ. އެކަލޭގެފާނަކީ އިސްކޮޅުން ދިގު ފިރިހެންވަންތަ، އަލި މޫނެއްގެ ވެރިއެކެވެ.

رسول الله صلى الله عليه وسلم ގެ އަރިހުން މަދީނާއަށް ވަޑައިގެން އިސްލާމްދީނުގެ ދަޢުވަތު ފަތުރަމުން ގެންދާ މާތް ޞަޙާބީ މުޞްޢަބު ބިން ޢުމައިރު، މަދީނާގެ އަހުލުވެރިން އެބައިމީހުންގެ ކާބަފައިންގެ ދީނުން ބޭރުކުރަމުންދާ ޚަބަރު ލިބިވަޑައިގަތުމުން އެކަލޭގެފާނު މަދީނާއިން ބޭރުކޮށްލުމަށްޓަކައި ސަޢުދުގެފާނު އަވަސް ފިޔަވަޅުތަކެއްގައި އަސްޢަދު ބުން ޒުރައިހާ ގެ ގެއަށް ވަޑައިގަތެވެ. އެކަލޭގެފާނަށް އެތަނަށް ވަޑައިގަނެވުނުއިރު މުޞްޢަބު ބިން ޢުމައިރު رضي الله عنه މީސްތަކުންނަށް އިސްލާމްދީން އޮޅުންފިލުވައިދެއްވަނީއެވެ.
 މީސްތަކުން ވަނީ އެކަލޭގެފާނު ވަށާލާފައެވެ. މިމަންޒަރު ދެކިވަޑައިގެން ސަޢުދުގެފާނުވެސް މިކަލޭގެފާނު މިދައްކާ ވާހަކައެއް އަޑުއަހާލުމަށްޓަކައި އެމަޖިލީހުގައި އިށީނދެވަޑައިގަތެވެ. މުޞްޢަބު رضي الله عنه ގެ ވާހަކައިން ސަޢުދުގަފާނަށް ވަރަށް ފުން އަސަރުތަކެއް ކުރަންފެށިއެވެ. އެއަށްފަހު މުޞްޢަބުގެފާނުގެ ވާހަކަފުޅު ހަމަ ނިމުމާއިއެކު ތެދުވެވަޑައިގެން ޝަހާދަތް ކިޔައި އިސްލާމްވެވަޑައިގަތެވެ. އަދި  رسول الله صلى الله عليه وسلم އަށް ބައިޢަތު ހިއްޕެވުމުގެގޮތުން މުޞްޢަބުގެފާނާ ސަލާމްކުރެއްވިއެވެ.
މަދީނާއަށް އާ އިރެއް އެރިކަހަލައެވެ. އެހެނީ ސަޢުދު  رضي الله عنه އަކީ އަންޞާރުންގެ ލީޑަރެވެ. އެހެންކަމުން ސަޢުދުގެފާނު އިސްލާމްވެލެއްވުން ވެގެންދިޔައީ އެތަކެއްބަޔަކު މިދީނާއި މެދު އިތުރަށް ވިސްނުމަށް މެދުވެރިވި ކަމަކަށެވެ.
رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން މަދީނާއަށް ހިޖުރަކުރެއްވުމުން މަދީނާގައި ތިއްބެވި އަންޞާރުން އެބޭކަލުންގެ ޖާނާއި މާލުން، އެއްވެސް ދެކޮޅުވެރިކަމެއް، ދަހިވެތިކަމެއްނެތި އެބޭކަލުންނަށް އެ ވެދެއްވި އެހީއަކީ މުޅިދުނިޔޭގެ ތާރީޚުގައި އަދިއަދަށް ދާންދެންވެސް ރަންއަކުރުން ފަވާލެވިފައިވާ ޙާދިސާއެކެވެ.
ދުވަސްތައް ފާއިތުވަމުންގޮސް، މައްކާގެ މުޝްރިކުން މުސްލިމުންނާއި ހަނގުރާމައަށް އަންނަ ޚަބަރު رسول الله صلى الله عليه وسلم އަށް ލިބިވަޑައިގަތުމުން މުހާޖިރުންނާއި އަންޞާރުން އެއްކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ނަޒަރުފުޅު އަންޞާރުންނަށް ހުއްޓިގެން ދިޔައެވެ.
 އަދި އެބޭކަލުންނަށް ވިދާޅުވިއެވެ. “ހިނގަން މިއުޅޭ ހަނގުރާމައާ ބެހޭގޮތުން ތިޔަބޭކަލުންގެ ޚިޔާލަކީ ކޮބައިތޯބަލަން ތިމަންކަލޭގެފާނު ބޭނުމެވެ.” އެހިނދު ސަޢުދު ބިން މުޢާޛު ތެދުވެވަޑައިގެން ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑުމެން ކަލޭގަފާނަށް އީމާންވަމުއެވެ. އަދި ކަލޭގެފާނުގެ މައްޗަށް ބާވައިލެއްވޭ ވަޙީއަކީ ޙައްޤުކަމަށްވެސް ޤަބޫލުކުރަމެވެ. އަޅުގަނޑުމެން ވަނީ ބޮޑުވެގެންވާ ހުވަޔަކުން ހުވާކޮށް ވަރުގަދަވެގެންވާ ބައިޢަތު ހިފުމަކުން ކަލޭގެފާނާއި ބައިޢަތުހިފާފައެވެ. ވީމާ ކުރިއަށް ވަޑައިގަންނަވާށެވެ. ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކަންތައްތައްކުރައްވާށެވެ. އަޅުގަނޑުމެން ކަލޭގެފާނުގެ އަރިހުގައި ތިބޭހުށީމެވެ.
 އަދި ޙައްޤާއިގެން ކަލޭގެފާނު ފޮނުއްވެވި އިލާހު ގަންދީބުނަމެވެ. ކަލޭގެފާނު ކަނޑެއްގެކައިރިއަށް ވަޑައިގެން އެކަނޑު ހުރަސްކުރެއްވިކަމުގައިވިޔަސް ތިމަންމެން ކަލޭގެފާނާ އަތާއި އަތްގުޅައިގެން ތިބެ އެކަނޑު ހުރަސްކުރާހުށީމެވެ. އެކަކުވެސް ފަހަތަކަށް ނުޖެހޭނެތެވެ. ދުޝްމިނުންނާއި ހަނގުރާމައަށް ދިއުމަށްޓަކައި އަހަރެމެން މުޅިންތައްޔާރެވެ. އެހެނީ އަހަރެމެންނަށް މިއަދު މިވަނީ މިކަމާއި ކުރިމަތިލާންޖެހިފައެވެ. އަދި ﷲ ތަޢާލާއާއި ބައްދަލުވުމަށް އަޅުގަނޑުމެން ކުރާ އުންމީދުގައި އަޅުގަނޑުމެންނީ ތެދުވެރިންނެވެ.
 ކަލޭގެފާނު އަޅުގަނޑުމެންނާ މެދު ފަޚުރުވެރިވެ ވަޑައިގަންނަވާފަދަ ކަންތައްތަކެއްކުރުމުގެ ތައުފީޤް ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވާނެކަމަށް އަޅުގަނޑުމެން އުންމީދުކުރަމެވެ. ވީމާ ކަލޭގެފާނަށް ފެނިވަޑާއިގަންނަވާ ގޮތަކަށް ޢަމަލުކުރައްވާށެވެ. ﷲ ކަލޭގެފާނަށް ރަޙްމަތް ލައްވާނެތެވެ.” އެހިނދު رسول الله صل الله علي وسلم ގެ މޫނުފުޅު ވީ އުފާފުޅުގެ ސަބަބުން އަލިވެ އުޖާލާވެގެން ދިޔައެވެ.
ކޮންމެއަކަސް މުސްލިމުން ބަދުރުގެ މައިދާނުގައި މުޝްރިކުންނާއި ކުރިމަތިލައި ބޮޑުވެގެންވާ ނަޞްރަކުން ނަޞްރު ހޯދިއެވެ.
އެއަށްފަހު ދެން މުސްލިމުންނާ ކުރިމަތިވީ އުޙުދު ހަނގުރާމައެވެ. އެހަނގުރާމާގައި، ހަނގުރާމާގެ ކުރީކޮޅު މުސްލިމުންނަށް ނުހަނުބޮޑު ނަޞްރާއި ކާމިޔާބު ލިބުނެވެ. ނަމަވެސް ފަރުބަދަމަތީގައި ތިބުމަށް رسول الله صلى الله عليه وسلم އަމުރުކުރެއްވި ދުނިދަނޑިވެރިން، އެކަލޭގެފާނުގެ އެންގެވުމާ ޚިލާފުވުމުގެ ސަބަބުން މުޝްރިކުންގެ ކުއްލި ހަމަލާތަކާއި މުސްލިމުންނަށް ކުރިމަތިލާންޖެހުނެވެ. އެވަގުތުގައިވެސް ސަޢުދު ބުން މުޢާޛު رضي الله عنه، رسول الله صلى الله عليه وسلم ގެ އަރިހުގައި، އެކަލޭގެފާނު ދިފާޢުކުރެއްވުމުގައި ޘާބިތުވެވަޑައިގެން ހުންނެވިއެވެ.
ސަޢުދުގެފާނުގެ ޖެހިލުންކުޑަކަމާއި ހިތްވަރުފުޅު ގަދަކަން އެންމެ ބޮޑަށް ފެނިގެންދިޔަ، އަދި އެހަނގުރާމައެއްގައި އެކަލޭގެފާނުގެ ހަށިކޮޅުން ޒަޚަމްވީ ތަންތަނުގެ ސަބަބުން އެކަލޭގެފާނު މިދުނިޔެ ދޫކުރެއްވި ހަނގުރާމައަކީ ޚަންދަޤު ހަނގުރާމައެވެ.
ޚަންދަޤު ހަނގުރާމައަކީ މަދީނާގައި ތިބި ޔަހޫދީން ވެފައިވާ އެއްބަސްވުމަކަށް ބެލުމެއްނެތި މުސްލިމުންނާ ދެކޮޅަށް ރޭވި ނުހަނު ހީލަތްތެރި، މަކަރުވެރި ރޭވުމެއްގެ ނަތީޖާއެވެ. މިބައިމީހުންގެ ބޮޑުން މައްކާއަށް ގޮސް رسول الله صلى الله عليه وسلم އާ ދެކޮޅަށް ނުކުތުމަށް ޤުރައިޝުންނަށް ހިތްވަރުދިނެވެ. އަދި މަދީނާއަށް ހަމަލާދިނުމަށް ޤުރައިޝުން ނުކުމެއްޖެނަމަ، މިބައިމީހުންނަށް ވެވެންއޮތްގޮތަކުން ޤުރައިޝުންނަށް އެހީވާނެކަމަށް ބުނެ އެގްރީމެންޓެއްގައި ސޮއިކޮށް ހަނގުރާމައިގެ ރޭވުންތަށް ރޭވިއެވެ.
 އަދި މިބައިމީހުން އަނބުރައި މަދީނާއަށް ދިޔަ މަގުމަތީގައި، ޢަރަބީންގެ އެންމެބޮޑު ޤަބީލާކަމަށްވާ ބަނީ ޤަތުފާން ވަންހައިގެ މީހުންނަށްވެސް ނަސޭހަތްދީ އެބައިމީހުން ހައްލައި، ކުރެވެން މިއުޅޭ ހަނގުރާމާގައި އެހީތެރިވެދިނުމަށް އެއްބަސްކުރުވިއެވެ. މިބައިމީހުން ނިންމާފައިއޮތީ ޤުރައިޝުންނާއި ޤަތުފާނުގެ މިބޮޑު ލަޝްކަރު މުސްލިމުންނާ ހަމަލާދިނުމުން، މަދީނާގައި ތިބި ޔަހޫދީންތައްވެގެން މަދީނާގެ އެތެރޭގައި ހަމަނުޖެހުން އުފައްދައި ފަސާދަކޮށްލުމަށެވެ.
رسول الله صلى الله عليه وسلم އަށް މިބައިމީހުންގެ މި މަކަރުވެރި ރޭވުން އެނގިވަޑައިގަތުމުން އެކަލޭގެފާނުގެ ޞަޙާބީންގެ ލަފައިގެ ދަށުން މިބައިމީހުންނާ ދެކޮޅަށް ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމާއިގެން މަޝްޣޫލުވެވަޑައިގަތެވެ. އެންމެ ފުރަތަމަވެސް އެކަލޭގެފާނު އަމުރުފުޅުކުރެއްވީ މަދީނާގެ ވަށައިގެން ޚަންދަޤެއް ކޮންނެވުމަށެވެ. އެއަށްފަހު މަދީނާގެ ޤަބީލާއެއްކަމަށްވާ ބަނީ ޤުރައިޟާގެ މީހުން މިހަނގުރާމާގައި ތާޢީދުކުރަނީ ކޮންކަމަކަށްތޯ ޔަޤީންކުރެއްވުމަށްޓަކައި، ސަޢުދު ބުން މުޢާޛާއި ސަޢުދު ބުން ޢުބާދާ، ކަޢުބު ބުން އަސަދުގެ ގާތަށް ފޮނުއްވެވިއެވެ.
 އެހެނީ ބަނީ ޤުރައިޟާގެ ޔަހޫދީންނާއި، މުސްލިމުންނާ ދެމެދު މާކުރީއްސުރެ ވަނީ މުޢާޙަދާއެއްގައި ސޮއިކުރެވިފައެވެ. ކޮންމެއަކަސް މިދެބޭކަލުން މިބައިމީހުންގެ ބޮޑުންގެ ގާތަށް ދިއުމުން ދިނީ ނުހަނު ހައިރާން ކުރަނިވި ޖަވާބެކެވެ. ނުބައި ނުލަފާ ޔަހޫންދީންތައް ބުންޏެވެ. “އަހަރުމެން މުޙައްމަދާއެކު އެއްވެސް އެގްރީމެންޓެއްގައި ސޮއެއް ނުކުރަމަވެ.”
މަދީނާގެ އަހުލުވެރިން، މިފަދަ ނުރައްކާތެރި ހަނގުރާމައަކަށް ކުރިމަތިކުރުވުމަކީ رسول الله صلى الله عليه وسلم އަށް ނުހަނު އުނދަގޫފުޅުވެ ވަޑައިގެން ކަމެކެވެ. އެހެންކަމުން އެކަލޭގެފާނު ގަސްތުކުރެއްވީ ކޮންމެވެސްގޮތަކުން ބަނީ ޤަތުފާންގެ މީހުން މިހަނގުރާމައިން ދުރުކުރެވޭތޯއެވެ. އޭރުން އިދިކޮޅު ލަޝްކަރުން ދެބައިކޮށްފަ އެއްބައި އުނިވާނެކަމަށްޓަކައެވެ.
މިގޮތުން އެކަލޭގެފާނު ބަނީ ޤަތުފާންގެ ބޮޑުންނާ ބައްދަލުވުމެއް ބޭއްވެވިއެވެ. އަދި ހަނގުރާމާގައި ބައިވެރިނުވާމަތިން މަދީނާގެ ދަނޑުބިމުގެ ތިންބައިކުޅަ އެއްބައި މިބައިމީހުންނަށް ދެއްވާނެކަމަށް ހުށައެޅުއްވިއެވެ. މިބައިމީހުން މިގޮތަށް އެއްބަސްވިއެވެ. ވީމާ މި އެގްރީމެންޓްގައި ކުޑަދުވަސްކޮޅެއްފަހުން ސޮއި ކުރާގޮތަށް ހަމަޖެއްސުނެވެ.
އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ ކުރިން، ޞަޙާބީންނާ މަޝްވަރާކުރެއްވުމަށް އެކަލޭގެފާނު ނިންމެވިއެވެ. އެގޮތުން މަދީނާގެ ދެލީޑަރުންކަމުގައިވާ ސަޢުދު ބިން މުޢާޛު رضي الله عنه އާއި ސަޢުދު ބިން ޢުބާދާ رضي الله عنه ގެ ލަފާފުޅަކަށް އެއްސެވިއެވެ. އެހިނދު އެދެބޭކަލުން ދެންނެވިއެވެ. “ތިޔައީ އަޅުގަނޑުމެންނަށް އިޚްތިޔާރު ލިބިގެންވާ ކަމެއްތޯއެވެ؟ ނުވަތަ ﷲ ތަޢާލާގެ ޙަޟުރަތުން އެކަލޭގެފާނަށް އަމުރުވެވިގެންވާ ގޮތް ތޯއެވެ؟
އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “މިއީ ތިޔަބައިމީހުންނަށްޓަކައި ތިމަންކަލޭގެފާނަށް ފެނިވަޑައިގެން ޚިޔާރުކުރެއްވި ގޮތެކެވެ. ﷲ ގަންދީ ބުނަމެވެ. ތިމަންކަލޭގެފާނު މިގޮތަށް މިކަންތައްކުރެއްވީ ޢަރަބީން އެބައިމީހުންގެ ލަޝްކަރު އެއްކޮށް އެއްމީހެއްފަދައިން އެކަތިގަނޑަކަށް ހަދައި، ތިޔަބައިމީހުންނާ ހަމަލާދިނުމަށް ތައްޔާރުވެފައިވާ މަންޒަރު ތިމަންކަލޭގެފާނަށް ފެނިވަޑައިގަންނަވާތީ، އެބައިމީހުންގެ ލަޝްކަރުގެ ބާރު އުނިކުރެއްވުމަށްޓަކައެވެ.”
އެހިނދު ސަޢުދު ބުން މުޢާޛު رضي الله عنه އަށް އެބޭކަލުންގެ އީމާންކަން އިމްތިޙާންކުރެމުންދާކަމުގެ އިޙްސާސެއް ކުރެއްވުނެވެ. ދެން އެކަލޭގެފާނު ވިދާޅުވިއެވެ. “އޭ ﷲ ގެ ރަސޫލާއެވެ. އިސްލާމްދީނުގެ ހިދާޔަތް އަހަރެމެންނަށް ލިބުމުގެ ކުރީގައި މުޝްރިކުންގެ ގޮތުގައި ވީއިރުވެސް، ، އަހަރެމެންނާއި އެޔަހޫދީން އަހަރުމެންގެ ދަނޑުބިންތަކުން، އަހަރުމެން ހިތުންރުހުމުން، ނުވަތަ މެޙުމާންދާރީ އަދާކުރުމުގެ ގޮތުން ނުވަތަ ވިޔަފާރިކުރުމުގެ ގޮތުން ދިނިއްޔާ މެނުވީ އެންމެ ކަދުރު އޮށެއްގެ މިންވަރު ކާލުމަށްވެސް އެބައިމީހުން ޚިޔާލަށްވެސް ނުގެނެއެވެ.
 ވީމާ، الله سبحانه وتعالى އަޅުގަނޑުމެންނަށް ހިދާޔަތްދެއްކެވުމަށްފަހު، އަދި އިސްލާމްދީނާއި ކަލޭގެފާނުގެ ސަބަބުން އަހަރުމެން މާތްކުރައްވައި މަތިވެރިކުރެއްވުމަށްފަހު އަޅުގަނޑުމެން، އަޅުގަނޑުމެންގެ ފައިސާތައް އެބައިމީހުންނަށް ދޭނީ ކިހިނަކުންތޯއެވެ؟ ﷲ ގަންދީ ބުނަމެވެ. އަޅުގަނޑުމެންނަށް މި އެގްރީމެންޓާ ނުލާވެސް މިކަންކުރެވިދާނެއެވެ. އަދި އަހަރެމެންގެ ކަންތައްތައް الله سبحانه وتعالى ހަމަޖައްސަވައިދެއްވައިފުމަށް ދާންދެން އަހަރެމެން އެބައިމީހުންނާ ހަނގުރާމަކުރުންނޫން އެހެންކަމެއް ނުކުރާނޫއެވެ.”
ސަޢުދުގެފާނުގެ މިވާހަކަފުޅު އަޑުއައްސަވައި رسول الله صلى الله عليه وسلم އެކަލޭގެފާނުގެ ނިންމެވުން ހަމަވަގުތުން ބަދަލުކުރެއްވިއެވެ. އަދި ބަނީ ޤަތުފާންގެ ބޮޑުންނަށް، އެކަލޭގެފާނުގެ ޞަޙާބީން މިއެއްބަސްވުމަށް ތާޢީދު ނުކުރައްވާ ވާހަކައާއި، ޞަޙާބީންގެ ނިންމެވުމަށް އެކަލޭގެފާނުވެސް ތާޢިދުކުރައްވާކަމަށް ވިދާޅުވިއެވެ.
މުސްލިމުން ހަނގުރާމައަށް ތައްޔާރުވާން ފަށައިފިއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކާފިރުންގެ ލަޝްކަރު މަދީނާއަށް ހަމަލާދިނުމަށް އަތުވެއްޖެއެވެ. އެއާއިއެކު ހަނގުރާމަ ފެށިއްޖެއެވެ. ސަޢުދުގެފާނު އެކަލޭގެފާނުގެ ކަނޑިއާއި، ލޮންސި ހިއްޕަވައިގެން ހުރެ ޅެންބައިތެއް ވިދާޅުވަމުން ގެންދެވިއެވެ. އޭގައި އެކުލެވިގެންވާ މާނައަކީ މިއެވެ. “މިހަނގުރާމަ ފެށޭނެ ދުވަހަކަށްޓަކައި އަހުރެން ނުހަނު ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމުން ގެންދިޔައީމެވެ. މަރު، އެ އަންނަންވީވަގުތުގައި އަންނައިރު ކިހާ ރީތިހެއްޔެވެ.”
ހަނގުރާމަ ހޫނުވެ މައިދާނުގައި ލޭގެ ކޯރުތައް ހެދެމުންދެއެވެ. މުޝްރިކުންގެ ހަމަލާތަކުގެ ސަބަބުން ސަޢުދުގެފާނުގެ އަތްޕުޅު ނުހަނު ބޮޑަށް ޒަޚަމްވިއެވެ. އެކަލޭގެފާނުގެ ޒަޚަމްތަކުން ހޯސްލާފައި ލޭތައް އޮހޮރެންފަށައިފިއެވެ. އެހެންކަމުން رسول الله صلى الله عليه وسلم އަމުރުކުރެއްވީ އެކަލޭގެފާނަށް ފަރުވާދިނުމަށްޓަކައި އެކަލޭގެފާނުގެ މިސްކިތްކޮޅަށް ގެންދިއުމަށެވެ.
 މުސްލިމުން މިބައިމީހުންގެ މި ބަޠަލާ رسول الله صلى الله عليه وسلم ގެ މިސްކިތްކޮޅަށް ގެންދިޔައެވެ. އެހެންކަމުން އެކަލޭގެފާނަށް ފަރުވާ ދެވެމުން ދިޔައީ رسول الله صلى الله عليه وسلم އާއި ނުހަނު ކައިރީގައެވެ. އެތާގައި އޮވެ ސަޢުދުގެފާނު މައްޗަށް ބައްލަވައި ﷲ އަށް ދުޢާ ކުރެއްވިއެވެ. 
” އޭ އަޅަމެންގެ ވެރި ﷲ އެވެ. ޤުރައިޝުންނާ އެކު ހިނގަމުންމިދާ ހަނގުރާމަ ދިގުލައިގެންދާނަމަ، ތިމަންކަލޭގެފާނު އަދި އިރުކޮޅަކަށް ދުނިޔޭގައި ބަހައްޓަވައި، އެބައިމީހުންނާ ހަނގުރާމަ ކުރުމުގެ ފުރުޞަތު ދެއްވާށިއެވެ. އެހެނީ އިބަ އިލާހުގެ ރަސޫލާއަށް އުނދަގޫކޮށް، އެކަލޭގެފާނަށް ކާފިރުވެ އެކަލޭގެފާނު ރަށުން ބޭރުކޮށްލި މީހުންނާ ހަނގުރާމަކުރުމަށްވުރެ އަހަރެން އެދޭކަމެއްނުވެއެވެ. ނަމަވެސް ހަނގުރާމަ ވަނީ މިހާރު ނިމިފައިކަމުގައި ވާނަމަ، ތިމަންކަލޭގެފާނުގެ ޒަޚަމްތަކުގެ ސަބަބުން ތިމަންކަލޭގެފާނު ޝަހީދަކު ކަމުގައި ލައްވާށިއެވެ. އޭ ﷲ އެވެ! ބަނީ ޤުރައިޟާގެ މީހުންގެ ކިބައިން ބަދަލުހިފިއްޖައުމަށް ދާންދެން ތިމަންކަލޭގެފާނުގެ ފުރާނަ ނުހިއްޕެވުމަށް އިބައިލާހުގެ ކިބައިން ދަންނަވަމެވެ. “
އޭ ސަޢުދުގެފާނެވެ! ﷲ ތިބާއާއި އެކުގައި ވާނެތެވެ! ތިފަދަ ޙާލަތެއްގައި އުޅެ ތިޔަފަދައެއްޗެއް ބުނަންކެރޭނީ ކަލޭގެފާނު ނޫން ފަހެ ކާކަށްހެއްޔެވެ؟
الله سبحانه وتعالى އެކަލޭގެފާނުގެ މިދުޢާ ވަރަށް ފުރިހަމައަށް އިޖާބަކުރެއްވިއެވެ. ކޮންމެއަކަސް ޤުރައިޝުންގެ ލަޝްކަރު ހަނގުރާމައިން ބަލިވެގެން ލިބުނު ދެރައާއި ގެއްލުމާއިއެކު، މައްކާއަށް އެނބުރި ހިނގައްޖެއެވެ.
އެއަށްފަހު ދެން رسول الله صلى الله عليه وسلم އެކަލޭގެފާނުގެ ލަޝްކަރަށް އަމުރުކުރެއްވީ މަދީނާގައި ތިބި ޔަހޫދީންނާ ދިމާކުރުމަށެވެ. އެހެނީ އެބައިމީހުންނަކީ މުސްލިމުންނާ ކުރި މުޢާހަދާއާ ޚިލާފްވެ އެބައިމީހުން ހިތަށްއަރާ ވަގުތެއްގައި މުސްލިމުންނަށް ކެހިދީ ލަނޑުދީ ހަދާ ބައެކެވެ. މުސްލިމުންގެ ލަޝްކަރުގޮސް ޔަހޫދީން ފިލާތިބި ކިއްލާ ވަށާލިއެވެ.
 ޔަހޫދީން ފަންސަވީސް ދުވަހަށްފަހު މުސްލިމުންގެ މި ހިޞާރުކުރުމަށް ކެތްނުކުވެވިގެން އަމާންދީ އެތަނުން ނުކުމެއްޖެއެވެ. އެބައިމީހުން رسول الله صلى الله عليه وسلم ގެ އަރިހުން އެދުނީ އެބައިމީހުންނާއިމެދު ގޮތެއްނިންމެވުމަށްޓަކައި ސަޢުދުގެފާނަށް ދެންނެވުމަށެވެ. އެހެންކަމުން އެކަލޭގެފާނު އެތަނަށް ޙާޟިރުކުރެއްވުމަށް رسول الله صلى الله عليه وسلم އަމުރުކުރެއްވިއެވެ. 

ސަޢުދުގެފާނު ވަޑައިގަތުމުން رسول اللهصلىالله عليه وسلم އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. “އޭ ސަޢުދެވެ. ބަނީ ޤުރައިޟާގެ މީހުންނާއިމެދު ހަދާނެގޮތެއް ކަލޭގެފާނު ވިދާޅުވާށެވެ.” އެހިނދު ސަޢުދުގެފާނު ވިދާޅުވިއެވެ. ” ތިމަންކަލޭގެފާނު ވިދާޅުވަނީ އެބައިމީހުންގެ ބޮޑުން ޤަތުލުކުރުމަށެވެ. އަދި އެބައިމީހުންގެ ކުޑަކުދިން އަސީރުންގެ ގޮތުގައި ނަގައި، އެބައިމީހުންގެ މުދާތައް މުސްލިމުންގެ މެދުގައި ބަހާލުމަށެވެ.” މިހެނަކްމުން ކަންތައް ކުރެވުނީ މިފަދައިންނެވެ.
ކޮންމެއަކަސް ސަޢުދުގެފާނުގެ ޒަޚަމްތައް ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުންނެވެ. އެހެންކަމުން رسول الله صلى الله عليه وسلم އެކަލޭގެފާނުގެ އަރިހަށް އެއްދުވަހަކު ޒިޔާރަތެއްކުރެއްވިއެވެ. އޭރު އެކަލޭގެފާނު ވަނީ މަރަށް ޙާޟިރުވެފައެވެ. އެހިނދު رسول الله صلى الله عليه وسلم އެކަލޭގެފާނުގެ މާތް އުނގުކޮޅުގައި ސަޢުދުގެފާނުގެ ބޯފުޅު ބޭއްވެވިއެވެ. އަދި މިފަދައިން ދުޢާ ކުރެއްވެވިއެވެ. 
“އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ސަޢުދު ވަނީ އިބައިލާހުގެ މަގުގައި ނުހަނު ހިތްވަރުކޮށްފައެވެ. އެކަލޭގެފާނު އިބައިލާހުގެ ނަބިއްޔާއަށް އީމާންވެއެވެ. ވީމާ ރިވެތިވެގެންވާ ޤަބޫލުކުރެއްވުމަކުން އެކަލޭގެފާނުގެ ފުރާނަފުޅު ޤަބޫލުކުރައްވާށިއެވެ.”
 رسول الله صلى الله عليه وسلم ގެ މި ދުޢާފުޅަކީ އެކަލޭގެފާނުގެ ފުރާނަފުޅަށް ކިއުއްވި ތަޢުޒިޔާއެއްކަހަލައެވެ. ސަޢުދުގެފާނު އެކަލޭގެފާނުގެ ލޯފުޅު ހުޅުވޭތޯ މަސައްކަތްކުރެއްވިއެވެ. އެއީ އެކަލޭގެފާނަށް އެންމެފަހުން ފެންނަ މޫނަކީ رسول الله صلى الله عليه وسلم ގެ މޫނުފުޅަށް ވޭތޯއެވެ. އެއަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ކަލޭގެފާނަށް ޞަލަވާތް ލައްވާށިއެވެ. ހަމަކަށަވަރުން ކަލޭގެފާނީ ﷲ ގެ ރަސޫލާކަމަށް ތިމަންކަލޭގެފާނު ހެކިވަމެވެ. “
رسول الله صلى الله عليه وسلم އެންމެ ފަހުގެ ބައްލަވާލެއްވުމުން ސަޢުދުގަފާނާ ދިމާލަށް ބައްލަވާލެއްވިއެވެ. އެއަށްފަހު ޙަދީޘްކުރެއްވިއެވެ. ” އޭ އަބޫ ޢަމްރެވެ. އުފާކުރާށެވެ.”
އަބޫ ސަޢީދުލް ޙުދްރީ رضي الله عنه ވިދާޅުވިއެވެ. ” އަހަންނަކީ ސަޢުދުގެފާނު ވަޅުލުމަށްޓަކައި ވަޅުކޮނުނު މީހަކީމެވެ. ތިމަންމެން ވަޅުގެ ތަންކޮޅެއް ހަމަ ކޮނެލާއިރަށް އެތަނުން ގޮމަކަސްތޫރިވަސް ދުވަންފަށައެވެ. ވަޅުގައި އެކަލޭގެފާނު ބާއްވާތަން ކޮނެ ނިމިއްޖައުމަށްދާންދެން އެވަސް ދުވަދުވާ ހުއްޓެވެ.” ސަޢުދު އަވަހާރަވުމަކީ މުސްލިމުންނަށް ލިބުނު ވަރަށްބޮޑު ހިތާމައެކެވެ. އެބައިމީހުންނަށް ހިތްހަމަޖެހުން ލިބިގެންދިޔައީ رسول الله صلى الله عليه وسلم އެކަލޭގެފާނާ ބެހޭގޮތުން މިފަދައިން ޙަދީޘް ކުރެއްވުމުންނެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” ސަޢުދުގެފާނު އަވަހާރަވީހިނދު رحمن ވަންތަ އިލާހުގެ ޢަރްޝިކޮޅު ހެލިގަނެގެން ދިޔައެވެ.”     والله أعلم.
ލިޔުއްވީ: އަލްއަޚް ޢަބްދުﷲ އާމިރު

    ads

    ދާއިރާ:

    0 comments:

    Post a Comment

     
    here it is