Thursday, October 25, 2012

ޢީދުލް އަޟްޙާ


   ޢީދުލް އަޟްޙާއަކީ ދުނިޔޭގެ އެންމެހައި މުސްލިމުން އުފާފާޅުކޮށް އެކަކު އަނެކަކަށް އެހޮއެދުމާއި ތަހުނިޔާކިޔުމުގެ ދުވަހެވެ. މިއަދަކީ ދުނިޔޭގެ ހުރިހާ މުސްލިމުން އެބައިމީހުންގެ ވެރި އިލާހުގެ މަތިވެރި ނިޢުމަތްކަމަށްވާ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތަށްޓަކައި ﷲ ތަބާރަކަ ވަތަޢާލާއަށް ޙަމްދުކޮށް ތަކުބީރުކިޔާދުވަހެވެ. ޢަދާވާތްތެރިންކަމުގައިވަނިކޮށް އިސްލާމްދީނު ނިޢުމަތުގެ ސަބަބުން އަޅުގަނޑުމެންވަނީ އަޚުންކަމުގައި ލައްވާފައެވެ. އަޅުގަނޑުމެންގެ ހިތްތަކަށް މިދީނުގެ ސަބަބުން އޯގާތެރިކަމާއި ލޯބިވަނީ މާތް ﷲ ލައްވާފައެވެ.



   މިދުވަހަކީ މުސްލިމުންނަށް ޓަކައި މާތްﷲ މާތްކުރައްވާ ބަރަކާތްތެރިކުރެއްވި އަޟްޙާ ޢީދު ދުވަހެވެ. އިސްލާމްދީނުގައި ޝަރުޢު ކުރައްވާފައިވާ ދެޢީދުގެ ތެރެއިން މާތްﷲ އަޅުގަނޑުމެންޓަކައި އުފާފާޅުކޮށް، ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ އެންމެބޮޑު ޢީދުގެ ގޮތުގައި ލައްވާފައިވާ ދުވަހެވެ.


   އެވާލާ ޒަމާނުއްސުރެންފެށިގެން ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މީސްތަކުން ޢީދުކޮށް އުފާފާޅުކޮށް ހަދަމުންގެންގޮސްފައިވެއެވެ. ކީރިތި މާތް ރަސޫލާ މަދީނާއަށް ވަޑައިގެންނެވިއިރު މަދީނާގެ ރައްޔިތުން ޢީދު ފާހަކަ ކުރަމުންގެންދެއެވެ. އެކަމާއިގުޅިގެން އެއަށްވުރެ މާތް ދެދުވަސް މާތްﷲ އަޅުގަނޑުމެން މުސްލިމުން ޢީދުކުރުމަށް ކަނޑައަޅުއްވާފައިވާކަމަށް އެކަލޭގެފާނު އެންގެވިއެވެ. އެއީ ޙައްޖުގެ މަތިވެރި އަޅުކަމާއި ވިދިގެން އަންނަ އަޟްޙާޢީދު ދުވަހާއި، ރަމަޟާންމަހަށްފަހު އަންނަ ފިޠުރު ޢީދުދުވަހެވެ.

   އަޅުގަނޑުމެންގެ ޢީދު ފާހަގަކޮށްް މުސްލިމުން ކުޅިވަރު ކުޅެ އުފާކޮށް ހެދުމަކީ ހުއްދަވެގެންވާކަމެކެވެ. އެކަކު އަނެކަކަށް ޝުރުވެރިވެ ﷲ އަށް ތަކުބީރު ކިޔުމަކީ އިތުރުވެގެންވާ ކަމެކެވެ. އަދި އެދުވަހުގައި ހިތުގެ ކިލަނބުކަން ސާފުކޮށް މިތުރުންގެ މެދުގައި ސަލާމްކުރުން ގިނަކޮށް ސަލާމް ފެތުރުމަކީ މާތް އަޅުކަމެކެވެ.


   އިސްލާމީ މުޖުތަމަޢުތަކާއި ޚިލާފަށް ދުނިޔޭގެ އެހެން މުޖުތަމަޢުތަކުގައި ޢީދު ފާހަގަކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެބައިމީހުންގެ ޢީދަކީ ފާޙިޝްކަންތައްތަކާއި މުންކަރާތްތައް ހުއްދަކޮށްގަންނަ މޫސުމެކެވެ. މާއްދިއްޔަތައް އަޅުވެތިވުމާއި ދުނިޔޭގެ ޝަހުވަތުގެ ތެރެއަށް ގެނބިގަތުމެކެވެ. ބަނގުރާބުއިމާ، ޒިނޭކުރުންފަދަ ބޮޑެތި ޖަރީމާތަކަށް އަރައިގަތުމަކީ ޣައިރުމުސްލިމުންގެ ޢީދުތަކުގައި އެބައިމީހުން ހުއްދަ ކޮށްފައިވާ ކަންކަމެވެ.

   އެއާއި ޚިލާފަށް މުސްލިމުންގެ ޢީދަކީ ވަކި ކޮންޓްރޯލެއްގެ ދަށުގައި އޮންނަން ޖެހޭ ޢީދެކެވެ. ޢީދުގެ އުފާ ފާޅުކޮށް ﷲ ނިޢުމަތްތައް ބޭނުންކުރަމުންގެންދާއިރު، އަޅުގަނޑުމެންގެވެރި އިލާހުގެ ބައްލަވައި ވޮޑިގަތުމާއި އެއިލާހުގެ ކޯފާގެ މަތިން ހަނދުމަ ނެތިކޮށްލައިގެންނުވާނެއެވެ. ހަވާ ނަފްސުގެ ލަގަން ދާނެދިމާއަކަށް ދިއުމަށް ޢީދުގައި ދޫކޮށްލުމަކީ އޯގާވަންތަ އިލާހުގެ ގަދަފަދަ ކޯފާ ޙައްޤުވެދާނޭކަމެއްކަން އަޅުގަނޑުމެންގެ ހަނދާނުގައި އަބަދުމެ ބަހަށްޓަން ޖެހޭނެއެވެ.


   ޢީދު ދުވަހަކީ މުސްލިމުން ރޯދަ ހިފުން ޙަރާމްވެގެންވާ ދުވަހެކެވެ. ކައިބޮއި ހެދުމާއި އުފާފާޅުކުރުމުގެ ދުވަހެއްގެ ގޮތުންނެވެ. އެހެންނަމަވެސް ޢީދު ޚާއްސަވެގެންވަނީ މުޅިން ކައިބޮއި ހެދުމަކަށް ނޫނެވެ. އޭގެ ބަދަލުގައި ޛިކުރު ކުރުމާއި ތަކުބީރު ކިޔުމާއި އަޅުކަން ކުރުމުގެ ދުވަހެއްގެ ގޮތުގައިވެސް މެއެވެ. ދީލަތި ވަންތަ އިލާހެއްގެ އޯގާތެރިކަން ހަނދުމަކޮށް އެކަމަށް ޝުކުރުވެރިވާ ދުވަހެއްގެ ގޮތުގައެވެ.


   އިސްލާމީ އާދަތަކާއި ޚިލާފަށް ދިވެހިރާއްޖޭގައިވެސް ވަރަށްގިނަ، ދީނާ ބީރަށްޓެހި ޙަރަކާތްތައް ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން ހިންގަމުންގެންދާކަން ހިތާމައާއިއެކު ފާހަގަ ކުރަމެވެ. ﷲ އަޅުގަނޑުމެން އުފާފާޅުކުރުމަށްޓަކައި ދެއްވި އީދުގައި އެއިލާހަށް އުރެދުމަކީ ކިހާބޮޑު ފާފައެއްތޯއެވެ. އެއިލާހުގެ ޛިކުރުން މީސްތަކުން ދުރުކޮށް، ފާޙިޝް ކަންތައްތައްގެ ތެރެއަށް ރައްޔިތުން ވައްޓާލާ މޫސުމަކަށް ޢީދުގެ ދުވަސްތައް ވެފައިވާވާހަކަ މިދަންނަވަނީ ލޮލުން ކަރުނަ އޮހޮރޭޙާލުގައެވެ. ޝައިޠާނާގެ ދުންމާރިތަކުން ފުމޭ މިއުޒިކާއި، ދެޖިންސުގެ ޒުވާނުންގެ ޖިންސީ ޣަރީޒާ އުތުރުވާލާފަދަ ނެށުންތައް، ރައްރަށުގެ ރައްޔިތުން އެބައިމީހުނަށް ﷲ ދެއްވި ފައިސާއިން ހޭދަކޮށްގެން، ދަރިންނާއި އެކު މައިން ބަލަންތިބުމަކީ ކިހާ ހުތުރު ކަމެއްތޯއެވެ.


    މިފަދަ އަޟުޙާ ޢީދެއްގައި އަޅުގަނޑުމެންގެ ތެރެއިން އެކަމަށް ކެރިފޯރުންތެރިކަން ލިބިގެންވާމީހުން އުޟުޙިޔާ ކަތިލުމަކީ ވަރަށް މަތިވެރި އަޅުކަމެކެވެ. ޢީދުނަމާދަށްފަހު ﷲ އަށްޓަކައި ކުރެވޭ ޤުރްބާނީއަކީ އަޅުގަނޑުމެންގެ ބަފައި އިބްރާހީމް ޢސ އާއި އެކަލޭގެފާނުގެ ތުއްޕުޅު ދަރިކަލުން އިސްމާޢީލްގެފާނުގެ ކިޔަމަންތެރިކަމާއި، އެބޭކަލުންގެ ޤުރްބާނީ ހަނދާކޮށްދޭކަމެކެވެ.


   އުޟުޙިޔާ ކަތިލުމަކީ އަޟުޙާ ޢީދު ނަމާދަށްފަހު، ޢީދު ދުވަހާއި، އެއާއިވިދިގެން އަންނަ ތިންދުވަހު (އައްޔާމުއްތަޝްރީޤްގެ ދުވަސްތަކުގައި) ކުރަން ހަމަޖެހިފައިވާ އަޅުކަމެކެވެ. الله ޤަބޫލުކުރައްވާހުށީ އިޚްލާޞްތެރިކަމާއިއެކު ހަމައެކަނި އެކަލާންގެއަށް އަދާކުރެވޭ އަޅުކަންތައްތަކެވެ. އެގޮތުން ﷲ އަށް ޓަކައި ކުރެވޭ ޤުރްބާނީއަކީ އެކަލާނގެއަށްޓަކައި ޚާލިސް ކުރެވިފައިވާ އެއްޗަކަށް ވާންޖެހޭނެއެވެ. އެކަމެއްގައި ކިތައްމެ ކުޑަމިންވަރަކަށް ކަމުގައިވިއަސް އެހެންފަރާތެއް ބައިވެރި ކުރެވިއްޖެނަމަ އެއަޅުމަކެއް އެކީއެކުގައި ބާޠިލުވެދާހުއްޓެވެ. މާތްﷲ އެކަލާގެ ރަސޫލާއަށް ވަޙީކުރައްވާ އަންގަވާފައިވެއެވެ.قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَهُ الدِّينَ މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ. އަހަރެންނަށް އަމުރުވެވިގެންވަނީ މާތް ﷲ ގެ ކިބައަށް ދީން ޚާލިސްކޮށް އެކަލާނގެ ކިބައަށް އަޅުކަން ކުރުމަށެވެ.


   އެހެންކަމުން ޤުރްބާންކުރާމީހާގެ ނިޔަތް ވާންޖެހޭނީ ވަރަށް އިޚްލާޞްތެރި ނިޔަތަކަށެވެ. އަދި އެޢަމަލަކީ ހަމައެކަނި الله އަށްޓަކައި އަދާކުރެވޭ ޢަމަލެއްކަން ހިތާއި ރޫޙުން ޤަބޫލުކުރަން ޖެހޭނެއެވެ.


   ޤުރްބާނީ ކަތިލެވޭހިނދު އެމީހެއްގެ ހިތުގައި އެކަމުގެ ނިޔަތް ގަންނަނ ޖެހޭނެއެވެ. ޤުރްބާނީ ކަތިލުމަށް ހަމަޖެހިފައިވާމީހާ، ޛުލްޙިއްޖާމަހުގެ އެއްވަނަ ދުވަހުންފެށިގެން ޤުރްބާނީ ކަތިލައިފުމައްދާނދެން އެމީހެއްގެގައިން އެއްވެސް އިސްތައްޓެއް އަދި އެއްވެސް ނިޔަފައްޗެއް ކެނޑުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. رسول الله  ޙަދީޘްފުޅު ކުރެއްވިކަމަށް އުއްމުސަލަމާ ރިވާކުރެއްވިއެވެ. " ޛުލްޙިއްޖާމަހުގެ ހަނދު ފެނުމުން ޤުރްބާނީއެއް ކަތިލުމަށް ޤަޞްދުކޮއްފަައިވާ އެއްވެސްމީހަކު ޤުރްބާނީ ކަތިލައިފުމައްދާންދެން އިސްތައްޓެއް ނުވަތަ ނިޔަފައްޗެއް ކަނޑައިގެން ނުވާނެއެވެ."

   ޤުރުބާނީގެ ގޮތުގައި ކަތިލެވޭ ޖަނަވާރަކީ الله އަށްޓަކައި ކުރެވޭ ޤުރްބާނީއަކަށް ވީހިނދު އެޖަނަވާރަކީ ހުރިހާގޮތަކުންވެސް އެންމެމޮޅު ރަނގަޅު އެއްޗެއްކަމުގައި ވާންޖެހޭނެއެވެ. އެހެންކަމުން އެމީހަކަށް ކުޅަދާނަވީ އެންމެ ރަނގަޅު އެއްޗެއް ހޯދުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.


   މިބަރަކާތްތެރި ޢީދަކީ އަޅުގަނޑުމެންގެ ހިތްތަކުގައި އިސްލާމްދީނުގެ ލޯބި އިތުރުވެގެންދާ އީދެއްކަމުގައި ހެދުމަށް އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަމާތޯއެވެ. ބިދުޢަތަކާއި ލާދީކަންކަމާއި، މުންކަރާތްތަކުން މިފަދަ ބަރަކާތްތެރި ދުވަހެއްގައި އަޅުގަނޑުމެން ދުރެލިވަމާތޯއެވެ. ޢީދުގެ ބަރަކާތާއި ސަވާބު އެންމެ ފުރިހަމަގޮތުގައި އަޅުގަނޑުމެން އެންމެންނަށް މާތްﷲ މިންވަރު ކުރައްވާށެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is