Sunday, November 18, 2012

އަބޫ ބަކުރު (رضي الله عنه) މަރުމަތީ އޮންނެވި ހިނދު، ޢުމަރު (رضي الله عنه) އަށް ދެއްވެވި ނަޞޭޙަތް


އަބޫ ބަކުރު (رضي الله عنه)، މަރުމަތީ އޮންނެވި ހިނދު ޢުމަރު (رضي الله عنه) އަށް ގޮވައިލެއްވެވިއެވެ. އަދި ވިދާޅުވިއެވެ.

 
”އޭޢުމަރެވެ! ﷲ އަށް ބިރުވެތިވާށެވެ. އަދި ދަންނާށެވެ! ރޭގަނޑު ކުރުމަށްޓަކައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވާ ޢަމަލުތަކެއް ވެއެވެ. އަދި އެޢަމަލުތަކަކީ ހެނދުނުކޮށްފި ނަމަ ޤަބޫލުނުކުރެވޭނޭ ޢަމަލުތަކެކެވެ. 

 ވާޖިބު އަޅުކަންތައް އަދާނުކޮށް ކުރާ ސުންނަތް އަޅުކަންތައް ﷲ ތަޢާލާ ޤަބޫލުނުކުރައްވައެވެ. ޤިޔާމަތް ދުވަހުން އެބައެއްގެ ތިލަފަތްތައް ބަރުވާ މީހުންގެ ތިލަފަތް ބަރުވުމުގެ ސަބަބަކީ އެމީހުން ދުނިޔޭގައި ހައްޤަށް ތަބައުވީމައެވެ. އަދި އެކަންތައްތައް އެމީހުންނަށް ބަރު އެއްޗެއް ކަމުގައި ވީއެވެ. އަދި އެތިލަފަތްތަކުގައި މާދަމާ ހައްޤުވާ ތިލަފަތްތައް ބަރުވުން ހައްޤުވެއެވެ. 

ޤިޔާމަތް ދުވަހުން އެބައެއްގެ ތިލަފަތްތައް ލުއި މީހުންގެ ތިލަފަތްތައް ލުއިވީ އެމީހުން ދުނިޔޭގައި ބާޠިލް ގޮތްތަކަށް ތަބައުވީމައެވެ. އަދި މާދަމާ، އެތިލަފަތް ތަކެއްގައި ބާޠިލްގެ ޢަމަލުތައް ބެހެއްޓޭ ތިލަފަތް ލުއިވުން ހައްޤުވެގެން ވެއެވެ.

ޖަންނަތުގެ އަހުލުވެރިންގެ ވާހަކަތައް ﷲ ތަޢާލާ ބަޔާންކުރައްވާފައިވަނީ އެމީހުން ކުރި އެންމެ ހެޔޮ ޢަމަލުތަކުގެ ވާހަކައިންނެވެ. އަދި ﷲ ތަޢާލާ އެމީހުން ކުރި ނުބައި ޢަމަލުތައް ދޫކޮށްލެއްވިއެވެ. އެހެންކަމުން، އެމީހުންގެ މަތިން އަހަރެން ހަނދާންވެއްޖެ ނަމަ އަހަރެން އަމިއްލަ ނަފްސަށް ބުނަމެވެ. 'އެމީހުންގެ ތެރޭގައި އަހަރެން ނުވެދާނެތީ އެކަމާއި ބިރުގަންނަމެވެ.'
 
 ﷲ ތަޢާލާ، ނަރަކައިގެ އަހުލުވެރިންގެ ވާހަކަ ބަޔާންކުރައްވާފައިވަނީ އެމީހުން ކުރި އެންމެ ނުބައިކަން ބޮޑު ޢަމަލުތަކުންނެވެ. އަދި އެމީހުން ކުރި ހެޔޮކަންތައްތައް ޤަބޫލުނުކުރައްވާ ދޫކޮށްލެއްވިއެވެ. އެހެން ކަމުން މިކަންތައް ހަނދާން ވުމުން އަހަރެންގެ އަމިއްލަ ނަފްސަށް ބުނަމެވެ:
 
 'އެމީހުންގެ ތެރޭގައި ނުވާނެކަމަށް އަހަރެން އުންމީދު ކުރަމެވެ.' ﷲ ގެ އަޅުތަކުން އަބަދުވެސް ތިބެންވާނީ އުންމީދުކުރުމާއި ބިރުގަތުމާއި ދެމެދުގެ ހާލަތެއްގައެވެ. ﷲ ތަޢާލާ އާއިމެދު އަޅުތަކުން ހަނި ދާއިރާއަކުން ނުވިސްނާށެވެ. ނުވަތަ ﷲ ތަޢާލާގެ ރަޙްމަތާއި މެދު ނާއުންމީދުވެގެން ވެސް ނުވާނެއެވެ.
 އަހަރެންގެ މިނަޞޭޙަތް އަޑުއަހައިފި ނަމަ، ކަލޭގެފާނުގެ ގާތުގައި މަރަށް ވުރެ ލޯބިވާ ކަމެއް އޮވެގެން ނުވާނެއެވެ. އަދި އެމަރަކީ ހަމަ ޔަޤީނުން ވެސް އަންނާނެ އެއްޗެކެވެ. އެކަމަކު ކަލޭގެފާނު މިނަޞޭޙަތާއި މެދު ނުރުހިއްޖެނަމަ، މަރަށް ވުރެ ނުރުހުންތެރި ކަމެއް ކަލޭގެފާނުގެ ގާތުގައި ނުވާނެއެވެ. އެހެނެއް ކަމަކު އެމަރުން ސަލާމަތެއް ވެސް ނުވެވޭނެއެވެ.“

ads

ދާއިރާ:

0 comments:

Post a Comment

 
here it is