Monday, June 3, 2013

ހުޅަނގު ފަރާތުން އިރުއެރުން


ހުޅަނގު ފަރާތުން އިރުއެރުމުގެ ޙަޤީޤަތަކީ ކޮބައިތޯ 
އެވެ؟ 
އެކަން ހިނގާނެކަމުގެ ދީނީ ދަލީލަކީ ކޮބައިތޯ އެވެ؟ އަދި އެކަން ހިނގާނެކަން
ކަށަވަރުކޮށްދޭ ސައިންޓިފިކް ހެކިތަކަކީ ކޮބައިތޯ އެވެ؟

ޤިޔާމަތް ދުވަސް ނުވަތަ އާޚިރަތް ދުވަސް އަންނާނެ ކަމީ، ކޮންމެ މުއުމިނަކުމެ     ޔަޤީންކަމާއެކު އީމާންވާންޖެހޭ ޙަޤީޤަތެކެވެ. އަޅުގަނޑުމެން އެންމެހައި މުސްލިމުން ދަންނަ 
ފަދައިން، އާޚިރަތްދުވަހަށް އީމާންވުމަކީ، އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެހެނީ، އީމާންކަމުގެ ރުކުންތަކަކީ، މާތް ﷲ އަށް އީމާންވުމާއި، އެކަލާނގެ 
މަލާއިކަތުންނަށް އީމާންވުމާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށް އީމާންވުމާއި، އެކަލާނގެ ފޮނުއްވި ރަސޫލުބޭކަލުންނަށް އީމާންވުމާއި، އާޚިރަތްދުވަހަށް އީމާންވުމާއި، ހެޔޮމިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ.

އާޚިރަތް ދުވަސް އަންނާނޭކަން މުއުމިނުންނަށް ޔަޤީންކޮށްދެއްވުމަށްޓަކައި، މާތް ﷲ ވަނީ އެތަކެއް ހެކިތަކެއް ލައްވަވާފަ އެވެ. އެ ހެކިތަކުން، މުއުމިނުންގެ އީމާންކަން އިތުރުވެ އެވެ. އަދި އެ ހެކިތަކުން، އާޚިރަތް ދުވަހަކީ އަންނާނޭ ދުވަހެއްކަން އެއްވެސް ޝައްކަކާ ނުލައި ކަށަވަރު ވެސް ވޭމެ އެވެ.

އާޚިރަތް ދުވަސް އަންނާނޭކަމުގެ ޚަބަރު ވަނީ، ކީރިތި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ އެތައް ޙަދީޘްފުޅެއްގައި ވެސް ވާރިދުވެފަ އެވެ. އެފަދަ ޙަދީޘްފުޅެއްގައި ވެ އެވެ.

(لا تَقُومُ السَّاعَةُ حَتَّى تَطْلُعَ الشَّمْسُ مِنْ مَغْرِبِهَا)
ރިވާކުރެއްވީ: އަލްބުޚާރީ

މާނައީ، "އިރު އޮއްސޭ ފަރާތުން އިރު އަރައްޖެއުމަށްދާންދެން، ޤިޔާމަތްދުވަހެއް ނާންނާނެ އެވެ."

މި ޙަދީޘްފުޅަކީ، ހުޅަނގު ފަރާތުން އިރު އަރާނެ ކަމުގެ ދީނީ ދަލީލެކެވެ. މި ޙަދީޘްފުޅުން އެނގޭ ގޮތުގައި، ޤިޔާމަތް ދުވަސް ނުވަތަ އާޚިރަތް ދުވަސް އައުމުގެ އެންމެ ބޮޑު އެއް ޢަލާމާތަކީ، އިރުމަތީ ފަރާތުން އިރު އެރުމުގެ ބަދަލުގައި، ހުޅަނގު ފަރާތުން އިރު އެރުމެވެ.

ދުނިޔެ އޭގެ އަމިއްލަ ނަފުސުގެ ވަށައިގެން ދައުރުކުރަމުންދާ ބާރުމިން ދަށްވަމުންދާކަން، މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކުން އެނގިފައި ވެ އެވެ. ދުނިޔެ ދައުރުކުރާ ބާރުމިން ދަށްވަމުންދިއުމުގެ ނަތީޖާއެއްގެ ގޮތުން، ކޮންމެވެސް ދުވަހަކުން، ދުނިޔޭގެ ދައުރުކުރުން 
ނުވަތަ އެނބުރުން މުޅިން ހުއްޓޭނެ އެވެ. މީގެ މާނައަކީ ކޮބައިތޯ އެވެ؟ 

އަޅުގަނޑުމެންނަށް މިހާރު ކޮންމެ ދުވަހަކު ފެންނަނީ އިރުމަތީ ފަރާތުން އިރުއަރާ މަންޒަރެވެ. ނަމަވެސް ދުނިޔެ މިހާރު ދައުރުކުރަމުންދާ ފަރާތަށް ދައުރުކުރަމުންދިއުން ހުއްޓިއްޖެނަމަ، އަނެއް ފަރާތަށް ދައުރުކުރަން ފަށާނެ އެވެ. އޭރުން ފެންނާނީ، ހުޅަނގު ފަރާތުން އިރުއަރާ މަންޒަރެވެ. މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކުން އެނގިފައިވާ ގޮތުގައި، ދުނިޔެ އޭގެ އަމިއްލަ ނަފުސުގެ ވަށައިގެން ދައުރުކުރަމުންދާ ބާރުމިން ދަށްވެ، ލަސްވަމުންދަނީ ކޮންމެ އަހަރަކު ވަރަށް ކުޑަ މިންވަރަކަށެވެ. އެއީ، ސިކުންތެއްގެ ބައިކުޅަ ބައެއްގެ މިންވަރެވެ.

މި ކައުނު އުފެދުނު ގޮތާއި، މި ކައުނުގެ ފެށުން އައި ގޮތް ހޯދައި ބެލުމަށްޓަކައި، ސައިންޓިސްޓުން ތަޙުޤީޤުތަކެއް ކުރައްވައި ނަޒަރިއްޔާތަކެއް ކަނޑައެޅުއްވި އިރު، ދުނިޔެ އުފެދުނުގެ ގޮތް ބުނެދޭ އެތައް ނަޒަރިއްޔާތަކެއް ވެސް ކަނޑައެޅިފައިވެ އެވެ. އެ ނަޒަރިއްޔާތައް ބުނާ ގޮތުގައި، މާތް ﷲ މިދުނިޔެ ހެއްދެވިއިރު، މިދުނިޔޭގެ ބިމުގެ ސައިޒު މިހާރަށްވުރެ މާބޮޑެވެ. އަދި އޭރު މިދުނިޔެ މިހާރު ދައުރުކުރާ ވަރަށްވުރެ މާ ބާރު ސްޕީޑެއްގައި ދައުރުކުރަމުން ވެސް ދިޔަ އެވެ. އެހެންކަމުން އޭރު، ދުވަހެއްގެ ދިގުމިން މާކުރެވެ. އެއާއެކު، އަހަރެއްގެ ދިގުމިން ދެހާސް ދުވަހަށްވުރެ އިތުރެވެފައި ވެ އެވެ.

މާތް ﷲ މިދުނިޔެ ހެއްދެވީއްސުރެ، މިދުނިޔެ އޭގެ އަމިއްލަ ނަފުސުގެ ވަށައިގެން ދައުރުކުރަމުންދާ ބާރުމިން ދަނީ، ދުވަހެއް ދުވަހަކަށްވުރެ ދަށްވަމުންނެވެ. މިހާރު ވެސް އެކަން ދަނީ ހިނގަމުންނެވެ. އެހެންކަމުން، މިދުނިޔޭގެ ދައުރުކުރުން ނުވަތަ އެނބުރުން ހުއްޓޭނެ ދުވަހެއް އަންނާނެކަން ކަށަވަރެވެ. އެއާއެކު މިދުނިޔެ އަނެއް ފަރާތަށް އެނބުރެންފަށާނެ އެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ހުޅަނގު ފަރާތުން އިރުއަރާތަން ފެންނާނެ ކަމީ، އެއްވެސް އޮޅުމެއް އޮތް ކަމެއް ނޫނެވެ.

ދުނިޔެ އޭގެ އަމިއްލަ ނަފުސުގެ ވަށައިގެން ދައުރުކުރަމުންދާ ބާރުމިން ދަށްވަމުންދަނީ ކީއްވެގެންތޯ އެވެ؟ މިސުވާލުން އުފެދޭ ކަރުހިއްކުމަށް ފަރުވާދޭ އެތައް ސައިންޓިފިކް ޖަވާބުތަކެއް ވެ އެވެ. އެއިން ޖަވާބެއް މިތާނގައި ވެސް ނަކަލުކޮށްލާނަމެވެ.

މިދުނިޔޭގެ ވަށައިގެން ހަނދު ދައުރުކުރަމުންދާއިރު، ހަނދުގެ ޖާޒުބިއްޔަތު ނުވަތަ ގްރެވިޓީގެ އަސަރު ދުނިޔޭގެ ދައުރުކުރުމަށް ފޯރަ އެވެ. ހަނދުގެ ގްރެވިޓީ އިން ދުނިޔެއަށް އަސަރުކުރާކަން އެންމެ ބޮޑަށް ހާމަވެގެންދާ އެއްކަމަކީ، ދުނިޔޭގެ ކަނޑުތަކުގެ ދިޔަވަރު ބޮޑުވުމާއި، ހިކުމެވެ. ހަނދުގެ އިތުރުން، ދުނިޔެ ދައުރުކުރާ ފަރާތާ އިދިކޮޅަށް ޖައްވުގައި ޖެހޭ ވައިގެ ސަބަބުން ވެސް ދުނިޔެ ދައުރުކުރާ ބާރުމިން ދަށްވަމުންދެ އެވެ.

މީގެ އެތައް މިލިއަން އަހަރު ކުރިން ދުނިޔޭގައި ހިނގަމުންދިޔަ އަހަރެއްގެ ދިގުމިން، ދުވަހުން ގުނާއިރު، މިހާރުގެ އަހަރެއްގެ ދިގުމިނަށްވުރެ މާދިގުކަން ސައިންޓިފިކް ހޯދުންތަކުން ވަނީ ކަށަވަރުވެފަ އެވެ. މިކަމުގެ އެއްދަލީލަކީ، ގާވެފައިވާ ގަސްގަހާގެއްސާ ބެހޭ ގޮތުން ހޯދިފައިވާ ސައިންޓިފިކް ހޯދުންތަކެވެ. އެފަދަ ގަސްގަހާގެހީގެ ގާވެފައިވާ ގަސްގަނޑުގައި ވަނީ، ދުވާލާއި ރޭގަނޑުގެ އަސަރު ފައިލްކުރެވިފަ އެވެ. އެފަދަ ގަސްގަހާގެހީގެ ގަސްގަނޑުތައް ވެފައިވަނީ، އޭގެ ޢުމުރުން ހޭދަވެފައިވާ ދުވަސްތަކާއި އަހަރުތަކުގެ ޢަދަދު، ވަރަށް ފުރިހަމައަށް ރައްކާކުރެވިފައިވާ ފައިލިންގ ކެބިނެޓްތަކެއް ކަމުގަ އެވެ.

އެހެންވީމާ، ދުނިޔެ ދައުރުކުރަމުންދާ ބާރުމިން ދަށްވަމުންދާކަމުގެ ހެކި ދައްކަވަނީ، ފަލަކީ ސައިންޓިސްޓުން އެކަނި ނޫންކަން އެބައެނގެ އެވެ. އެ ބޭފުޅުންގެ އިތުރުން، ގަސްގަހާގެހި ދިރާސާކުރައްވާ ސައިންޓިސްޓުން ވެސް އެވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ. ސައިންޓިފިކް ހޯދުންތަކުން އެނގޭ ގޮތުގައި، މި ދުނިޔޭގެ ޢުމުރުގެ ކުރީކޮޅުގައި، ދުވަހެއްގެ ދިގުމިނަކީ، އެންމެ ހަތަރު ގަޑިއިރެވެ. އެއަށްފަހު ފާއިތުވެގެންދިޔަ އެތައް މިލިއަން އަހަރުތަކަކަށްފަހު މިހާރު މިވަނީ، ދުވަހެއްގެ ދިގުމިން ހަ ގުނައަށް އިތުރުވެފަ އެވެ.

ދުނިޔެ ދައުރުކުރަމުންދާ ބާރުމިނަށް އަންނަމުންދާ ބަދަލުތަކުން އެނގޭ އެއްޗަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ގެ ރިސާލަތުގެ ތެދުކަމެވެ. އިތުރުއެކަލޭގެފާނުގެ ޙަދީޘްކުރައްވާފައިވާ ޙަދީޘްފުޅުތަކުގައި ވަނީ ޙައްޤު ތެދު ބަސްފުޅު ކަމެވެ. އަދި އިތުރުއެކަލޭގެފާނު ޙަދީޘްކުރައްވާފައިވާ ފަދައިން، ހުޅަނގު ފަރާތުން އިރުއަރާނެ ކަމާއި، ދުނިޔެ ޤިޔާމަތްވުމުގެ ޢަލާމާތެއްގެ ގޮތުން ފަހު ޒަމާނުގައި އެކަން 
ހިނގާނެ ކަމެވެ.


އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން



ads

ދާއިރާ:

0 comments:

Post a Comment

 
here it is