Sunday, July 22, 2012

ރިވެތި އަޚްލާޤް

شَهْرُ رَمَضَانَ الَّذِي أُنْزِلَ فِيهِ الْقُرْآنُ هُدًى لِلنَّاسِ وَبَيِّنَاتٍ مِنَ الْهُدَى وَالْفُرْقَانِ
"ރަމަޟާންމަހަކީ އެމަހެއްގައި ޤުރުއާން ބާވައިލެއްވުނު މަހެވެ. އެ ޤުރުއާން ބާވައިލެއްވުނީ މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި، ޙައްޤާއި، ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްކަމުގައެވެ." (އަލް ބަޤަރާ: 185)


بسم الله الرحمن الرحيم
އެންމެހައި ރިވެތި، ޠާހިރް އަދި ބަރަކާތްތެރި ޙަމްދެއްވަނީ ﷲ سبحانه وتعالى އަށެވެ. ﷲ މެނުވީ ޙައްޤުވެގެން އަޅުކަންވެވޭނޭ އެއްވެސް އިލާހަކު ނުވާ ކަމަށާއި އަދި އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވާކަމަށް، އަދި މުޙައްމަދް (صلى الله عليه وسلم) އެއީ އެއިލާހުގެ އަޅާ އަދި ރަސޫލާކަމަށް އަހަރެން ހެކިވަމެވެ.

އިސްލާމްދީން އެންމެ ގަދައަށް ބާރުއަޅާ އެއްކަމަކީ ރިވެތި އަޚްލާޤްއެވެ. "ރިވެތި އަޚްލާޤް" މިއީ ވަރަށްގިނަ މީހުން އަޑުއަހާ ބަހެކެވެ. އެހެނަސް މިބަހުގެ މާނަ، ނުވަތަ މިބަހާ ބެހޭގޮތުން އެމީހަކަށް އިނގޭ އެއްޗެއް، ނުވަތަ އޭގެ އެންމެ މުޙިއްމު ކަން ދޭންވީ ސިފަތައް ނުވަތަ މައިގަނޑު ސިފަތަކަކީ ކޮބައިތޯ އަހައިފިނަމަ އޭގެތެރެއިން ގިނަމީހުންނަށް މިބަހާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގެއެވެ.

 އެންމެ ގިނަ މީހުން ޖަންނަތަށް ވަންނާނީ ކޮން ޢަމަލެއްގެ ސަބަބުންތޯއޭ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން رسول الله (صلى الله عليه وسلم) އަހަރުމެންނަށް ރިވެތި އަޚްލާޤް އަށަގެންނެވުމަށް ބާރު އަޅުއްވައިފައިވެއެވެ. އެއީ "ތަޤުވާވެރިކަމާއި ރިވެތި އަޚްލާޤްއެވެ." ﷲ سبحانه وتعالى އަށް ތަޤުވާވެރިވުމަކީ، ތިބާއާއި ﷲ އާއިމެދު ވާކަމެކެވެ. އެހެނަސް ރިވެތި އަޚްލާޤަކީ ތިބާއާއި އެހެން މީހުންނާއި ދެމެދު ވާކަމެކެވެ. ނަބީ (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވެއެވެ:

 "ހަމަކަށަވަރުން ނަމާދު ޤާއިމްކުރާ އަދި ރޯދަހިފާ މީހެއްގެ ދަރަޖައަށް ރިވެތި އަޚްލާޤް މެދުވެރިކޮށް މީހަކު އަރައެވެ." މިޘާލަކަށް އަހަރުމެންގެ ތެރޭގައި މިހިރީ ނަމާދު ޤާއިމްކުރާ އަދި ރޯދަހިފާ މީހަކާއި، ރިވެތި އަޚްލާޤް ގެ ވެރިމީހެކެވެ. މިރިވެތި އަޚްލާޤްގެ ވެރިމީހާ މިވަނީ ނަމާދު ޤާއިމްކުރާ އަދި ރޯދަ ހިފާ މީހާއާއި އެއްދަރަޖަ އެއްގައެވެ. 

އަދިވެސް ނަބީ (صلى الله عليه وسلم) ޙަދީޘްކުރައްވާފައިވެއެވެ: "ޤިޔާމަތްދުވަހު ޢަމަލުތަކުގެ ތިލަފަތުގައި އެންމެ ބަރުވެގެންވާނޭ އެއްޗަކީ ރިވެތި އަޚްލާޤްއެވެ." އެހެންކަމުން ދެން ރިވެތި އަޚްލާޤްގެ މާނައަކީ ކޮބައިހެއްޔެވެ؟ މިފިލާވަޅުގައި އަހަރުމެން އުނގެނެން މަސައްކަތްކުރާނީ އެކަމެވެ. މުސްލިމަކު ދެނެގަންނާނީ ނުވަތަ އޭނާގެ އަމިއްލަ ނަފްސު ހިސާބުކުރާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ކިބައިގައި ރިވެތި އަޚްލާޤް އެކުލެވިގެންވާކަން ނުވަތަ ނޫންކަން އޭނާއަށް އިނގޭނީ ކިހިނެއް ހެއްޔެވެ؟

ރިވެތި އަޚްލާޤްގެ މާނައާއި ބެހޭގޮތުން އަލް އިމާމް ޙަސަން އަލް ބަޞަރީ (رحمه الله) ގެ ފަރާތުން އައިސްފައިވާ ބަސްފުޅެއް މިކަމުގައިވެއެވެ. އެކަލޭގެފާނު އެކަން މާނަކުރައްވާފައިވަނީ ތިން ކަމަކަށެވެ. އެއީ : "ގެއްލުންދިނުމާއި ދުރުވެހުރުން، އެހެންމީހުންނަށް ހެޔޮކޮށް ހިތުން، އަދި ހިނިތުންވަނިވި މޫނެއް ހުރުމެވެ."

"ގެއްލުން ދިނުމާއި ދުރުވެހުރުން"... މާނައީ އެހެންމީހުންނަށް ގެއްލުންދިނުމުން ދުރުވެހުރުމެވެ. އެހެންމީހުންނަށް ގެއްލުންދިނުމުން އެއްކިބާވުމުގެ މާނައަކީ ކޮބައިބާއެވެ؟ އެއީ ތިބާގެ ދުލުންނާއި އަދި ޢަމަލުން އެހެންމީހުންނަށް ގެއްލުންދިނުމުން ދުރުވެ ހުރުމެވެ. ތިބާގެ ދުލުން މީސްތަކުންނަށް ގެއްލުން ނުދޭށެވެ. ޣީބަނުބުނާށެވެ، ދެބޮއޮޑުވާ ނަހަދާށެވެ، ލަޢުނަތްދީ ބަދުބަސް ބުނެ މީހުންނަށް މަލާމާތްކޮށް ނަހަދާށެވެ. މިސަބަބަށްޓަކައި ހަޤީޤީ މުސްލިމަކީ ކޮބައިކަން އަދި ﷲ سبحانه وتعالى ލޯބިވޮޑިގެންވާ އަދި ރުހިވޮޑިގެންވާ މުސްލިމަކީ ކޮބައިކަން ބަޔާން ކުރައްވަމުން ނަބީ (صلى الله عليه وسلم) ޙަދީޘް ކުރައްވާފައިވެއެވެ: 

"މުސްލިމަކީ އޭނާގެ ދުލާއި އަތުގެ ނުބައިކަމުން އެހެންމީހުން ރައްކާތެރިކުރާ މީހާއެވެ." އޭނާގެ ދުލުގެ ކިބައިން މީސްތަކުންވަނީ ރައްކާތެރިވެގެންނެވެ. އެބައެއްގެ ދޫރައްކާތެރިނުކުރާ މީހުންގެ ސަބަބުން އެހެންމީހުންނަށް ގެއްލުން ލިބެއެވެ: މީހުންނަށް ލަޢުނަތްދީ...އަބުރަށް އަރައިގަނެ..މަލާމާތްކޮށް ހަދައެވެ. އަބަދާއިއަބަދު އެހެންމީހުންގެ ވާހަކަދައްކައި ބަދުބަސް ބުނެ އުޅޭ މީހުން އުޅެއެވެ. މިފަދަ މީހުންނަށް އަހަރުމެން ބުނަމެވެ: ތިބާގެ އަޚްލާޤްގައި އުނިކަންތައްތަކެއް އެބަހުއްޓެވެ. ކީއްވެހެއްޔެވެ؟ އެއީ ތިބާގެ ދުލުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ އެހެން މީސްތަކުންނަށް އެދުލުން ގެއްލުންދީ އުޅޭކަމަށްޓަކައެވެ.

ހަމައެއާއިއެކު މީސްތަކުންނަށް ތިމާގެ ޢަމަލްތަކުގެ ސަބަބުން ގެއްލުންދިނުމުގެ ތެރޭގައި، އެހެންމީހުންގެ ޙައްޤުތަކަށް އަރައިގަތުމާއި، ޙައްޤުނޫންގޮތުގައި ލޭއޮހޮރުވުމާއި، ޒިނޭކުރުމާއި، ވައްކަން ކުރުމާއި މީހުންނަށް އަނިޔާކޮށް މާރާމާރީ ހިންގުން ހިމެނެއެވެ. މިފަދަ ހުރިހާ ކަމެއް ހިމެނިގެންވަނީ ތިމާގެ ޢަމަލުތަކުން އެހެންމީހުންނަށް ގެއްލުން ދިނުމުގެ ތެރެއިންނެވެ. އެހެންކަމުން ރިވެތި އަޚްލާޤްގެ މާނަތަކުގެ ތެރެއިން ހިމެނިގެންވަނީ އެހެންމީހުންނަށް ތިމާގެ ދުލާއި ޢަމަލްތަކުން ގެއްލުންދިނުމުން އެއްކިބާވެ ހުރުމެވެ.

ރިވެތި އަޚްލާޤްގެ ސިފަތަކުގެ ތެރެއިން ދެވަނަކަމަކަށް ވަނީ އެހެން މީހުންނަށް ހެޔޮކޮށްހިތުމެވެ. އެއީ މުދަލުގެ ގޮތުން ކަމުގައިވިއަސް، ޢަމަލްތަކުގެ ގޮތުންވިއަސް ނުވަތަ ހެޔޮބަސް ބުނުމުން ކަމުގައިވިއަސްމެއެވެ. މީސްތަކުންނަށް އެހީތެރިވެ، އެބައިމީހުންނަށް ހެޔޮކަންތައް ކޮށްދީ އަދި އެބައިމީހުންގެ ބޭނުންތައް ފުއްދައިދިނުމަށް މަސައްކަތްކުރުމެވެ. 

މިސާލަކަށް މަގުމަތިން މީހެއްގެ ކާރު މައްސަލަ ޖެހިގެން ހަދާނެގޮތެއް ނެތިފައިހުއްޓާ ތިބާއަށް ފެނިއްޖެނަމަ މަޑުކޮށް އޭނާއަށް އެހީތެރިވުން މިއީ ރިވެތި އަޚްލާޤްގެ ތެރެއިންވާ ކަންކަމެވެ. އެހެންމީހުންނަށް ހެޔޮކޮށް ކަންތައްކޮށްނުދޭ މީހުންގެ އަޚްލާޤްގައި އުނިކަން އެކުލެވިގެންވެއެވެ.
އިމާމް ޙަސަން އަލް ބަސަރީ (رحمه الله) ވިދާޅުވެފައިވާ ތިންވަނަ ސިފައަކީ، އޯގާތެރި މަޑުމައިތިރި އުޅުމެއް ބެހެއްޓުމެވެ. މީގެ މާނައަކީ މީސްތަކުންނާއި ހިނިތުންވުމެވެ.

 ނަބީ (صلى الله عليه وسلم) ޙަދީޘް ކުރައްވާފައިވެއެވެ: "ހެޔޮކަމެއް އެއީ ކިތަންމެ ކުޑަކަމެއް ކަމުގައިވީނަމަވެސް ދޫކޮށްނުލާށެވެ. އެއީ މީސްތަކުންނާއި ހިނިތުންވުމުގެ މޫނަކާއިއެކު ބައްދަލްކުރުން ކަމުގައިވީނަމަވެހެވެ." އަދި އެއީ ޞަދަޤާތެއް ކަމުގައިވެސް ޙަދީޘްކުރައްވާފައިވެއެވެ. ބައެއް މީހުން އެއްގޮތަކަށްވެސް މީހުންނާއި ހިނތުންވެލައެއް ނޫޅެއެވެ. އަބަދުވެސް މާބޮޑަށް ހަރުކަށިވެ ސީރިއަސްވެފައި ތިބެއެވެ. މީސްތަކުންނާއި ހިނިތުންވުމެއްނެތި ބައްދަލުކުރާ އެފަދަ މީހާއަށް ހީވަނީ އެއީ ތަޤުވާވެރިކަމާއި، އަޅުވެރިކަމާއި ވަރަޢަވެރިކަމުގެ އެންމެ މަތީ ހަރުފަތް ކަމަށެވެ.


 އެހެނަސް އަހަރުމެން ބުނާނީ މިފަދަ މީހާގެ އަޚްލާޤްގައި އުނިކަމެއް އެބަހުރިކަމަށެވެ. ހިނިތުންވެލަން ވާނީ ކޮން ބުރައެއް ހެއްޔެވެ؟ ދެތުންފަތުން ކުރެ ކޮންމެ ތުންފަތަކުން ހިއްލާލަން ޖެހެނީ ދެ ސެންޓިމީޓަރެވެ. سبحان ﷲ! އެބަޔަކާއި ހިނިތުންވާ މީހުންނާއިމެދު މީސްތަކުން ރުހެނީ، އެއީ ޤުދްރަތީ ގޮތުންވެސް މީސްތަކުންގެ ގައިގައި ހުންނަ ސިފައެއް ކަމުގައިވާތީއެވެ. މިޘާލަކަށް މީހަކު ސިފަ ހުތުރު ކަމުގައި ވީނަމަވެސް....އެއީ ކިތަންމެ ހުތުރު ކަމުގައިވީނަމަވެސް...އޭނާ އަބަދުވެސް މީސްތަކުންނާއި ހިނިތުންވާނަމަ، މީސްތަކުން އޭނާއާއި މެދު ރުހެއެވެ، އަދި އޭނާއާއި މެދު ހިތްހަމަ ޖެހެއެވެ. 

އެހެނަސް މީހާ ކިތަންމެ ދޮންވެފައި، ރީތި ލޮލަކާއި ނޭފަތެއް ލާފައި ހުރިނަމަވެސް، އޭނާ އެހެން މީހުންނާއި ހިނިތުންނުވާނަމަ މީސްތަކުން އޭނާއާއި މެދަކު ނުރުހޭނެއެވެ. އަދި އޭނައާއި އެކު އުޅުމަށް އެހާ ގަޔާއެއްވެސް ނުވާނެއެވެ. އަދި އެބައިމީހުންގެ ވާހަކަތައް ހިއްސާކުރާކަށްވެސް ބޭނުމެއް ނުވާނެއެވެ.

އެހެންކަމުން އަހަރުމެން ބުނަނީ އޭމަގޭ ލޮބުވެތި އަޚުންނޭވެ! ރިވެތި އަޚްލާޤްގައި ތިބާއަށް އަމިއްލަ ނަފްސު ހިސާބުކުރެވިދާނޭ ތިން ސިފައެއް އެކުލެވިގެންވެއެވެ: އެއީ، އެހެންމީހުންނަށް ދުއްތުރާނުކުރުމާއި، އެހެންމީހުންނަށް ހެޔޮކޮށް ހިތުމާއި، އެހެންމީހުންނާއި ހިނުތުންވެ އުޅުމެވެ.

މަތިވެރި އަރުޝީގެ ވެރި އޯގާވަންތަ ﷲ سبحانه وتعالى ގެ ޙަޟުރަތުން އަހަރުމެން އެދެނީ އެއިލާހު ރުހި ވޮޑިގަންނަވާފަދަ އަދި ލޯބިވެ ވޮޑިގަންނަވާފަދަ ޢަމަލްތައް ކުރުމަށް މަގުދެއްކެވުމަށެވެ. ﷲ سبحانه وتعالى ތިޔަ ހުރިހާ އެންމެނަށް ކަނުލާ އަޑުއެހި ކަމަށްޓަކައި ހެޔޮޖަޒާ ދެއްވަވާށިއެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is