Tuesday, December 4, 2012

އަލް އިމާމް އިބުނު ކަޘީރު

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ނަމާއި ނަސަބުފުޅު:
އިސްމާޢީލް ބިން ޢުމަރު ބިން ކަޘީރު ބިން ޟައުއު ބިން ޒަރްޢު، އައްޝައިޚް އަލްއިމާމުލް ޢައްލާމާ ޢިމާދުއްދީން އަބުދްފިދާ އިބްނުއްޝައިޚް ޝިހާބުއްދީން އަބީ ޙަފްޞިލް ގުރަޝީ އަލްބަޞްރީ އައްދިމިޝްގީ އައްޝާފިޢީ، މަޝްހޫރުވެ ވަޑައިގެންފައިވަނީ އިބްނު ކަޘީރުގެ ނަންފުޅުންނެވެ.
އުފަންވެވަޑައިގަތީ 701ހ، 1301މ، ޝާމްކަރާގައި އޮންނަ މުޖައިދިލު އޭ ކިޔުނު ހިސާބަކަށެވެ. އެކަލޭގެފާނު ދިރިއުޅުއްވީ ދިމިޝްގު ގައެވެ.

ތުއްޕުޅު އިރުގެ ކަންތަކާއި ތަރްބިއްޔަތު:

އެކަލޭގެފާނު ދިރިއުޅުއްވި ވެށީގެ އަޘަރު ވަރަށް ބޮޑަށް ކުރެއްވިއެވެ. ބައްޕާފުޅަކީ 703ހ، ގައި އަވަހާރަވުމާއި  ހަމައަށްވެސް "މުޖައިދިލް" އޭ ކިޔުނު ރަށުގެ ޚަޠީބެކެވެ. ޢުމުރުފުޅުން އެންމެ ތިން އަހަރުގައި ބައްޕާފުޅު ނިޔާވުމާއި ގުޅިގެން އިބްނު ކަޘީރުގެ ތަރްބިއްޔަތުގެ ކަންތަކާ ޙަވާލުވެ ވަޑައިގަތީ އެއްބަނޑު އެއްބަފާ ބޭބޭފުޅު ކަމާލުއްދީން ޢަބްދުލް ވައްހާބެވެ. 
މި ރަށުގައި ހަތަރު އަހަރު ހޭދަ ކުރެއްވިއެވެ. ޔަތީމު ޙާލުކޮޅުގައި ބޮޑުފުޅުވީ ނަމަވެސް ބައްޕާފުޅުގެ ޛިކްރިޔާތުތައް ވަރަށް ބޮޑަށް އާލާވެގެން ދިޔައެވެ. ބައްޕާފުޅުގެ ޚުޠުބާ ތަކާއި ބެހޭ ގޮތުން މީސްތަކުން ދައްކަމުން ގެންދިޔަ ވާހަކަތަކާއި، ބައްޕާފުޅު ހައްދަވާފައިވާ ޅެންބައިތުތައް ހިތުދަސް ކުރެއްވިއެވެ.

ޢުމުރުފުޅުން ހަތްއަހަރު ފުރިހަމަ ވުމުން ބޭބޭފުޅު ޢަބްދުލްވައްހާބުގެ އަރިހުގައި ދިމިޝްގަށް ވަޑައިގަތެވެ. އެދުވަސްވަރު ދިމިޝްގަކީ ޢިލްމީ ގޮތުން ވަރަށް ކުރި އަރާ ގޮސްފައިވާ ރަށެކެވެ. ދުނިޔޭގެ އެތައް މިތަނުން ޢިލްމު ހޯދުމަށް މީސްތަކުން އެރަށަށް އާދެއެވެ.

ބޭބޭފުޅު ޢަބްދުލް ވައްހާބު ވެގެން ގޮސްފައިވަނީ ބައްޕަ އަކަށެވެ. އަދި އެންމެ ފުރަތަމަ އުސްތާޛަކީވެސް އެއީ އެވެ. 750ހ، ގައި ބޭބެފުޅު ދުނިޔެ ދޫކުރައްވަންދެން ބޭބޭފުޅުގެ އަރިހުން ޢީލްމު ހޯއްދެވިއެވެ. އަދި ގިނަވަގުތު ބޭބޭގެ އަރިހުގައި ހޭދަ ކުރެއްވިއެވެ. ބޭބޭފުޅާއި ބެހޭ ގޮތުން އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. "އެއީ އެއްބަނޑު އެއްބަފާ ބޭބެ އެކެވެ. އޯގާތެރި ރަޙްމަތްތެރިޔެކެވެ."

އިބްނު ކަޘީރު ދިމިޝްގުގައި ވަޒަންވެރިވެ ވަޑައިގަތެވެ. އަދި އެރަށުގެ އަހްލުވެރިޔަކަށްވެސް ވެވަޑައިގެންފިއެވެ. އަދި އެރަށުގެ ޢިލްމުވެރިޔަކަށްވެސް ވެވަޑައިގެންފިއެވެ. އަދި އެރަށުގައި ޚުޠުބާދެއްވާ ކިޔަވައިދެއްވާ ބޭކަލަށްވެސް ވެވަޑައިގެންފިއެވެ.

އިބްނު ކަޘީރުގެ ޝަޚްޞިއްޔަތާއި ރިވެތި އަޚްލާގު:

މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އިބްނު ކަޘީރަށް ވަރަށް ގިނަގުނަ ރަގަޅު ރިވެތި ޞިފަތަކެއް ދެއްވާފައިވެއެވެ. އޭގެ ތެރޭގައި:

1. ހިތުދަސްކުރުމުގެ ބާރުގަދަކަން، އެކަލޭގެފާނަކީ ވަރަށް ފަސޭހައިން އެހާމެ އަވަހަށް ތަކެތި ހިތުދަސް ކުރައްވާ، އަދި ހަނދާނުގައި ގިނަދުވަސްތަކެއްވަންދެން ހަރުލާ ހުންނަ ބޭކަލެކެވެ. ޢުމުރުފުޅުން އެގާރަ އަހަރުވީ އިރު ކީރިތި ގުރްއާން ހިތުދަސް ކުރައްވައިފިއެވެ. އަދި ޢިލްމުގެ އެކި ފަންނު ތަކުގެ މުތޫނުތައް ހިތުދަސް ކުރައްވައިފިއެވެ. އެކަމަގެ ސަބަބުން ގިނަޢިލްމުވެރިން އެކަލޭގެފާނު ޞިފަ ކުރައްވާފައިވަނީ "މުތޫނުތަކުގެ ޙާފިޡް" އެއްގެ ގޮތުގައެވެ. އިބްނު ކަޘީރުގެ ދަރިވަރެއް ކަމުގައިވާ އިބްނު ޙިއްޖީ ވިދާޅުވެފައިވެއެވެ. "ތިމަންމެން ދުށް ތަނުގައި ޙަދީޘް ތަކުގެ މަތަން އެންމެ ހިތުދަސް ބޭކަލަކީ އެއީ އެވެ. އަދި ޙަދީޘްގެ ރާވީންގެ ޖަރަޙަ ވައްތަޢްދީލާއި ބެހޭ މަޢްލޫމާތު އެންމެ ރަގަޅަށް އެގިލައްވާ ބޭކަލަކީ އެއީ އެވެ. އަދި ޙަދީޘް ތަކުގެ ޞައްޙަ ކަމާއި ޟަޢީފްކަން އެންމެ ރަގަޅަށް އެގިލައްވާ ބޭކަލަކީ އެއީ އެވެ. އެކަލޭގެފާނުގެ ޝުޔޫޚުންނާއި އެކުއުޅުނު މީހުން އެކަމަށް ހެކިވެއެވެ."

2. މަޢްލޫމާތުތައް ހަނދާންމައްޗަށް ގެންނަވާލެއް އަވަސް ކަމާއި ހިތްޕުޅުގައި ހަރުލާ ހުންނަލެއް ގިނަކަން. މިއީ އެކަލޭގެފާނުގެ ހިތުދަސްކުރުމުގެ ބާރުގެ އިތުރުން މާތް ﷲ ދެއްވާފައިވާ ވަރަށް އަގުބޮޑު ހަދިޔާ އެކެވެ. ކޮންމެ މައުޟޫޢަކަށް ވާހަކަ ދެއްކެވިނަމަވެސް އެކަމަކާ ގުޅޭ މަތަނު ތަކާއި ފޮތްތައް ވަގުތުން ކިޔައިދެއްވައެވެ.

3. ފުރިހަމަ ވިސްނުން ފުޅެއްގެ ބޭކަލެއްކަން، އެކަލޭގެފާނުގެ ތިލްމީޛު އިބްނު ޙިއްޖީ ވިދާޅުވެފައިވެއެވެ. "ފުރިހަމަ ވިސްނުންފުޅެއްގެ ވެރި ފަގީހުވެރި ބޭކަލަކެވެ."

4. ދަރިވަރުންނަށް އޯގާތެރި ބޭކަލެއްކަން.

5. ސުންނަތުގައިވާ ގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް ޚާއްޞަ ސަމާލު ކަމެއް ދެއްވާ ބޭކަލެއްކަން. ބިދްޢަ އާއި ދެކޮޅަށް ހަނގުރާމަ ކުރައްވާ އަދި އެފަދަ ކަންތަކުން ދުރުހެލިވުމަށް މީސްތަކުންނަށް ގޮވާލެއްވިއެވެ.

6. މީސްތަކުންނަށް އޯގާތެރި، އެހެން މީހުންނަށް އިޙްތިރާމް ކުރައްވާ ބޭކަލެއްކަން.

7. ހެޔޮކަންތަކަށް އަމުރު ކުރައްވާ ނުބައިކަންތައް ނަހީ ކުރައްވާ ބޭކަލެއްކަން.

8. ޢަދާވާތްތެރިންނާއި އެކުގައިވެސް ޢަދުލުވެރިކޮށް ކަންތައް ކުރައްވާ ބޭކަލެއްކަން.

ބައެއް މަޝާއިޚުން:

1. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ- ރަޙިމަހުﷲ.

2. އަލްޙާފިޡް އަބުލްޙައްޖާޖް ޔޫސުފުލް މިއްޒީ- ރަޙިމަހުﷲ.

3. އަލްޙާފިޡް އަބޫޢަބްދިﷲ މުހައްމަދު ބިން އަޙްމަދުއް ޛަހަބީ- ރަޙިމަހުﷲ.

4. އައްޝައިޚް އަބުލް ޢައްބާސް އަޙްމަދުލް ޙައްޖާރު- ރަޙިމަހުﷲ. މަޝްހޫރުވެ ވަޑައިގެންފައިވަނީ "އިބްނުއްޝުޙްނާ" ގެ ނަމުންނެވެ.

5. އަލްޙާފިޡް ކަމާލުއްދީން ޢަބްދުލް ވައްހާބް- ރަޙިމަހުﷲ. މަޝްހޫރުވެ ވަޑައިގެންފައިވަނީ "އިބްނު ގާޟީ ޝުހުބާ" ގެ ނަމުންނެވެ.

ބައެއް ދަރިވަރުން:

1. އަލްޙާފިޡް ޢަލާއުއްދީން ބިން ޙިއްޖީ އައްޝާފިޢީ- ރަޙިމަހުﷲ.

2. މުޙައްމަދު ބިން މުޙައްމަދު ބިން ޚުޟްރުލް ގުރަޝީ- ރަޙިމަހުﷲ.

3. ޝަރަފުއްދީން މަސްޢޫދުލް އަންޠާކީ އައްނަޙްވީ –ރަޙިމަހުﷲ.

4. އަލްއިމާމު އިބްނު އަބިލް ޢިއްޒިލް ޙަނަފީ –ރަޙިމަހުﷲ.

5. އަލްޙާފިޡް އަބުލް މަޙާސިނުލް ޙުސައިނީ –ރަޙިމަހުﷲ.

ލިޔުއްވާފައިވާ ބައެއް ފޮތްތައް:

1. ފަޟާއިލުލް ގުރްއާން.

2. ތަފްސީރުލް ގުރްއާނިލް ޢަޡީމް.

3. އަޙާދީޘުލް އުޞޫލް

4. ޝަރްޙު ޞަޙީޙުލް ބުޚާރީ

5. އިޚްތިޞާރު ޢުލޫމިލް ޙަދީޘް.

އަވަހާރަވުން:

އަވަހާރަވީ 26 ޝަޢްބާން 774ހ، ވީ ބުރާސްފަތި ދުވަހެއްގައެވެ. ފަސްދާނަލެވުނީ އެކަލޭގެފާނުގެ އުސްތާޛު އިބްނުތައިމިއްޔާގެ އަރިހުގައި "މަގްބަރަތުއް ޞޫފިއްޔާ" ގައެވެ. والله أعلم

ads

ދާއިރާ:

0 comments:

Post a Comment

 
here it is