Saturday, February 11, 2012

ހުޅުވާލެވިފައިވާ ސިޓީއެއް ތޮއްޑޫ ރަށުކައުންސިލަށް ( 05 )


ތިމާވެށި

  
ތިމާވެއްޓަކީ އަޅުގަނޑު ކުރިން ފާހަގަ ކުރި ކުނީގެ މައްސަލައާ ގުޅިލާމެހިފައިވާ ކަމެކެވެތިމާވެށި ހިމާޔަތް ކުރެވޭނީ ކުނީގެ މައްސަލަ ހައްލު ކުރެވިގެނެވެ. މޫދަށާ އަތިރިމައްޗަށް އުކާލެވޭ ކުނީގެ ސަބަބުން މޫދުގެ ވިނަތައްމަރުވެ މުރަކަތައް މަރުވެ ފަރުހަލާކުވުގެ ނަތީޖާ ރަށުގެ ދެކުނު ފަރާތު ގޮނޑު ދޮށުން މި ދަނީ ފެންނަމުންނެވެ. އުސޫލެއް ނެތި އަތިރި މަތިން ވެލި ނެގުމުގެ ސަބަބުން ރަށުންބޮޑު ބައެއް މިވަނީ ގިރާލާފައެވެ. ވެއިތުވެ ދިޔަ 35 ވަރަކަށް އަހަރު ނުގިރާވަރަށް ރަށް މިވަނީ ގިރާފައެވެ. މިކަން ޔަގީންވަނީ 35 ވަރަކަށް އަހަރު ދުވަހުން ހެދިފައި ހުރި ރުއްގަސް މިއަދު އަތިރި މަތިން ވެއްޓެމުން ދާތީއެވެ.
ރަށުގާ އޮތް ޖަންގަލި (ވައު)"ރޭޕު" ކުރަމުންދަނީ ބިރުގަންނަފަދަ ދަރަޖަ އަކަށެވެ. ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ސަރަހައްދު ތަކުގާ ހިމާޔަތްވާނޭ އެއްވެސް އެއްޗެއްނެތެވެ. ގޮއިބިމުގާ އެތައް އަހަރުގެ މުއްދަތުން ހެދިފާހުރި ބިޔަ ބޮޑެތި ގަސްތައް ދަނޑުވެރިކަން ކުރުމުގެ ނަމުގާ އަންދާ ކަނޑަމުން ގެންދަނީ އެވެ. ރަށުގާ ހުރި އެތައް ރުއްގަސްތަކެއް އަތިރި މަތިންނާ އެކީ ނަގާ ވިއްކާ ހުސްކޮށްލީ ހަމަ ރަސްމީ ކޮށެވެބޮޑެތި މަގުތަކުގާ ހައްދާފާ ހުރި ހިޔާދޭ ބިޔަ ގަސްތައް ކަނޑާލީ ރަސްމީ ކަމެއްކަމުގާ ދެކިގެންނެވެ. މިމާޒީ އަށް ހުއްޓުމެއް ގެނެސްދިނުމަށް ތިޔަ ކައުންސިލްގެ ކިބައިން އާދޭހާ އެކު ދަންނަވަމެވެ.
 މިއަދު މި ބިމާ ވަށައިގެންވާ ފަޅުތަކާ ފަރުތަކުގެ ހިމާޔަތައްޓަކާ މަސައްކަތްކުރުން ރައްޔިތުން ހަވާލުކުރީ ތިޔަ ކައުންސިލާ އެވެ. ރަށުގާ ހެދިފާހުރި ބިޔަ ބޮޑެތި ގަސްތަކަކީ މި ރަށުގެ ހިމާޔަތެވެ. އެތައްގޮތަކުންނެވެ. ވީމާ މި ދެންނެވި ގަސްތައް އަޅުގަނޑުމެންގެ ލޯމަތީގާ ކަނޑާ އަންދާ ނައްތާލަމުން ދާ ދިޔުމަށް ނިމުމެއް ގެނެސްދެއްވާށެވެ. ހަމައެކަނި ވަގުތީ ފަޅޯކޮށްޓެއް ނޫނީ ތޮރާވެލަކަށް ބޮޑެތި ބިޔަ ގަސްތައްބުޑުގާ ހުޅުޖަހާ ކަނޑާ ނައްތާލާ ނައްތާލުން ހުއްޓުވައިދެއްވާށެވެ. އެއީ އަޅުގަނޑުމެންގެ އިކޯ ސިސްޓަމްގެ ވަރަށް މުހިންމު ދައުރެއް އަދާ ކޮށްދޭ ގުދުރަތީ ހަދިޔާ އެކެވެ. ލައިފްސައިކަލް ( ދިރިހުރުމުގެ ބުރު) އެ ގަސްތަކާ ނުލާ ފުރިހަމައެއް ނުވާނެއެވެ. އެ ބިޔަ ގަސްތައް ( ނިކަ ގަސްތަކާ، ފުނަ ފާތަކާ، ދަނބުގަސްތައް) ނެތުމުން އެކަމުގެ ގެއްލުން އިންތިހާއަށް ފޯރާނެއެވެ. ވާރޭ ފެން މަދުވުމާ މޭވާ އެޅުން މަދުވުމާ ވައި ނުސާފު ވުމާ އަޑު ގަދަވުމާ ހިރަފުސްވުމާ ރޯޅީގެ ސަބަބުން ރަށަށް ކުރިމަތިވާ ނުރައްކާތައް މި ގަސްތަކުގެ ސަބަބުން ދުރުކޮށްދެއެވެ. އެންމެ ކުޑަމިނުން އިންސާނާ ދިރިހުރުމަށް ބޭނުންވާ އޮކްސިޖަން ފޯރު ކޮށްދެނީ މި ގަސްތަކެވެ. ދުއްވާ އެއްޗިހި އަހަރުން އަހަރަށް އިތުރު ވަމުންދާ މި ދަނޑިވަޅުގާ ބޮޑެތި ގަސްތައް ޚާއްސަކޮށް ސަލާމަތްކުރެވޭތޯ ގަވާއިދު ތައް ހަދާ ތަންފީޒު ކުރަންޖެހެއެވެ. ގޮއިބިމުން ދަނޑުބިން ދޫކުރުމާ މީހުނަށް ގޯތި ދޭއިރު ބިޔަ ބޮޑެތި ގަސްތައް ހިމާޔަތްކޮށް ޕާރކު ތަކަށް އެގަސްތައްހުރިތަންތަން ހަދަންޖެހެއެވެ. މި ގޮތުން މިހާރު ރަށުގާ ހުރި މަދު ނަމަވެސް ބޮޑެތި ގަސްތައް ތިޔަ ކައުންސިލުން ހިމާޔަތް ކޮށްދެއްވާނޭ ކަމަށް އަޅުގަނޑު އުންމީދުކުރަމެވެ. އަދި މިކަމުގާ ވެސް އަޅުގަނޑަށް ވެދެވެންހުރި އެއްބާރުލުމަކާ އެހީތެރި ކަމެއް ސުކޫލުގެ ތިމާވެށި ކުލަބު އަދި އަޅުގަނޑު ނިސްބަތްވާ ސްޓާރޓް ( ސޮސައިޓީ ޓު އެޑުވާންސް އެންޑް ރީބިލްޑް ތޮއްޑޫ) ޖަމިއްޔާ ގެ ތެރެއިން ފޯރުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން އަރުވަމެވެ. އަދި ތޮއްޑޫ އަކީ އެންމެ ފެހި އެންމެ ރީތި ރަށަށް ހައްދަވައިދިނުމަށް މަސައްކަތްކުރުމަށް ތިޔަ ކައުންސިލްގެ ކިބައިން އެދެމެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is