Tuesday, March 20, 2012

ތޮއްޑޫގެ ތަރައްޤީއަށްޓަކައި، އޭ. އެޗް. އެމް. (1)


ކައުވަންތަ ދީލަތި ޙަޟުރަތަށް، ޙަމްދާއި ޝުކުރުކޮށް، އައުދާނަ ކީރިތި ސާހިބާއަށް، ޞަލަވާތާއި، ސަލާމް ލެއްވުން އެދި ދުޢާކުރަމުން، މި ސައިޓަށް ލިޔުމެއް ހުށައަޅާލުމުގެ ފުރުޞަތު ލިބުނުކަމަށްޓަކައި، ސައިޓް ހިންގަވާ ފަރާތަށް، ވަރަށް އިޚުލާޞްތެރިކަމާއި އެކު ޝުކުރު އަދާކުރަމެވެ.

ތޮއްޑޫ އާއި މެދު، ތޮއްޑޫގެ ކިޔަވައިގެން ތިއްބެވި ޒުވާނުންނާއި، ހެޔޮ ވިސްނޭ ހަރުމީހުންނާއި، އަދި މިހާރުވެސް ކިޔަވަމުންގެންދާ ޒުވާނުންގެ ތާޒާ ޚިޔާލާއި، ޝުޢޫރު ފާޅުކޮށް، ޢާންމު ކުރުމަށްޓަކައި، މިފަދަ ސައިޓެއް ހަދައި ހިންގުމަކީ، ތަރައްޤީއަށް، ފެންބޮވައިގެންފައިވާ ތޮއްޑޫގެ ލޮބުވެތި ޒުވާނުންނަށް ލިބިގެންދިޔަ ވަރަށްވެސް ރަނގަޅު ފުރުޞަތެކެވެ. ވީމާ، މި ސައިޓްގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް، ތޮއްޑޫގެ ޒުވާނުނަށް ގޮވާލަމެވެ. ހަމަ އެހެންމެ، ދިރިއުޅުމުގެ އަގުތައް މަތިވެ، ޢާމްދަނީ ހޯދުމަށްކުރަންޖެހޭ މަސައްކަތްތައް، ބޮލުގެ އިސްތައްޓަށްވުރެވެސް ގިނަވެފައިވާ މިފަދަ ޒަމާނެއްގައި، މިފަދަ ސައިޓެއް ހަދައި ހިންގުމަކީ، ފަސޭހަ ކަމަކަށް ނުވާނެއެވެ. ވުމާއެކު ތޮއްޑޫއަށްޓަކައި، ތޮއްޑޫގެ ޒުވާނުންނަށްޓަކައި، މިފަދަ ސައިޓެއް ހައްދަވައި ދެއްވި ކަމަށްޓަކައި، ސައިޓްގެ ވެރިފަރާތަށް، ހެޔޮ ދުޢާކުރާޙާލު އަދިވެސް އެއްފަހަރު، ޝުކުރާއި، ހެޔޮއެދުންތައް ތަކުރާރު ކުރަމެވެ.
އާދެ! ތަރައްޤީއޭ، ތަރައްޤީއޭ ކިޔައިގެން، ތަރައްޤީއަށް ލޯބިކުރައްވާ ވަރަށް ގިނަ ޒުވާނުން، ތަފާތު ޚިޔާލު ފާޅުކޮށް، ލިޔުންތައް ލިޔެ، އަޑު އުފުލައި، ހަދަމުންގެންދާކަން، މިހާރު ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. އެއީ، ޒުވާނުންގެ ލޭގައި، ތަރައްޤީގެ ޖޯޝު އުފެދި އެ ރޫޙު އާލާވާންފެށިކަމުގެ ވަރަށްވެސް ފުރިހަމަ ހެއްކެކެވެ.
ކޮންމެއަކަސް ޚިޔާލަކީ ތަފާތު އެއްޗެކެވެ. ޚިޔާލު ތަފާތު ވުމަކީ، މައްސަލައެއްވެސް ނޫނެވެ. މައްސަލަ އަކީ، ތަފާތު ޚިޔާލަށް، އިޙުތިރާމު ނުކުރެވުމެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، އެންމެންނަށް، އެކައްޗެއް ރީތިވެފައި، އެކައްޗެއް މީރުވެފައި، އެއް މަސައްކަތެއް ކުރަން އެނގޭ ނަމަ މުޅި ދުނިޔެ އިންނާނީ، ހުއްޓިފައެވެ. ދުނިޔެ ތަރައްޤީވެ އާރާސްތުވަމުން، ތަހުޒީބުވަމުން މި އަންނަނީ، ތަފާތު ޚިޔާލުގެތެރެއިން، ވާދަވެރި މާޙައުލެއްގައި، އިޙުތިރާމާއި، ލޯތަބާއެކު ތަފާތު މަސައްކަތްތައް ކުރެވެމުން އަންނާތީއެވެ. އެންމެ ކަމަކުން، ނުވަތަ އެންމެ ޚިޔާލަކުން، އެންމެ ވިސްނުމަކުން، ތަރައްޤީއެއް ނުވެވޭނެއެވެ. ތަރައްޤީ ވެވޭނީ އެކަމަށް ވަރަށް ފުރިހަމަޔަށް ތައްޔާރުވެގެން، ތަފާތު ޚިޔާލުގެ މީހުން އެއްވެ ތިބެ، މަޝްވަރާކޮށް، އަޣުލަބިއްޔަތަށް ތަބާވާން ދަސްކޮށް، އެގޮތަށް ޢަމަލުކޮށްގެންނެވެ. އިނގިރޭސިވިލާތުގެ ހަރުބަހެއްގައި އޮވެއެވެ. 10 މީހުން ތިބޭތަނެއްގައި އެންމެން އެކައްޗެއްކިޔައި، އެއްވިސްނުމަކަށް، އެއްފިކުރަކަށް، ތާއީދުކޮށް، އެއްޚިޔާލެއްގައި މަސައްކަތްކުރާނަމަ އޭގެތެރޭގައި މޮޔަ،އެކަކު ހުންނާނެއެވެ. މާނައަކީ، ކޮންމެ ދިހަ މީހެއްގެތެރެއިން އެކަކު، ކޮންމެ ސަތޭކަ މީހެއްގެތެރެއިން ދިހަ މީހުން، ޚިޔާލު ތަފާތުނުވާކަމަށްވަންޏާ އެއީ މައްސަލައެކެވެ. އަދި ތަރައްޤީ ވެވޭނީ، ތަފާތު ޚިޔާލުގެތެރެއިން، އަޣުލަބިއްޔަތަށް ތަބާވާން ދަސްކޮށްގެންނެވެ.
ތިޔަވިދާޅުވާ ތަރައްޤީއަކީ ކޮބައިތޯއެވެ؟ ތަރައްޤީއަކީ، ރީތިހެދުންއަޅައިގެން، މީރުވަސްދުވާ ސެންޓް ޖަހައިގެން، ސައިކަލް ދުއްވުންތޯއެވެ؟ ތަރައްޤީއަކީ، ހޮޓާތަކުގައި ސިޔާސީ ވާހަކަދައްކައި އަޑުގަދަކުރުންތޯއެވެ؟ ތަރައްޤީއަކީ، ރީތިކޮށް ގެދޮރު ޢިމާރާތްކުރުންތޯއެވެ؟ ކޮންމެއަކަސް ތަރައްޤީ މާނަ ކުރެވެނީ، އެކި މީހުންނަށް އެކިގޮތަކަށެވެ. އެއްވެސް ބޭފުޅަކާ އަޅުގަނޑު ދެބަސްވާކަށް ނެތީމެވެ. ސަބަބަކީ ކޮންމެ މާނައެއްގައި ނަމަވެސް އަޅުގަނޑުމެން އެންމެން މި ދައްކަނީ ތަރައްޤީގެ ވާހަކަ ކަމަށްވާތީއެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ތަރައްޤީވާން ޖެހެނީ، އެންމެ ފުރަތަމަ ތިމާގެ އަމިއްލަ ނަފުސެވެ. އެއަށްފަހު ތިމާގެ އަނބިދަރިންނެވެ. މިފަދައިން ތޮއްޑޫގެ ހުރިހާ ޢާއިލާތަކެއް ތަރައްޤީވެއްޖެނަމަ ތޮއްޑޫ އޮންނާނީ، ތަރައްޤީވެފައެވެ. މީހުން ތަރައްޤީ ނުވެ ރަށެއް ތަރައްޤީއެއް ނުކުރެވޭނެއެވެ. ވީމާ، އެންމެ ފުރަތަމަ މީހުން ތަރައްޤީ ކުރާވާހަކަ ދައްކަމާ ބަނހީއެވެ.
އާދެ! ކުޑަވެސް ޝައްކެއް ނެތް ގޮތުގައި، ތަރައްޤީ ބެހިގެންވަނީ، ތަފާތު އެތައްކަންތައްތަކެއްގެ މައްޗަށެވެ. އޭގެތެރޭގައި އެންމެ މުހިންމު އެއްކަމަކީ ފުރިހަމަ ޞިއްޙަތެވެ. ފުރިހަމަ ޞިއްޙަތު ލިބިފައިނުވާ މީހަކަށް، ޢާމްދަނީ ހޯދަން މަސައްކަތެއް ނުކުރެވޭނެއެވެ. ފުރިހަމަ ޞިއްޙަތުނެތް ކުއްޖަކަށް ރަނގަޅު ތަޢުލީމެއް ނުހޯދޭނެއެވެ. ޢާއިލާއެއް ނުވަތަ ޢާއިލާއިން މީހަކު ޞިއްޙީގޮތުން ބަލިކަށިވެއްޖެ ނަމަ، އެކަމަށް ބޭނުންވާ ބޭސްފަރުވާއަށްޓަކައި، އެ ޢާއިލާއެއްގެ މާލީ ޙާލަތު ދައްވެ ދަރަނިވެރިވާގޮތް މެދުވެރިވެއެވެ. ވުމާއެކު އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި، ތަރައްޤީގެ ބިންގަލަކީ ފުރިހަމަ ޞިއްޙަތެވެ. ވީމާ، އެންމެ ފުރަތަމަ އަޅުގަނޑުމެން އެންމެން، ޚާއްޞަކޮށް، ތޮއްޑޫގެ ޒުވާނުން، ގުޅިގެން މަސައްކަތްކުރަންވީ، ތޮއްޑޫގެ ޞިއްޙީ ދާއިރާ ރަނގަޅުކުރުމަށެވެ. މިއިން ކޮންމެ ކަމެއް ކާމިޔާބު ކުރުމަށްވެސް ކުރަންޖެހޭ މަސައްކަތްތައް ލައްކަ ގިނައެވެ. އެންމެ ފުރަތަމަ ބޭނުންވާނީ، ހޭލުންތެރި ކަމެވެ. ހޭލުންތެރި ކުރުވުމެވެ. ތަފާތު އެވެއަރނަސް ޕުރޮގުރާމްތައް ހިންގައިގެން، މިކަމުގެ މައްޗަށް މީހުން އަހުލުވެރިކުރުވުމެވެ. އެއަށްފަހު ގިނަ މީހުންނަށް އެއްބަސްވެވޭ ގޮތަކަށް، އެހެން މީހުން އިޙުތިރާމުކޮށް، އެންމެންގުޅިގެން، ސަރުކާރާއި، ސިޔާސީ ލީޑަރުން ފަހައި ދުއްވައިގަތީމައި މިކަން ކާމިޔާބު ނުވެއެއް ނުދާނެއެވެ. ފޭސްބުކުގައި ގުރޫޕުތައްހަދައިގެން، ގުރޫޕުތަކުގެ ވޯލްގައި ކިތަންމެވަރަކަށްވެސް ތަރައްޤީގެ ވާހަކަ ލިޔެވިދާނެއެވެ. އަދި މިފަދަ ސައިޓްތައް ހަދައިގެންވެސް ހަމަ ލިޔެވިދާނެއެވެ. ނަމަވެސް ނަތީޖާ ނުކުންނާނީ، ޢަމަލީގޮތުން، އެކަމަށްޓަކައި މަސައްކަތްކުރެވިގެންނެވެ.
އަޅުގަނޑު ޤަބޫލުކުރާގޮތުގައި، މިހާރު ތޮއްޑޫގައި ވަރަށް ޢިލްމުވެރި، ވަރަށް ހުނަރުހުރި، ނުހަނު ޤާބިލް އެތައް ޒުވާނުންނެއް އެބަ ތިއްބެވިއެވެ. ހަމަ އެހެންމެ މާބޮޑަށް ކިޔެވިފައި ނެތަސް، ވަރަށް ވިސްނުންތޫނު، އެހާމެ ހިއްވަރުގަދަ ޒުވާނުންވެސް އެބަ ތިބިމެއެވެ. މީގެއިތުރުން، ތޮއްޑޫއަށް ލިބޭ ކޮންމެ ކުރިއެރުމަކަށް، އުފަލުން މަރުޙަބާ ކިޔައި، ކަށީގެ މަދުން ހިއްވަރު ނެރިގެން، ޒުވާނުންނާއި އެކު ތޮއްޑޫއަށް ކުރިއެރުން ހޯދައިދޭން، ހެޔޮ ހިތުން މަސައްކަތްކުރާނެ އެތައް ބަޔެއް ތޮއްޑޫގައި އެބަ ތިއްބެވެ. ހަމަ އެކަނި ތޮއްޑޫ ބުރައިޓް ކުލަބާއި، ސޯސަން ކުލަބުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތަކަށް ބައްލަވާލެއްވިއަސް މިކަން ވަރަށް ރަނގަޅަށް ސާބިތުވާނެއެވެ.
އަޅުގަނޑަކީވެސް ތޮއްޑޫއަށް އުފަން، ތޮއްޑޫދެކެ ލޯބިވާ، ތޮއްޑޫގެ ދަރިއަކަށްވީތީ، ތޮއްޑޫގެ ޒުވާނުން، ތަރައްޤީއޭ ކިޔައިގެން މި ދައްކާ ވާހަކަތަކާއި ބައިވެރިވެ، އެކަމަށް، ޚިޔާލެއް ހުށައަޅާލެވޭތޯ ބަލާނަމެވެ. އެނގިވަޑައިގަންނަވާނެ ފަދައިން، މިފަދަ ކޮންމެ ކަމަކަށްވެސް އެންމެ ފުރަތަމަ ބޭނުންވާނީ، ހަމައެކަނި ޚިޔާލެކެވެ. ދެން އެކަމަށް، އިސްނަގާނެ ކެރޭ ފަހުލަވާނުންކޮޅެކެވެ. ދެން ކަރުދާހާއި ޤަލަމެވެ. އެއަށްފަހު، އެކަމާގުޅުންހުރި މީހުން އެއްމޭޒު ދޮށަށް އައިސް، ލިޔެވިފައިވާ ކަރުދާސްތަކާއި ބެހޭގޮތުން، މަޝްވަރާކޮށް، ގެންނަންޖެހޭ އުނިއިތުރުތައް ގެނެސް ގިނަ މީހުން ރުހޭ ގޮތަކަށް، އެ ފާސްކުރުމެވެ. އެއަށްފަހު ކަރުދާހުގައި ލިޔެފައިވާ ގޮތަށް، އެކަމަށް ޢަމަލީ ސިފަ ގެނައުމަށް މަސައްކަތް ކުރުމެވެ. ތިޔަ ލޮބުވެތި ޒުވާނުންނަށްވެސް އެނގިލައްވާނެ ފަދައިން، މި ޒަމާނު ކަންތައްތައް ކުރަނީ، އަޅުގަނޑުމެންގެ ކާބަފައިން، ގެދޮރު ޢިމާރާތްކުރި ގޮތަކަށް ނޫނެވެ. ހަތަރެސްކަން ގޮޅިއެއް އަޅާފައި އެތެރިގެއަކާއި، ބޭރުގެއެއްލާ އުޞޫލަކުން ނޫނެވެ. މިހާރު ކިތަންމެ ކުޑަކަމެއް ކުރިއަސް، ކިތަންމެ ބޮޑުކަމެއް ކުރިއަސް، އެކަމެއް ކުރާނީ، ވަރަށް ރަނގަޅަށް ޕުލޭނުކޮށްގެން، ބޮޑެތި ކަންތައްތައް ފިޔަވަހި ތަކަކަށް ބަހާލައިގެންނެވެ. ވުމާއެކު ރަށެއްގެ ޒުވާނުން، އެއްވެސް ޕުލޭނެއް ނެތި، ރަށެއް ތަރައްޤީ ކުރާވާހަކަ ދެއްކުމަކީ، މިފަދަ ތަހުޒީބު ޒަމާނެއްހައި ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ވީމާ، ތޮއްޑޫގެ ޒުވާނުން، ތޮއްޑޫ ތަރައްޤީކުރަން ބޭނުންނަމަ، މި ޒަމާނުގެ ޢިލްމުވެރިން، ކަންކަން ކުރަމުން އަންނަގޮތް ނަމޫނާއަކަށް ބައްލަވައިގެން، ތޮއްޑޫގެ ހުރިހާ ޒުވާނުން ގުޅިގެން، ތޮއްޑޫ ތަރައްޤީކުރުމަށް މަސައްކަތްކުރާނެ މަގުޗާޓެއް އެކުލަވާލައި، އެފަދަ މަގުޗާޓަކާއި އެއްގޮތަށް، ފަހަރަކު ކަމެއް ޙާޞިލްކުރާ އުސޫލުން، މަސައްކަތްކުރިއްޔާ ކިހިނެތްތޯވާނީ ސުވާލު ދަންނަވަމުން، އަޅުގަނޑުގެ މި ލިޔުން ނިންމާލަމެވެ. އިރާދަ ކުރެއްވިއްޔާ މާލަހެއްނުވެ، މި ލިޔުމުގެ 2 ވަނަ ބައި ހުށައަޅާލެވޭތޯ ބަލާނަމެވެ. އަޅުގަނޑުގެ ހެޔޮ ދުޢާއަކީ، ތޮއްޑޫގެ ލޮބުވެތި ރައްޔިތުންނަށް، ހެޔޮ ވިސްނުން ދެއްވައި، އަޅުގަނޑުމެން އެންމެންނަކީ، އެކަކު އަނެކަކަށް އިޙުތިރާމުކުރާ، އޯގާތެރި، ހިންހެޔޮ، އެކުވެރި، އެހީތެރި ބަޔަކުކަމުގައި ލައްވައި ތޮއްޑޫއަށް، އަބަދަށްފަހި ދުޅަހެޔޮ މުސްތަޤުބަލެއް މިންވަރު ކުރެއްވުމެވެ..

ads

ދާއިރާ:

1 comment:

  1. Furathama kuranvikamaky avashu vaadha kurun huhtaalun. Thoddoo tharahgy nuvy avashuvaadha kuranjeheythy. avashuvaadha kurumaky vaaruthavamunai kameh.

    ReplyDelete

 
here it is