Wednesday, April 18, 2012

ރައްޔިތު މީހާގެ ދޭސީ ޚިޔާލު (2)


އެންމެހައި ނިޢުމަތްތަކުގެ ވެރިސުބުޙާނަހޫ ވަތަޢާލާ އަށް، ޙަމްދާއި ޝުކުރުކޮށް، ކައުއިތުރު މުޙައްމަދު ނަބިއްޔާ އަށް، ޞަލަވާތާއި، ސަލާމް ލެއްވުން އެދި ދުޢާކުރާޙާލު، އަޅުގަނޑުގެ މި ލިޔުން ފަށައިގަންނަމުން '' ތޮއްޑޫގެ ތަރައްޤީއަށްޓަކައި، އޭ. އެޗް. އެމް. (1) '' އަށް، އެންމެ ފުރަތަމަކޮށްފައިވާ ކޮމެންޓާއި މެދު އަޅުގަނޑުގަނޑަށް ފެންނަ އެއްޗެއް ދަންނަވާލެވޭތޯ ބަލާނަމެވެ. އެ ކޮމެންޓްގައި'' ފަރޭ'' ލިޔުއްވާފައިވަނީ'' މައުމޫނުގެ ސަރުކާރުންވެސް، އަންނިގެ ސަރުކާރުންވެސް ތޮއްޑޫގެ ތަރައްޤީއަށްޓަކައި ވަރަށްގިނަ ޕްލޭނުތަށް ހައްދަވާފައިވާ ކަމަށާއި، ނަމަވެސް ތޮއްޑޫގެ ތަރައްޤީއަށް، އެ ދެ ސަރުކާރުންވެސް މާގިނަ ކަންތައްތަކެއް ކޮށްދެއްވާފައި ނުވާކަމަށެވެ. '' ފަރޭ އަކާ އަޅުގަނޑު ދެބަހެއް ނުވަމެވެ. ފަރޭ ކޮމެންޓްކޮށްފައިވާ ފަދައިން، އެ ދެ ސަރުކާރުންވެސް ތޮއްޑޫގެ ތަރައްޤީއަށްޓަކައި ގިނަގުނަ ޕުލޭނުތަކެއް ހެއްދެވުމަށްފަހު، ޢަމަލީގޮތުން، މާގިނަ ކަންތައްތަކެއް ކޮށްދެއްވާފަކައެއް ނުވެއެވެ. އަޅުގަނޑުގެ އެލިޔުމުގައި ބަޔާންކޮށްފައި އެވަނީ، އެ ދެސަރުކާރުން، ޕްލޭނުތައް ނުހައްދަވާ ވާހަކަޔާއި، އެ ދެސަރުކާރުން، ތޮއްޑޫ ތަރައްޤީ ކޮށްދެއްވާފައިވާ ވާހަކައެއް ނޫނެވެ. ވުމާއެކު ފަރޭގެ ކޮމެންޓަށް އިޙުތިރާމުކުރާޙާލު އަޅުގަނޑުގެ މަޢުޟޫޢު އާއިގެން ކުރިޔަށް ދެވޭތޯ ބަލާނަމެވެ.

އާދެ! އަޅުގަނޑުމެންގެ ލޮބުވެތި ވަޠަން، އަޅުގަނޑުމެންގެ ލޯބިވާ ވަޒަން، އަޅުގަނޑުމެންގެ އުފަން ވެލި، އަޅުގަނޑުމެންގެ ލޯބިވާ ތޮއްޑޫ އަށް، އަޅުގަނޑުމެން ނުކުރި ޚިދުމަތެއް ކޮށްދޭނީ، ކޮންބައެއްތޯއެވެ؟ އަޅުގަނޑުމެން ނުކުރި ލޯތްބެއް ކުރާނީ ކޮންބައެއްތޯއެވެ؟ އަޅުގަނޑުމެންގެ ނެތް ކުލުނެއް އޮންނާނީ ވަކި ކޮންބައެއްގެތޯއެވެ؟ ވީމާ، އަޅުގަނޑުގެ ކޮށި ވިސްނުމަށް ފެންނަ ފެނުމުގައި ތޮއްޑޫ ތަރައްޤީ ކުރެވޭނީ ހަމަ، ތޮއްޑޫގެ ޒުވާނުން އިސްނަންގަވައިގެން، އެކަމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކޮށްގެންނެވެ. އެއްވެސް ސަރުކާރަކުން ނުވަތަ އެއްވެސް ބަޔަކު ނުވަތަ އެއްވެސް މީހަކު، ތަރައްޤީ،ތަބަކަކަށް ލައިގެން އައިސް،ތޮއްޑޫގެ ރައްޔިތުންނަށް ހަދިޔާއެއް ނުކުރާނެއެވެ. ތަރައްޤީ ވެވޭނީ، ތަރައްޤީ ބޭނުންވާ ބަޔަކު އެކަމަށްޓަކައި ގަދައަޅައި މަސައްކަތް ކޮށްގެންނެވެ. މި ޙަޤީޤަތް އަޅުގަނޑުމެން ޤަބޫލު ކުރަން ޖެހެއެވެ.
މީގެ ކުރިން ތޮއްޑޫގައި އޮތީ އަވަށު ވާދައެވެ. ނަމަވެސް އަވަށުވާދައިގެ ތެރެއިންވެސް، ކުރަމުން އައީ، ރަށަށް ނުހަނު ފައިދާހުރި ކަންތައްތަކެވެ. އޭގެތެރެއިން، ފާހަގަކޮށްލެވޭ މުހިންމު ކަންތައްތަކުގެތެރޭގައި، ދެއަވަށުގައި ދެ ކުލަބުގެ ޢިމާރާތްކުރުމާއި، ދެ އިންޖީނުގެ ޢިމާރާތްކޮށް، ކޭބަލް އަޅައި، 24 ގަޑިއިރު މުޅިރަށަށް ކަރަންޓްގެ ޚިދުމަތް ދިނުމާއި، ދެ އަވަށުގައި ދެ ފިހާރަ ހިންގުމާއި، ދެ އަވަށުން މުޅި ރަށަށް، ކޭބަލް ޓީވީގެ ޚިދުމަތް ދިނުމާއި، ދެ އަވަށުގައި ދެ މިސްކިތް ބިނާކުރުންފަދަ މުހިންމު އެތައް ކަމެއް ހިމެނެއެވެ. މި މަސައްކަތްތައް ކުރުމަށް، ފައިސާ ހޯދިގޮތާއި، މި ދެންނެވި ޢިމާރާތްތައް ބިނާކުރުމަށް، މިހާރުގެ ޒުވާނުންގެ މައިންބަފައިން، ވެލެއްވި މަތިވެރި ޤުރުބާނީ، އަކުރުންއަކުރަށް، ތިޔަ ލޮބުވެތި ޒުވާނުންނަށް ކިޔައިދީފިނަމަ ތިޔަ ކުދިންގެ ލޮލުން ކަރުނަ އޮހޮރޭނެއެވެ. އެއީ، ތޮއްޑޫގެ ތަރައްޤީއަށްޓަކައި، ތިޔަ ކުދިންގެ މައިން ބަފައިން ކުރައްވާފައިވާ ބުރަމަސައްކަތާއިމެދު ފަޚުރުވެރިވެ އެކަމާއި އުފަލުންނެވެ. ދަންނަވަން މި އުޅޭވާހަކަޔަކީ، އަޅުގަނޑުމެންގެ ކާބަފައިން ނަމޫނާއަކަށް ބަލައިގެން، މިހާރު މިއޮތް ސިޔާސީ ވާދަވެރިކަމުގެތެރެއިންވެސް، އަޅުގަނޑުމެންގެ ރަށުގެ ތަރައްޤީއަށްޓަކައި ކޮންމެވެސް މަސައްކަތެއް އަޅުގަނޑުމެންވެސް ކުރަމާ ހިންގަވާށެވެ. މީގެކުރިން ހުރާކޮޅުން، ގާތަޅައިގެން، ގާގޯނި ކޮނޑަށް އަރުވައިގެން އައި އުޞޫލުން، ވަލުތެރެއިން، ގަސްބުޑު، ރުއްބުޑު ނަގައިގެން، ތޮށިމަތިން ގާނަގައިގެން، އުވަދަވައިގެން، ބޮޑުކޮއިއިންމަގުން އުވަގޯނި ކޮނޑަށް ލައިގެން އައިސް، ތަންތަން ރޭނި އުސޫލުން މިހާރު ކަންތައް ކުރާކަށް ނުޖެހޭނެއެވެ. މިހާރު މިއޮތީ އޭރާއަޅާބަލާއިރު ވަރަށްބޮޑުތަން ބަދަލުވެފައެވެ. ވީމާ، މިހާރުގެ ގޮތަށް އަޅުގަނޑުމެންވެސް ރަށުގެ ތަރައްޤީއަށްޓަކައި މަސައްކަތްތަކެއް ފަށްޓަވަމާ ހިންގަވާށެވެ.
އާދެ! މި ސައިޓްގައި، ތޮއްޑޫގެ ތިމާވެއްޓާއި ބެހޭގޮތުންވެސް ލިޔުމެއް ޝާއިރުކޮށްފައި އެބައިނެވެ. ސުވާލަކީ، ރަށުގެ ތިމާވެއްޓާއިމެދު އަޅުގަނޑުމެން އެހާކަންބޮޑުވާއިރު، ރަށުގެ ގޮނޑުދޮށް، ޙިމާޔަތްކުރާށޭ ކިޔާފައި، އަޅުގަނޑުމެންގެ އަތުން، ހޭޅިތެރޭގައި، އެއްމެ ފުނައޮށެއްވެސް ނުވަތަ އެއްމެ މަގޫގަހެއްވެސް އިންދާލެވުނުތޯއެވެ؟ އެވަރުގެ ކަމެއްވެސް ކޮށްދޭން ޖެހޭނީ، ޕީޕީއެމުން ނުވަތަ އެމްޑީޕީން ނުވަތަ ޑީއާރުޕީން ނުވަތަ ޖުމްހޫރީ ޕާޓީންތޯއެވެ؟ ނުވަތަ ރައީސުލް ޖުމްހޫރިއްޔާ އާއި ކެބިނެޓްގެ މިނިސްޓަރުން ވަޑައިގެން އެބޭފުޅުންތޯއެވެ؟ ފޭސްބުކް ގުރޫޕު '' އއ. ތޮއްޑޫ '' ގައި، ވަރަށް ރީތިކޮށް، ދެފަރާތުގައި ދިވެހިރުއް ހައްދާފައިވާ މަގެއްގެ ފޮޓޯ ޖަހާފައި އެބަ އިނެވެ. ބައެއް ކޮމެންޓް ތަކުގައި ވަރަށް ރީތި މަގެއްކަމަށް ލިޔެފައި އެބަ ހުއްޓެވެ. އެއީ ވާވުމަގެވެ. މަގުގެ ދެފަރާތުގައި ތަރުތީބުން އިންދާ ހައްދާފައި އެހުރި ރުއްތަކަކީ، އަދުގެ ޒުވާނުންނަށްޓަކައި، ރަށުގެ ތިމާވެއްޓަށްޓަކައި، ތިޔަ ކުދިންގެ މައިންބަފައިން، އިންދާ ހައްދާފައިވާ ރުކެވެ. ސުވާލަކީ، އަޅުގަނޑުމެންގެ ދަރިން،ޒުވާނުންގެ ގޮތުގައި މުޖުތަމަޢުއަށް ނުކުންނައިރު އެކުދިންނަށް، އަޅުގަނޑުމެންގެ ފަރާތުން ދެއްކޭނެ އެއްވެސް ކަމެއް ނުވަތަ އެއްޗެއް އެބައޮތްތޯއެވެ؟ އަދި ފެންނަ ފެނުމުގައި ދައްކަންޏާ ދައްކަން އޮތީ، ފޭސްބުކްގައި ނުވަތަ މިފަދަ ސައިޓެއްގައި ލިޔެލާ ލިޔުމެކެވެ. ވީމާ، ހަމަ ޙަޤީގަތުގައިވެސް އަޅުގަނޑުމެންގެ ތެރެއިން ކޮންމެވެސް ބަޔަކު، މިކަމަށް އިސްނަންގަވައިގެން ތެދުވެ ރަށުގެ ތަރައްޤީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް އެބަ ކުރަންޖެހެއެވެ.
މިހާހިސާބުން ދެން، އުފެދޭ ސުވާލަކީ، ރަށުކައުންސިލަކީ ކީއްކުރާތަނެއްތޯއެވެ؟ ތެދުފުޅެކެވެ. ރަށު ކައުންސިލަކީ، ތޮއްޑޫގެ ތަރައްޤީ އަށާއި، ތޮއްޑޫ ރައްޔިތުންގެ ލާބަޔާއި، މަންފާއަށްޓަކައި، ބޭނުންވާ ހުރިހާ ކަމެއް ރައްޔިތުންނަށް، ޙާޞިލްކޮށް ދެއްވުމަށް، މިއަދު އެންމެ ގަދަޔަށް މަސައްކަތްކުރައްވަން ޖެހޭ ރަށުގެ އެންމެ އިސްފަރާތެވެ. ވުމާއެކު ކައުންސިލްގެ މެންބަރުންވެސް ތަރައްޤީއަށްޓަކައި، އެހެނިހެން ރަށްރަށުގެ ކައުންސިލްތަކުން ކުރައްވާ މަސައްކަތްތައް ދެނެގަނެ، ޒަމާނާއި އެއްގޮތަށް ޙަރަކާތްތެރިވާން އެބަ ޖެހެއެވެ. ޓީވީ ޚަބަރު އަޑުއަހާލަން އިންނައިރު، ބައެއް ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުން، ތަފާތު ދާއިރާތަކަށް، އަމާޒުކޮށްގެން، ތަފާތު ޕުރޮޖެކްޓްތައް ރާވައި، ޕުލޭނުކޮށްގެން، އެމީހުންގެ އަމިއްލަ ޖީބުން ޚަރަދުކޮށް، ޓިކެޓް ނަގައިގެން، ބޭރު ޤައުމުތަކަށް ގޮސް، ބޭރުގެ އެކިފަރާތްތަކުން އެހީ ހޯދައިގެން އައިސް، އެ ރަށްރަށުގައި، ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގާ ޚަބަރު އަޑުއިވުމުން،ހިތަކަށް އަސަރެއް ނުކުރާނެތޯއެވެ؟ އެއީ، ޒަމާނާއި އެއްގޮތަށް ކަންތައްތައް ޕުލޭނުކުރުމުގެ ހެޔޮ ނަތީޖާއެވެ. ދެން ބުނަން އޮތީ އެފަދަ ކައުންސިލްތަކުގެ މެންބަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅު ވާހަކަ ދެއްތޯއެވެ؟ ނޫނެކެވެ. އެއީވެސް ހަމަ އޭލެވެލް، އޯލެވެލް ފެންވަރުގެ މީހުންނެވެ. ތަފާތަކީ، މިޒަމާނު މީހުން ކަންތައްކޮށް އުޅޭގޮތަށް، ތަރައްޤީ ހޯދަން މަސައްކަތްކުރަން އެނގުމާއި، ނުއެނގުމުގެ ތަފާތެވެ. މާބޮޑު ތަޢުލީމެއް ނެތަސް، ތަރައްޤީ އާއި މެދު ވިސްނައި، ފިކުރުކުރާމީހުން، އަބަދުވެސް، ފޮރިން މިނިސްޓްރީއާއި، ޕުލޭނިންގ މިނިސްޓްރީއާއި، ފިޝަރީޒު އެންޑް އެގުރިކަލްޗަރ އާއި، އެންވަޔަރމެންޓް ފަދަ މިނިސްޓްރީތަކަށް، ގުޅައިގެން، ބޭރުގެ ޤައުމަކުން، ނުވަތަ ޖަމާޢަތަކުން، ރަށްފުށުގެ ތަރައްޤީއަށް، ހިލޭދެއްވާ ޒާތުގެ އެއްވެސް މަޝްރޫޢުއެއް އުޅޭތޯ ނޫޅޭތޯ ތިބޭނީ ބަލަބަލައެވެ. އެކަހަލަ ކަމެއް ހަމަ ފެންމަތިވާއިރަށް، މިބާވަތުގެ ޕުރޮޖެކްޓްތަށް ތައްޔާރުކޮށްދޭ ފަރާތަކާއި، ގުޅައިގެން ޕުރޮޕޯރސަލް ހެދުމަށްފަހު، އިންޓަރނެޓްގެ ޒަރިއްޔާއިންނާއި، އެގޮތް މިގޮތަށް، އެއްކަލަ ޕުރޮޖެކްޓް ދަމައިގަންނަން މަސައްކަތްފަށާނެއެވެ. މިގޮތަށް، މިވިސްނުމުގައި މަސައްކަތް ކުރުމަކީ، ތޮއްޑޫގެ ޒުވާނުންނަށްވެސް ނުކުރެވެންވީ ކަމެއްނޫނެވެ. މިސާލަކަށް، ކައުނސިލް މެންބަރުންގެ މިފެންވަރު ނެތީޔޯއެވެ. އެހެންކަމަށްވިއަސް އެއީ މައްސަލައެއް ނޫނެވެ. ރަށު އޮފީހުގައި، މިކަންކުރެވޭ ފެންވަރުގެ މުއައްޒަފުން މިހާރު އެބަތިއްބެވެ. ކައުންސިލަކީ، ސިޔާސަތު ކަނޑައަޅުއްވައި، އެ ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، ސިވިލް ސާރވިސްގެ މުއައްޒަފުންނާއި، ރައްޔިތުންނާއި، ގުޅިގެން މަސައްކަތްކުރަން ތިއްބަވާބައެކެވެ. ކައުންސިލުން ކަނދައަޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމަށް، ސިވިލް ސާރވިސް މުއައްޒަފުން ގޮވައިގެން މަސައްކަތްކުރައްވަން ޖެހޭ އެންމެ އިސް ފަރާތަކީ، ޒިންމާދާރު ވެރިޔާއެވެ. ސިޔާސަތު ކަނޑައެޅުމާއި، ޕުލޭނުކުރުމާއި، މަގުޗާޓް ހެދުންފަދަ ކަންކަމަކީ، ނަން ތަފާތު ނަމަވެސް މައިގަނޑު އެކައްޗެކެވެ. މިފަދަ ކަންކަން ކުރަންޖެހޭނީ ރައްޔިތުންގެ ބައިވެރިވުން ހޯދައިގެންނެވެ. ޚާއްޞަކޮށް ޒުވާނުންގެ ބައިވެރިވުމާއި، އިސްނެންގެވުން މިކަމުގައި ވަރަށް މުހިންމެވެ.
ވީމާ، ދެންވެސް ހަމަ ދަންނަވާލަން އޮތީ، ކައުނސިލްގެ އިސްނެންގެވުމާއިއެކު، ރަށުގެ ތަރައްޤީއާއި ބެހޭގޮތުން، މަޝްވަރާކުރުމަށް، އަވަސް މުސްތަޤުބަލެއްގައި މަސައްކަތު ބައްދަލުވުމެއް ބޭއްވޭތޯ ބެއްލެވިއްޔާ ކިހިނެތްތޯއޭވާނީ؟ ހަމަ ޔަޤީނުންވެސް، މިފަދަ ބައްދަލުވުމެއްގައި، ކިޔަވައިގެންތިބި ހުރިހާ ޒުވާނުންނާއި، ހަރުމީހުން ބައިވެރިވެ މަޝްވަރާކުރެވިއްޖެ ނަމަ، މިހާރު ބަންދުވެފައި ހުރި އެތައް ދޮރެއްހުޅުވި، ތަރައްޤީވުމަށް، މަސައްކަތްކުރުމާއި ބެހޭގޮތުން، ތަފާތު އެތައް ޚިޔާލެއް ލިބި މުޅިން އައު ދުނިޔެއަކަށް ލޯހުޅުވިގެން ދާނެއެވެ. އެއީ، މިޒަމާނުގެ މީހުން، ކަންތައްތައް ކާމިޔާބުކުރުމަށް މަސައްކަތް ފަށައިގަންނަ ގޮތެވެ. މިފަދަ ބައްދަލުވުމަކަށް، ރަށުންބޭރުގައި ދިރިއުޅުއްވާ ތަޢުލީމީ ބޭފުޅުންނަށްވެސް ދަޢުވަތު ދެއްވައި، އެބޭފުޅުނެގެ ޚިޔާލާއި، މަޝްވަރާވެސް ހޯއްދެވުމަކީ ވަރަށް ބޭނުންތެރި ކަމަކަށް ވާނެއެވެ.
ސިޔާސީ ވާދަވެރިކަން ކިތަންމެ ބޮޑަސް ތޮއްޑޫގެ ޒުވާނުންނަކީ ވަރަށްވެސް އެކުވެރި، ރަޙުމަތްތެރި، ގުޅިގެން މަސައްކަތްކުރުމުގެ ހިއްވަރުހުރި ކުޅަދާނަ ބައެއްކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. ވީމާ، ޢީދު ބަންދަށް ރަށަށްގޮސް،އުފަލާއި މަޖަލުގައި ވަގުތުތައް ހޭދަކުރަމުންވެސް ރަށަށްޓަކައި ކޮންމެވެސް ވަގުތުކޮޅެއް ހުސްކޮށް، އެންމެ ކުޑަމިނުން، މިކަމާއިބެހޭގޮތުން މަޝްވަރާކޮށްލަން ވޯރކްޝޮޕެއް ނަމަވެސް ބޭއްވޭތޯ ބަލަމާހިނގާށެވެ. އަތެއް އޮތެއްކަމަކު ބަތެއް ނުކެވޭނެޔޭ ބުނާފަދައިން، ހުސް އަނގަތަޅައިގެން، ކޮމްޕިއުޓަރ ކީބޯޑްގެ ފިއްތަކުގައި ތަޅަތަޅައިގެން،  ބޭނުންވެގެން މިއުޅޭ އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. ކަމެއް ޙާޞިލް ކުރެވޭނީ ކަމެއްކޮށްގެންނެވެ. މިސާލަކަށް، ޢީދުކުޅިވަރުކުޅެން، ޓީމުތައްބަހައިގެން ކުޅިވަރުކުޅެމުންދާއިރު، އޭގެތެރެއަށް، ތިމާވެއްޓަށް، ފައިދާހުރި ކޮންމެވެސް ކަމެއް އިތުރުކޮށްލިއްޔާވާނީ ކިހިނެތްތޯއެވެ؟ މިސާލަކަށް، ހޭޅިފަށުގައި ގަސް އިނދުމުގެ މުބާރާތެއް ނުވަތަ މީހުން ދިރިއުޅޭ ގޯތި ގެދޮރުގައިހުންނަ، ތިމާވެއްޓާ ނުގުޅޭ ކުނިބުނި ހޮވައި އެއްކުރުމުގެ މުބާރާތެއް ބާއްވައިފިނަމަ އެކަމުން ފައިދާއެއް ނުކުރާނެތޯއެވެ؟ ނުވަތަ މިފަދަ ކަމަކަށް، ސަރުކާރުގެ ކަމާއިބެހޭ ވުޒާރާތަކުން މަރުޙަބާ ނުކިޔާނެތޯއެވ؟
ވީމާ، ރަށުގެ ތަރައްޤީއަށްޓަކައި، ކުރަންހުރި ކަންތައްތައް ދެނެގަނެ، އެކަންކަން ޙާޞިލްކުރުމަށް، ކުރެވެންހުރީ ކޮން ކަންތައްތަކެއްތޯ ބަލައި، އެކަމަށް ޢަމަލީސިފަ ގެނައުމާއިބެހޭގޮތުން، މަޝްވަރާކުރުމަށް، ޒުވާނުންގެ މަސައްކަތު ބައްދަލުވުމަކަށް ގޮވާލަމުން އަޅުގަނޑުގެ މި ލިޔުން ނިންމާލާނަމެވެ. މި ލިޔުމަށް ހުށައަޅާ ކޮމެންޓްތަކަށް ބަލާފައި، މާލަސްތަކެއްނުވެ އަޅުގަނޑުގެ 3 ވަނަ ލިޔުން ހުށައަޅާނަމެވެ. އިންޝާ
މާތްއަޅުގަނޑުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވައި، އަޅުގަނޑުމެންގެ ހިތްތައް އެކުވެރިކުރައްވައި، އަޅުގަނޑުމެންގެ ރަށަކީ، ތަރައްޤީގެ އެންމެހައި ރިވެތި ސިފަތަކުން ޒީނަތްތެރިވެގެންވާ ރަށެއްކަމުގައި ލައްވާށިއެވެ. އާމީން!.

ads

ދާއިރާ:

1 comment:

  1. kaabafain indhaafa huri ruh thah reethi rashah vikki vaahaka ves liyeli nama!!

    ReplyDelete

 
here it is