Wednesday, February 13, 2013

ތައުބާވުމާއި ދުނިޔެވީ ނިޢުމަތާއިހުރި ބަދަހިގުޅުން


ވާރޭނުވެހި ޒަމާންތަކެއެއް ވުމުގެ ސަބަބުން ގަސްގަހާގެހި ވަނީ ހިކިފައެވެ، އަދި ނަޢާމްސޫފިތަށްވަނީ މަރުވެފައެވެ. ދުވަސްވަރަކީ މުސާގެފާނުގެ ޒަމާނެވެ. މިބައިމީހުނަށް ދިމާވެފައިމިވަނީ ވަރަށްވެސް އުނދަގޫދަތިދުވަސްވަރަކާއެވެ. އެހެންކަމުން މުސާ ޢަލައިހިއްސަލާމް ހަތްދިހަ ބޭކަލުންނާއިއެކު ރަށުންބޭރަށް ވަޑައިގަތެވެ.


  الله ސުބުޙާނަހޫ ވަ ތަޢާލާގެ ހަޟްރަތުގައި ވާރެއަށް އެދި ދުޢާދެންނުވަމަށެވެ. އެމީހުން ސަޙަރާތެރޭގައިވާ ޙާލުފެނިއްޖެ މީހަކަށް އަސަރުކުރާނެކަން ކަށަވަރެވެ. ނިކަމެތިކަމާއި އެކު އެ މީހުންގެ އަތްތަށް އުފުލައިގެން، ކޯތަށްކަރުނައިން ތެމިގެންވާ ޙާލުގައި އެބައިމީހުން ދިޔައީ ދުއާކުރަމުންނެވެ.

 މިގޮތަށް ދުޢާދެންވުމުގައި އެމީހުންތިބޭތާ ތިންދުވަސް ފާއިތުވެއްޖެއެވެ، ނަމަވެސް ވާރެއެއް ނުވެހުނެވެ. އެހިނދު މުސާ ޢަލައިހިއްސަލާމް ވިދާޅުވިއެވެ. ” ޔާ الله، އިބަރަސްކަލާގެ އަކީ ”ތިމަންރަސްކަލާގެއަށް ދުޢާދަންނަވާށެވެ، އޭރުން ޢިޖާބަކުރައްވާނަމޭ ” ވަޙީ ކުރެއްވި އިލާހެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނާއި އިބައިލާހުގެ އަޅުތަކުންވަނީ އިބައިލާހަށް ދުޢާ ދަންނަވާފައެވެ، އަޅަމެން މިތިބީ ނިކަމެތިފަގީރުވެ ބޭނުންޖެހިފައިވާ ޙާލުގައެވެ”.

އެހިނދު އެތާތިބި މީހުންގެ ތެރެއިން ބައެއްގެ ކައިބޯ ތަކެއްޗަކީ ހުއްދަނޫން އެއްޗެހިކަމާއި އަދި އެއްބަޔަކު ތާއަބަދު ގޮތަކަށް މީހުންނަށް ޢީބަ ބުނުމާއި ދޭތެރެޖެއްސުމުގައި އެބައިމީހުންގެ ދޫތަށް މަޝްޣޫލުކޮށްފައިވާމަށް الله ސުބުޙާނަހޫ ވަ ތަޢާލާ މުސާ ޢަލައިހިއްސަލާމަށް އިލްޙާމް ކުރެއްވިއެވެ. އަދި ވަޙީ ކުރެއްވިއެވެ،” މިބައިމީހުންނަށް ހައްޤުވެގެންވަނީ ތިމަންރަސްކަލާނގެ ކޯފާއެވެ. އެހެނެއްކަމަކު ކަލޭގެފާނު އެބައިމީހުނަށް ރަޙްމަތަށް އެދެނީތޯއެވެ!” . މުސާ ޢަލައިހިއްސަލާމް ދެންނެވިއެވެ ،” އިބައިލާހް ! ، އެބަޔަކު މިތަނުން ފޮނުވާލުމަށްޓަކައި، ފަހެ އެބައިމީހުންނަކީ ކޮބާތޯއެވެ ؟
އެންމެ ރަޙްމަތްވަންތަ އަދި އެންމެރަޙީމްވަންތަ الله ސުބުޙާނަހޫ ވަ ތަޢާލާ  ވަޙީ ކުރެއްވިއެވެ. ” އޭ މުސާގެފާނެވެ ، ތިމަންރަސްކަނލާގެއަކީ މީސްތަކުން ފަޟީހަތް ކުރައްވާ ފަރާތެއްކަމުގައި ނުވަމެވެ.  އޭ މުސާގެފާނެވެ ، ތިޔަބައިމީން އެއްކޮށް އިޙްލާސްތެރި ހިތެއްގައި ތައުބާވާވާށެވެ، ފަހަރެއްގައި އެބައިމީހުން(ފާފަތަކަށް އަރައިގަތްމީހުން) ކަލޭގެފާނާއިއެކު ތައުބާވެދާނެތެވެ، އޭރުން ތިމަންރަސްކަނލާގެ ނިޢުމަތްތަކުން ތިޔަބާމީހުންނަށް ދީލަތިވާހުށީމެވެ.

މޫސާ ޢަލައިހިއްސަލާމް އެންމެން ޖަމާވުމަށްޓަކައި އެންގެވިއެވެ، އެންމެން ޖަމާވުމުން الله ސުބުޙާނަހޫ ވަ ތަޢާލާގެ ވަޙީބަސްފުޅު އިއްވެވިއެވެ. އެވަގުތު ފާފަތަކުގެ އަހުލުވެރިންތިބީ އެވާހަކަތަށް ކަނުލާއަޑުއަހާށެވެ. އެބައިމީހުންވަނީ ބޮޑެތިބޮޑެތި ފާފަތަކަށް އަރާގަނެފައެވެ. އެހެނެއްކަމަކު الله ސުބުޙާނަހޫ ވަ ތަޢާލާ އެބައިމީހުން ފަޟީޙަތްވުމާއި ބޭޒާރުވުމުން ސަލާމަތްކުރެއްވިއެވެ. اللهގެ އޯގާވަންތަކަން ހިތަށްވަދެ އެބައިމީހުންގެ ލޯތައް ކަރުނައިން ބަންޑުންވިއެވެ.

 އަދި ދެއަތްތަށް އުފުލާ ދުޢާދަންނަވަން ފެށިއެވެ. “ޔާ އިލާހީ އަހަރުމެން ފާފަތަކުން ތައުބާވެ އިބައިލާހުގެ ޙަޟްރަތުން މަދަދަށްއެދި އިބައިލާހުގެ ދޮރުކޮޅަށް ރުޖޫއަވެއްޖައީމެވެ. އަޅަމެންނަށް ރަޙްމަތްލައްވާށިއެވެ ! ހަމަކަށަވަރުކުން އިބައިލާހަކީ އެންމެ ރަޙްމާންވަންތަ އަދި އެންމެރަޙީމްވަންތަ ރަސްކަނލާގެއެވެ”. އެބައިމީހުން ތައުބާވުމުގައި ދެމިތިއްބާ الله ސުބުޙާނަހޫ ވަ ތަޢާލާ އުޑުން ވާރޭ ވެއްސަވާ އެބައިމީހުންނަށް ރަޙުމަތްލެއްވެވިއެވެ.

ފައިދާ:

 އަޅުގަނޑުމެންގެ ޝަކުވާއަކީ އަޅުގަނޑުމެން އަބަދާއަބަދު ދުޢާ އެބަދަންނަވަމުއެވެ. އެހެއްނެއްކަމަކު الله ސުބުޙާނަހޫ ވަ ތަޢާލާ އެ ދުޢާތަކެއް އިޖާބަނުކުރައްވައެވެ. ކީއްވެގެންބާވައެވެ؟ އަމިއްލަ ނަފްސާ ސުއާލުކޮއްލާށެވެ، އަޅުގަނޑުމެންނަށް ގިނަފަހަރު އުޅެވެނީ އެކަލާނގެ އެބައެއްގެ ދުޢާ އިޖާބަކުރައްވާ ބަޔަކު އުޅޭގޮތަށްހެއްޔެވެ. ކެވެނީ ހަލާލުތަކެތިބާވައެވެ،

 ދުލުން ކިޔެނީ ރަނގަޅުއެއްޗެހިބާވައެވެ، އެކަލާނގެ އެންމެ ރުހިވޮޑިގަންނަވާ ފަރުޟު ފަސްނަމާދު ކުރެވޭބާވައެވެ. ލޮބިވެތި އަޙުންނާއި އުޙްތުން ! ވަގުތުފާއިތެއްނުވެއެވެ. ތައުބާގެ ދޮރުވަނީ ހުޅުވިފައެވެ. ލަސްނުވެ ކުރެވުނު ފާފަތަކަށް ތައުބާވެ ފުރިހަމަ ރުޖޫއަވުމަކުން ރުޖޫއަވާންހިންގަވާށެވެ،  ޝައްކެއްނެތް ގޮތުގައި އޭރުން ދުނިޔެއާއި އާޚިރަތް ބާއްޖަވެރިވާނެތެވެ.

 އަދި ހިތްހަމަ ޖެހުން ލިބޭނެތެއެވެ.  الله ސުބުޙާނަހޫ ވަ ތަޢާލާ އަޅުގަނޑާއި އަދި ތިބާގެ ފާފަފުއްސަވާ، ފާފަ އެއްކުރެވޭހިނދު ލަސްނުކޮށްތައުބާވާމީހުންގެ ތެރެއިން ލައްވާށި! އާމީން ޔާ ރައްބަލް ޢާލަމީން.

ލިޔުއްވީ: އަލްއަޚް އިބްރާހީމް ޝަމީމް

ads

ދާއިރާ:

0 comments:

Post a Comment

 
here it is