Friday, February 1, 2013

ހެއުކަންތަކުގައި ތިމަންބޭކަލުންނަށްވުރެ ކުރިއެރުއްވީ އަބޫބަކުރުގެފާނު

ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހެއްގެ ފަތިސްނަމާދުން ނިމިވަޑައިގެން އަޞްޙާބު ބޭކަލުންނާ ކުރިމަތިލައްވާ ސުވާލު ކުރެއްވިއެވެ. " ތިޔަބައިމީހުންކުރެ ރޯދައަށް ހުންނަވާ ޙާލުގައި ފަތިސް ކުރެއްވީ ކޮން ބޭކަލެއްތޯއެވެ؟ ޢުމަރުގެފާނު ވިދާޅުވިއެވެ. "ރޭގައި ތިމަންކަލޭގެފާނު ރޯދައަށް ހުންނެވުމަކަށް ޤަޞްދެއް ނުކުރައްވަމެވެ. އެހެންކަމުން ފަތިސްވީ ރޯދައަށް ހުންނަވާ ޙާލަކު ނޫނެވެ."  ފަހެ މިހިދުގައި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. "

ތިމަންކަލޭގެފާނު ރޭގައި އޮންނެވީ ރޯދަ ހިއްޕެވުމަށް ޤަޞްދު ކުރައްވައިގެންނެވެ. އެހެންކަމުން ފަތިސްވީ ރޯދައަށް ހުންނަވާ ޙާލުގައެވެ."


 ފަހެ މިހިދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވާލު ކުރެއްވިއެވެ. " ތިޔަބައިމީހުންކުރެ މީހަކު މިއަދު ބަލިމީހަކަށް ގޮވާލާ ޙާލު ބަލާލުމަށް ޒިޔާރަތް ކުރިން ހެއްޔެވެ؟ މިހިނދުގައި ޢުމަރުގެފާނު ވިދާޅުވިއެވެ. " އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ފަތިސްނަމާދަށްފަހު އަދި އަޅުގަނޑުމެން އެއްވެސް ތާކަށް ނުދަމުއެވެ. އެހެންކަމުން ބަލިމީހަކަށް ގޮވާލާ ޙާލު ބަލާ ހެދޭނެތޯއެވެ؟ " ފަހެ އެހިނދުން އަބޫބަކުރުގެފާނު ވިދާޅުވިއެވެ. " ތިމަން ކަލޭގެފާނަށް ޚަބަރު ލިބިފައިވަނީ ތިމަންކަލޭގެފާނުގެ އަޚް ޢަބްދުއްރަޙްމާނު ބުނު ޢައުފު އާލާސްކަންފުޅާ އުޅުއްވާ ކަމުގައެވެ. އެހެންކަމުން ތިމަންކަލޭގެފާނު ފަތިސްނަމާދަށް ވަޑައިގަތް މަގުމަތިން އެކަލޭގެފާނަށް ޒިޔާރަތް ކޮށް ޙާލު އަޙްވާލު ބެލީމެވެ." 

 ދެން އަނެއްކާވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެބޭކަލުންނާ ސުވާލު ކުރެއްވިއެވެ. " ތިޔަބޭކަލުން ކުރެ ބޭކަލަކު މިއަދު މިސްކީނަކަށް ކާން ދިނިންތޯއެވެ؟" ޢުމަރުގެފާނު ވިދާޅުވިއެވެ. " އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ފަތިސްނަމާދަށްފަހު އަދި އަޅުގަނޑުމެން އެއްވެސް ތާކަށް ނުދަމުއެވެ. އެހެންކަމުން މިސްކީނަކަށް ކާންދެވޭނީ ފަހެ ކޮންފަދައަކުން ތޯއެވެ؟ " ފަހެ މިހިނދުގައި އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު  މިސްކިތަށް ވެންނެވިއިރު  އެތަނުން ސަލާން ޖަހާ މީހަކާ ދިމާވިއެވެ. ދެން ތިމަންކަލޭގެފާނުގެ ދަރިކަލުން ޢަބްދުއްރަޙްމާނުގެ އަތްޕުޅުގައި ރޮށި ފަޅިއެއް އޮއްވާ  އެދަރިކަލުންގެ އަތުން އެރޮށިފަޅި އަތުލާފައި އޭނާއަށް އެރޮށިފަޅި ދިނީމެވެ.

 "  ދެން މިކަމާއި ގުޅިގެން ރަސޫލުﷲ ޞައްލަﷲ ޢަލައިހ ވަސައްލަމަ އަބޫބަކުރުގެފާނަށް ދެންނެވިއެވެ. " ކަލޭގެފާނަށް ސުވަރުގެ ލިބޭނެކަމުގެ އުފާވެރިކަމުގެ ޚަބަރު ތިމަންކަލޭގެފާނު ދެއްވަމެވެ."

 ( މިހެން ދެފަހަރު ޙަދީޘް ކުރެއްވި އެވެ. ) މިބަސްފުޅު މިގޮތަށް ޢުމަރުގެފާނަށް އިވިވަޑައިގަތުމާއެކު މަޑުމަޑު ނޭވާފުޅެއް ލައްވާ އާހު! އޭ ވިދާޅުވިއެވެ. ދެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢުމަރުގެފާނަށް ބައްލަވާ ލައްވާ އެކަލޭގެފާނު ރުހިވަޑައިގަންނަވާ ބަސްފުޅެއް ވިދާޅުވިއެވެ. " ﷲ ތަޢާލާ ޢުމަރަށް ހެއު ރަޙްމަތް ލައްވާށިއެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. " ހެއުކަމެއްގައި ކުރިއަރާނަމޭ ހީކުރީ ކޮންމެ ކަމެއްގައި ތިމަންބޭކަލުންނަށްވުރެ ކުރީގައި އަބޫބަކުރުގެފާނު ހުންނަވައެވެ." 

ޢަލީގެފާނުގެ އަރިހުގައި އަބޫބަކުރުގެފާނުގެ ވާހަކަ ފުޅެއް ދެކެވޭ ކަމަށްވާނަމަ  އެކަލޭގެފާނު ވިދާޅުވާކަމުގައި ވެއެވެ. އަބޫބަކުރުގެފާނަކީ ތިމަންބޭކަލުންނަށްވުރެ ކުރިޔަށް ނުކުމެ ވަޑައިގެން ހުންނެވި ބޭކަލެކެވެ. ތިމަންގެ ފުރާނަ އެފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތް ﷲ ތަޢާލާ ގަންދެއްވާ ހުވާ ކުރައްވާ ވިދާޅުވަމެވެ. " ހެއުކަމެއްގައި ކުރިއަރާނަމޭ ހީކުރީ ކޮންމެ ކަމެއްގައި ތިމަންބޭކަލުންނަށްވުރެ ކުރީގައި އަބޫބަކުރުގެފާނު ހުންނަވައެވެ."


  (އައްޞިއްދީޤު އައްވަލުލް ޚުލަފާއި : ޢަބްދުއްރަޙްމާނު އައްޝަރުޤާވީ )

އިބްރާހީމް އަޙްމަދު  

ads

ދާއިރާ:

0 comments:

Post a Comment

 
here it is