Saturday, February 9, 2013

އެންމެ މޮޅުއިތުރު ޒިކުރުގައިވާ ބައެއް ސިއްރުތަކަށް ނަޒަރެއް!


ކީރިތި ޤުރުއާނުގެ، އައްޞާފާތު ސޫރަތުގެ 35 ވަނަ އާޔަތާއި، މުޙައްމަދު ސޫރަތުގެ 19 ވަނަ އާޔަތުގައި، ތައުޙީދުގެ ކަލިމަ ނަންގަނެވިފައިވެ އެވެ. ތައުޙީދުގެ ކަލިމައަކީ، لَا إِلَهَ إِلَّا اللَّهُ އެވެ. ވަކިވަކިން ގުނައިފިނަމަ، މިއީ، ހަތަރު ލަފުޒެވެ. މި ހަތަރު ލަފުޒު، އެއްކަލިމައެއްގެ ގޮތުގައި ސިފަކޮށް، މިއަށް "ތައުޙީދުގެ ކަލިމަ" އެވެ، ކިޔަނީ އިސްލާމީ ޢަޤީދާގެ އިސްޠިލާޙެއްގެ ގޮތުގަ އެވެ. މި ކަލިމައާމެދު ކީރިތި މާތް ނަބިއްޔާ ޙަދީޘްކުރައްވާފައިވެ އެވެ.


(أَفْضَلُ الذِّكْرِ لَا إِلَهَ إِلَّا اللَّهُ)
ރިވާކުރެއްވީ: އައްތިރުމިޛީ.
މާނައީ، "އެންމެ މޮޅުއިތުރު ޒިކުރަކީ، لَا إِلَهَ إِلَّا اللَّهُ އެވެ."

لَا إِلَهَ إِلَّا اللَّهُ ގެ މާނައީ، ''ﷲ ފިޔަވައި އެހެން އިލާހަކު ނުވެ އެވެ.'' އީމާންކަން ބިނާވަނީ މި ކަލިމައިގެ މަތީގައެވެ. އަރަހުށި ހުސްޠާހިރުވަންތަ މާތް ﷲ، މި ކަލިމަ އީޖާދުކުރައްވާފައިވަނީ، އެކަލާނގެ ވޮޑިގެންވާކަން ދެނެގަނެވޭނެ ފަދަ ހެކިތަކެއް ވެސް މި ކަލިމައިގައި ލައްވާފަ އެވެ. މި މަޒުމޫނުގައި އަލިއަޅުވައިލާނީ، މި ކަލިމައިގައިވާ އެފަދަ ބައެއް ހެކިތަކުގެ މައްޗަށެވެ.

ތައުޙީދުގެ ކަލިމަ ތަރުކީބުކުރައްވާފައި ވަނީ، އެންމެ ތިން އަކުރުންނެވެ. އެއީ، މާތް ﷲ ގެ އިސްމުފުޅުގައިވާ ތިން އަކުރެވެ. އާދޭހެވެ. އެއީ، (الله) ގައިވާ، އަލިފާއި، ލާމާއި، ހާ އެވެ. މި ތިން އަކުރުގެ މައްޗަށް ނަޒަރު ހިންގައިލުމުން، ހާމަވެގެންދަނީ، ވަރަށްވެސް ބޮޑު އިލާހީ މުޢުޖިޒާތެކެވެ. އެހެނީ، މި ކައުނުގައިވާ އެންމެ ބޮޑު ޙަޤީޤަތް ތަރުކީބުކުރައްވާފައި މިވަނީ، ހަމައެކަނި މި ތިންއަކުރުންނެވެ. އެ ޙަޤީޤަތަކީ، އެކަލާނގެ ފިޔަވައި އެހެން އިލާހަކު މި ކައުނުގައި ވޮޑިގެން ނުވާ ކަމެވެ.


 މި މަތިވެރި ޙަޤީޤަތް އަޅުތަކުންނަށް ހާމަކުރައްވާފައިވާ، ތައުޙީދުގެ ކަލިމައިގައި ވަނީ، ހަމައެކަނި އެކަލާނގެ އިސްމުފުޅުގައިވާ އަކުރުތަކެވެ! ވިސްނާ ފިކުރުކުރާ ބަޔަކަށް މި ކަމުގައި ހެކިތަކެއް ވާކަން ކަށަވަރެވެ.

ތައުޙީދުގެ ކަލިމައިގެ މައްޗަށް ނަޒަރު ހިންގައިލާއިރު، ހާމަވެގެންދާ އަނެއް ޙަޤީޤަތަކީ، 7 ގެ ގިނަ ގުޅުންތަކެއް އެ ކަލިމައިގައި ލައްވާފައިވާ ކަމެވެ. އެންމެ ފުރަތަމަ އެ ކަލިމައިގެ ޖުމުލަ އަކުރުތަކުގެ ޢަދަދަށް ބަލައިލަމާތޯ އެވެ. އޭގައި ވަނީ ޖުމުލަ 12 އަކުރެވެ. 12 އަކީ 3 ގެ 4 ގުނަ އެވެ. އިސްވެ ބަޔާންވެދިޔަ ފަދައިން، އެ ކަލިމަ ތަރުކީބުކުރައްވާފައި ވަނީ އެންމެ 3 އަކުރުންނެވެ. މި ޢަދަދުތަކުގެ މައްޗަށް ނަޒަރުހިންގައިލުމުން ހާމަވާ 7 ގެ ގުޅުމަކީ، 3 އާއި 4 އިން އުފެދޭ 7 ގެ ގުޅުމެވެ. އާދޭހެވެ.

 3 އާއި 4 އެއްކުރީމާ ލިބޭ ނަތީޖާ އަކީ 7 އެވެ. މިއީ، އެއްވެސް އިލާހީ ޙިކުމަތްފުޅަކާ ނުލައި ލައްވާފައިވާ ގުޅުމެއް ކަމަށް ތިބާގެ ހިތްޕުޅަށް އަރާފާނެ އެވެ. ނަމަވެސް، ކަންއޮތީ އެގޮތަކަށް ނޫނެވެ. އެހެނީ، މިއީ ހަމަ ކީރިތި ޤުރުއާނުގެ ފެށުމާއި ނިމުމުގައި ވެސް ލައްވާފައިވާ 7 ގެ ގުޅުމެވެ! ކީރިތި ޤުރުއާނުގެ ފުރަތަމަ އާޔަތުގައި ވަނީ 4 ލަފުޒެވެ. ފަހު އާޔަތުގައިވަނީ 3 ލަފުޒެވެ.

ކީރިތި ޤުރުއާނުގައި (لَا إِلَهَ إِلَّا اللَّهُ) ނަންގަނެވިފައިވާ ދެ އާޔަތަށް ނަޒަރު ހިންގައިލާއިރު ވެސް 7 ގެ ގުޅުމެއް ފެނިގެންދެ އެވެ. އައްޞާފާތު ސޫރަތުގެ 35 ވަނަ އާޔަތުގައި، ތައުޙީދުގެ ކަލިމަ ފެށެނީ ފުރަތަމަ 5 ލަފުޒަށްފަހުގަ އެވެ. މުޙައްމަދު ސޫރަތުގެ 19 ވަނަ އާޔަތުގައި، ތައުޙީދުގެ ކަލިމަ ފެށެނީ ފުރަތަމަ 2 ލަފުޒަށްފަހުގަ އެވެ. 5 އާއި 2 އެއްކުރީމާ ލިބޭ ނަތީޖާއަކީ، 7 އެވެ. އަދި 35 އާއި 19 ގުނަކުރުމުން ލިބޭ، 665 އަކީ، 7 ގެ 95 ގުނަ އެވެ. 95 އަކީ 19 ގެ 5 ގުނަ އެވެ.

އެންމެ ތިން އަކުރުން، ތައުޙީދުގެ ކަލިމަ އީޖާދުކުރައްވާފައިވާ ކަމީ، މިޒަމާނުގެ ސައިންސާއި ޓެކްނޮލޮޖީއާ ވެސް ނުބައްދަލު ކަމެކެވެ. ޢިލްމީ ހަމަތަކުގެ މަތިން އެ ކަލިމަ ދިރާސާކުރާ މިޒަމާނުގެ ސައިންސްގެ ފުންނާބުއުސް ފުރުދުވެރިންގެ ބަހުން އެކަން އެނގެ އެވެ. އެމީހުން ބުނަނީ، މިޒަމާނުގެ ކުރިއަރާފައިވާ ކޮމްޕިއުޓަރ ޓެކްނޮލޮޖީ ބޭނުންކޮށްގެން ވެސް، ތައުޙީދުގެ ކަލިމައާ އެއްފަދަ ޢިބާރާތެއް، އެންމެ ތިން އަކުރުން ނުއުފެއްދޭނެ ކަމަށެވެ!

ޢަދަދުތައް ސަފުސަފަށް ތަރުތީބު ކޮށްގެން ދިރާސާކުރުމަކީ ހިސާބު ޢިލްމުގެ ގޮތްޕެކެވެ. މި ގޮފީގެ ހިޔަލުގައި (لَا إِلَهَ إِلَّا اللَّهُ) ދިރާސާކުރާއިރު ވެސް، 7 ގެ ގުޅުންތައް ކަޝްފުވަމުންދެ އެވެ. ތިރީގައި މިވަނީ އެފަދަ ދިރާސާއެކެވެ. މި ދިރާސާގައި ސަފަކަށް އަތުރާލެވެނީ، (لَا إِلَهَ إِلَّا اللَّهُ) ގައިވާ ލަފުޒުތަކުގައި އަކުރު ތަކުރާރުވާ މިންވަރު ބުނެދޭ ޢަދަދުތަކެވެ.

ފުރަތަމަ ލަފުޒު: (لا) މި ލަފުޒުގައިވަނީ، 2 އަކުރެވެ.
ދެވަނަ ލަފުޒު: (إله) މި ލަފުޒުގައިވަނީ، 3 އަކުރެވެ.
ތިންވަނަ ލަފުޒު: (إلا) މި ލަފުޒުގައިވަނީ، 3 އަކުރެވެ.
ހަތަރުވަނަ ލަފުޒު: (الله) މި ލަފުޒުގައިވަނީ، 4 އަކުރެވެ.

މި ޢަދަދުތައް ސަފަކަށް ތަރުތީބުކުރުމުން ލިބޭ ޢަދަދަކީ، 4332 އެވެ. މިއީ، 7 އިން ގެއްލިހުސްވާ ޢަދަދެއް ނޫނެވެ. އެހެންކަމުން، މި ޢަދަދުގައި 7 ގެ ސިއްރެއް އެކުލެވިފައި ނުވާކަމަށް ފުރަތަމަ ނަޒަރު ހިންގައިލާއިރު ހީކުރެވިދާނެ އެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. އެކަން އަންނަނިވި ހިސާބުތަކުން އެބަ އެނގެ އެވެ.

4332 އަކީ، 19 އިން 2 ފަހަރު ގެއްލިހުސްވާ ޢަދަދެކެވެ.
މީގެ މާނައަކީ، 19 އިން 4332 ގެއްލީމާ ލިބޭ ނަތީޖާ (228) އަނެއްކާވެސް 19 އިން ގެއްލި ހުސްވެ އެވެ.
ބާކީ އަކީ، 12 އެވެ.
މީގެ މާނައަކީ، 4332 ގެ ބަހާތަކަކީ، 19 އާއި، 19 އާއި، 12 އެވެ.

4332 ގައި ލައްވާފައިވާ 7 ގެ ސިއްރުތައް ހާމަވަނީ މިހިސާބުންނެވެ. އެހެނީ، 19 އާއި 19 އާއި 12 ގައިވާ ޢަދަދުތައް އެކި ގޮތްގޮތަށް ތަރުތީބުކުރުމުން އުފެދޭ ޢަދަދުތައް، 7 އިން ގެއްލިހުސްވެ އެވެ! ތިރީގައި މިވަނީ، އޭގެ މިސާލެކެވެ.

121919 / 7 = 17417
919121 / 7 = 131303
191219 / 7 = 27317
912191 / 7 = 130313
191912 / 7 = 27416
219191 / 7 = 31313

މާތް ﷲ ގެ އިސްމުފުޅު (الله) ގައިވާ އަކުރުތައް، (لَا إِلَهَ إِلَّا اللَّهُ) ގައި ތަކުރާރުވެފައިވާ މިންވަރު ދިރާސާކޮށްލުމުން ވެސް، 7 ގެ އިތުރު ގުޅުމެއް ހާމަވެގެންދެ އެވެ. (الله) ގައި ވަނީ، އަލިފާއި، ލާމާއި، ލާމާއި، ހާ އެވެ.

އަލިފު: 5 ފަހަރު
ލާމު: 5 ފަހަރު
ލާމު: 5 ފަހަރު
ހާ: 2 ފަހަރު

މި ޢަދަދުތައް ސަފަކަށް ތަރުތީބުކުރީމާ ލިބޭ ޢަދަދަކީ، 2555 އެވެ.
2555 އަކީ، 7 ގެ 365 ގުނަ އެވެ.

އިސްވެދިޔަ ޢަދަދުތަކަށް ނަޒަރުހިންގައިލާއިރު، ފާހަގަކޮށްލެވޭ ޢަދަދުތަކެއް ވެ އެވެ. އެއީ، 7 އާއި، 12 އާއި، 19 އާއި، 365 އެވެ. މި ޢަދަދުތަކަކީ، ވަގުތާއި، ޒަމާނާ ގުޅުންހުރި ޢަދަދުތަކެކެވެ.

ހަފުތާއެއްގައި ވަނީ، 7 ދުވަހެވެ.
އަހަރެއްގައި ވަނީ، 12 މަސްދުވަހެވެ.
ހިޖުރީ އަހަރާއި މީލާދީ އަރާ ދެމެދުގައިވާ ގުޅުމަކީ، 19 އެވެ.
އަހަރެއްގައިވަނީ، 365 ދުވަހެވެ.

މި ޢަދަދުތަކުގެ ތެރެއިން، 365 އާއި، 19 އާއި، 12 އެއް ސަފަކަށް އަތުރާލުމުން ލިބޭ ޢަދަދުގައި 7 ގެ ގުޅުންތަކެއްވެ އެވެ.

1219365 އަކީ، 7 ވަޅުގެ ޢަދަދެކެވެ.
1219365 އަކީ، 3 ފަހަރު 7 އިން ގެއްލިހުސްވާ ޢަދަދެކެވެ.

1219365 / 7 = 174195
174195 / 7 = 24885
24885 / 7 = 3555

(لَا إِلَهَ إِلَّا اللَّهُ) ގައިވާ އަކުރުތަކުގެ ތަރުތީބު ނަންބަރުގައި ވެސް 7 ގެ ގުޅުމެއް ވެ އެވެ.

1. ل
2. ا
3. إ
4. ل
5. هـ
6. إ
7. ل
8. ا
9. ا
10. ل
11. ل
12. هـ

މި ތަރުތީބު ނަންބަރުތައް ސަފަކަށް އަތުރައިލުމުން އުފެދޭ ޢަދަދަކީ، 121110987654321 އެވެ. މި ޢަދަދު، 7 އިން ގެއްލިހުސްވެ އެވެ.

121110987654321 / 7 = 17301569664903

(لَا إِلَهَ إِلَّا اللَّهُ) ގައިވާ އަކުރުތައް ފުނިޖެހޭ ގޮތް ދިރާސާކުރާއިރު ވެސް 7 ގެ، އެހެން ގުޅުންތަކެއް ކަޝްވެގެން ދެ އެވެ.

لا = 2: 2
إله = 3: 2+3 = 5
إلا = 3: 5+3 = 8
الله = 4: 8+4 = 12

މިއިން އެނގޭ ގޮތުގައި، ފުނިޖެހެމުންދާއިރު ލިބޭ ޢަދަދުތަކަކީ، 2 އާއި، 5 އާއި، 8 އާއި، 12 އެވެ.

މި ޢަދަދުތައް ސަފަކަށް އަތުރާލުމުން އުފެދޭ ޢަދަދަކީ، 12852 އެވެ. މިއީ ވެސް 7 އިން ގެއްލިހުސްވާ ޢަދަދެކެވެ.

12852 / 7 = 1836

ހަމައެކަނި، މި ނަތީޖާތަކަށް ނަޒަރުހިންގައިލިއަސް، (لَا إِلَهَ إِلَّا اللَّهُ) އިން މާތް ﷲ ވޮޑިގެންވާ ކަމަށް ދަލީލު ލިބެ އެވެ. އެހެނީ، އެކަލާނގެ އިސްމުފުޅުގައިވާ އަކުރުތަކުން، މި ކަލިމަ އީޖާދުކުރައްވައި ތަރުކީބުކުރައްވާފައިވަނީ، އެކަލާނގެ ފިޔަވައި އެހެން އެއްވެސް ފަރާތަކާ އަރާއަރަފޯދިގެން ނުވާނެހައި ފުރިހަމަ ނިޒާމެއްގެ މަތިންނެވެ. އޭގައި އެކަލާނގެ ކަލާމްފުޅުގެ ފެށުމާއި ނިމުމުގެ ސިއްރު ވެސް ލައްވާފައިވެ އެވެ.

 އޭގައި މިކާއިނާތުގައި އެކަލާނގެ އެންމެ ގިނައިން ތަކުރާރުކުރައްވާފައިވާ އެއް ޢަދަދު ކަމަށްވާ 7 ގެ ގުޅުންތައް ވެސް އެތައް ގޮތަކަށް ލައްވާފައިވެ އެވެ. އަދި އޭގައި، ވަގުތާއި ޒަމާނުގެ ޢަދަދުތައް ވެސް ލައްވާފައިވެ އެވެ. އެހެންކަމުން، އެކަލާނގެ ވޮޑިގެންވާ ކަމަށް ހެކިލިބުމުގެ އިތުރުން، އެކަލާނގެއީ، ވަގުތާއި ޒަމާނުގެ ޚާލިޤުވަންތަ ރަސްކަލާނގެ ކަމަށް ވެސް އެއިން ހެކިލިބެ އެވެ.

މިފަދަ ޙަޤީޤަތްތައް ހާމަވެގެންދާއިރު، މުއުމިނުންގެ ދޫތަކުން ތައުޙީދުގެ ކަލިމަ (لَا إِلَهَ إِلَّا اللَّهُ) ތަކުރާރުވުން ގިނަވެގެންދެ އެވެ. އަދި އިޚުލާޞްތެރި މުއުމިނުން އެގޮތުގައި ދެމިތިބޭމެ އެވެ. މާތް ﷲ އޭގައި ލައްވާފައިވާ ދަރުމައާއި ޘަވާބު ޙާޞިލުކުރުމުގެ ފޮނި އުންމީދުގަ އެވެ. އަދި އެކަލާނގެ އިސްމުފުޅު ޒިކުރުކޮށް، އެކަލާނގެ ޙަޟުރަތަށް އެންމެ ފުރިހަމަ ގޮތުގައި ޠާޢަތާއި ކިޔަމަންތެރިކަން އަދާކުރުމަށްޓަކައި ވެސްމެ އެވެ.

މާތް ﷲ، ތައުޙީދުގެ ކަލިމައިން ޒިކުރުކުރުމުގެ ދަރުމައާއި ޘަވާބު، އެންމެހައި މުއުމިނުންނަށް މިންވަރުކުރައްވާށި އެވެ! އާމީން!


އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން

ads

ދާއިރާ:

0 comments:

Post a Comment

 
here it is