Monday, December 10, 2012

ލާއިންސާނީ ޙައްޤުތަކުގެ ދިފާޢުގައި..

laa-insaanee-haqqu
ވަރަށްގިނަ އިންސާނުންގެ ކިބައިން އިންސާނީވާންތަކަން ކެނޑި ބުއްދިނެތް ޙައިވާނުންގެ ދަރަޖައަށް ވެއްޓިފައިވާ މިޒަމާނުގައި، އިންސާނީ ޙައްޤުތަކުގެ ވާހަކައަކީ ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ މައުޟޫއެކެވެ. އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ރިސާލަތުގައި މުޅި އިންސާނީ ކަރާމާތް ޙިމާޔަތް ކުރެވޭނެ ޙުކުމްތައް ބަޔާން ކުރައްވާފައިވީނަމަވެސް، އެކަލޭގެފާނަށް އީމާންވީ ގިނަބަޔަކުވަނީ އެކަންކަމާ އިހުމާލުވެފައެވެ.

އަދި އެކަލޭގެފާނަށް އީމާންނުވި ގިނަބަޔަކު ދަނީ އެދީނާ ދެކޮޅަށް ކުރެވެންހުރި ގޮތަކުން ހަނގުރާމަކުރަމުންނެވެ. އިސްލާމްދީނުގައި އަންގަވާފައިވާ ގޮތެއް ބެލުމެއްނެތި، މުސްލިމުންގެ ޢަމަލުތަކަކީ އިސްލާމްދީން ކަމުގައި ޣައިރު މުސްލިމުންގެ ތެރެއިން ގިނަބަޔަކު ދެކި، އެހެންމީހުނަށް އެކަން ވިސްނައިދިނުމަށް މަސައްކަތް ކުރެއެވެ.

 މުސްލިމުންގެ ކިބައިން ފެންނަ ޢަމަލުތަކުގައި އިސްލާމްދީނުގެ ނަންބޯޑު ހަރުކޮށް ދީނުގެ ނަން ހުތުރުކުރަން މަސައްކަތް ކުރާތަން ފެނެއެވެ. އިސްލާމްދީނަކީ އިންސާނީ އެތައް ޙައްޤެއް ނިގުޅައިގެންފައިވާ ދީނެއްގެ ގޮތުގައި ސިފަކުރަމުންދެއެވެ.

އިންސާނީ ޙައްޤުތަކުގެ އަޑު މިޒަމާނުގައި އުފުލެންފެށީ ހުޅަނގުގެ މާއްދިއްޔަތަށް އަޅުކަންކުރަމުންދާ މުޖުތަމަޢުތަކުންނެވެ. އެކަމުގައި އެމީހުންގެ މިންގަނޑަކީ އިލާހީ ހިދާޔަތެއް ނެތި، އެމީހުންގެ ބުއްދިއަށް ފެންނަ ޙައްޤުތައް އެއީ ޙައްޤުކަމުގައި ބެލުމެވެ. އެކަމުގެ ނަތީޖާއަކީ އިންސާނީ ޙައްޤުތަކުގެ ނަމުގައި ހުޅަނގުން ދިފާޢުކުރަމުންދާ ވަރަށް ގިނަ ކަންކަމަކީ އިލާހީ ޝަރީޢަތާއި، އިންސާނީ ފިޠުރަތާއި ފުށުއަރާ ކަންކަމަށް ވުމެވެ. އިންސާނިއްޔަތަށް ނިސްބަތްކުރަން ހެޔޮނުވާވަރުގެ ޙައްޤުތަކުގެ ދިފާޢުގައި އަޑުތައް އުފުލުމެވެ.

އިންސާނީ ޙައްޤުތަކުގެ ނަމުގައި މަސައްކަތްކުރާ ފަރާތްތަކުން ގޮވާލާ ބައެއްކަންކަމަކީ ޝަރްޢީ އިމުގެ ތެރޭގައި ހުރި، ކޮންމެހެން ލިބެންޖެހޭ ޙައްޤުތަކެވެ. ނަމަވެސް އެކަންކަމަކީ އެމީހުން އަލަށް ގޮވާލިކަންކަމެއް ނޫނެވެ. އެފަދަ ހުރިހައި ޙައްޤެއް އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ވެއެވެ.

ހުޅަނގުގެ ޤައުމުތަކުގައި މިފަދަ އަޑުތައް އުފުލުމަކީ ޢަޖައިބުވާންޖެހޭ ކަމެއް ނޫނެވެ. ނަމަވެސް ޢަޖައިބަކީ އިސްލާމްދީނުގެ ނަން އެއްކިބާކޮށް، ހުޅަނގުގެ އުފެއްދުމެއްގެ ގޮތުގައި މުސްލިމުންގެ ތެރޭގައި އެމީހުންގެ ގޮވެލިފަތި ގުގުމާތީއެވެ. އެކަން އެގޮތަށް ޤަބޫލުކުރާ މުސްލިމު ދަރިން ތިބޭތީއެވެ.
ހުޅަނގުގެ ޤައުމުތަކުގައި އިންސާނީ ޙައްޤުތަކަށް ގޮވާލާ ފަރާތްތައް އުފެދުނީ، އެމީހުންގެ އެދުންތަކާއި ހިދާޔަތެއްގެ އަލިކަމެއްނެތި އެމީހުން ޤަބޫލުކުރާ ޙައްޤުތަކެއް ހޯދުމަށެވެ. 

އަދި ބައެއް ފަރާތްތަކުން ވަނީ އިސްލާމްދީނާއި ދެކޮޅަށް ކުރެވޭ ހަނގުރާމައިގެ ވަސީލަތަކަށް އިންސާނީ ޙައްޤުތައް ހަދާފައެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން ދިފާޢުކުރާ ބައެއް ކަންކަމަށް ވިސްނާލަމާ ހިނގާށެވެ!

* ޢަޤީދާއާއި ފިކުރީ މިނިވަންކަމުގެ ނަމުގައި އިސްލާމްދީނަށް ފުރައްސާރަކުރުމަކީ އިންސާނީ ޙައްޤެކެވެ. އެފަދަމީހުން އެބޭނުންކުރަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމެވެ.
- ނަމަވެސް، ހުޅަނގުގެ ލާދީނީ މަންހަޖާއި މާއްދީ އުސޫލުތައް ޙިމާޔަތް ކުރުމަށް މަސައްކަތް ކުރެއެވެ.

* އިސްލާމީ ޝަރީޢަތަށް ރުޖޫޢަވެ، ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތައް ޤާއިމުކުރުމާ ދެކޮޅުހަދައެވެ.
- ނަމަވެސް، ހުޅަނގުގެ މާއްދީ ވިސްނުމަށް ބިނާކޮށް ހަދާފައިވާ ޤާނޫނުތައް ޙިމާޔަތް ކުރެތެވެ.


* އެއް އަނތްބަށްވުރެ ގިނަ އަނބިންނާއި ކައިވެނިކުރުމަށް އިސްލާމްދީނުގައި ހުއްދަކުރައްވާފައިވުމާއި ދެކޮޅަށް މަސައްކަތް ކުރެތެވެ. ދެވަނަ،ތިންވަނަ ނުވަތަ ހަތަރުވަނަ އަނތްބެއްގެ ގޮތުގައި ފިރިއެއްގެ ޙިމާޔަތް ލިބުމަށް އެދޭ އަންހެން ކަނބަލުންނަށް އެމަގު ބަންދުމަށް ބާރުއަޅައެވެ.

- ނަމަވެސް، ފިރިހެނެއްގެ ޙިމާޔަތާއި ކުލުނެއް ނެތި، ވަގުތީ އުފާ ހޯދައިދޭ ބަޔަކަށް އެ އަންހެން ކަނބަލުން ވުމަށް ހިތްވަރުދެއެވެ.


* މުސްލިމުންނާއި ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން ހިންގާ ޤަތުލު ޢާއްމުތަކާއި، އިހާނެތި އަނިޔާގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ.
- ނަމަވެސް، އިސްލާމީ ޝަރީޢަތުގެ ދަށުން ދެވޭ ޢުޤޫބާތްތަކާއި ދެކޮޅުހަދައި، މުޖުރިމުންގެ ދިފާޢުގައި އަޑުހަރުކޮށް ވާހަކަ ދައްކައެވެ.

* ޒިނޭކުރާ މީހުންނަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ އަދަބު ތަންފީޒުކުރުމަކީ އިންސާނިއްޔަތާއި ދެކޮޅު ކަމެކެވެ.

- ނަމަވެސް، ބަނޑުގައިވާ ދަރިފުޅުގެ ފުރާނަ އިހާނެތިކޮށް ދުއްވާލައި، އެދަރިފުޅު ވައްޓާލުމަކީ އިންސާނީ ޙައްޤެކެވެ.

* އަންހެން ކަނބަލުން ޙިޖާބުއަޅައި ނިވާވުމާ ދެކޮޅަށް މަސައްކަތް ކުރެތެވެ.
- ނަމަވެސް، އޮރިޔާންވުމާއި ހަށިކުއްޔަށް ދިނުމަކީ އެކަނބަލުންގެ ޙައްޤެކެވެ.

* ޢިއްފަތްތެރިވުމަށްޓަކައި އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް އަވަހަށް ކައިވެނިކުރުމާ ދެކޮޅުހަދައެވެ.
- ނަމަވެސް، ޒިނޭކުރުމާއި،އެއްޖިއްސުން ގުޅުން ހިންގުމާއި، އެނޫންވެސް ފާޙިޝް ޢަމަލުތައް ކުރުމަކީ އިންސާނީ ޙައްޤެކެވެ.


* އިސްލާމީ ވަންތަކަމާއި، އިސްލާމީ ސަޤާފަތާއި ދެކޮޅަށް ހަނގުރާމަކުރެއެވެ.
- ނަމަވެސް، ހުޅަނގުގެ މާއްދިއްޔަތު ފަތުރަން މަސައްކަތް ކުރެއެވެ.

* އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވިޔަފާރިކުރުމާއި، މާއްދީ ފައިދާތައް ހޯދުމަކީ ބޯދާ ގޮތެކެވެ.

- ނަމަވެސް، އަމިއްލަ މަޞްލަޙަތު އިސްކުރުމާއި ރިބާކެއުމާއި، ވިޔަފާރީގެ ފައިދާއަށްޓަކައި އެތައްބައިވަރު ކާނާއެއް ނައްތާލުމަކީ އިންސާނީ ޙައްޤެކެވެ.

* އިސްލާމީ ސިޔާސީ ނިޒާމުގެ ސިފަތަކަށް ފާޑުކިޔައި މަލާމާތް ކުރެއެވެ.
- ނަމަވެސް، ސިޔާސަތުގެ ނަމުގައި އެކަކު އަނެކެއްގެ އަބުރާބެހުމާއި، ނެތިމޮށުމާއި، ވެރިންނަށް އިޙްތިރާމް ކުޑަކުރުމަކީ އިންސާނީ ޙައްޤެކެވެ.

* ދަރިންނާއި މުސްކުޅި މައިންބަފައިން ބެލުމަށް، މުސްލިމު އަނތްބަކު ގޭގައި މަޑުކުރުމަކީ ތަހުޒީބާއި ދުރު ބޯދާކަމެކެވެ.
- ނަމަވެސް، ޅަދަރިންގެ ތަރުބިއްޔަތަށް ސަމާލުނުވެ، މުސްކުޅި މައިންބަފައިންނަށް އަޅާނުލައި،މުސްކުޅިން ބަލާ ކޮންމެވެސް ބަޔަކާއި އެމީހުން ހަވާލުކުރުމަކީ އިންސާނީ ޙައްޤެކެވެ.


* އިސްލާމްދީނުގައިވާ ކެއިންބުއިމުގެ ގޮތްތަކާއި އާދަތަކަކީ ބޯދާ ކަންތައްތަކެކެވެ.
- ނަމަވެސް، މުސާރައިގެ ބޮޑުބައެއް ރެސްޓޯރަންޓްތަކުން ކެއުމަށް ޚަރަދު ކުރުމާއި، ބަނގުރާ ބުއިމާއި، އޫރުމަސް ކެއުމަކީ އިންސާނީ ޙައްޤެކެވެ.

* މުސްލިމުންގެ ޙައްޤުތައް ހޯދަން ޖިހާދުކުރުމަކީ ޓެރަރިޒަމެވެ.

- ނަމަވެސް، ހުޅަނގުގެ ޤައުމުތަކުން މުސްލިމުން އޮރިޔާންކުރުމާއި، މުސްލިމުން މަރައި އެމީހުންގެ ގަޔަށް ކުޑަކަމު ދިއުމަކީ އިންސާނީ ޙައްޤެކެވެ.

* ޢާލަމްތަކުގެ ވެރި ﷲ އަށް އަޅުކަން ޚާލިޞްކޮށް އިސްލާމްވުމަށް ގޮވާލުމަކީ އެތައް ބައެއްގެ އިންސާނީ ޙައްޤެއް ފޭރިގަތުމެކެވެ.
- ނަމަވެސް، ހެއްދެވިފަރާތް ދޫކޮށް ގެރިބަކަރިއާއި، ޞަލީބަށް އަޅުކަން ކުރުމަކީ އިންސާނީ ޙައްޤެކެވެ.


އިސްވެ ބުނެވުނު މަދު މިސާލުތަކުން ހާމަވާ އެއްކަމަކީ އިންސާނީ ޙައްޤުތަކުގެ ނަމުގައި ދިފާޢުކުރަން މަސައްކަތް މިކުރެވޭ ބައެއް ކަންކަމަކީ އިންސާނިއްޔަތާއި ބީރައްޓެހި ވަލުޖަނަވާރުންގެ އުސޫލުތަކަށް ފެތޭ ލާއިންސާނީ ޙައްޤުތަކެއް ކަމެވެ. އިންސާނާގެ ޙައްޤާއި ކަރާމާތް އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް މަސައްކަތް ކުރާނަމަ، އިސްލާމްދީން އުނގެނެންޖެހޭކަމެކެވެ.

 އެދީނުގައި ޙައްޤުތަކާއި މިނިވަންކަން އިންތިޒާމު ކުރައްވާފައިވާ ގޮތަކީ އިންސާނީ ޙައްޤުތައް އެންމެ ފުރިހަމައަށް ޙިމާޔަތް ކުރެވޭ، އިންސާނާއަށް ދެދުނިޔޭގެ މަޞްލަޙަތު ހުރިގޮތް ކަމުގައި ވާތީއެވެ.

އިބްރާހިމް މާހިރު މޫސާ

ads

ދާއިރާ:

0 comments:

Post a Comment

 
here it is