Thursday, December 6, 2012

ޑިމޮކްރަސީގެ ޙަޤީގީ ސޫރަ



ޑިމޮކްރަސީ އަކީ މާ މާތްއެއްޗެއްކަމާއި، ޑިމޮކްރަސީގެ މަތިވެރިކަން ސިޔާސީ މަޤާމްތަކުގައި ތިބޭ ނުފޫޒު ގަދަ މީހުން ދައްކާ ވާހަކަ ތަކުގެ ސަބަބުން ދިވެހި ރައްޔިތުންވަނީ ގަބޫލުކޮށްފައެވެ. މީހަކު ބޭރުޤައުމަކަށްގޮސް ދަސްވެފައިވާ އާނަމެއް ދިވެހިންގެ ތެރޭގައި ދައްކަން ފެށުމުން ދިވެހިންގެ ގިނަބަޔަކު އެފަދަ ނަމެއް ބަލައިގަނެފައިވަނީ އެއީ ވަރަށް މުޙިއްމު އެއްޗެއްގެ ގޮތުގައި ކަމެވެ. ސަބަބަކީ މިފަދަ ސިޔާސީ ބޭފުޅެއް ޑިމޮކްރަސީ އޭ ކިޔާފައި ވާހަކަ ދައްކަނީ ކޮންމެވެސް ކަމެއް، ނުވަތަ ރަށަށް ކޮށްދޭނެ ކޮންމެވެސް ތަރައްޤީއެއް ގެ ވާހަކަ ބުނުމަށްފަހުގައެވެ. ގިނަ ދިވެހިން ޤަބޫލު ކުރާ ގޮތުގައި ޑިމޮކްރަސީ އަކީ ތަރައްޤީވުމެވެ. ސަބަބަކީ ދިވެހިންނަކީ އާދަކާދައިގެ މަތިން މީހަކު މޮޅު ވާހަކައެއް ދެއްކުމުން ކަމުގެ ޙަޤީގަތެއް ނުބަލާ އެކަމަކަށް އިޖާބަ ދޭ މީސްތަކުންނަށް ވެފައިވާތީއެވެ.


ކޮންމެއަކަސް ޑިމޮކްރަސީގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ވަނީ ބޮޑަތި ބަދަލު ތަކެއް ގެނުވާފައެވެ. ޙާއްޞަގޮތެއްގައި ކުރިންދެންނެވި ސިޔާސީ ނުފޫޒު ގަދަ ބޭބޭފުޅުން މިއަދު ސިފަ ކުރާގޮތުގައި ޑިމޮކްރަސީ މިއަދު މިއޮތީ "ޅަފަތުގެ" ދައުރުގައިކަމެވެ. މިހެންކަމުން ދިވެހިން އެކަމެއްގައި ކެތްމަދުވެ އެކަމަކަށް އިންތިޒާރުކުރަމުން ދަނީ، އެބުނާ ޅަފަތުގެ ދައުރު ނިމި ޑިމޮކްރަސީ ދޮންވެ ފައްކާވެގެން އޭގެ ފުރިހަމަ ގޮތުގައި ފެންނަންފަށާނެ ދުވަހަކަށެވެ. ނަމަވެސް ޙަޤީގަތެއް ބަލާލީ ކާކުތޯއެވެ. އެބުނާ ޑިމޮކްރަސީ އަޅުގަނޑުމެންނަށް ދަސްކޮށްދިނީ ކޮންޗެއްތޯއެވެ. 


 ޑިމޮކްރަސީގެ ސަބަބުން ހަލާކުވެގެން ދިޔައީ ޤައުމުގެ މައިނާރު ކަމުގައިވާ އިސްލާމް ދީންނަށް ކުރާލޯތްބާއި ޤަދަރެވެ. ޑިމޮކްރަސީގެ ސަބަބުން ހަލާކުވެގެންދިޔައީ އީމާންތެރިކަން ބަލިކަށިވެފައިތިބި މީހުންގެ އީމާންތެރިކަމެވެ. ޑިމޮކްރަސީގެ ސަބަބުން ހަލާކުވެގެން ދިޔައީ ދީނަށް ލޯބިކުރާ މީހުންގެ އަޚުވަންތަ ކަމާއި، އުޚުއްވަތްތެރިކަމެވެ. ޑިމޮކްރަސީގެ ސަބަބުން ޤައުމުގައި އުފެދުނީ ފިތުނަ ފަސާދައެވެ.

ޑިމޮކްރަސީގެ ގޮވަމުން ދަނީ ބައިބައިވުމާއި ހަލާކަށެވެ. ޑިމޮކްރަސީ ގޮވަނީ ހަވާނަފްސުގެ އެދުމަށް ތަބާވުމަށެވެ. ޑިމޮކްރަސީ ގޮވަމުން ދަނީ އިސްލާމް ދީނުގެ އުސޫލުތަށް ދޫކޮށް ލާދީނީ ފިކުރުތައް ދިރުވާ އާލާކުރުމަށެވެ. ޑިމޮކްރަސީ ގޮވަމުން ދަނީ މުސްލިމުންގެ ތެރޭގައި އަނިޔާވެރިކަމާއި ދެބަސްވުންތައް އުފެދުމަށެވެ. ޑިމޮކްރަސީ ގޮވަމުން ދަނީ އިސްލާމް ކަމުން ދުރުވެ ވަކި ވަކި ޕާޓީތަކެއްގެ ގޮތުގައި ތިބެގެން އެއްބަޔަކު އަނެއްބަޔެއްގެ ނުބައި ނުލަފާ ކަމުގެ ވާހަކަތައް ދައްކާހެދުމަށެވެ.


މިއަދު ދީނަށް ލޯބިކުރާ އެންމެންވެސް ޤަބޫލުކުރާގޮތުގައި ޑިމޮކްރަސީ އަކީ ކުފުރުގެ ތެރެއަށް އިންސާނާ ވައްޓާލާ ނުބައި ވަބާއެއްކަމެވެ. އެންމެންވެސް ޤަބޫލުކުރާގޮތުގައި ޑިމޮކްރަސީ ގެ ސަބަބުން މިޤައުމަށް ހެވެއްލިބިފައި ނުވާތާނގައި ޑިމޮކްރަސީގެ ސަބަބުން މިޤައުމުގައި ދުވަހަކުވެސް ދިވެހިން ނުދެކޭހާ ބޮޑު ބައިބައިވުމަކާއި ދެކޮޅުވެރިކަމެއް އުފެދިފައިވެއެވެ. ނަމަވެސް ޙަޤީގަތަކީ ޑިމޮކްރަސީ ގެ ސަބަބުން ދިވެހިންނަށް ކޮށްފައިވާ ނުބައި އަޘަރަކީ ކޮބައިކަން ބަލާ ދިރާސާ ކުރި މީހަކު ނެތްކަމެވެ. އެންމެންވެސް އެއްބަސްވެ ބުނާ ބަހަކީ ޢިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ޑިމޮކްރަސީ އަކީ ކުފުރުގެ ނިޡާމެއް ކަމެވެ.


ޑިމޮކްރަސީ އަކީ "މެޖޯރިޓީ" ނުވަތަ ގިނަބަޔަކު ތާއީދު ކުރާގޮތްކަމަށް އެންމެ ގިނަބަޔަކު ވަނީ ބުނެފައެވެ. އަދި ޑިމޮކްރަސީ އަކީ އެއިކަމުގައި ދެކި އިސްލާމް ދީނުގައި މަސްވަރާގެ އުސޫލުން ކަންކުރުމަށް އަންގަވާފައިވާތީވެ، ޑިމޮކްރަސީގައި ކަންކުރާ ބައެއް އުސޫލު ތަކަކީ އިސްލާމް ދީނާއި ޚިލާފު ކަންތައްތަކެއް ނުހިމެނޭ ކަންކަން ކަމުގައި ދެކި ބައެއް ދީނީ ޢިލްމުވެރިން ދަލީލު ދައްކަވަމުން ވިދާޅުވެފައިވަނީ ޑިމޮކްރަސީގެ ބައެއް ކަންކަމުގައި ޤަބޫލު ކުރެވޭފަދަ ކަންތައްތަކެއް ހުރި ކަމުގައިވާނަމަ އަދި އިސްލާމް ދީނުގެ އުސޫލު ތަކާއި ޚިލާފް ނުވާ ކަންކަން ހުރި ކަމުގައި ވާނަމަ ޑިމޮކްރަސީގެ ބައެއް އުސޫލު ތަކަށް ތާއީދު ކުރެވިދާނެ ކަމަށެވެ.


 މިސާލު ޖައްސަވަނީ އިސްލާމް ދީނުގައި ގެންގުޅެފައިވާ މަޝްވަރާގެ އުސޫލު ތަކުންނެވެ. މިފަދަ ބޭބޭފުޅުންވެސް މަނާކުރައްވަނީ އިސްލާމް ދީނުގައި އަންގަވާފައިވާ އުސޫލުތަކާއި އިދިކޮޅުވާ އުސޫލުތަކަށެވެ. އެގޮތުން ބައެއް ބޭބޭފުޅުން ވިދާޅުވެފައިވާގޮތުގައި ޑިމޮކްރަސީގައި އޮންނަ ގިނަބަޔަކު ތާއީދު ކުރާ އުސޫލަށް ތަބާވެގެން ދެމީހަކު ޒިނޭ ކުރިއަސް އެކަން ހުއްދަ ކުރެވޭ ކުރުން ފަދަ ކަންކަމުން ޑިމޮކްރަސީ ބޮލާލާޖެހިދާނެކަމާއި، ނަމަވެސް އިސްލާމީ ވެރިކަމެއް ފެއްޓުމަށް ޓަކައި ޑިމޮކްރަސީގެ ކަންކުރާ އުސޫލުތަކުން ތަޖުރިބާ ހޯދުން މަނާ ވެގެން ނުދާނެކަމަށެވެ. ކޮންމެއަކަސް މިފަދަ ވާހަކަ އަކީ ދިވެހިންގެ ދީނުގެ ތެރެއަށް ޑިމޮކްރަސީ ވެއްދުމަށްޓަކައި އެބުނާ މަތިވެރި، މާތް ޑިމޮކްރަސީ އަށް ތަބާވެގެން ތިބި މީސްތަކުންނަށް ވަގުތާ ޙާލަތަށް ބަލާއިރުގައި އެންމެ ފައިދާހުރި ކަންކަމުގައި ވުމަކީ ގާތްކަމެކެވެ.

ކޮންމެއަކަސް ޑިމޮކްރަސީވެސް މިއަދު މިވަނީ ބޮޑުވެގެންވާ ބޮލުގެ ރިހުމަކަށްވެފައެވެ. ޑިމޮކްރަސީގެ ޙަޤީގަތާއި ޑިމޮކްރަސީގެ އުސޫލު ތަކާއި، ޑިމޮކްރަސީގެ ވަލުފަރާތުގައި ފޮރުވިފައިވަނީ ކޯންޗެއްކަން މިއަދު މިވަނީ ސިއްރުވެފައެވެ.ނުވަތަ ދިވެހިންގެ ކޮށި ސިކުނޑި ތަކުގައި ޑިމޮކްރަސީ ގެ ޙަޤީގަތަކީ ކޮބައިކަމާއި، ޑިމޮކްރަސީ ނުބައިވެފައި މިވަނީ ކީއްވެކަމާއި، ދީނުގެ ކަންކަމުގައި ޑިމޮކްރަސީގެ ސަބަބުން ދިމާވެފައިވާ ގޮންޖެހުންތަކަކީ ކޮބައިކަން ދަނެ ދިރާސާ ކުރެވޭހާ ތަނަވަސް ވެފައި ނުވާކަމަކީ ހިތާމަ ހުރިކަމެކެވެ. ޅަފަތުގެ ދައުރުގައި މިފަދަ ނުބައި ވަބާއެއްގެ ޙަޤީގީ ސޫރަ ފެނިފައި ނުވާ ދިވެހިންނަށް ތަޞައްރަފު ފުރިފައިވާ އެއްޗެއްގެ ސޫރަ ފެނިގެން ދާނެ ވަގުތަކީ ކޮޅުނެތްކޮޅަށް ހިތާމަ އުފުލަންޖެހޭނެފަދަ ބިރުވެރި ހިނދުކޮޅަކަށް ވެގެން ދާނެއެވެ.


ކޮންމެއަކަސް ޑިމޮކްރަސީ ނުބައި ވެގެންދަނީ މެޖޯރިޓީ ނުވަތަ ގިނަބަޔަކު ތާއީދުކުރާ ގޮތްކަމަށް ބުނެ ދިވެހިންގެ ހިތްތަކުގައި އަށަގަނެވިފައިވާ ނުބައި އަޘަރު ފިލައިގެން ނުދާ ޙަޤީގީ ސަބަބަކީ ޑިމޮކްރަސީ އަކީ ހަމައެކަނި މެޖޯރިޓީ އަށް ބަރޯސާވެފައިވާ ނިޒާމެއް ނޫންކަމެވެ. ޑިމޮކްރަސީގެ އަސްލު ޙަޤީގީ ނުބައި ކަމަކީ ޑިމޮކްރަސީ އަކީ ވަކީ މީހަކަށް ލިބިފައިވާ ވެރިކަމެއް އެމީހެއްގެ މުށުތެރޭގައި އޭނާ ބޭނުންގޮތަކަށް މޮޑެލާ ފުއްގަނޑެއްގެ ގޮތުގައި ގެންގުޅޭކަމެވެ. އެމިހަކަށް ލިބިފައިވާ ބާރުގެ ބޭނުން ކޮށްގެން މީސްތަކުންނަށް ދީނުގެ ޙުކުމްތައް އޮޅުވާލާ މާތްﷲ ބާވާލެއްވި މަތިވެރި ޝަރިޢާ އެމީހެއްގެ މުށުތެރޭގައި ބޭނުންކުރެވޭ ކުރުމެވެ.


 މިފަދަ ނުބައި ނުލަފާ ވެރިކަމެއް ދިވެހިންގެ ޅަ ސިކުނޑިތަކަށް ޙަޤީގަތެއްގެ ސިފައިގައި ފެނިދާނެތީވެ އެކަން އަބަދުވެސް ޖަހަނީ ކުރިން ދެންނެވި ބައިބައިވެފައިތިބި މީސްތަކުންގެ ބޮލަށެވެ. ނަތިޖާ އަކަށްވެފައިވަނީ ގޮތްދޫނުކުރުމުގެ ސަޤާފަތުގެ އަހުލުވެރިން އެކަމަށް ބަޙުސް ކުރަން ފެށުމުން، ދެން ބުނަނީ ޑިމޮކްރަސީ އަކީ ގިނަބަޔަކު ތާއީދު ކުރާ ކުރުން ކަމުގައެވެ. ޕާޓީ ތަކުގައި ތިބީ ދެފިކުރުގެ މީހުން ކަމުގައި ވުމުގެ ނަތީޖާ އަކަށް ވެފައިވަނީ ދުވަހަކުވެސް ކަމެއްގައި އޮންނަ އިންސާފުވެރި ގޮތަކަށް އެކަންވެގެން ނުދިއުމެވެ.

އޭމުސްލިމުންނޭވެ! ހޭލާކަށްނުވޭތޯއެވެ. ޝައިޠާނާ އެދި ގޮވަނީ ޑިމޮކްރަސީގެ ގޮވުމަށެވެ. އިސްލާމް ދީން ގޮވާލަނީ އެދީނުގެ މަތިވެރި ޝަރީޢަތަށެވެ. ޕާޓީތަކުގެ މަސްތުގައި ޖެހި ބައިބައިވުން އުފެދިފައިވާ އިސްލާމުންނޭވެ! ޑިމޮކްރަސީގެ އުޞޫލު ދޫކޮށް އިސްލާމް ދީނަށް ރުޖޫޢަވާށެވެ! ޑިމޮކްރަސީ ދައްކައިދެނީ މާތްވެގެންވާ އިސްލާމްދީނުގެ ސުންނަތުން އެއްކިބާވެ މާއްދިއްޔަތަށް ތަބާވުމަށެވެ. ޑިމޮކްރަސީ ގެ ހަޤީގަތް ކަމުގައިވާ ވެރިމީހާ އޭނާގެ މުށުތެރޭގައި މުޅި އިސްލާމީ ޝަރީއާ ބޭނުންހާ ގޮތަކަށް ބަދަލުކޮށް ފެންނަ ނުފެންނަ ގޮތުގެ އުޞޫލުން ކަންނިންމާލުން ފުދިގެން ތިބޭ ބަޔެއްކަމުގައި ނުވަމާތޯއެވެ.


أَلَمْ تَرَ‌ إِلَى الَّذِينَ أُوتُوا نَصِيبًا مِّنَ الْكِتَابِ يَشْتَرُ‌ونَ الضَّلَالَةَ وَيُرِ‌يدُونَ أَن تَضِلُّوا السَّبِيلَ ﴿٤٤﴾وَاللَّـهُ أَعْلَمُ بِأَعْدَائِكُمْ ۚ وَكَفَىٰ بِاللَّـهِ وَلِيًّا وَكَفَىٰ بِاللَّـهِ نَصِيرً‌ا ﴿٤٥﴾]سورة النساء] މާނައީ: "ފޮތުގެ ތެރެއިން ބައެއް އެއުރެންނަށް ލިބުނު މީހުން، ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވަމުތޯއެވެ؟ އެއުރެން މަގުފުރެދުން ގަނެތެވެ. އަދި، ތިޔަބައިމީހުން މަގުފުރެދުމަށްވެސް އެއުރެން އެދެތެެވެ. (44)للَّه ތިޔަބައިމީހުންގެ عداوة ތެރިން ދެނެވޮޑިގަތުން ބޮޑެވެ. އަދި، އެހީތެރިޔަކުކަމުގައި اللَّه ފުދެއެވެ. އަދި، نصر ވެރިޔަކު ކަމުގައިވެސް اللَّه ފުދެއެވެ. (45)"

ads

ދާއިރާ:

0 comments:

Post a Comment

 
here it is