Sunday, December 2, 2012

ޤައުމީ ރޫޙު

އެންމެހާ ޙަމްދު ޘަނާއާއި ތަޢުރީފު ޙައްޤުވެގެންވަނީ މުޅި ކާއިނާތާއި އޭގައިވާ އެންމެހާ ތަކެތި ޚަލްޤުކުރައްވަވާ، އުޅެންވީ ނޫޅެންވީ ގޮތުގެ ދުސްތޫރު ބާވާލެއްވެވި ﷲ ތަޢާލާއަށެވެ. ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވެވުން އެދި ދުޢާކުރަނީ އެ ދުސްތޫރު އިންސީންނާއި ޖިންނީންގެ މެދުގައި ތަންފީޛު ކުރުމަށް އަމުރުކުރައްވަވާ އެކަން އުނގަންނާ ދެއްވެވުމަށް ފޮނުއްވެނި މާތް ނަބިއްޔާ މުޙައްމަދުގެފާނަށެވެ. އަދި އެކަލޭގެފާނުގެ ރިސާލަތައް ތަބަޢުވެވަޑައިގެންނެވި އެންމެހާ އާލުންނާއި އަޞްޙާބުން މި ދުޢާގައި ޝާމިލުކުރަމެވެ.

  ތިމާ އުޅެބޮޑުވި ތަން ނުވަތަ ތިމާގެ ވަޠަނަށް ހިތްޖެހުން، ނުވަތަ ލޯބިކުރުމަކީ، ޚިލާފެއް ނެތް ގޮތުގައި އެއްވެސް މައްސަލައެއް ނޫނެވެ. އެހެނީ މުޝްރިކުން ނަބިއްޔާ (صلى الله عليه وسلم) މައްކާއިން ނެރިލެއްވި ހިނދު އެކަލޭގެފާނު (صلى الله عليه وسلم) މައްކާއަށް ނިޞްބަތްކުރައްވާ ޙަދީޘްކުރެއްވިއެވެ. إنك لأحب أرض الله إلي، ولولا أن قومك أخرجوني منك لما خرجت [ތިއީ ﷲގެ ބިންތަކުގެ ތެރެއިން ތިމަންކަލޭގެފާނަށް އެންމެ ލޮބުވެތި ބިމެވެ. ތިބިމުގެ މީސްތަކުން ތިމަންކަލޭގެފާނު ތިބިމުން ނެރެނުލެއްވިނަމަ، ތިމަންކަލޭގެފާނު ނުކުމެވަޑައި ނުގަތީމުހެވެ.] މީގެ ޙަޤީޤީ މާނައަކީ އެއީއެވެ.
 
އެހެނަސް، އަޅުގަނޑުމެންގެ ތެރޭގައި ޤައުމިއްޔަތު ޤަބޫލުކޮށް ފެތުރުމަށް، ވޯޓުއަޅައި އަދި އެއަށްޓަކައި ޖާނާ މާލު ޤުރުބާންކުރުމަށް ހިއްވަރުދޭ މާނައިގައި މިޙަދީޘް ބޭނުންކުރެވޭކަމީ ހިތާމަހުރި ކަމެކެވެ. އެއީ މުސްލިމުންނާއި ކާފަރުންގެ މެދުގައި އެއްވެސް ފަރަޤުކުރުމެއް ނުވާ މާނައިގައެވެ. އެއް ބިމެއްގައި، އެއް ބޯޑަރެއްގެ ދަށުގައި ވެއްޖެނަމަ، ކޮންމެފަދަ މީހަކަށްވިޔަސް އެއްހަމައަކުން ޙައްޤުތައް ލިބުމުގެ މާނައިގައެވެ. އިސްލާމްދީނުގެ ޢަޤީދާގެ ގޮތުން الولاء والبراء (ގުޅުން ބަދަހިކުރުމާއި ބަރީއަ) ވުމުގެ ބަދަލުގައި، ތިމާގެ ވަޠަނާއި ބޯޑަރާއި ސަރަޙައްދައްޓަކައި الولاء والبراء ވުމުގެ މާނައިގައެވެ.

 އަޅުތަކުންގެ ތެރެއިން އެންމެ ޞާލިޙު ތަޤްވާވެރި މުއުމިނުމީހާއާއި ކާފަރުންގެ އެންމެ އަނިޔާވެރި މީހާއަށްވެސް އެއްވަރަކަށް ޙައްޤުތައް ލިބިގެންދާ މާނައިގައެވެ. މުސްލިމުންގެ ދަށުގައި ޖިޒުޔަ ދީގެނ ތިބުމުގެ ބަދަލުގައި، ޔަހޫދީންނާއި ނަޞާރާއިންނަކީ މުސްލިމުންގެ ކަންކަން ހަމައަކަށް އަޅުވާދޭ ވާގިވެރިންކަމުގައި ހަދައިގެން އެމީހުންނަށް އަޅުވެތިވެގެން ތިބުމުގެ މާނައިގައެވެ. ދުނިޔޭގެ އެތަންމިތާނގައި މުސްލިމުންގެ ލޭ އޮހޮރުވަމުން ދިޔަނަމަވެސް، ތިމާގެ ވަޠަނަށް ގެއްލުމެއް ނުދޭހާ ހިނދަކު، ކަނޑި ބަޑިން ﷲގެ މަގުގައި ޖިހާދުކުރުމުން އެއްކިބާވެ ތިބުމުގެ މާނައިގައެވެ.

ޝައިޚް އަބޫ ބަޞީރު (حفظه الله) ވިދާޅުވިއެވެ. [މިމާނައިގައި ވަޠަނުގެ މާނަ ވަރަށް ޢާއްމެވެ. އަދި ގިނަ ބިންތަކުގައި ބޭނުންކުރެވެނީވެސް މިމާނައިގައެވެ. ﷲ ފިޔަވައި އަޅުކަންކުރެވޭ وثن އެއްގެ ގޮތުގައެވެ. (އެބަހީ ކަނޑައިނެގިފައި ހުންނަ އަޅުކަން ރައްދުކުރެވޭ ބުދުފަދަ ތަކެތި ފިޔަވައި އެހެން ތަކެއްޗެވެ. މިސާލަކަށް: ގަސް، ތަރި، ދިދަ، ﷲގެ ޝަރީޢަތާ ޚިލާފަށް ހެދިފައިވާ ޤާނޫނުތައް...) الولاء والبراء ވެވެނީ މިއަށްޓަކައެވެ. އަދި ލޯބިވުމާއި ރުޅިއަންނަނީ މިއަށްޓަކައެވެ. އަދި ޞުލްޙަވެރިވުމާއި ހަނގުރާމަކުރަނީ މިއަށްޓަކައެވެ.

 އަދި ޤައުމިއްޔަތަށް ގޮވާލާ ވަރަށް ގިނަމީހުންގެ ކިބައިން އެނގިފާޅުވެގެންވާ ގޮތުގައި، މި ވަޠަންތަކަށް މިބައިމީހުންވަނީ ޞަރީޚަކޮށް ރުބޫބިއްޔަތުގެ (ރައްބުވަންތަކަމުގެ) ދަރަޖަ ދީފައެވެ. އަދި އެތައް އެތައް އަޅުކަންތަކެއްވަނީ އެއާދިމާއަށް އަނބުރާލާފައެވެ.] (أعمالٌ تُخرِجُ صاحبَها من المِلَّةِ "އެޢަމަލުތައް ކުރުމުން އެކަންކުރާމީހާ މިއްލަތުން ބޭރުވާފަދަ ޢަމަލުތައް" މިފޮތުގެ ޞ. 150- 153 ބައްލަވާ)

މިއަދު ދުނިޔޭގެ އެންމެހާ ކަންކޮޅުތަކަކަށް ބެލިނަމަވެސް، އަޅުގަނޑުމެންނަށް ފެންނަމުންދަނީ މިމަންޒަރެވެ. އެކި ކުލަކުލައިގެ، އެކި ވައްތަރުގެ، އެކި ސޫރަތަކަށް ހެދިފައިވާ ދިދަތަކަކެއްގެ ހިޔަލުގައި، އެތަނެއްގެ މުސްލިމުން ނުވަތަ ކާފަރުން، އެބައެއް އެބައެއްގެ ޤައުމިއްޔަތާއިމެދު ފަޚުރުވެރިވެ އެކަން އާލާކޮށް ދިރިއުޅުމުގެ އެންމެހާ ކަމެއްގައި އެއީ އަޞްލެއްކަމުގައި ނަގައި ދިރުވަމުންދާ މަންޒަރެވެ. އަދި ހަމައެއާއިކު "ޤައުމަށްޓަކައި އަދި އިސްލާމް ދީނަށްޓަކައި" މިފަދައިން ބުނަމުންދާކަމީ ބަޔަކަށް އޮޅިފައި އޮތްކަމެއް ނޫނެވެ. ނަމަވެސް ދުވަހަކުވެސް، ކާފަރުންގެ ތެރެއިން ޤައުމެއް "ޤައުމަށްޓަކައި އަދި ނަޞާރާ ދީނަށްޓަކައި" ނުވަތަ "ޤައުމަށްޓަކައި އަދި ޔަހޫދީ ދީނަށްޓަކައި" އޭ ބުނާ އަޑު އަހަނީ ފަހެ ކާކު ހެއްޔެވެ؟ އެބައިމީހުން ބުނެއުޅެނީ ހަމައެކަނި "ޤައުމަށްޓަކައި" މިފަދައިންނެވެ.

އެހެނަސް، އެބައިމީހުންގެ ހަވާ ނަފްސުތަކުގެ އެދުންތަކުގެ މައްޗަށް އުފައްދާފައިވާ މިހަޑިމުޑުދާރު ރޫޙު، އިސްލާމްދީން ފަދަ ޢަޤީދާގެ ގޮތުން ހަރުދަނާ ދީނަކަށް ވެއްދޭނީ، ކޮންމެވެސް ގޮތަކުން އިސްލާމްދީނާއި މިކަން ގުޅުވައިގެންކަން އެމީހުންނަށް މާރަނގަޅަށްވެސް އެނގެއެވެ. އެގޮތުން އިސްލާމީ ބިންތަކުގައި "ޤައުމަށްޓަކައި އަދި އިސްލާމް ދީނަށްޓަކައި" މި ރޫޙުގައި، އެބައިމީހުން ހަދިޔާކުރި ނިޒާމު އެޤައުމެއްގައި ތަންފީޛުކޮށް، ކާއިނާތުގެ ވެރިއިލާހު އަހަރެމެންނަށް ތަންފީޛުކުރުމަށް އަމުރުކުރެއްވެވި އެއިލާހުގެ ޤާނޫނު މިއަދު މިވަނީ ގޮނޑުދޮށަށް ލައްގާފައިވާ ވަދެއްނެތް ބާ ފައިވާން ކިބައަކަށްވުރެވެސް ދަށު ދަރަޖައިގެ އެއްޗެއްކަމުގައި ހަދާފައެވެ. ކޮންފަދަ ބޮޑު އޮޅުވާލުމެއްތޯއެވެ؟ އިންސާނިއްޔަތަށް މިއަށްވުރެ ނިކަމެތިކަމެއް ވެރިވެދާނެތޯއެވެ؟


މިއަދު މުސްލިމު ކޮންމެ ބިމަކުންވެސް މަސައްކަތްކުރަމުންދަނީ އެބައެއްގެ ތެރޭގައި ޤައުމިއްޔަތުގެ ޖާހިލިއްޔަ ރޫޙު އާލާކޮށް، އޭގެ ދަށުން ޤާއިމްކުރެވިފައިވާ ހުޅަނގުގެ ޝަރީޢަތުގެ ނިޒާމު ދަމަހައްޓާ، ހިމާޔަތްކުރެވޭތޯއެވެ. އެއީ ރަސްކަމެއް، ޑިމޮކްރެސީއެއް ނުވަތަ ޑިކްޓޭޓަރޝިޕެއް ކަމުގައިވީ ނަމަވެސްމެއެވެ. ކޮންމެ ބަޔަކުވެސް ވިސްނަނީ އެބައެއްގެ ޤައުމީ ރޫޙާއި މެދެވެ. އިސްލާމީ އުއްމަތުގެ ރޫޙާއި މެދަކުނޫނެވެ. އިސްލާމީ އުއްމަތުގެ ވަޙްދަތާއި މެދަކުނޫނެވެ. ނަމަވެސް ޤައުމީ ވަޙްދަތާއި އެކުވެރި އެއްބައިވަންތަ އަމަން އޮމާން މުޖުތަމަޢުއެއް ހަމައެކަނި ތިމާގެ ޤައުމުގައި ބިނާކޮށް، އުއްމަތަށް ވާގޮތް ބަލަން އަތްއުރާލައިގެން ތިބުމަށެވެ.

ފަލަޞްޠީން، ޢިރާޤް، އަފްޣާނިސްތާން އަދިވެސް އިސްލާމީ އުއްމަތުގެ މުސްލިމު ކުޑަކުދިންނާއި އަންހެނުން ރޯ ރުއިމަކީ މާކަ މުހިއްމު ކަމެއްކަމުގައި ނުދެކެއެވެ. އެއިން ތަނެއްގައި ޔަހޫދީއަކު ނުވަތަ ޔަހޫދީންގެ އެންމެ ބޮޑު ވާގިވެރިޔާ އެމެރިކާ މުސްލިމުން ޤަތުލުކޮށް ހެދުމަކީ މާކަބޮޑު ކަމެއްކަމުގައި ނުދެކެއެވެ. ނަމަވެސް މީގެތެރެއިން، ފަލަސްޠީނުގައި ޔަހޫދީން ހިންގާ ޖަރީމާތަކަށް އަޑު އުފުލައި، ފައިސާ ޖަމާކުރުމަކީ މި ޤައުމުތަކުން ވަރަށް ކުރާހިއްވާ ކަމެކެވެ. މި ފައިސާ ހަވާލުކުރަނީ ކޮން ބަޔަކާތޯއެވެ؟ 

އެތަނުގެ ހަނގުރާމަވެރި މުޖާހިދުންނަށްތޯއެވެ؟ ނޫނީ އެތަނުގެ ޤައުމީ ރޫޙުން ފުރިގެންވާ ސަރުކާރަށްތޯއެވެ؟ ނޫނީ ޢަރަބިންގެ ތެރޭގައި ޤައުމިއްޔަތުގެ ޖާހިލީ ޢާދަ ދިރުވުމަށްޓަކައި ހަދާފައިވާ ޖަމްޢިއްޔާއެއް ކަމުގައިވާ، ޢަރަބި ޤައުމިއްޔަތުގެ ޙަރަކާތަށްތޯއެވެ؟ ކީއްކުރަންތޯއެވެ! އަނެއްކާވެސް އެތަނުގައި އޮތް ޤައުމިއްޔަތު ދެމެހެއްޓުމަށްޓަކައި އެހީތެރިވުމަށެވެ. އިޒްރޭލު ވަކި ޤައުމެއްގެ ގޮތުގައި އޮވެ، ފަލަސްޠީނު ވަކި ޤައުމެއްގެ ގޮތުގައި ބޭއްވުމަށެވެ. އެއްވެސް ޙާލެއްގައި އިޒްރޭލުގެ ރަޙުމްކުޑަ ޔަހޫދީން އެބިމުން ނެރެލައި، ރަޙުމެއް ޙަމްދަރުދީއެއް ނެތި އެބައެއްގެ ގެދޮރުން ނެރެލެވުނު އަޅުގަނޑުމެންގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚތުންނަށް، އެބިމުގެ އަޞްލު ޙައްޤުވެރީންނަށް އެބިން އަނބުރާ ދިނުމަކަށް ނޫނެވެ. 

އެމީހުން ގެދޮރު ބިނާކޮށް ދިނުމަކަށް ނޫނެވެ. މިބައިމީހުންގެ މިދަޢުވާއަކީ ތެދު ދަޢުވާއެއްނަމަ، އަދި އެބިން މިނިވަންކުރުމަށްޓަކައި ޖާނާއި މާލުން ޤުރުބާނީތައް ދެމުންދާ މުޖާހިދުންނަށް އެކަމުގައި އެހީތެރިވެދޭންނަމަ، އެއިން އެއްވެސް ޢަރަބި ޤައުމަކުން، އަދި މުސްލިމު އެއްވެސް ޤައުމަކުން، ފައިސާ ފޮނުވަން އެހާ ޝައުޤުވެރިކަމެއް ހުންނައިރު، އޭގެއިތުރުން ސިފައިންނާއި ހަތިޔާރު ނުފޮނުވަންވީ ކޮން ސަބަބަކާއިހުރެތޯ ދުވަހަކުވެސް ވިސްނާލެއްވިންތޯއެވެ؟

 ޝައްކެއްވެސް ނެތްގޮތުގައި، އޭގެތެރެއިން އެއް ސަބަބަކީ ހުޅަނގުން މިބައިމީހުންނަށް މަގުދައްކައިދިން ޤައުމިއްޔަތެވެ. ވަޠަނިއްޔަތެވެ. ކިތަންމެ ވަރަކަށް ޚުޠުބާ ތަކުގައި وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعاً وَلا تَفَرَّقُوا [އަދި ﷲގެ ވަލުގައި އެކަތިގަނޑެއްގެ ގޮތުގައި ކަލޭމެން ހިފަހައްޓާށެވެ! އަދި ކަލޭމެން ބައިބައިވެ ނުގަންނާށެވެ!] (آل عمران:103) ﷲގެ މި ވަޙީބަސްފުޅު ތަކުރާރު ކުރިއެއްކަމަކު، މިބަސްފުޅުގެ މާނަ ފަހުމްވާކަމަކަށް ނުވެއެވެ. މިބައިމީހުން މާނަކުރަނީ ހަމައެކަނި ޤައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ. އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަކަށް ނޫނެވެ. ޤައުމުގެ މަޞްލަޙަތު ދެމެހެއްޓުމަށެވެ. އިބްރާހީމް (عليه السلام) މިއްލަތުގެ މަޞްލަޙަތު ދެމެހެއްޓުމަކަށް ނޫނެވެ.

މި ނުބައި ރޫޙު އަޅުގަނޑުމެންގެ މިކުޑަ ދިވެހިރާއްޖޭގައި ފަތުރަން ކުރަމުންދާ މަސައްކަތް މިހާރުވަނީ ވަރަށް ފުޅާ ދާއިރާއަކަށް ފެތުރިފައެވެ. އަދި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ހަނދާންނެތި، އިސްލާމީ ޚިލާފަތަކީ މާ ކުރީގެ ރަސޫލު ޒަމާނުގެ ބޯދާ ޚިޔާލެއްކަމުގައި މިވަނީ ސިކުނޑިތަކަށް ވިސްނުވައިދީފައެވެ. 1924 ވަނަ އަހަރުގެ މާރޗް މަހުގެ 3 ވަނަ ދުވަހު ކަމާލް އަތާތުރުކް، އުޘްމާނީ ޚިލާފަތް ނެތިކޮށްލިކަމުގެ ޙަޤީޤަތް މިވަނީ މިއަދުގެ ޖީލްތަކަށް ވަރަށްބޮޑަށް އޮޅި ހަނދާންނެތިފައެވެ. 

އަދި ބޮޑުވަމުން އަންނަ އަޅުގަނޑުމެންގެ ޅަ ދަރީންނަށް ތަޢުލީމު ދެވެމުންދާ ނިޒާމަކީ މި ޤައުމިއްޔަތު ދިރުވާ އާލާކުރާ ނިޒާމެއްކަމުން، އެކުދިންގެ ސިކުނޑިތައް ދޮވެވި ޙަޤީޤަތާއި ދުރަށް ޖެހެމުންދަނީ ހީވެސް ނުކުރާފަދަ ބާރުމިނެއްގައެވެ.

އެހެންކަމުން، މިއަދު ކޮންމެ މުދައްރިސަކަށްވެސް އަދި ދަރިވަރަކަށްވެސް ވިސްނޭނީ، އަޅުގަނޑުމެންނަކީ އަޅުގަނޑުމެންގެ ޤައުމާމެދު ފަޚުރުވެރިވެ އެޤައުމަށްޓަކައި ޖާނު ޤުރުބާންކުރަން ޖެހިލުންވާފަދަ ބަޔަކަށް ވެގެން ނުވާނެކަމެވެ. އަދި ހަނގުރާމަކުރުމުގެ ޤާބިލުކަން ނެތް މުސްލިމުންތަކެއް، ތަކުރާރުކޮށް އެހީއަށް އެދި ކޮންމެ ތާކުން ގޮވާލިނަމަވެސް، އެކަމަށް އިޖާބަދިނުންވާނީ ތިމާގެ ޤައުމު އެކަމަށް ގޮވާލުމުންކަމެވެ.

 ނުވަތަ އެޤައުމެއްގެ ސަރުކާރުން އެހީއަށްއެދި ގޮވާލުމުންކަމެވެ. ތިމާގެ ސަރުކާރު ނުވަތަ އެބައެއްގެ ސަރުކާރުން އެތަނަކަށް އެހީވުމަށް ދާން ގޮވާނުލާ އެއްވެސް ތަނަކަށް ދިއުމުގައި، ޢަމަލީގޮތުން ބައިވެރިވުމަކީ އޮންނަކަމެއް ނޫންކަމެވެ. އަދި އެފަދައިން ކަންކޮށްފިމީހަކީ ހައްދުފަހަނަ އަޅައިފައިވާ މީހެއްކަމެވެ. ޓެރަރިސްޓެއް ކަމެވެ.

ނަބިއްޔާ (صلى الله عليه وسلم) ދެއްކެވި ނަމޫނާއާއި އެކަލޭގެފާނަށް ތަބަޢުވެވަޑައިގެންނެވި ޞަޙާބީންނާ ޚިލާފު ކޮންފަދަ ނުބައި އަމިއްލައެދުމުން ފުރިގެންވާ ޖާހިލު ވިސްނުމެއްތޯއެވެ؟ ނަބިއްޔާ (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. من قاتل تحت راية عمية يغضب لعصبية أو ينصر عصبية أو يدعوا إلى عصبية فقتل فقتلة جاهلية "...ކަނުމީހުންގެ ޝިޢާރުގެ ދަށުން ހަނގުރާމަކޮށްފިމީހާ، ޢަޞަބިއްޔާއަށްޓަކައި (އެއްބަޔަކު އަނެއްބަޔަކު ދެކެ) ރުޅި އައިސް، ނުވަތަ ޢަޞަބިއްޔާއަށްޓަކައި އެހީތެރިވެދީ، ނުވަތަ ޢަޞަބިއްޔާއަށް ދަޢުވަތުދީ ހުރެ މަރުވެއްޖެމީހާ، މަރުވާހުށީ ޖާހިލިއްޔަތުގެ މަރަކުންނެވެ." (مسلم، صحيح سنن ابن ماجة، شيخ الألباني ޞައްޙަކުރެއްވި)

 އަދިވެސް އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. ليس منا من دعا بدعوى الجاهلية "ޖާހިލިއްޔަތުގެ ދަޢުވަތުން ދަޢުވަތުދޭ މިހާއީ ތިމަންކަލޭގެފާނުގެ (މިއްލަތުގެ) ތެރެއިންވާ މީހެއްނޫނެވެ." (صحيح سنن النسائي:1756) އަދިވެސް އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. من ادعى دعوى الجاهلية فإنه جثا جهنم فقال رجل: يا رسول الله: وإن صلى وصام؟ فقال: وإن صلى وصام، فادعوا بدعوى الله التي سماكم: المسلمين، المؤمنين، عباد الله "ޖާހިލިއްޔަތުގެ ދަޢުވާއިން ދަޢުވާކޮށްފިމީހާއީ، ފަހެ ހަމަކަށަވަރުން އޭނާއީ ނަރަކައިގެ ކަކޫމައްޗަށް ތިރިވުމެކެވެ. (އެބަހީ ނަރަކައިގެ ބައިގަނޑުގެ މީހެކެވެ.)" 

 މީހަކު ސުވާލު ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ! އޭނާ ނަމާދުކޮށް ރޯދަ ހިފިނަމަވެސްތޯއެވެ؟" އެކަލޭގެފާނު (صلى الله عليه وسلم) ޙަދީޘްކުރެއްވިއެވެ. "އޭނާ ނަމާދުކޮށް، ރޯދަ ހިފިނަމަވެސްމެއެވެ. ފަހެ، ކަލޭމެންނަށް ނަންދެއްވިގެންވާ ﷲގެ ދަޢުވަތުން ދަޢުވަތުދޭށެވެ! މުސްލިމުން، މުއުމިނުން، ﷲގެ އަޅުތަކުންނެވެ. (މިފަދައިންނެވެ.)" (صحيح الترغيب والترهيب:553)

ޢިލްމުވެރިން ބަޔާންކުރައްވާފައިވާ ގޮތުގައި، އިސްލާމްދީނުގެ ޙައްޤު ދަޢުވަތު ފިޔަވައި އެހެން ހުރިހާ ދަޢުވާތަކަކީ ޖާހިލިއްޔަ ދަޢުވާތަކެވެ. އަދި ޢަޞަބިއްޔާއަކީ ވަކިބަޔަކަށް ނިސްބަތްވާފަދަ ބައިގަނޑެއް ނުވަތަ ވަކިވެގަތުމުގެ ރޫޙެވެ. ޤައުމިއްޔަތުގެ ރޫޙަކީވެސް ޢަޞަބީ ރޫޙެކެވެ. އެއީ މިއަދުވެސް އިސްލާމީ އުއްމަތް ބައިބައިކުރަމުންދާ އެންމެ މުޑުދާރު ކުނި ރޫޙެވެ. ދެންފަހެ، އެއަށްޓަކައި ޖާނާއި މާލު ޤުރުބާންކުރަން ހުވާކޮށްގެންތިބި މީހުންގެ އާޚިރު ނަތީޖާއަކީ ކޮބައިތޯއެވެ؟ އަދި އެ ދިރުވުމަށްޓަކައި ވޯޓުލައި އެއަށް ސަޕޯޓުކުރަމުންދާ މީހުން ފާފަވެރި ނުވެދާނެގޮތެއް އެބައޮތްތޯއެވެ؟

އަދި އެހެންމެ، ﷲގެ މިފަދަ ސުވާލުތަކަށް އެމީހުން މާދަމާ ޖަވާބުދޭނީ ކޮންފަދައަކުން ހެއްޔެވެ؟ وَمَا لَكُمْ لا تُقَاتِلُونَ فِي سَبِيلِ اللَّهِ وَالْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ الَّذِينَ يَقُولُونَ رَبَّنَا أَخْرِجْنَا مِنْ هَذِهِ الْقَرْيَةِ الظَّالِمِ أَهْلُهَا وَاجْعَل لَنَا مِنْ لَدُنْكَ وَلِيًّا وَاجْعَل لَنَا مِنْ لَدُنْكَ نَصِيرًا 

 [އަދި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދީންގެ ތެރެއިން ނިކަމެތިވެފައިވާ މީހުން، "އޭ އަޅަމެންގެ ވެރިރައްބެވެ! އެތަނެއްގެ އަހުލުވެރިން އަނިޔާވެރިންކަމުގައިވާ މި އަވަށުން އަޅަމެން ނެރެދެއްވާންދޭވެ! އަދި އިބަﷲގެ ޙަޟްރަތުން ވާގިވެރިވާނެ ފަރާތެއް އަޅަމެންނަށް ލައްވަވާންދޭވެ! އަދި އިބަﷲގެ ޙަޟްރަތުން އަހީތެރިވާނެ ފަރާތެއް އަޅަމެންނަށް ލައްވަވާންދޭވެ!" އެމީހުން (މިފަދައިން) ބުނަމުންދާހިނދު، ކަލޭމެން ﷲގެ މަގުގައި ހަނގުރާމަ ނުކުރަނީ ކީއްވެގެން ހެއްޔެވެ؟] (النساء:76)

ads

ދާއިރާ:

0 comments:

Post a Comment

 
here it is