Wednesday, January 2, 2013

އުނގެނޭ އެއްޗަކާއި އެއްގޮތަށް ޢަމަލުކުރުމުގެ މުހިންމުކަން

އުނގެނުމަކީ އިސްލާމްދީނުގައި ވަރަށްބޮޑު އަހައްމިއްޔަތު ކަމެއް ދީފައިވާ ކަމެކެވެ. ނަމަވެސް އުނގެނުމުން ހަމައެކަނި ފުދޭ ހެއްޔެވެ؟ ނުވަތަ އުނގަންނައި ދިނުމުން ފުދޭ ހެއްޔެވެ؟ ޔަޤީނުންވެސް ނުފުދޭނެކަން ކަށަވަރެވެ. އެހެންކަމުން އުނގެނުމާއި އުނގަންނައި ދިނުމާއި އެއްގޮތަށް އުނގެނޭ އެއްޗަކާއި އެއްގޮތަށް އެމީހާގެ ޢަމަލު ބެހެއްޓުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންނަށް އެނގިފައިވާ އެއްޗެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެހެން މީހުންނަށް އުނގަންނައި ނުދެވޭކަމެވެ. މީގައި ދިމާވާ ސަބަބުތައް ވަރަށްގިނަ ކަމުގައި ދަންނަވަން ޖެހެއެވެ. އެއްގޮތަކީ އެންމެ ފުރިހަމަ ގޮތުގައި އެކަން ކުރުމުގެ ފުރުޞަތު ނުލިބުމެވެ. މިޘާލެއްގެ ގޮތުން މީޑިޔާއިން އެކަށީގެންވާ ވަގުތު އެކަމަށް ނުލިބުން ފާހަގަ ކުރެވެއެވެ.

 އެންމެ ކައިރިން މިޘާލެއްގެ ގޮތުން އަޅުގަނޑުމެންގެ މިދިވެހިރާއްޖެއަށް ބަލާލަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ މިދިވެހިރާއްޖޭގައި އުފެދިފައިވާ ރޭޑިޔޯ ޓީވީފަދަ ތަންތަނުން ބޮޑަށް އިސްކަންދީފައިވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށެވެ. އަދި ނެރެވޭ ގިނަ ނޫސް މަޖައްލާތަކުން ބޮޑަށް އިސްކަންދީފައިވަނީ ސިޔާސީ ދާއިރާއަށެވެ.

އުނގެނިފައިވާ އެއްޗެއް އުނގަންނައި ނުދެވޭ އަނެއް ގޮތަކީ އުނގެނިފައިވާ އެއްޗެއް އެންމެ ފުރިހަމަ ގޮތުގައި އުނގަންނައި ދިނުމުގެ މިނިވަންކަން ނެތުމެވެ. ނުވަތަ އުނގަންނައި ދޭން ބޭނުން ނުވުމެވެ. ޚާއްޞަކޮން ދީނީ ޢިލްމުތައް އުނގަންނައި ދިނުމުގައި ވަރަށްބޮޑަށް ފަސްޖެހެވޭކަން ހިތާމަޔާއެކު ފާހަގަ ކޮށްލެވެއެވެ. މިކަން މިގޮތަށްވުމުގެ މައިގަނޑު ސަބަބެއް ކަމުގައި ބެލެވެނީ ދީނުގައި ކަންތައްތައް އަންގައި ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑަށްވުރެ މަދު ބައެއް އަޅުގަނޑުމެންގެ ކިޔަވައިދިނުމުގެ މުޤައްރަރުގައި އެކުލެވުމެވެ. ނަމަވެސް އެމީހަކަށް ލިބިފައިވާ ޢިލްމެއް ފޮރުވައިގެން ތިބުމަކީ އަޅުގަނޑުމެންގެ ދީން ހުއްދަކުރާ ކަމެއްނޫނެވެ.

 ﷲ سبحانه وتعالى ވަޙީ ކުރައްވާފައިވެއެވެ. “إِنَّ الَّذِينَ يَكْتُمُونَ مَا أَنْزَلْنَا مِنَ الْبَيِّنَاتِ وَالْهُدَى مِنْ بَعْدِ مَا بَيَّنَّاهُ لِلنَّاسِ فِي الْكِتَابِ أُولَئِكَ يَلْعَنُهُمُ اللَّهُ وَيَلْعَنُهُمُ اللَّاعِنُونَ” (سورة البقرة 159) މާނައީ “ހަމަކަށަވަރުން ތެދުމަގާއި އާޔަތްތަކާއި ހެކިތަކުގެ ތެރެއިން ތިމަންﷲ ބާވާލެއްވި ތަކެތި މީސްތަކުންނަށް ބަޔާންކޮށްދެއްވައި ފޮތުގައި އެކަން ސާފުކޮށް ދެއްކެވުމަށްފަހު އެކަން ވަންހަނާކޮށް ފޮރުވާ މީހުންނަށް މާތްﷲ ލަޢުނަތް ލައްވާނެތެވެ. އަދި ލަޢުނަތްދޭ މީހުންވެސް އެބައިމީހުންނަށް ލަޢުނަތް ދޭނެތެވެ.”

އެނގިފައިވާ އެއްޗެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެހެން މީހުންނަށް އުނގަންނައި ނުދެވޭ އެންމެ މުޙިންމު ސަބަބަކީ އުނގަންނައިދޭ އެއްޗަކާއި އެއްގޮތަށް އުނގަންނައިދޭ ފަރާތުގެ ޢަމަލުތައް ނުބެހެއްޓުމެވެ. ކިޔެވި ކިޔެވިހެން ވަނީ ކާފަރޭބުނާ ބީދައިންނެވެ. މިވާހަކަ މިދަންނަވަނީ ވަކި އަޅުގަނޑު ނަގާފައެއްނޫނެވެ. ނަމަވެސް ޙަޤީޤަތަށް ބަލައިފިނަމަ މިއީ އަޅުގަނޑުމެންނަށް ދިމާވެފައިވާ ވަރަށްވެސް ބޮޑު މައްސަލައެއްކަން ކަށަވަރެވެ.

 މިޘާލަކަށް، މީސްތަކުންނަށް ނަސޭޙަތްތެރިވެ ހެޔޮބަސް ބުނާ މީހުންނަކީ، ރީތި ނަމޫނާ ދައްކަންޖެހޭ ބަޔެކެވެ. ނަމާދު ކުރުމަށް ނަސޭޙަތްތެރިވާނަމަ، ތިމާއަކީ ފަސްވަގުތު ނަމާދުކުރާ މީހަކަށްވާން ޖެހެއެވެ. ވަގުތަށް ޙުރުމަތްތެރިކޮށް ވާހަކަ ދައްކާއިރު، ތިމާއަކީ ވަގުތަށް ޙުރުމަތްތެރިކޮށް ހިތާ މީހެއްކަމުގައި ވާންޖެހެއެވެ. ހަމައެފަދައިން ތެދުބުނުމާއި، ދުންފަތުގެ ބޭނުން ކުރުމުން ދުރުހެލިވުމާއި، މީހުންނަށް އިޙްސާންތެރިވުމާއި، މަސްއޫލިއްޔަތު އަދާކުރުމާއި، މިފަދަ ކޮންމެ ރަނގަޅު ކަމެއްގައިވެސް، ތިމާ ނަމޫނާއަކަށްވެހުރެ، ކިޔަވައިދޭ ކުދިންނަށާއި، ޢާއިލާގެ މެމްބަރުންނަށާއި އަދި އެކުވެރިންނަށް އެސިފަތަކުން ޒީނަތްތެރިވުމަށް ނަސޭޙަތްތެރިވުމުން، ވަރަށް ފަސޭހައިން އެނަސޭޙަތް ޤަބޫލުކޮށް އެކަމުގެ ހެޔޮ އަސަރު ނަސޭޙަތް ލިބިގަތް މީހުންގެ ކިބައިން ފެންނަން ފަށާނެއެވެ. 

ނަމަވެސް، ތިމާ އެސިފަތަކުން ޒީނަތްތެރިނުވެހުރެ އެހެން މީހުން އެސިފައިން ޒީނަތްތެރިވުމަށް ނަސޭޙަތްތެރިވި ކަމުގައިވިޔަސް، އެއިންކުރާނެ ފައިދާއެއް ނޯންނާނެއެވެ. އަދި ގިނަ ފަހަރަށް އެމީހުން ތިމާއަށް ކުރާނީ މަލާމާތް ނުވަތަ ފުރައްސާރައެވެ. އަދި އެގޮތަށް ނަސޭޙަތްތެރިވުން ކީރިތި ޤުރުއާނުގައިވަނީ މަނާ ކުރައްވާފައެވެ.

 މާތްﷲ ވަޙީކުރައްވާފައިވެއެވެ. “يَا أَيُّهَا الَّذِينَ آَمَنُوا لِمَ تَقُولُونَ مَا لَا تَفْعَلُونَ () كَبُرَ مَقْتًا عِنْدَ اللَّهِ أَنْ تَقُولُوا مَا لَا تَفْعَلُونَ” (سورة الصف 2، 3) މާނައީ “އޭ އީމާންވި މީހުންނޭވެ! ތިޔަބައި މީހުންނުކުރާ ކަންތަކުގެ ވާހަކަ ތިޔަބައި މީހުން ބުނެއުޅެނީ ކީއްވެގެން ހެއްޔެވެ؟ ތިޔަބައި މީހުން ނުކުރާ ކަންތަކުގެ ވާހަކަ ބުނުން ﷲގެ ޙަޟްރަތުގައި ނުރުއްސެވުން ބޮޑުވެގެންވެއެވެ.”

ވީމާ، އުނގަންނައިދޭން ތިބޭ ފަރާތްތަކުންވެސް އެއުނގަންނައިދޭ އެއްޗަކާއި އެއްގޮތަށް ޢަމަލު ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. އެހެނީ އޭރުން އެމީހަކު ވާހުށީ ދެދުނިޔޭގެ ބާއްޖަވެރިންގެ ތެރޭގައި ހިމެނޭ މީހުންގެ ތެރޭގައި ކަންކަށަވަރެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is