Tuesday, March 12, 2013

ރެޑިކަލް ފަންޑަމެންޓަލިސްޓް މުސްލިމުން

ރެޑިކަލް މުސްލިމުންގެ ވާހަކަ އާއި ފަންޑަމެންޓަލިސްޓް މުސްލިމުންގެ ވާހަކައަކީ މިހާރަކަށްއައިސް މާގިނައެއްކޮށް އަޅުގަނޑުމެންގެ ކަންފަތަށް އިވެމުންދާ އަޑުތަކެކެވެ.



 ޚާއްޞަކޮށް ރާއްޖޭގެ ބައެއް މީސްމީހުން ހުޅަނގުގެ ޤައުމުތަކަށްގޮސް އެމީހުންގެ ތާއީދު ހޯދުމަށްޓަކާ ދިވެހިރާއްޖޭގެ މުސްލިމުންނަށް ނިސްބަތްކޮށް ބޭރުގެ ނޫސްތަކަށް ދޭ އިންޓަވިއުތަކުގައި މިހާރަކަށް އައިސް މާ ބާރުލާފައި ބޭނުންކުރާ ބަސްތަކެކެވެ. ހުޅަނގުގެ ޤައުމުތަކުން ނުވަތަ އެމެރިކާފަދަ ޤައުމުތަކުން މި ބަސް މާނަކޮށްފައިވާ ކުރުމަށް ބަލާއިރު މިފަދަ ވާހަކަ ދައްކާ ޢަރަބި ނަން ކިޔާ މީހުންގެ ހަޤިޤީ ނިޔަތާއިމެދު ސުވާލު އުފެދެއެވެ. މިކަން ރަގަޅަށް ދެނެގަތުމަށްޓަކާ މިބަސް ހުޅަނގުން މާނަކުރާގޮތް އެނގުން މުހިންމެވެ.

ތިރީގައި މި ބަޔާންކުރަނީ އެމެރިކާގެ ސަރުކާރުން ފައިސާ ދީގެން ހިންގާ މުއައްސަސާއެއް ކަމަށްވާ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް (ރޭންޑް) ގެ ނެޝަނަލް ސެކިއުރިޓީ ޑިވިޝަން (ޤައުމީ ސަލާމަތާއިބެހޭ ޑިވިޝަން) އިން ފަންޑަމެންޓަލިސްޓް މުސްލިމުން ކަމަށް ބަލާމިންގަޑުތަކެވެ.

1. ޑިމޮކްރެސީއަކީ ރަނގަޅުނޫން އަޤީދާއެއް ކަމުގައި ދެކުން. އަދި އެންމެ މަތީ ފަރާތަކީ އަދި އެންމެހާ ޤާނޫނުތަކެއްގެ ހައްޤުވެރި ފަރާތަކީ ﷲ ކަމުގައި ދެކުން.


2. އިންސާނީ ހައްޤުތަކާއި ފަރުދީ މިނިވަންކަމުގެ ފަލްސަފާ ތަކަކީ މުޖްތަމަޢު ފަސާދަކުރާ ތާކުންތާކު ނުޖެހޭ ފަލްސަފާތަކެއް ކަމުގައި ޤަބޫލުކުރުން. އަދި ހަމަޖެހޭ ރަނގަޅު މުޖްތަމަޢު އެއް ބިނާވާނީ އިސްލާމީ ޝަރީޢާ ތަންފީޒުކޮށްގެން ކަމުގައި ދެކުން


3. އެކަކަށްވުރެ ގިނަ މީހުނާ ކައިވެނި ކުރުމަކީ ހުއްދަ ކަމެއްކަމަށާއި އަދި އެކަމުގައި މައްސަލައެއް ނެތްކަމަށް ދެކުން


4. އިސްލާމްދީނުގައި ކަނޑައަޅާފައިވާ ހައްދުތައް (ހައްދު ޖެހުމާއި، އަތްކެނޑުމާއި، ރަޖަމް ކުރުމަކީ) މީހުން ކުށްތަކުން ދުރުކުރުކޮށް އަދުލު އިންސާފު ޤާއިމުކުރުމަށް އޮތް ގޮތް ކަމުގައިދެކުން.


5. އަންހެނުން އިސްލާމީ ޖިލްބާބު އަޅާ އަތާއި މޫނު ފިޔަވާ މުޅި ހަށިގަނޑު ނިވާކުރުމަކީ ވާޖިބެއްކަމުގައި ދެކުން. އަދި އަންހެނުން މިގޮތަށް ނިވާވުމަށް ހޭލުންތެރިކޮށް ބާރުއެޅުމަކީ މުޖްތަމަޢުގެ ޒިންމާއެއްކަމުގައި ދެކުން. އަދި ފިރިހެނުންވެސް ތުބުޅި ބަހައްޓަން ޖެހޭނެކަމަށް ޤަބޫލުކުރުން.


6. އަނބިންނަށް އަދި ދަރީންނަށް އަދަބު ދިނުމަކީ އިސްލާހު ކުރުމަށް ކުރަންޖެހޭ ކަމެއްކަމުގައި ޤަބޫލުކުރުން.


7. މުޖްތަމަޢުގެ ތެރޭގައި އުޅޭ އެހެންދީންތަކުގެ މީހުނަށް އިޙްތިރާމްކުރުން ނަމަވެސް އެމީހުންގެ ދީންތަކަށް އިސްލާމީ މުޖްތަމަޢެއްގައި ފާޅުގައި އަޅުކަންނުކުރެވޭނެ ކަމަށް ޤަބޫލުކުރުން. އަދި އެފަދަ މީހުންނަށް ވެސް ރަނގަޅުގޮތަކީ އިސްލާމްދީނަށް ވަނުން ކަމުގައި ޤަބޫލު ކުރުން


8. ދުނިޔޭގައި އޮންނަން ޖެހޭނީ އިސްލާމީ ޚިލާފަތެއް ކަމުގައި ޤަބޫލުކުރުން. އަދި މީހުން ނަމާދު ކުރުމަށާއި ތުބުޅި ބެހެއްޓުމަށާއި އިސްލާމްދީނާއި އެއްގޮތަށް ހެދުންއަޅާތޯ ބަލާ އެކަންކަން ތަންފީޒުކުރުމަކީ މިފަދަ ދައުލަތެއްގެ ޒިންމާކަމުގައި ދެކުން. އަދި އެކަމެއްގައި ވަކި ޙުކުމެއް އައިސްފައި ނުވާ ކަންކަމުގައި ދީނުގެ އިލްމުވެރިންގެ ރަޢުޔު އޮންނަންޖެހޭނެ ކަމަށް ޤަބޫލުކުރުން.


9. މުޖުތަމަޢު ގައި އަންހެނުންނާއި ފިރިހެނުންނާއި މަސްހުނިވުމަކީ ރަނގަޅުކަމެއް ނޫންކަމަށް ޤަބޫލުކުރުން. 


10. ޖިހާދު ކުރުމަކީ ހަމައެކަނި އަމިއްލަ ނަފްސުގެ ޖިހާދު ނޫންކަމަށާއި އަދި ޖިހާދު ކުރުމުގެ އެކި ދަރަޖަ ހުންނަކަމަށާއި އަދި ދުނިޔޭގައި އިސްލާމީ ޙިލާފަތެއް ބިނާކުރުމަށް އެކަމަށް ކުޅަދާނަވެގެންވާ މީހުން ޖިހާދު ކުރަންޖެހޭކަމަށް ޤަބޫލުކުރުން


މަތީގައި އެވާ ކަންކަން ތިބާ ޤަބޫލުކުރާނަމަ ތިބާ އަކީ ރެޑިކަލް ފަންޑަމެންޓަލިސްޓް މުސްލިމެކެވެ. މިބަސް މާނަކޮށް އަޅުގަނޑުމެންގެ ނޫސްތަކާއި އެނިހެން މީޑިއާ ތަކުގައި މިފަދަ މުސްލިމުންނަށް ނަންދީފައިވަނީ ހައްދުފަހަނައަޅާފައިވާ މުސްލިމުންކަމުގައެވެ.


 ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ މުސްލިމް އަޚުންނާއި އުޚުތުންނަށް އަޅުގަނޑު ސުވާލުކޮށްލަން ބޭނުންވަނީ މަތީގައި އެވާ ސިފަތަކަކީ އިސްލާމްދީނުގެ ހަމަތަކުން މީހަކު ބޭރުވެ ހައްދުފަހަނަ އަޅާފައިވާކަމަށް ޤަބޫލުކުރަންޖެހޭ ސިފަތަކެއް ހެއްޔެވެ؟

 އިސްލާމްދީނުގެ އަސްލުތައް ޤަބޫލުކުރުން އެއީ ރެޑިކަލް ފަންޑަމެންޓަލިސްޓުން ކަމުގައި ހަރުބީ ކާފަރުން ދެކުނީމައި އެއީ "ހައްދުފަހަނައެޅުން" ކަމުގައި ތިބާމެން ދެކިގެން އެހެން ލިޔަނީ ކީއްވެގެންތޯއެވެ.

ހައްދުފަހަނައަޅާފައިވާ މީހުން އަޅުގަނޑުމެންގެ ތެރޭގައިވެސް އުޅެއެވެ. ކޮންމެ މުޖްތަމަޢުއެއްގައިވެސް އުޅޭނެއެވެ. ނަމަވެސް މަތީގައިވާ ސިފަތައް ހުންނަ މުސްލިމުންނަށް ރެޑިކަލް މުސްލިމުންނޭ އެމީހުން ކިޔުމުން އެއީ "ހައްދުފަހަނަ އެޅުން" ކަމުގައި އަޅުގަޑުމެން މާނަކޮށް އެގޮތަށް އެބަސް ބޭނުންކުރުމުން ހަޤީޤަތުގައި ހައްދުފަހަނައަޅާފައިވާ މީހުނަށް ދެން ކިޔާނީ ކީކޭހެއްޔެވެ. މިކަން ވެގެންދާނީ ހަޤީޤަތުގައި ހައްދުފަހަނައަޅާފައިވާ މީހުން ފަރުދާގެ ފަހަތުގައި ފޮރުވިގެން ތިބެގެން އެމީހުންގެ ކަންތައް ކުރުމަށް ދެވޭ ހިތްވަރަކަށެވެ.

މަތީގައި އެވާ ކަންތައްތަކަކީ، ޢަމަލީ ގޮތުން އެކަންކަން ނުކުރިކަމުގައި ވިޔަސް، މާތްވެންވާ އިސްލާމް ދީނުގައި އެކަންކަން އޮތްގޮތް ކަމުގައި މިޤަމުގެ މުސްލިމުންގެ ތެރެއިން މަދުމީހަކު ފިޔަވާ އެއްވެސް މިހަކު ދެބަސް ނުވާނެ ކަންތަކެވެ.


 އެހެންކަމަށްވާނަމަ މިޤައުމުގެ މެޖޯރިޓީ އަކީ ކާފަރުންގެ ކުރިމަތީގައި ރެޑިކަލް ފަންޑަމެންޓަލިސްޓް މުސްލިމުންނެވެ. ހިތާމަޔަކީ ދިވެހިންނަކީ ރެޑިކަލް ފަންޑަމެންޓަލިސްޓް މުސްލިމުން ކަމުގައި ޤަބޫލުކޮށް ދިވެހި މުސްލިމުންނާ ދިމާއަށް އެހެންގޮވާ (ޢަރަބި މުސްލިމު ނަންކިޔާ) ދިވެހިން އުޅޭކަމެވެ.

ނިންމާލަމުން ދަންނަވާލަން އޮތީ އަޅުގަނޑަކީވެސް ކުރީގައި ދިވެހި ޘަޤާފީ މުސްލިމެކެވެ. ނަމަވެސް މާތްﷲ ގެ ރަޙްމަތުން އިސްލާމްދީނުގެ މަޢުލޫމާތު ހޯދުމަށް ލޯބިޖެހި މިހާރު މަސައްކަތް ކުރަނީ ފުރިހަމަ މުސްލިމަކަށް ވެވޭތޯ އެވެ. ހުޅަނގުގެ ބައެއް ފަރާތްތަކުންނާއި އަދި ބައެއް "ދިވެހި ޘަޤާފީ މުސްލިމުން" މިއަދު އަޅުގަނޑުވެސް ދެކޭނީ ރެޑިކަލް ފަންޑަމެންޓަލިސްޓް މުސްލިމެއް ގޮތުގައެވެ. 


 އަލްއަޚް އަޙްމަދު ޢަލީ

ads

ދާއިރާ:

0 comments:

Post a Comment

 
here it is