Tuesday, March 26, 2013

ތިމާގެ އަޚާގެ ބޭނުންތައް ފުއްދުމަށްޓަކައި މަސައްކަތް ކުރާ މީހުންގެ ދަރަޖަ


ޤިޔާމަތް ދުވަހުން، މީހާއަށް ކުރިމަތިވާ ބިރުވެރިކަމުން، އޭނާ ސަލާމަތްކޮށްދޭނެ އެންމެ ބޮޑު އެއްކަމަކީ، މިދުނިޔެމަތީގައި ދަތިކަމާއި، ނުތަނަވަސްކަން ކުރިމަތިވެފައިވާ މީހުންގެ އެދަތިކަން ފިލުވައި ދިނުމެވެ. 


އެހީތެރިކަމަށް ބޭނުންވެފައިވާ މީހުންނަށް އެހީތެރިވެދިނުމާއި، ދަތިވެފައިވާ މީހުންނަށް ފަސޭހަކޮށްދިނުމާއި، އަދި މީހުންނަށް ކުރެވޭ ކުށްތަކަށް ޢުޒުރުދިނުމުންނެވެ. މުސްލިމްގައި އަބޫ ހުރައިރާ (رضي الله عنه) ރިވާކުރައްވާފައިވެއެވެ. ރަސޫލު ﷲ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ.

”ދުނިޔެމަތީގައި، އުދަނގުލެއް ޖެހިފައިވާ މުއުމިނަކަށް އެހީތެރިވެއްޖެ މީހަކަށް، ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެމީހެއްގެ އުދަނގޫ ފިއްލަވާ ދެއްވާނެއެވެ. އުދަނގުލެއް ޖެހިފައިވާ މީހަކަށް ފަސޭހަކޮށްދީފި މީހަކަށް މިދުނިޔޭގައްޔާއި، ޤިޔާމަތް ދުވަހުން ﷲ ތަޢާލާ އެމީހަކަށް ފަސޭހަކޮށް ދެއްވާނެއެވެ. މިދުނިޔެ މަތީގައި މުސްލިމެއްގެ ކުށެއް ފޮރުވައިދީފި މީހެއްގެ ކުށްތައް މިދުނިޔޭގައްޔާއި ޤިޔާމަތް ދުވަހުން ﷲ ތަޢާލާ، އެމީހަކަށް ފޮރުއްވައި ދެއްވާނެއެވެ. ﷲގެ އަޅާ، އޭނާގެ އަޚާއަށް އެހީތެރިވެދޭހާ ހިނދަކު، ﷲ ތަޢާލާ އެމީހަކަށް އެހީތެރިވެދެއްވާނެއެވެ.“ (މިޝްކާތުލް މަސާބީހް)

ޢަބްދު ﷲ އިބްން ޢުމަރު (رضي الله عنه) ގެ ކިބައިން އިމާމް އަލްބުޚާރީ ރިވާކުރައްވާފައިވެއެވެ. ރަސޫލު ﷲ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ.

 ”އެއް މުސްލިމަކީ އަނެއް މުސްލިމުގެ އަޚެކެވެ. އޭނާ، އޭނާގެ އަޚާއާއި މެދު ދެރަކޮށް ކަންތައްކޮށްގެން ނުވާނެއެވެ. އަދި އޭނާ ނިކަމެތިކޮށްގެން ވެސް ނުވާނެއެވެ. އެމީހެއްގެ އަޚާގެ ބޭނުންތައް ފުއްދައިދީފި މީހަކަށް ﷲ ތަޢާލާ އެމީހެއްގެ ބޭނުން ފުއްދަވައި ދެއްވާނެއެވެ. އަދި އުދަނގުލެއް ޖެހިފައިވާ މުސްލިމަކަށް ފަސޭހަކޮށްދީފި މީހަކަށް އެމީހެއްގެ އުދަނގޫތައް ޤިޔާމަތް ދުވަހުން ﷲ ތަޢާލާ ފަސޭހަކޮށްދެއްވާނެއެވެ.

 މިދުނިޔެ މަތީގައި މުސްލިމެއްގެ ކުށެއް ފޮރުވައިދީފި މީހެއްގެ ކުށްތައް މިދުނިޔޭގައްޔާއި ޤިޔާމަތް ދުވަހުން ﷲ ތަޢާލާ، އެމީހަކަށް ފޮރުއްވައި ދެއްވާނެއެވެ.“ (ބުޚާރީ)

އަލްމުޖާލިސާ ގައި އައްދީނޫރީ ރިވާކުރައްވާފައިވެއެވެ. އަލްޝުއަބްގައި އަލްބައިހަޤީ ރިވާކުރައްވާފައިވެއެވެ. އަދި އަލްމުޚްތާރާގައި އައްދިޔާ، އަނަސް (رضي الله عنه) ގެ ކިބައިން ރިވާކުރެއްވިއެވެ.

 ރަސޫލު ﷲ (صلى الله عليه وسلم) ޙަދީޘް ކުރެއްވިއެވެ. ”ސިއްރިޔާތުގައި އެމީހެއްގެ އަޚާއަށް އެހީތެރިވެއްޖެ މީހަކަށް، (ﷲ ތަޢާލާ އެމީހަކަށް) މިދުނިޔޭގައްޔާއި ޤިޔާމަތް ދުވަހުން އެހީތެރިވެދެއްވާނެއެވެ.“(ސިލްސިލާތުލް އަޙާދީޘް އައްޞަޙީޙާ، 218/3، ޙަދީޘް ނަންބަރު.1217)

ads

ދާއިރާ:

0 comments:

Post a Comment

 
here it is