Sunday, March 24, 2013

ލޯތޮޅުމަކީ ކޮންކަހަލަ ކަމެއްތޯއެވެ؟



ވާތު ލޯ ތޮޅުމަކީ އުފާވެރި ކަމެއް ދިމާވުމުގެ އަލާމާތެއް ނުވަތަ އަންހެން ދަރިޔަކު ލިބެން އުޅޭކަމުގެ ހަބަރެއް ކަމަށް ބައެއް މީހުން ބުނެއެވެ. މިކަމާ މެދު ތިޔަފަރާތުގެ ބަސްފުޅަކީ ކޮބާތޯ؟




ޖަވާބު' އައްސޭހް އާދަމް ޝަމީމް ބިން އިބްރާހީމް
الحمد لله، والصلاة والسلام على رسول الله
أما بعد:
ލޯ ނުވަތަ އެހެންވެސް ގުނަވަނެއް ތޮޅުމަކީ އެއްވެސް ހެޔޮ ނުވަތަ ނުބައި ކަމަކާއި ގުޅުން ހުރި ކަމެއް ނޫނެވެ. އެއީ ބުނެވޭނީ ފިޒިކަލް ކަމެކެވެ. ޠަބީޢީ ކަމެކެވެ. އެކަމުގައި އެއްވެސް މާނައެއް ހުރި ކަމެއް ނޫނެވެ. އަދިކިޔެއް، ހެޔޮ ނުބައި ކަންތައްތައް ވަނީ ﷲ އާއި އެކަލާނގެ ރަސޫލާ ބުނެދެއްވާފައެވެ. އެފަދަ ކަންކަން އިޢުތިޤާދުކޮށް ގަބޫލު ކުރުމަކީ ޖާހިލިއްޔަ ޒަމާނުގައި މުޝްރިކުން ކަންކޮށް އުޅުނު ގޮތެކެވެ. އިސްލާމްދީން އައުމަށް ފަހުގައި އެފަދަ އެއްމެހައި ބޭކާރު ވިސްނުންތައް ބާޠިލު ކުރައްވާފައި ވެއެވެ. އިތުރު އެކަލޭގެފާނުން ހަދީޘް ކުރައްވާފައި ވެއެވެ. (( لَا عَدْوَى وَلَا طِيَرَةَ )) [البخاري އާއި مسلم] މާނައަކީ: “ޢަދުވާ އެއް އަދި ސުންޕައިކަމެއް ނުވެއެވެ.”
ޢަދުވާ އަކީ: ބަލިޖެހުމާއި މެދުގައި މުޝްރިކުން ގަބޫލުކޮށް އުޅުނު ގޮތެކެވެ. އެއީ ބައްޔަކީ ﷲގެ އިޛުނަފުޅާއި ނުލައި އެބަލި އަމިއްލަޔަކަށް އޭގެ ބާރުން މީހުންގެ ގަޔަށް އަރާ އެއްޗެއް ކަމުގައި ހީކުރުމެވެ. އެއީ ޖާހިލިއްޔަތުގައި މުޝްރިކުން ބައްޔާއި މެދުގައި ހީކުރި ގޮތެވެ. އިސްލާމްދީން އެކަން ބާޠިލު ކޮށް، ބައްޔަކީ ﷲގެ އިޛުނަފުޅުން ޖެހޭ އެއްޗެއް ކަމާއި އެއީ އޭގެ ޛާތުގައި އޭގެ ބާރުން މީހުންގަޔަށް އަރާ އެއްޗެއް ނޫންކަމުގައި އަންގަވައި (( لَا عَدْوَى )) ހަދީޘް ކުރެއްވިއެވެ. ހަމަ އެފަދައިން ބައެއް އެއްޗިއްސާއި ވަގުތާއި ދުވަސްތަކުގައި ސުންޕައިކަން އެކުލެވިގެން ވާކަމުގައި އެމީހުން ހީކުރިއެވެ. އިތުރު އެކަލޭގެފާނުން އެކަން ނަފީކުރައްވައި (( وَلَا طِيَرَةَ )) އޭ ހަދީޘް ކުރެއްވިއެވެ.
ވީމައި ކަނާތު ލޯތޮޅުމަކީ ހެޔޮ ކަމެއް ކަމުގައި އަދި ވާތު ލޯ ތޮޅުމަކީ ސުންޕައި ކަމެއް ކަމުގައި ނުވަތަ އެއީ އަންހެން ކުއްޖެއް ލިބެން އުޅޭ ކަމުގެ އަލާމާތެއްކަމުގައި މިފަދަ ހީކުރުންތަކަކީ ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހުން އެއްވެސް ދަލީލެއް އައިސްފައި ނުވާ ކަންކަމެވެ. އެފަދަ ކަންކަން އިޢުތިޤާދުކޮށް ގަބޫލު ކުރުމަކީ ޖާހިލިއްޔަތުގެ ނުބައި އަގީދާ ތަކުގެ ތެރެއިން ވާ ކަންކަމެވެ. އެފަދަ ކަންކަން އިސްލާމްދީނުގައި ވަނީ ގަދައަޅައި ނަހީ ކުރެއްވިގެންނެވެ.

 މާތް ﷲ މުޝްރިކުންގެ އެފަދަ ގަބޫކު ކުރުންތައް ރައްދުކުރައްވައި ވަހީކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ. {{ أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنَ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ…}} الشورى 21. މާނައަކީ: ” މާތް ﷲ އިޛުނަ ނުދެއްވާ ކަންތައްތަކެއް ދީނުގައި ޝަރުޢުކުރުމަށް އެ މުޝްރިކުންނަށް ޝަރީކުން ތަކެއް ވަނީހެއްޔެވެ!؟” ޝައްކެއްނެތް ގޮތުގައި އެކަލާނގެ ފިޔަވައި ޣައިބު ދެނެވޮޑިގަންނަވާ ފަރާތެއް ނުވެއެވެ. އެކަލާނގެ އާއި އެކަލާނގެ ރަސޫލާ މެނުވީ އެހެން ފަރާތަކަށް ޢަޤީދާއާއި ދީނުގެ ކަންކަން ކަނޑައެޅުމުގެ ހުއްދަ ލިބިގެންވާ އެއްވެސް ފަރާތެއް ނުވެއެވެ.
ވީމައި މިސުވާލު ކުރި ފަރާތަށް އަޅުގަނޑުގެ ނަޞޭހަތަކީ: އެފަދަ އެއްވެސް ކަމެއް ގަބޫލު ނުކުރުމެވެ. އެއީ ޝިރުކަށް މަގުދައްކާ ކަންކަމެވެ. އެއީ ޖާހިލިއްޔަތުގެ ކަންކަމެވެ. އެފަ ކަމެއް ގަބޫލު ކުރުމަކީ މުސްލިމަކަށް އެއްވެސް ހާލެއްގައި ޖާއިޒް ކަމެއް ނޫނެވެ.
والله أعلم وصلى الله على محمد وآله وسلم


ads

ދާއިރާ:

0 comments:

Post a Comment

 
here it is