Friday, November 30, 2012

ﷲ ތަޢާލާގެ ނިޢުމަތްތަކަށް އަހަރެން ޝުކުރުވެރިވާނީ ކިހިނެތް؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ޝުކުރުކުރުންވަނީ ތިބާގެ ހިތުންނާއި ދުލުންނާއި ގުނަވަންތަކުންނެވެ.
ފަހެ ހިތުން ނިޢުމަތްތަކަށް ޝުކުރުކުރާނީ އެނިޢުމަތްތައް ޚަލްޤުކުރައްވާ، ދެއްވިފަރާތަށް އެނިޢުމަތްތައް ނިސްބަތްކުރުމުންނެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ﴿وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّـهِ… ﴾ (سورة النحل٥٣) މާނައި: “އަދި ތިޔަބައިމީހުންގެ ކިބައިގައިވާހާ ނިޢުމަތެއްވަނީ ﷲގެ ޙަޟްރަތުންނެވެ…”

އަދި ދުލުން އެނިޢުމަތްތަކަށް ޝުކުރުވެރިވާނީ އެކަންތައްތައް ލިބުމުގެ ތައުފީޤު ދެއްވިފަރާތަށް ގިނައިން ޙަމްދުކުރުމުންނެވެ. ޝުކުރުގެ އެންމެ މުހިއްމު އަދި އެންމެ ފުރަތަމަ (ފިޔަވަޅަކީ) ޙަމްދުކުރުމެވެ. އަދި އެއީ ދޫ ޙަރަކާތްކޮށްގެންކުރެވޭ ކަންކަމުގެ ތެރެއިން އެންމެ މާތް އެއްކަމެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((…وَالْحَمْدُ لِلَّهِ تَمْلأُ الْمِيزَانَ…)) رواه مسلم މާނައީ: “…އަދި (الْحَمْدُ لِلَّهِ) މީޒާން ފުރާލައެވެ….”

އަދި އެނިޢުމަތްތަކަށް ގުނަވަންތަކުން ޝުކުރުކުރާނީ ﷲރުއްސަވާވޮޑިގެންވާ ކަންކަންކުރުމުގައި އެތަކެތިން ވާގިހޯދައިގެންނެވެ. އަދި ﷲ ތަޢާލާ ނުރުހުންވެވޮޑިގެންވާ ފާފަތައްކުރުމުގައި އެތަކެތި ބޭނުންކުރުމުން މަނާވެގެންނެވެ. އެންމެ ބާއްޖަވެރި އަޅުންނަކީ ﷲ ތަޢާލާއާއި، އާޚިރުގެ ގޮވެއްޗަށް ވާޞިލުވުމުގެ ވަސީލަތެއްގެ ގޮތުގައި ނިޢުމަތްތައް ހަދައިފިމީހެކެވެ. އަދި އެންމެ އަބާއްޖަވެރިމީހަކީ ނިޢުމަތްތައް ބޭނުންކޮށްގެން ހަވާނަފްސުގެ އެދުންތަކާއި މަލައްޛާތުތަކަށް ވާޞިލުވިމީހެކެވެ.

އަދި ﷲ ތިބާއަށް ދެއްވި ނިޢުމަތްތަކާމެދު ރުހޭށެވެ. އޭރުން އެންމެ ޝުކުރުވެރި މީހާއަށް ތިބާވާނެއެވެ. އަދި ﷲގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ އަޅުކަންތަކުގެ ތެރެއިން އެންމެ މަތިވެރި އަޅުކަމެއްކަމުގައި ތިބާ ހަނދުމަކުރާހުށިކަމެވެ.
 ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ((الطَّاعِمُ الشَّاكِرُ مِثْلُ الصَّائِمِ الصَّابِرِ)) رواه البخاري މާނައީ: ” ކައިގެން ޝުކުރުވެރިވާ މީހާއީ ރޯދަހިފާ ކެތްތެރިވާ މީހާފަދަ މީހެކެވެ.”
______________________________________
_
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is