Sunday, November 27, 2011

ޢިއްޒަތްތެރި ޑްރާމާ


     ޖަނަވާރުތަކާއި ދޫނިތަކާދެމެދު ބޮޑު ހަނގުރާމަ އެއް ކުރެވުނެވެ. އެއްބައިފަހަރު ޖަނަވާރު ތައް ގަދަ ވެއެވެ. އަނެއްބައިފަހަރަށް ދޫނިތައްގަދަ ވެއެވެ. ޖަނަވާރުތައް ގަދަވާ ކޮންމެފަހަރަކު ވާލަ (ވައު) ޖަނަވާރުންގެ ގާތަށް ދެއެވެ. އަދި ތިމަންނައަކީ ވެސް ކަލޭމެން ކަހަލަ ޖަނަވާރެކޭ ކިޔާ ވާހަކަ ދައްކައެވެ. އަދި ގުރުއާނާ ސުންނަތުގެ އަލީގާ ހުއްޖަތު ދައްކާ ބީދައިން ހުއްޖަތް ތައް ދައްކައެވެ. ތިމަންނަ ވިހަނީ ވެސް ކަލޭމެންފަދައިން ބަނޑުއަޅައިގެން ކަމަށް ބުނެއެވެ. އަދި ކަލޭމެން ފަދައިން ދަރިފުޅު ބޮޑުކުރަނީ ގާތުން ކިރުދީގެން ކަމަށް ބުނެއެވެ. މިކަން މިގޮތަށް ދެމިއޮންނަނީ ދޫނިތައް މޮޅުވުމާ ހަމައަށެވެ. ދޫނިތައް މޮޅުވާއިރަށް ވާލަ އެނބުރި ދޫނިތައް ގާތަށް ދެއެވެ. އަދި ތިމަންނައަކީ ދޫންޏެއް ކަމަށް ބުނެއެވެ. މިކަމަށްޓަކާ ވެސް ސާބިތު ހެކި ދައްކައެވެ. އުދުހޭ ޖަނަވާރެއްގެ ނަން ނިކަން ބުނެބަލާށެވެ؟ ވާލަ ބުނެއެވެ. އަހަރެންނަކީ ކަލޭމެންގެ އިހުސާސްތައް މޮޅަށް ދަންނަ ހަމަ ކަލޭމެންފަދަ ދޫންޏެކެވެ. މިވާހަކަ ތައް ހަމަ ހުރިހާ ދޫނިތަކަށްވެސް ފަސޭހައިން ގަބޫލުކުރެވެއެވެ.
    ޖަންގަލީގެ ދަރުބާރަށް ވާލަ ހާޒިރުވި ވާހަކަ ޔާ ހިސާބުން މިވާހަކަ ބާއްވާނީއެވެ.  ރައްޔިތުންގެ މަޖިލީހަށް ޕިއްލޭ ހާޒިރު ވިއެވެ. އަދި އެ މަޖިލީހުގައި އިއްޒަތްތެރި މެމްބަރުންނާ މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ. އިސްލާމް ދީނަށް ޕިއްލޭ ގާއުކިއެވެ. އިއްޒަތްތެރި މެންބަރުން މަޑުމައިތިރި ކަމާ ކިޔަމަންތެރިކަމާއެކު ތިބިތަން ޓީވީ ތަކުން ދުށީމެވެ. ޕިއްލޭގެ ވާހަކަ ނިމުމުން ތަރުހީބުދީ ސަލާން ގަލާން ކޮށް އުޅުނު ތަން ދުށީމެވެ. ބުނާ ކަހަލަ އެވެ. އަހަރުމެންނަކީ ވެސް ހަމަ ޕިއްލޭ ކަހަލަ ބަޔަކީމުއެވެ. ބައްދަލުވުން ނިމިއްޖެއެވެ. ރާއްޖޭގެ ގާނޫނު އަސާސީ ޕިއްލޭ އަކަށް ކަމަކު ނުދިޔައެވެ. އިސްލާމްދީނެއް ކަމަކު ނުދިޔައެވެ. މައްސަލައެއް ނެތްތާއެވެ. މެމްބަރުން ތިބީ ޕިއްލޭ އާ އެކީގައެވެ.
    މި މަންޒަރުތައް ޓީވީން ދައްކަން ފެށުމުން މުސްލިމުން ގެ ލޭ ކައްކުވައިލިއެވެ. އެތައް މަދަނީ ޖަމިއްޔާ ތަކުން ޕިއްލޭ އާ ދެކޮޅަށް ނުކުތެވެ. ދީނުގެ ދިފާޢު ގައެވެ. ޕިއްލޭގެ ވާހަކަ ހަރުކަށި އިބާރާތުން ކުއްވެރިކުރިއެވެ. ޕިއްލޭ ރާއްޖެ އިން ފޮނުވާލުމަށް ގޮވާލެވުނެވެ. މި ގޮވާލުމަށް ތާއީދު ކުރާ ރައްޔިތުންގެ އަދަދު އިންތިހާ އަށް އިތުރުވެގެންދިޔައެވެ. ދީނުގެ ދިފާޢުގައި އެތައްހާސް ބަޔަކު ނިކުމެއްޖެއެވެ. އެންމެ ފަހުން ނަސްރު ލިބޭނީ އިސްލާމްދީނަށެވެ. ދެން އިވިގެން ދިޔައީ އަޅުގަނޑުމެން މިތިބީ ރައްޔިތުންނާ އެކީގައޭ، އިއްޒަތްތެރި މެމްބަރުން ބުނެލިއަޑެވެ. ރައްޔިތުންގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގިގެންވަނީ ތިމަންނަމެންނަށޭ ބުނި އަޑެވެ. އެންމެ ހަރުކަށި އެބާރާތުން ޕިއްލޭގެ ވާހަކަ ކުއްވެރިކޮށް މީޑިޔާ ގައި ޢިއްޒަތްތެރި މެންބަރުން އެވާހަކަ ދައްކަން ފެށިއެވެ. މަދަނީ އިއްތިހާދުގެ ތެރެއަށް އެބޭފުޅުންނާ އެބޭފުޅުން ނިސްބަތްވާ ޕާރޓީގެ ނަންތައް އިތުރުވެގެން ދިޔައެވެ. ދިވެހި ރައްޔިތުން ގަދަވީތީއެވެ. އިތްޒަތްތެރި ޑްރާމާގެ ފުރަތަމަ އެޕިސޯޑް ނިމުނީއެވެ.  ދެން ވާގޮތް ބަލަން ތިބޭށެވެ. (އާދަމް އަފްޞަލް. އއ ތޮއްޑޫ)
.

ads

ދާއިރާ:

0 comments:

Post a Comment

 
here it is