Sunday, June 17, 2012

ބަރަކާތް

މީހުން ބުނާ އަޑު އިވެއެވެ. މުދަލުގައި "ބަރަކާތެއް" ނެތެވެ. ކުރާ މަސައްކަތުގައި "ބަރަކާތެއް" ނެތެވެ. ހޭދަކުރެވޭ ވަގުތުގައި "ބަރަކާތްތެރި" ކަމެއްނެތެވެ. ބަރަކާތަކީ މިޒަމާނުގައި ހޯދައި ނުފެނިފައިވާ ޚަޒާނާއެއް ފަދަ އެއްޗެކެވެ. އަޅުގަނޑުމެން މިކިޔާ "ބަރަކާތް" ޙާޞިލްކުރާނީ ކިހިނެއްތޯ އެނގުމުގެ ކުރިން "ބަރަކާތަކީ" ކޮބައިތޯ ބަލައިލަމާ ހިނގާށެވެ.
ޢިލްމުވެރިޔަކު ވިދާޅުވެފައި ވެއެވެ.


ބަރަކާތަކީ އިލާހީ ރުއްސެވުން އެއްޗެއްގައި ލެއްވުމެވެ. އެއްޗެއްގެ މަދު މިންވަރެއްގައި ބަރަކާތް ހިމެނިއްޖެނަމަ އެއެއްޗެއް އިތުރު ވެދެއެވެ. އަދި އެއްޗެއްގެ ގިނަ މިންވަރެއްގައި ހިމެނިއްޖެނަމަ އޭގެއިން މަންފާ ކުރެއެވެ. އަދި ހުރިހާ ކަމެއްގައި ބަރަކާތް ހިމެނޭނަމަ ލިބޭނެ އެންމެ ބޮޑު މޭވާއަކީ ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާ ކުރުމުގައި އެބަރަކާތުގެ ބޭނުން ހިފުމެވެ.


ބަރަކާތް ޙާޞިލްކުރެވޭނީ އެއީ، ގެއްލިފައިވާ ޚަޒާނާއެއް ކަމަށް ނުދެކި އެކަން ޙާޞިލްކުރުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރި މީހަކަށެވެ. މިލިޔުމުގައި މިވަނީ ބަރަކާތް ޙާޞިލް ކުރެވިދާނެ ބައެއް ގޮތްތަކެވެ.


1. ރަނގަޅު ހެޔޮ ނިޔަތެއް އޮތުން

ކުރާ ކަމެއްގައި ބަރަކާތް ލައްވާނީ އެކަމަކީ ﷲ ތަޢާލާގެ ރުއްސެވުން އެދިގެން ކުރާ ކަމެއް ކަމުގައި ވާނަމައެވެ. ސަބަބަކީ ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ. ނިޔަތް ފާސިދުވެއްޖިއްޔާ ޢަމަލު ފާސިދުވާނެ ކަމީ ދެބަސްވެވޭނޭ ކަމެއް ނޫނެވެ.


2. ﷲ އަށް އީމާންވުމާއި ހެޔޮ ޢަމަލުކުރުން
ބަރަކާތަކީ ﷲ ތަޢާލާ ކަމެއްގައި ލައްވާ ރުއްސެވުމަކަށް ވީހިނދު އެކަން ލިބިގަނެވޭނީ އެކަލާނގެއަށް ޙައްޤު ގޮތުގައި އީމާންވެ ގިނަގިނައިން ހެޔޮ ޢަމަލުކުރުމުންނެވެ.


" وَلَوْ أَنَّ أَهْلَ الْقُرَىٰ آمَنُوا وَاتَّقَوْا لَفَتَحْنَا عَلَيْهِم بَرَكَاتٍ مِّنَ السَّمَاءِ وَالْأَرْضِ"
"ރަށްތަކުގެ އަހުލުވެރިން، އީމާންވެ ތަޤްވާވެރި ވީނަމަ، ހަމަކަށަވަރުން، އުޑުންނާއި، ބިމުން، ތިމަންރަސްކަލާނގެ
އެއުރެންގެ މައްޗަށް ބަރަކާތުގެ މަގުތައް ހުޅުއްވައިދެއްވީމެވެ." (سورة الأعراف : 96)

" وَمَن يَتَّقِ اللَّهَ يَجْعَل لَّهُ مَخْرَجًا ﴿٢﴾ وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ"
"އަދި ﷲ އަށް ތަޤްވާވެރިވިމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ.
އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާއަށް ރިޒްޤު ދެއްވާނެތެވެ." (سورة الطلاق : 2,3)


3. ﷲ އަށް ވަކީލުކުރުން
ﷲ އަށް ވަކީލުކުރުމަކީ ކަންކަމުގައި ފަލާޙާއި ކާމިޔާބު ދެއްވަނީ ﷲ ތަޢާލާކަން ޤަބޫލުކޮށް ކުރެވުނު އެންމެ ރަނގަޅަކަށް އެކަން ކުރުމާއެކު ﷲ ތަޢާލާއަށް އެކަމެއް ދޫކޮށްލުމެވެ.
"وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا"
"އަދި ﷲ އަށް ވަކީލުކުރާ މީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން ﷲ އީ އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައެވެ." (سورة الطلاق : 3)


عمر بن الخطاب ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު ﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. (( لو أنكم توكّلون على الله حق توكّله لرزقكم كما يرزق الطير, تغدو خماصا و طرحوه بطانا )) "ތިޔަބައިމީހުން ﷲއަށް ޙައްޤު ގޮތުގައި ވަކީލުކޮށްފިނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ، ދޫނިތަކަށް ރިޒްޤު ދެއްވާ ފަދައިން ރިޒްޤު ދެއްވާހުށީހެވެ. އެތަކެތި ހާ ބަނޑާ ހެނދުނު (ކާ ތަކެތި) ހޯދުމަށް ނުކުމެއެވެ. އަދި ބަނޑު ފުރާ މުއްތި ކޮށްގެން މެންދުރު އަނބުރާ އާދެއެވެ." (رواه الإمام أحمد والترمذي والنسائي وابن ماجه والحاكم) 

4. ޤުރުއާން ކިޔެވުން
ޝައްކެއްނެތް ގޮތުގައި ޤުރުއާނަކީ ބަރަކާތުގެ "އާރެކެވެ". ނަމަވެސް މި "އާރުން" ފެން ބޯ ބަޔަކީ އަޅުގަނޑުމެންގެ ތެރެއިން މަދު ބަޔަކެވެ.
" وَهَٰذَا كِتَابٌ أَنزَلْنَاهُ مُبَارَكٌ مُّصَدِّقُ الَّذِي بَيْنَ يَدَيْهِ"
"މި ޤުރުއާނަކީ ތިމަންރަސްކަލާނގެ ބާވައިލެއްވި ފޮތެކެވެ. ބަރަކާތްތެރި ފޮތެކެވެ. ކުރީގެ ފޮތްތައް ތެދުކުރާ ފޮތެކެވެ."
(سورة الأنعام : 92) 


އެހެންކަމުން އަޅުގަނޑުމެން ވީހާވެސް ގިނައިން ޤުރުއާން ކިޔެވުން އިތުރުކުރަންވީއެވެ. އޭގެ ސަބަބުން ދިރިއުޅުމުގެ ޙަޔާތަށް ލިބިގެންދާނެ ބަރަކާތްތައް އިސާހިތަކު ފެނިގެންދާނެއެވެ.

5. ގިނަގިނައިން ﷲ އަށް ޙަމްދުކުރުން
އިންސާނާއަށް ލިބޭ ނިޢުމަތްތަކަކީ ﷲ ތަޢާލާ ދެއްވާ ނިޢުމަތްތަކެކެވެ. ވީމާ އެ ނިޢުމަތްތަށް ދެއްވި ފަރާތަށް ޙަމްދުކޮށް ޝުކުރުވެރިވުމަކީ އެނިޢުމަތްތަކުގައި ބަރަކާތް ލައްވާ އިތުރުކޮށްދެއްވާ ކަމެކެވެ. ހަމަ އެގޮތަށް ނިޢުމަތްތައް ހަނދުމަ ނައްތާލައި އެނިޢުމަތްތަކަށް ފުރަގަސްދީފިނަމަ، އެކަންކަމުގެ ބަރަކާތް ގެއްލި ނިޢުމަތްތައް އަތުން ބީވެގެން ދިޔުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.

" وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ "
"އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. (سورة إبراهيم : 7)


މިބަޔާންކުރެވުނު ކަންތައްތަކުގެ އިތުރުން ގިނަގިނައިން ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމާއި ނަމާދުކުރުމާއި ގާތްތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމާއި ޞަދަޤާތްކުރުމާއި ގިނަގިނައިން ދުޢާކުރުމަކީ ދުނިޔަވީ އަދި އުޚްރަވީ ޙަޔާތުގެ ބަރަކާތް ޙާސިލްކުރުމުގެ މަގު ފަހިވެގެން ދާނެ ކަންކަމެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is