Saturday, June 9, 2012

އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ދަޢުވަތުގެ ކުރިން އަރަބިކަރަ

ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޢަބްދުލްވައްހާބު ބިން ސުލައިމާން ބިން ޢަލީ އައްތަމީމީ އަލްޙަންބަލީ (ރަޙިމަހުﷲ) އަކީ ފަހުގެ ޤަރުނުގައި އިސްލާމީ އުންމަތުން ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް މުޞްލިޙެވެ. އިމާމެކެވެ. މުޖައްދިދެކެވެ. އުފަންވެ ވަޑައިގެންނެވީ ނަޖިދު ކަރައިގެ ( މިހާރުގެ ސަޢޫދީ ޢަރަބިޔާގެ ބައެއް ) އަލްޢުޔައިނާގައި ހިޖުރައިން އެއްހާސް އެއްސަތޭކަ ފަނަރަވަނަ އަހަރުގައެވެ.


 އުމުރުފުޅުން ދިހަ އަހަރުފުޅުގައި ޤުރްއާން ހިތްޕުޅުން ދަސްކުރައްވައި ޢިލްމު ޙާޞިލްކުރެއްވުމަށް ފެއްޓެވިއެވެ. މިގޮތުން އެންމެ ފުރަތަމަ ތަޢްލީމު ޙާޞިލްކުރެއްވީ އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުންނެވެ.  އެއަށް ފަހު ޢިރާޤުގެ ބަޞްރާއާއި އަދި މައްކާ، މަދީނާއި، އަލްއަޙްސާއު މި ރަށްތަކަށް ވަޑައިގެން ޢިލްމު ޙާޞިލްކުރެއްވުމަށް ފަހު އެނބުރި ނަޖިދު ކަރައަށް ވަޑައިގެން އިސްލާމްދީނަށް ދަޢުވަތު ދެއްވަން ފެއްޓެވިއެވެ.

 އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބުގެ ކުރިން ޢަރަބިކަރަ އޮތް ގޮތް ބަޔާންކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ދެކެމެވެ. އެކަލޭގެފާނު އިސްލާމީ ދަޢުވަތުގެ އަޑު އުފުއްލަވަން ފެއްޓެވުމުގެ ކުރީން ޢަރަބި ކަރައިގައި އޮތީ ބިދުޢަތަކާއި ޚުރާފާތްތައް އިންތިހާ އަށް ފެތުރިފައެވެ. 
އަނިޔާވެރިކަމާއި ޖަހާލަތު އޮތީ ޤަލަމުން ބަޔާންކުރެވޭ ވަރަށް ވުރެ ބޮޑަށް ފެތުރިފައެވެ. ބާރު ގަދަ މީހުން ނިކަމެތީންގެ މައްޗައް ގަދަވެގެންފައެވެ. އިސްލާމީ ޝަރީޢަތައް ޙުކުމްކުރުމެއް ނެތެވެ. މައްކާއާއި މަދީނާގައި ވެސް ވަނީ ބިދުޢަތައް ފެތުރިފައެވެ.

    މީސްތަކުން ކީރިތި ރަސޫލާގެ ގަބުރުފުޅުގެ ކައިރިއަށް އެއްވެ ޝިރުކުގެ ޢަމަލުތައް ހިންގަމުން ދެއެވެ. ރަމަލު ޖަހާމީހުންނާއި ސިޙުރުވެރީންގެ އަވައިގައި ޖެހި ގިނަ މުސްލިމުންތައް ވަނީ ސުންނަތުން އެކަހެރިވެފައެވެ. ޖިންނި ޝައިޠާނުންނަށް އަޅުކަންކުރުމާއި ވަލީވެރިންނަށް ނަދުރުބުނުމާއި ﷲ ނޫން ފަރާތްތަކަށް ޤުރްބާންކޮށް ކަތިލުމާއި މިފަދަ އެތައް ޙަރާމްކަމެއް ވަނީ ފެތުރިފައެވެ. 

އަދި ހަމަ އެއާއެކު އިންސާނުންނަށް އެކަންޏެއްނޫނެވެ! ގަސްހަގާ ގެއްސަށް ވެސް އަޅުކަންކުރަމުން ދެއެވެ. އެތަކެއްޗާއި ﷲ އާ އެއްފަދަ ކުރަމުން ގޮސްފައިވެއެވެ. ޖިއްދާގައި ހުންނަ މާ ވަރުގަދަ ކަދުރު ރުކެއްގެ ވާހަކަ އަކީ އެއިރު ވަރަށް މަޝްހޫރު ވާހަކައެއްކަމަށް ބުނެވެއެވެ. އެމީހުންނަށް ޤަބޫލުކުރެވޭ ގޮތުން އެ ރުކަކީ ވަލީވެރިކަން ހިފާފައިވާ ރުކެކެވެ.

 އެކި ތަންތަނުން މީހުން އައިސް އެރުކުން ބަރަކާތް ހޯދައި އުޅުނެވެ. އިންނާނެ މީހަކު ނުވެފައި ތިބޭ އަންހެނުންނާއި ދަރިން ނުލިބޭ އަންހެނުން މި ރުކުގެ ކާރިއަށް ގޮސް ބަރަހަނާވެ، އޮރިޔާން ޙާލުގައި މިރުކުގަ ބައްދަބައްދާފައި ބުނެ އުޅޭ ކަމަށް ވެއެވެ. " އޭ ރުށްތަކުގެ ވެރި ރުކާއެވެ! އަހަރު ވުމުގެ ކުރީން ދަރިއެއް ދެއްވައިފާނދޭވެ! " ފިރި އަކަށް ބޭނުންވާ މީހާ " އޭ ރުށްތަކުގެ ވެރި ރުކާއެވެ! އަހަރު ވުމުގެ ކުރީން ފިރިއެއް ދެއްވައިފާނދޭވެ! " ހިނިއަންނަ ޒާތުގެ މި ފަދަ ޙާލަތަކަށް ޢަރަބި ކަރައިގެ ކަންތައް ގޮސްފައިވެއެވެ. 

ދީނުގެ އުޞޫލުތަކާއި ތައުޙީދުވީ މުޅީންހެންމެ އިންދިރާސްވެފައެވެ. މަދު ޢިލްމުވެރިޔަކަށް މެނުވީ އިސްލާމްދީނަށްޓަކައި މަސައްކަތްކުރުމުގެ ފުރްޞަތު ލިބިފައިނެތެވެ. 


ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

ads

ދާއިރާ:

0 comments:

Post a Comment

 
here it is