Monday, June 4, 2012

ލާދީނީ ސަރުކާރަކަށް ފަހު ދީނީ ސަރުކާރެއްބާ؟

ނިމިދިޔަ ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް ބުނެ، އެސަރުކާރު ބަދަލުކުރުމުގައި މަދަނީ އިއްތިހާދުގެ ތެރެއިން އެންމެ އިސްކޮށް މަސައްކަތްކުރި އެއް ޕާޓީ އަކީ އަދާލަތުޕާޓީއެވެ. ނަޝީދު ގެ ސަރުކާރަކީ އިސްލާމުދީނަށް ފުރައްސާރަކުރާ ސަރުކާރެއްކަމަށް ބުނެ، ދީނަށް ނަސްރު ދިނުމަށްޓަކައި އަދާލަތުޕާޓީގެ ޝެއިހުން ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިއެވެ. ސުވާލަކީ އެމްޑީޕީގެ ވެރިކަން ބަދަލުވުމަށްފަހު އަދާލަތު ޕާޓީން އެދޭ (ނުވަތަ ހިތްހަމަޖެހޭ) ފެންވަރުގެ ބަދަލުތަކެއް ދީނީ ކަންކަމަށް އައިސްފި ބާއެވެ؟

ކުޑަ މިސާލެއް ނަގަމާ ހިންގަވާށެވެ. ޓެލެވިޒަން މޯލްޑިވްސްއިން ސްކޫލްކުދިންގެ ލަވަ މުބާރާތް ބޭއްވުމަށް އިއުލާނުކުރުމުން އަދާލަތު ޕާޓީން ވަނީ މިސްޓޭޝަނަށް ސިޓީއެއް ފޮނުވާފައެވެ. މިއުޒިކަކީ އިސްލާމު ދީނުގައި ހަރާމް އެއްޗަކަށް ވުމުން ކިޔަވާ ކުދިންނަށް އެކަން ތައާރަފްކޮށްދިނުމަކީ ދީނުގައި މަނާ ކަމަކަށް ހިތްވަރުދިނުންކަމަށް އަދާލަތުން ބުނެއެވެ. އަދި އެފަދަ ލަވަމުބާރާތްތައް ނުބޭއްވުމަށް އަދާލަތުން ގޮވާލާފައިވެއެވެ.


މިކަމުގައި އާސަރުކާރުން ބުނާނީ ކީކޭބާއެވެ؟ ޓީވީމޯލްޑިވްސް އަކީ މުސްތަޤިއްލު މުއައްސަސާއެއްކަމަށާއި ސަރުކާރަށް އެތަނުގެ މައްޗަށް ބަސްނުހިންގޭނެ ކަމަށް ބުނެ ޒިންމާއިން ބަރީއަ ވާނީ ބާއެވެ؟ އެހެންކަމަށް ވެއްޖެނަމަ އަދާލަތުޕާޓީން ދެކޭނީ ސަރުކާރުން އެމީހުންގެ ބަސް ޤަބޫލުނުކުރީ ކަމަށް ބާއެވެ؟


މާލޭގައި ހަށި ވިއްކާ މަސާޖް ޕާލާތައް ހިންގާކަމަށް ބުނެ އެތަންތަން ބަންދުކުރުމަށް، ނަޝީދުގެ ސަރުކާރަށް އެންމެ ބާރަށް ގޮވާލީ އަދާލަތު ޕާޓީންނެވެ. އަދާލަތުން ބައިވެރިވާ އާ ސަރުކާރު ވެރިކަމަށް އައިފަހުން މިފަދަ ދެތިން ތަނެއް ބަންދުކޮށްފައިވެއެވެ. ނަމަވެސް އެމްޑީޕީ ގެ ވެރިކަމުގައި އަދާލަތުޕާޓީން ބުނެފައިވަނީ މާލޭގައި މިސްކިތްތަކުގެ އަދަދަށްވުރެން ގިނައިން މަސާޖްޕާލާތައް ހުރިކަމަށެވެ! އެހެން ކަމަށް ވާނަމަ އެވިދާޅުވި މަސާޖް ޕާލާތައް ބަންދު ކުރުން މިހާރުވެސް މާލަސްވެއްޖެނޫންތޯއެވެ. ތައިލެންޑްގެ "ބޯކޮށާ" އަންހެން ކުދިންތައް އަދިވެސް މާލެ ތެރޭގައި ވަރަށްގިނައެވެ. އެފާޑުގެ "ސެލޫން" ތައްވެސް އެހާމެ ގިނައެވެ. މިފަދަ ހަށިވިއްކާ އަންހެނުންގެ އަވާގައިޖެހި، އަތްމަތިހުސްވެ، އާއިލާ ރޫޅޭ ދިވެހި ފިރިހެނުންވެސް މަދެއްނޫނެވެ. އެހެންކަމުން މިހާރަށް ވުރެވެސް ފުޅާދާއިރާއެއްގައި މަސައްކަތް ކޮށް، ސިއްރު ފުލުހުންގެ އެހީ އާއި އެކުގައި މެނުވީ ރާއްޖެއިން މިފަދަ ހަށިވިއްކާ "ސެލޫން" ތައް ނައްތާލެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.


ދެން އޮތީ، މީހުން އުޅޭ ރަށްރަށުގައި ރާވިއްކުމުގެ މައްސަލައެވެ. މީހުން އުޅޭ ރަށްރަށުގެ ބައެއް ސަރަހައްދުތައް އެއީ ފަޅު ރަށްރަށް ކަމުގައި ރައީސްގެ ޤަރާރަކުން ކަނޑައެޅުމަށްފަހު އެފަދަ ތަންތަނުގައި ސިޓީ ހޮޓާ އަޅައިގެން، ރާވިއްކުމުގެ ހުއްދަ ދިނުމަށް ނަޝީދުގެ ސަރުކާރުން އޮތީ ނިންމާފައެވެ. މިސަރުކާރުން އެކަން އެގޮތަށް ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އެކަމަށް ކުރެވުނު މަސައްކަތަކީ ކޮބައި ހެއްޔެވެ؟


ހަމަ އެފަދައިން، މީހުން އުޅޭ ރަށްރަށާއި ފާލަމަކުން ގުޅާލެވިފައިވާ ރަށްރަށުގައި ހިންގާ ސިޓީ ހޮޓެލް ތަކުގައި ރާ ވިއްކުމަކީ ވެސް ދިވެހިންނަށް ރާ ގަންނަން ލިބުން ފަހިވެގެންދާ ކަމެއްކަމަށް ފެނެއެވެ. މިސާލަކަށް އައްޑުއަތޮޅު ގަމުގައި ހިންގާ ސިޓީ ހޮޓަލުގައި ރާ ވިއްކުމަކީ އައްޑުއަތޮޅު ހިތަދޫގައި ވިއްކުންފަދަ ކަމެކެވެ. ގަމާއި ހިތަދޫ ވަނީ ފާލަމަކުން ގުޅާލެވިފައެވެ. އެއީ ހަމަ އެއް ރަށެއް ފަދައެވެ. އެހެން ކަމުން މީހުން އުޅޭ ރަށްރަށާއި، އެއްފަސް ވެފައިވާ ރަށްރަށުގައި ހިންގާ ހޮޓެލް ތަކުގައި ރާ ވިއްކުން މިހާރުން މިހާރަށް ހުއްޓާލުމަށް އަދާލަތުޕާޓީން ގޮވާލާނެބާއެވެ؟


ދެން އޮތީ އައްޑުއަތޮޅުގައި ބުދު ބެހެއްޓި މައްސަލައެވެ. އެމްޑީޕީގެ ސަރުކާރުން އެކަން ކުރުމުން އަދާލަތު ޕާޓީއާއި ގުޅިގެން ގައުމީ އިއްތިހާދުން އެކަން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރިއެވެ. އެއީ ހަމަ ކުށްވެރި ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، ސުވާލަކީ ރާއްޖޭގެ އެހުއްދަދީގެން ދައްކާ ކޭބަލްޓީވީގެ ޗެނެލް ތަކުން ބުދަށް އަޅުކަންކުރާ މަންޒަރު ދެއްކުމަކީ ހުއްދަ ކަމެއްތޯއެވެ؟ މިފަދަ ކޭބަލްޓީވީ ޗެނަލްތަކުން ދައްކަނީ ހަމައެކަނި ބުދަށާއި ސޮލީބަށް އަޅުކަން ކުރާ ތަނެއްނޫނެވެ. ފެޝަން ޓީވީގެ ނަމުގައި ހިންގާ ޗެނަލަކުން އައުރަ ކަޝްފުވެފައިވާ ވަރަށް ހަޑި މުޑުދާރު މަންޒަރު ދައްކައެވެ. އަދި "ދަ ކާޑޭޝިއަންސް" ފަދަ ޕްރޮގްރާމްތަކަކީ ކަނޑައެޅީގެން މުސްލިމް ޒުވާނުންގެ ދީނީ އަގީދާ ބަލިކޮށް، ޝައިތާނީ ޖަޒްބާތުތަކުގެ އަވާގައި ޖައްސާ ޕްރޮގްރާމްތަކެކެވެ. މިފަދަ އެތައް ޕްރޮގްރާމެއް ރާއްޖޭގެ ގޭގޭގެ ސިޓިންގ ރޫމްތަކަށް، ދިވެހި ސަރުކާރުގެ ހުއްދައާއިއެކު ދަނީ ކޭބަލްޓީވީ މެދުވެރިކޮށް ދައްކަމުންނެވެ. މިކަމާއިމެދު އަދާލަތު ޕާޓީގެ ޚިޔާލް ދެނެގަތުމަށް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވާނެކަން ޔަގީނެވެ.


ދެން އޮތީ ބުރުގާގެ ވާހަކައެވެ. އަންހެނުން ބުރުގާ އަޅަންޖެހޭނެ ކަމާއިމެދު އުއްމަތުގެ ހުރިހާ އާލިމުން އިއްތިފާގުވެއެވެ. ޚިލާފް އުފެދޭ ތަންކޮޅަކީ ހަމައެކަނި ބުރުގާ އިން ފުދޭތޯ ނުވަތަ މޫނުބުރުގާ އަޅަން ޖެހޭތޯއެވެ. އެހެންކަމުން ބުރުގާ ނާޅައި ރާއްޖޭގެ އަންހެނުން އުޅުމަކީ ހުއްދަ ކަމެއްގެ ގޮތުގައި އޮތުމަކީ ﷲ ނަހީ ކުރެއްވި މުންކަރާތެއް ނަހީ ނުކޮށް ތިބުންބާއެވެ. މިކަމާމެދު ރާއްޖޭގެ ސިޔާސީ، ދީނީ ފަރާތްތަކުގެ ހިޔާލަކީ ކޮބައިބާއެވެ؟


ހުރިހާ އެއްމެންނަށް ބުރުގާ އަޅަން މަޖުބޫރު ނުކުރެވުނަސް ހުރިހާ ސްކޫލް އަންހެން ކުދިންގެ ޔުނިފޯމުގައި ބުރުގާ ހިމެނޭ ގޮތަށް ޑްރެސްކޯޑެއް ހެދުމަކީ ސަރުކާރަށް ކުރެވިދާނެކަމެކެވެ. ހަމައެފަދައިން ސިވިލްސާވަންޓުންގެ ތެރެއިން އަންހެނުންގެ ރަސްމީގަޑީގެ ޑްރެސްކޯޑުގެ ޤަވާއިދެއް ހަދައި، އެޤަވާއިދުގެ ދަށުން ސިވިލް ސާވަންޓުން ބުރުގާ އަޅަން ޖެހޭ ގޮތަށް ހެދުމަކީވެސް ސިވިލްސާވިސް ކޮމިޝަނާ ގުޅިގެން ސަރުކާރަށް ކުރެވިދާނެކަމެކެވެ.


މިފަދަ އެތައް ކަމެއް މިގޮތަށް ހުރެ، އަހަރުތައް ފާއިތުވަމުންދާއިރު އަތްއުރާލައިގެން ތިބުމަކީ ދީނީ ނަޒަރަކުން އެންމެ ޒިންމާދާރު ގޮތްބާއެވެ.


ދީނީ ކަންތައްތައް ހަމައަކަށް އެޅުވުމަށް އަދާލަތުޕާޓީ އަށާއި އާސަރުކާރަށް މިލިބުނު ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ މަތީގައި ދެންނެވުނު ކަންތައްތައް ކުރަންވެސް މިދިވެހި ފަސްގަނޑުން ބޮޑުތަކުރުފާނުންތަކެއް، އަތުކުރި އޮޅާލައިގެން ތެދުވުމަކީ ވެދާނެކަމެކެވެ. މިކަމުގައި އަދާލަތު ޕާޓީ އާއި އާސަރުކާރުގެ އަމަލުތަކަށް ދިވެހިރައްޔިތުންގެ ތެރެއިން ދީނަށް ލޯބިކުރާ މީހުން ވަރަށް ގާތުން ބަލަމުންދާނެކަން ޔަގީނެވެ.


މުހައްމަދު ބުޝްރީ/ސަން.އެފްއެމް

ads

ދާއިރާ:

0 comments:

Post a Comment

 
here it is