Thursday, June 7, 2012

ކާމިޔާބު މީހުންގެ ކަލިމަ

އިންސާނާ ދުނެޔައަށް ނޭވާލީ ވަގުތުން ފެށިގެން ހިފެހެއްޓުމެއްނެތި ދުވަހަކަށްފަހު ދުވަހެއް އޭނާގެ ޙަޔާތުން ފާއިތުވަމުން ދެއެވެ. އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލުތަކެއް އަރާ ފައިިބަމުން ދެއެވެ. 

 އަހަރެންނަކީ ކާކުހެއްޔެވެ؟ އަހެރެން އައީ ކޮންތާކުންހެއްޔެވެ؟ އަހަރެންނާ އަހަރެންގެ ވަށައިގެންވާ ކާއިނާތު ހެއްދެވީ ކޮން ފަރާތަކުންހެއްޔެވެ؟ އެތަކެތި ކޮންޓްރޯލް ކުރައްވަނީ ކޮން ފަރާތަކުންހެއްޔެވެ؟ އަހަރެން މިދަތުރު ކުރަނީ ކޮން ތާކަށްހެއްޔެވެ؟ އިންސާނާ މަރުވުމަށް ފަހު ވަނީ ކީއްހެއްޔެވެ؟ އަހަރެން މިދުނިޔޭގައި ލައްވާފައި މިވަނީ ކީއްކުރަން ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކެކެވެ.

އެކިއެކި ޒަމާން ތަކުގައި ތަފާތު ގޮތްގޮތަށް މިފަދަ ސުވާލުތަކަށް ޖަވާބުދީ ހަދާފައި ވެއެވެ. މިހާރުވެސް ތަފާތު މީހުން ތަފާތު ގޮތްގޮތްތަށް މިފަދަ ސުވާލުތަކަށް ޖަވާބުދީ ހަދައެވެ. ސަލާމަތްބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގިގެންދާ ޙަޤީޤަތަކީ ހެއްދެވިގެންވާ ކޮންމެ އެއްޗަކަށް ހެއްދެވި ފަރާތެއް ވާންޖެހޭކަމެވެ. މި ފުރިހަމަވެގެންވާ ކާއިނާތުތަށްވެސް ހެއްދެވިފަރާތެއް ވާނެކަމެވެ. ކޮންމެއަކަސް އިސްވެ ދެންނެވި ސުވާލުތަކުގެ ޖަވާބުދެވޭނީ ޙައްޤުގެ ދީނުގެ ތެރެއިންލާފައެވެ. 

ކީރިތި ޤުރްއާނުގެ އެންމެ ކުރު ސޫރަތް ތަކުގެ ތެރެއިން ސޫރަތެއް ކަމުގައިވާ العصر ސޫރަތުގައި މާތް الله ވަނީ މާނައިން ފުރިގެންވާ ބަސްފުޅެއް ވަޙީ ކުރައްވަވާފައެވެ. ވަގުތު ގަންދެއްވުމަށް ފަހު ދެން ވަޙީކުރަށްވަނީ ހަމަކަށަވަރުން އިންސާނާ ވަނީ ހަލާކުގެ ތެރޭގައި ކަމަށެވެ. އެ ހަލާކުން ސަލާމަތް ވަނީ އިމާންވެ ހެޔޮ ޢަމަލު ކުރިމީހުންނާއި ޙައްޤަށާއި ކެތްތެރިވުމަށް ވަޞިއްޔަތްކުރި މީހުން އެކަންޏެވެ. އަދި މާތް الله ރޫމް ސޫރަތުގެ 27 ވަޙީކުރެއްވިއެވެ.

وَهُوَ الَّذِي يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ وَهُوَ أَهْوَنُ عَلَيْهِ
” އަދި އެކަލާނގެ އީ ޚަލުޤު ތަކުން ހައްދަވަން ފެއްޓެވި ރަސްކަލާނގެ އެވެ، އެއަށް ފަހު އެތަކެތި ޚލްޤު ކުރެއްވުން ތަކުރާރު ކުރައްވައެވެ. އެކަމަކީ އެކަލާނގެއަށް ނުހަނު ލުއިފަސޭހަކަމެކެވެ.”
ކޮންމެއަކަސް މި ބޮޑު ކާއިނާތަށް ނަޒަރު ހިންގާލުމުން އެތަކެތި ހެއްދެވި ފަރާތުގެ ފުރިހަމަކަން ހާމަވެގެންދެއެވެ. އަދިވެސް މާތް الله ވަޙީ ކުރެއްވާފައިވާ އާޔަތެއްގެ މާނާގައި ވެއެވެ.
“އެކަލާނގެއީ އެންމެފުރިހަމައަށް އެއްޗެތި ޚަލްޤު ކުރައްވާ ފަރާތެވެ.”

ވީއިރު މި ބޮޑު އަދި ފުރިހަމަ ކާއިނާތުގައިވާ އެންމެ މަތިވެރި ކަލިމައަކަށް ވާންޖެހެނީ ކޮންކަލިމައެއްތޯއެވެ؟ ޝައްކެއްނެއް ގޮތުގައި އެއީ لا اله الا الله މިކަލިމައެވެ. އެކަލިމަ އަކީ އިސްލާމްދީން އެކަލިމައިގެ މަތީގައި ބިނާވެފައިވާ ކަލިމައެވެ. އެއީ ތަވްޙީދުގެ ކަލިމައެވެ. އެކަލިމައިގެ މަތީގައި އުޑުތަކާއި ބިން ޤާއިމު ވެގެންވާ ކަލިމައެވެ. އެކަލިމައަކީ ނަރަކައިގެ ޢަޒާބުން އަޅުގަނޑުމެން ސަލާމަތް ކޮށްދޭ ކަލިމައެވެ. އެކަލިމައަކީ މަތިވެރިވެގެންވާ ސުވަރުގޭގެ ތަޅުދަނޑިއެވެ. އެކަލިމައަކީ އެކަލިމައިގެ ސަބަބުން އިންސާނުން ދެބަޔަކަށް ބަހާލެވިގެންދާ ކަލިމައެވެ. އެކަލިމަކީ އެކަލިމައަށްޓަކައި ޖިހާދުގެ މައިދާނުގައި ކަނޑިތައް އުފުލާލެވޭ ކަލިމައެވެ. އެކަލިމައަކީ އެއީ އިންސާނާ މި ދުނިޔެއަށް އަލްވަދާޢު ކިޔާއިރު އޭނާގެ ދުލުން ބޭރުވާ އެންމެފަހު ކަލިމައަކަށް އެކަލިމަ ވެއްޖެނަމަ ސުވަރުގެއަށް ވަނުމުގެ ހެޔޮ ނަޞީބު ލިބިގެންދާ ކަލިމައެވެ.

 ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަބަޔަކު ވަނީ މިކަލިމައިގެ ޙަޤީޤީ މާނައަށް ޣާފިލްވެފައެވެ. އެބައިމީހުންނަށް ހީވެފައި އޮންނަނީ ހަމައެކަނި އެކަލިމަ ދުލުން ކިޔާލުމުން އެފުދުނީ ކަމަށެވެ. ނަމަވެސް ފަލާޙާއި ކާމިޔާބު ލިބިގަތުމަށްޓަކައި މިކަލިމަކީ އަޅުގަނޑުމެންގެ ޙަޔާތުގެ ކުޑަ ބޮޑު ހުރިހާކަމެއް ގައި ޝާމިލުކުރަންޖެހޭ ކަލިމައެކެވެ. އެކަލިމައަކީ ހަމައެކަނި މިސްކިތްތައް ފަޅުފިލުވަން އޮތް ކަލިމައެއް ނޫނެވެ. ތިމާގެ ގެޔާއި އޮފީހުގަޔާއި މަގުމަތީގައި ހިނގާފައި ދާއިރުވެސް އެކަލިމައިގެ އަސަރު އަޅުގަނޑުމެންގެ ގައިގާ ވާން ޖެހޭކަލިމައެވެ. ތިމާ އެކަނިވާ ވަޤުތުތަކުގަޔާއި މީސްތަކުންނާ އެކުގައިވާ ވަޤުތުތަކުގައެވެ. އޭރުން އަޅުގަަނޑުމެންގެ ނަފްސުގައި އެކަލިމައިގެ ޙަޤީޤީ އަޘަރު ފެނިގެން ދާނެއެވެ. މިކަލިމައަށް އީމާންވެގެން ތިބި ތަވްޙީދުގެ އަހުލުވެރީންނޭވެ!

 އަޅުގަނޑުމެން މިހާރު އަޅުގަނޑުމެންގެ ޙަޔާތުގެ ލަގަން އެކަލިމަޔާ ދުރަށް ދީލާލައިފީމުއެވެ. އެކަލިމައިގެ ދުޝްމިނުން ދެކެ އަޅުގަނޑުމެން ލޯބިވާ ވަރާއި އެބައިމީހުންނަށްޓަކައި ޤުރުބާންވެވޭވަރާއި އެބައިމީހުންނާ ވައްތަރުވުމަށް ޓަކައި އަޅުގަނޑުމެން ފޫގަޅާލާފައި ވާވަރު ބައްލަވާލެއްވުމުންވެސް މިކަން ދޭހަވެއެވެ. ރިޒްޤުދެއްވަނީ މާތް الله ކަން ހަދާންނެތޭ ޙާލުގައެވެ. ޝިފާދެއްވަނީ އަޅުގަނޑުމެން ކާލާބޭސް ގުޅަކަމަށްހީ ވެފައެވެ. ވަކީލުކުރެވެނީ މަޚްލޫޤުތަކުންނަށެވެ. އެސްޓްރޮލޮޖީގެ ތަފާތު ނަކަތްތަކުގެ ސަބަބުން ނޫސް ތަކަށް މީސްތަކުން ޝައުޤުވެރިވެފައެވެ. ޒުވާނުން ހިތްހަމަޖެހުމާއި އަރާމު ޙާސިލް ކުރުމަށް ޓަކައި މިއުޒިކާއި މަސްތުވާތަކެއްޗަށް އެބައިމީހުންގެ މުޅިޙަޔާތް ހުސްކޮށްލާފައެވެ. ހިލޭ އަންހެނުންނާއި ހިލޭފިރިހެނުން އެއްބަޔަކު އަނެއްބަޔަކާއި އެކު ކުރާ ބަދުއަޚްލާޤީ ޢަމަލުތަކަކީ ތިމާމެންނަށް ލިބޭ ކާމިޔާބެއް ނުވަތަ ފަޚުރެއްކަމަށްވެފައެވެ. 

 މަޚުލޫގުތަކުން ދެކެބިރުން މިތިބެނީ ގޮތްހުސްވެފައެވެ. ދެޖިންސު ހަމަހަމަ ނުވެގެން ތިމާ ހެއްދެވިފަރާތަށް ތިމާގެ ހިތުން އައިބު ކިޔޭހާލުގައެވެ. މިފަދަ ކިތަންމެކަމެއް އަޅުގަނޑުމެންގެ ލޯމަތިން ފެންނަމުންދެޔެވެ. މިއީ ހައްތަހާވެސް لا اله الا الله މިކަލިމައަށް އަޅުގަނޑުމެންނަށް ފުރަގަސް ދެވިއްޖެކަށް ދަލީލްކޮށްދޭ ހެކިތަކެކެވެ. އަޅުގަނޑުމެންގެ ޙަޔާތުން އެކަލިމައިގެ އަސަރުނެތިގެން ދިޔަކަމުގެ ދަލީލު ތަކެވެ. އަޅުގަނޑުމެން މިޤާފިލްކަމުން ހޭލާނީ ކޮންއިރަކުންތޯ އެވެ. لا اله الا الله މިކަލިމައަށް އެބުރި އަންނާކަށް ނުވޭތޯއެވެ. އަޅުގަނޑުމެންގެ ދުލުން ފަޚުރުވެރިކަމާއި ހާމަކުރާ އިސްލާމްކަމުގެ ތެދުކަން ސާބިތުކޮންދޭކަށް ނުވޭތޯއެވެ. الله ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވާކަމަށާއި اللهތަޢާލާގެ މަތިވެރިވެގެންވާ އިސްމުފުޅުތަކާއި ސިފަފުޅުތަކަށް ފުރިހަމައަށް އީމާން ވާކަށް ނުވޭތޯއެވެ. الله މަޢްރިފާކޮން ދެނެގަތުމަށްޓަކައެވެ. 

އެކަލާންގެ ސިފަފުޅުތަކަށް ފުރިހަމައަށް އީމާންވުމުން އަޅުގަނޑުމެންގެ މުޅި ޙަޔާތް ބަދަލުވެގެން ދެއެވެ. މުޅި ޙަޔާތަށް ތާޒާކަމާއި އުޖާލާކަން ގެނެސްދެއެވެ. ހިތްތަކަށް މީރުކަމާއި ފޮނިކަންގެނެސްދެއެވެ. މުޅި ޙަޔާތް މާތް الله ރުއްސަވާ މަގުގައި ހޭދަކުރުމަށް ފަސޭހަވެއެވެ. މިސާލަކަށް الله އީ މޮޅަށް ބައްލަވާ އަދި އައްސަވާވޮޑިގެންވާ ރަސްކަލާނގެކަމަށް ފުރިހަމައަށް އީމާންވެވިއްޖެނަމަ އެކަލާނގެ ޙަރާމް ކުރެއްވި ކަންތަށްތަކަށް އަޅުގަނޑުމެން އަރައިގަންނާނެތޯއެވެ؟ އަޅުގަނޑުމެންގެ ހިތަށް އަރާތަކެތި އެކަލާނގެ ދެނެވޮޑިގެންވާކަމަށް އަޅުގަނޑުމެންނަށް ފުރިހަމައަށް އީމާންވެވޭނަމަ އެފަދަ ފާފަތައް ކުރުމަށް އަޅުގަނޑުމެން ވިސްނާނެތޯއެވެ. لا اله الا الله މިކަލިމައިގެ ސަބަބުން އަޅުގަނޑުމެންނަށް ކުރާ އަސަރުތަކުގެ ތެރޭގައި ހިތުގެ ޔަޤީން ކަމާއި ހިތްހަމަޖެހުމާއި މަޚްލޫޤުތަކުންދެކެ އޮންނަ ބިރުވެތިކަން ފިލައިގެން ދިއުމާއި މިފަދަ އެތައްފައިދާތަކެއް ލިބިގެންދެޔެވެ. ޔޫސުފްގެފާނު، ރީތިކަމާއި ޙަސަބާއި ނަސަބުގެގޮތުން އަރާހުރި ޢަޒީޒުގެ އަނބިކަނބަލުން ފާޙިޝް ކަމަށް ގޮވާލުމުން އެނުބައި ފާފައިން އެކަލޭގެފާނު ސަލާމަތް ކޮށްދިނީ ކޮންކަމެއްތޯއެވެ؟ 

މޫސާގެފާނު އެކަލޭގެފާނުގެ ކުރިމަތީގައި ބޮޑު މާސިންގާ ކަނޑު އޮވެފައި ފިރުޢަވުނުގެ ވަރުގަދަ ލަޝްކަރު އެކަލޭގެފާނު ފަހަތްޕުޅުން އައި އިރުވެސް އެކަލޭގެފާނަށް ސާބިތުކަންްދެއްވީ ކޮންކަމެއް ތޯއެވެ؟ އިބުރާހީމްގެފާނު އަނދައަނދާހުރި އަލިފާންގަނޑަށް އެއްލާލެވުނު އިރުވެސް އެއްވެސް ޖެހިލުމެއްވެނުލެއްވީ ކީއްވެތޯއެވެ؟ އެކަލޭގެ ފާނުގެ ލޯބިވާ ދަރިފުޅާއި އަނބިކަނބަލުން ހަނަފަސް ސަހަރާއަށް ދޫކޮއްލެއްވީ ކީއްވެތޯއެވެ؟ އަދި ހާޖަރު ގެފާނު އެ ހަނަފަސް ސަހަރާގައި ސާބިތުވެހުންނެވުމަށް މެދުވެރި ކުރެއްވީ ކޮންކަމެއްތޯއެވެ؟ އިސްމާއީލްގެފާނު ޤުރުބާންކުރެއްވުމަށް އެންގެވުމުން އިބްރާހީމްގެފާނާއި އިސްމާޢީލްގެފާނު އެއަމުރަށް ކިޔަމަންތެރިވެ ވަޑައިގަތީ ކީއްވެތޯއެވެ؟ ފިރުޢައުނުގެ ސިޙުރުވެރީން އިސްލާމުވުމުން ފިރުޢައުނު އެބައިމީހުންގެ އަތްފައި ކަނޑާ ސޮލީބަށް އެރުވުނުއިރުވެސް ސާބިތުވެ ތިއްބެވީ ކީއްވެތޯއެވެ؟ އަސްޙާބުލް އުޙްދޫދުގެ އަހުލުވެރީން އަލިފާނުގެ ވަޅުތަކަށް އުއްކެވުނުއިރުވެސް ސާބިތުވެތިއްބެވީ ކީއްވެތޯއެވެ؟ 

މިހިރީހައްތަހާވެސް لا اله الا الله ގެ އަސަރު ތަކުގެ މަތިވެރިވެގެންވާ ނަމޫނާތަކެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ ގެ ސިޔަރަތުގައި މިފަދަ އެތައް ރިވެތި ނަމޫނާތައްވެއެވެ. އަދިއެކަލޭގެފާނުގެ މަތިވެރި ސަޙާބީންގެ ޙަޔާތްވަނީ މިފަދަ ރީތި މިސާލުތަކުން ފުރިފައެވެ. رسول الله صلى الله عليه وسلم އެބޭފުޅުންނަށްވަނީ ރީތި ނަމޫނާތައް ދައްކަވާދެއްވަވާފައެވެ. މައްކާގެ މުޝްރިކުންގެ އުނދަގުލާއި ދުއްތުރާތައް އޭރުގަ އިސްލާމްވަމުން ދިޔަ ބޭބެފުޅުންނަށް ކުރިމަތިވަމުން ދިޔައީ އިންތިހާ ދަރަޖައަށެވެ. އެއްދުވަހަކު ކީރިތިރަސޫލާ ކައުބާގެ ހިޔަލުގައި އިންނަވަނިކޮން އެކަލޭގެފާނުގެ ސަޙާބީން ވަޑައިގެން ދެންނެވިއެވެ. ކަލޭގެފާނު އަޅުގަނޑުމެންނަށް ނަޞްރު ދެއްވުމަށް الله އަށް ދުޢާނުކުރައްވަނީ ކީއްވެތޯއެވެ؟ އެހިނދު އެކަލޭގެފާނު ހަދީޘް ކުރެއްވިއެވެ.

 “ތިޔަބައިމީހުންގެ ކުރިން އުޅުނުމީހުން އެމީހުން ދިރިތިއްބާ، އެއްބައި ވަޅުލާ ބޯ ދެ ފަޅިއަށް ފެޅީއްޖެއުމަށް ދާންދެން ކީސް އަޅައި ނުވަތަ މަސްތަކާއި ކަށިތައް ވަކިވެއްޖެއުމަށް ދާންދެން ދަގަނޑު ދަތިއަޅާ ހެދޫއެވެ.” ސުވާލަކީ މިފަދަ ކަމެއް ކުރިމަތި ވެއްޖެނަމަ އަޅުގަނޑުމެންނަށް ވާނީ ކިހިނެއްތޯއެވެ؟ لا اله الا الله މިކަލިމައިގެ ނޫރު އެކިބޭފުޅުންގެ ހިތުގައި ވިދަވިދައި ހުންނަނީ އެކި މިންވަރަށެވެ. އެއްބައި ބޭފުޅުންގެ ހިތުގައި އެކަލިމައިގެ ނޫރު އިރުގެއަލިފަދައެވެ.

 އަނެއްބައި ބޭފުޅުންގެ ހިތުގައި ހަނދުގެ އަލިފަދައެވެ. އަނެއްބައި ބޭޅުންގެ ހިތުގައި ތަރިއެއްގެ އަލިފަދައެވެ. ނޫންނަމަ ހުޅުކޮޅެއް ފަދަވެސް ވެދާނެއެވެ. ނުވަތަ ކުޑަ އަލިފާންކައްޏެއް ފަދައިވެސް ވެދާނެއެވެ. އަނެއްބަޔެއްގެ ހިތްވަނީ އެކަލިމައިގެ ނޫރު މުޅީން ފިލައިގެން ގޮސް ކަނުވެ އަނދިރިވެފައެވެ. މިދުނިޔޭގެ ހަޔާތާއި އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށްޓަކައި އަޅުގަނޑުމެންގެ ހިތްތައް އެކަލިމައިގެ ނޫރުން އަލިކޮށް އުޖާލާކުރެވޭތޯ ގަދައަޅާ މަސައްކަތް ކުރަމާތޯއެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is