Saturday, August 11, 2012

މާތް ﷲ ވޮޑިގެންވާކަމުގެ ހެކިތައް

މާތް ﷲ ވޮޑިގެންވާ ކަމާމެދު ބައެއް މީހުން އިންކާރުކުރެ އެވެ. އެބައިމީހުންގެ ނަޒަރުގައި "ކައުނާއި ކައުނުގައި ވާހައި އެއްޗެއް އުފެދިފައިވަނީ އަމިއްލައަށެވެ. އެންމެ ކުދިކުދި އެއްސެލު ކާއިނާތްތަކުން ފެށިގެން އިންސާނުންނަށް ދާންދެން އުފެދިފައިވަނީ އަމިއްލައަށެވެ. ޒައްރާ އިން ފެށިގެން މަޑިކިލަނބުތަކަށް ދާންދެން ވެސް އުފެދިފައިވަނީ އަމިއްލައަށެވެ. ވީމާ، މާތް ﷲ އަށް އީމާންވެ އެކަލާނގެ ޙަޟުރަތަށް ހިތާއި ނިޔަތް އިޚުލާޞްތެރިކުރުމުގެ ބޭނުމެއް ނެތެވެ."

މުލްޙިދުންގެ މި ނުރައްކާތެރި ރައުޔުގެ ކުރިމަތީގައި ސައިންޓިސްޓުން ވިދާޅުވަނީ ކީކޭތޯ އެވެ؟

*** *** ***


މިކައުނުގައި ކަލަކު ވޮޑިގެންވޭތޯ އެވެ؟ މިއީ، އިންސާނުން ކުރަމުން ގެންދާ ސުވާލެކެވެ. ކުޑަކުއްޖާ އޭނާގެ ބައްޕައާ މިސުވާލުކުރެ އެވެ. ބޮޑެތި މީހުން ވެސް މި ސުވާލަށް އެދެވޭ ޖަވާބެއް ލިބޭތޯ ހޯދައި ބަހުސްކޮށް ސުވާލުކުރަމުން ގެންދެ އެވެ. މި ސުވާލުގެ ބޭނުންތެރިކަމާއި މުހިންމުކަމުގެ ބޮޑުކަމާއެކު ވެސް، އެދެވޭ ޖަވާބެއް ލިބެނީ މަދު ބަޔަކަށެވެ.

ކުޑަ ކުއްޖަކު އޭނާގެ ބައްޕައާ މި ސުވާލު ކުރުމުން، ބައްޕަ ދޭ ޖަވާބަކީ، ދަރިފުޅުގެ ޢުމުރާއި ވިސްނުމާ ގުޅޭނެ ކަމަށް އޭނާއަށް ހީވާ ޖަވާބެކެވެ. އެގޮތުން ބައްޕަ ދޭ ޖަވާބަކީ، މި މުހިންމު ސުވާލަށް އެއްވެސް ފަރުވާއެއް ލިއްބައިދެނިވި ޖަވާބެއް ކަމުގައި ނުވެ އެވެ.

ދަރިވަރު އޭނާގެ ޓީޗަރާ މި ސުވާލުކުރުމުން ލިބޭ ޖަވާބަކީ ވެސް އެދެވޭ ޖަވާބެއް ނޫނެވެ. ދަންނަބޭކަލުންނާ މި ސުވާލު ކުރެވޭ ހިނދު ލިބޭ ޖަވާބު ނުކުމެގެން އަންނަނީ، ރަސޫލުބޭކަލުންގެ ބަސްފުޅުތަކާއި ސަމާވީ ފޮތްތަކުގެ ތެރެއިންނެވެ. މިޒަމާނުގެ ސައިންޓިފިކް ހޯދުންތަކަށް މާބޮޑު އަހަންމިއްޔަތެއް ދިނުމެއް ނެތި އެވެ.

މި މަޒުމޫނުގައި ހުށަހަޅާދޭ ފޮތަކީ، ސައިންސްގެ އަލީގައި، މި މުހިންމު ސުވާލަށް ޖަވާބުދީ ފައިވާ ފޮތެކެވެ. އެއީ، މާތް ﷲ ވޮޑިގެންވާކަން ސާބިތުކޮށްދީފައިވާ ފޮތެކެވެ. އަދި އެއީ، މާތް ﷲ ވޮޑިގެންވާކަން ސާބިތުކޮށްދިނުމުގެ މައިގަނޑު ނަމުގައި މިހާތަނަށް އިންސާނުންގެ ޤަލަމުން ލިޔެފައިވާ އެންމެ މުހިންމު ފޮތް ކަމުގައި ވުމީ ދުރުކަމެއް ނޫނެވެ. ފޮތް ކިޔުމަށްފަހު، ފޮތުގެ ނަން ދިވެހި ބަހަށް ގެނެސްފައިވަނީ، "މާތް ﷲ ވޮޑިގެންވާ ކަމުގެ ހެކިތައް" ކަމުގަ އެވެ. ފޮތުގެ އަޞްލު ނަމަކީ، (The Evidence of God in an Expanding Universe) އެވެ. ފޮތުގެ މުޙައްރިރަކީ، ޖޯން ކްލޯވަރ މޮންޒުމާ އެވެ. 


މި މަޒުމޫނު ލިޔުމަށްޓަކައި މުޠާލަޢާކޮށްފައިވަނީ ފޮތުގެ ޢަރަބި ތަރުޖަމާގެ ހަތަރުވަނަ ޗާޕެވެ. އަޞްލު ފޮތުގައިވަނީ ތިރީސް ސައިންޓިސްޓުން ލިޔުއްވާފައިވާ ތިރީސް މަޒުމޫނެވެ. އޭގެ އިތުރުން، ޢަރަބި ތަރުޖަމާގައިވާ މައިގަނޑު ބައިތަކަކީ، ފޮތް ހުށަހެޅުމާއި، ތަރުޖަމާނުގެ މުޤައްދިމާ އާއި، ޑރ. މުޙައްމަދު ޖަމާލުއްދީނު ލިޔުއްވާފައިވާ މަޒުމޫނެކެވެ. އަދި ފޮތުގެ ބައެއް ޞަފުޙާތަކުގެ ތިރީގައި އޭނާ ލިޔުއްވާފައިވާ ހަވާސާ ނޯޓްތައް ވެ އެވެ. މިފަދަ ސަބަބުތަކަށްޓަކައި، އަޞްލު ފޮތަށްވުރެ މި ތަރުޖަމާ މުސްލިމުންނަށް މުހިންމުކަމަށް ޤަބޫލުކުރެވެ އެވެ. އީމާންކަން ވަރުގަދަކޮށްދިނުމަށް މިތަރުޖަމާއިން ބޮޑަށް އެހީތެރިކަން ލިބޭނެތީ އެވެ.

ފޮތުގައިވާ ތިރީސް މަޒުމޫނަކީ، ފޮތުގެ އެޑިޓަރު ހުށަހެޅުއްވި ސުވާލަކަށް ނުހަނު އަމާނާތްތެރިކަމާއެކު ސައިންޓިސްޓުން ދެއްވާފައިވާ ޖަވާބުތަކެވެ. އެ ސުވާލު ކުރައްވާފައިވަނީ، މާތް ﷲ ވޮޑިގެންވާ ކަމުގެ ސައިންޓިފިކް ހެކިތައް ހޯއްދެވުމަށްޓަކަ އެވެ.


ކައުނު އުފެދުނީތޯ އެވެ؟ ނުވަތަ ހެއްދެވުނީތޯ އެވެ؟


ކައުނަކީ އަމިއްލައަށް އުފެދުނު އެއްޗެއްތޯ އެވެ؟ ނުވަތަ އެއީ ކުޅަދުންވަންތަ ޚާލިޤުވަންތަ ރަސްކަލާނގެ ހެއްދެވި އެއްޗެއްތޯ އެވެ؟

މި ސުވާލަށް ޖަވާބުދެއްވާފައިވާ އެއް ސައިންޓިސްޓަކީ، ޑރ. ފްރެންކް އެލިން އެވެ. އޭނާއަކީ، ބަޔޮލޮޖިސްޓެކެވެ. އަދި އޭނާއަކީ އެހެނިހެން ޢިލްމުތަކުގައި ވެސް ފުންނާބު އުސް ޢާލިމެކެވެ.

ނަންގަނެވިދިޔަ ސުވާލަށް ޖަވާބުދޭ ހަތަރު ރައުޔު ބަޔާންކުރައްވައި، އެ ރައުޔުތަކާމެދު ޚިޔާލު ފާޅުކުރައްވާފައިވެ އެވެ. އެ ހަތަރު ރައުޔަކީ:

1. މި ކައުނަކީ، ހަމައެކަނި ޚިޔާލަށް ފެންނަ މަންޒަރެކެވެ. ވަހުމެކެވެ. ޙަޤީޤަތެއް ނޫނެވެ.
2. ނެތުމުގެ ތެރެއިން ކައުނު އުފެދުނީ އަމިއްލައަށެވެ.
3. ކައުނަކީ، އުފެދުމުގައި ފެށުމެއް ނުވާ އަބަދިއްޔަ އެއްޗެކެވެ.
4. ކައުނަކީ، ޚާލިޤުވަންތަ ރަސްކަލާނގެ ހެއްދެވި އެއްޗެކެވެ.

މީގެތެރެއިން ފުރަތަމަ ރައުޔާމެދު މާދިގުކޮށް ވާހަކަ ނުދެއްކެވި ނަމަވެސް، އެ ރައުޔަށް ކުރު ޝަރަޙައެއް ދެއްވާފައިވެ އެވެ.

"މި ރައުޔު ބުނެދެނީ، އަޅުގަނޑުމެންނަށް އިޙުސާސްކުރެވޭ މި ކައުނާއި، މި ކައުނުގައިވާ ހިނގަމުންދާ ކަމަށް އެނގޭ ކަންތައްތަކަކީ، އެއްވެސް ޙަޤީޤަތެއް ނެތް ވަހުމްތަކެއް ކަމުގައި މެނުވީ ނުވާ ކަމަށެވެ... މި ރައުޔު ބުނާ ގޮތުގައި، އަޅުގަނޑުމެން ދިރިއުޅެނީ ވަހުމުގެ ދުނިޔެއެއްގަ އެވެ. މިސާލަކަށް، އަޅުގަނޑުމެން އެޔަށް އަރައި، އޭގައި ދަތުރު ފަތުރުކުރާ ރޭލަކީ ހަމައެކަނި ޚިޔާލެއް ކަމުގައި މެނުވީ ނުވެ އެވެ. އަދި އެއީ މާއްދީ ނުވަތަ އެހެން އެއްޗަކުން ނަމަވެސް ހެދިފައިނުވާ ފާލަންތަކެއްގެ މަތީގައި ދަރުތުކުރާ، އެޔަށް ވުޖޫދެއް ނެތް ކޯރުތަކެކެވެ. އޭގައި ދަތުރުކުރާ މީހުންނަކީ ވެސް ވުޖޫދުގައި ނެތް ބަޔެކެވެ. އެމީހުން ފެންނަނީ ހަމައެކަނި ޚިޔާލަށެވެ."

މިރައުޔާމެދު އޭނާ ލިޔުއްވާފައިވަނީ، މި ރައުޔަކީ ކަނޑައެޅިގެން ބަޔާންވެގެންވާ ވަހުމެއް ކަމަށެވެ. ޖަދަލުކޮށް ވާހަކަދައްކަން ޖެހޭވަރުގެ ހަރުދަނާ ކަމެއް ނެތް ޚިޔާލީ މަންޒަރެއް ކަމަށެވެ.

ދެވަނަ ރައުޔަކީ ވެސް އޭނާގެ އަރިހުގައި މަޤުބޫލު ރައުޔެއް ނޫނެވެ. ސަބަބަކީ، ކައުނުގައިވާ ހަކަތައާއި މާއްދާގެ ބިޔަކަމާއެކު އެއީ އަމިއްލައަށް އުފެދިދާނެ އެއްޗެއް ކަމަށް ސަލާމަތް ބުއްދި ޤަބޫލުނުކުރާ ކަމެވެ. އޭނާގެ ނަޒަރުގައި މި ރައުޔަކީ ވެސް މިޔާމެދު ވާހަކަދައްކާ ބަހުސްކުރަން ޖެހޭވަރުގެ ހަރުދަނާ ކަމެއް ހުރި ރައުޔެއް ނޫނެވެ.

ތިންވަނަ ރައުޔާއި ހަތަރުވަނަ ރައުޔު ބައިވެރިވާ ނުކުތާއެއް ވާކަން ފާހަގަކުރައްވާފައި ވެއެވެ. އެ ނުކުތާއަކީ، އަބަދިއްޔަ (ނުވަތަ އަޒަލިއްޔަ) ސިފަ އެވެ. މިކަން ބަޔާންކުރައްވަމުން ލިޔުއްވާފައިވެ އެވެ.

"އެހެންވީމާ، މަރުވެފައިވާ ދުނިޔެއަކަށް، ނޫންނަމަ ދިރިދެމިވޮޑިގެންވާ ޚާލިޤުވަންތަ ރަސްކަލާނގެއަށް މި އަޒަލިއްޔަ ސިފަ ރައްދުކުރަންވީ އެވެ... އަނދައަނދައި އޮތް އިރާއި، ވިދާ ބަބުޅާ ތަރިތަކާއި ދިރޭތަކެތީގެ ބާވަތްތަކުން މުއްސަނދިވެފައިވާ ބިމަކީ، ކައުނުގެ އަޞްލު ނުވަތަ އޭގެ ތަރަހަ، ވަކި ހިނދުކޮޅެއްގައި ފެށުނު ވަގުތަކާ ގުޅިފައިވާ ކަމުގެ އަލިގަދަ ހެކިތަކެކެވެ. އެހެންވީމާ، ކައުނު އުފެދުމަކީ، ހިނގައިދިޔަ ހާދިސާއެކެވެ. މީގެ މާނައަކީ، ފެށުމެއް ނުވާ އަޒަލިއްޔަ ޚާލިޤަކު ކައުނުގެ އަޞްލާ ގުޅިފައިވާން ޖެހޭނެ އެވެ. އެކަލާނގެއީ، ހުރިހައި ކަމެއް ދެނެވޮޑިގެންވާ ފަރާތެވެ. ކުޅަދުންވަންތަ ކަމުގައި ޙައްދެއް ނުވާ އަރަހުށި ފަރާތެވެ. މިކައުނަކީ، އެކަލާނގެ ހެއްދެވި އެއްޗެއް ކަމުގައި ވާންޖެހޭނެ އެވެ."

މި މޭރުމުން، ކައުނަކީ އަމިއްލައަށް އުފެދުނު އެއްޗެއް ނޫންކަމާއި، އަދި އެއީ ކުޅަދުންވަންތަ، ޚާލިޤުވަންތަ ރަސްކަލާނގެ ހެއްދެވި އެއްޗެއްކަން ސާބިތުކޮށްދެއްވާފައިވެ އެވެ. އެއަށްފަހު، މިކަމަށް ބާރުލިއްބައިދޭ އެތައް ސައިންޓިފިކް ހެތްކެއް ދައްކަވާފައިވެ އެވެ.

އަމިއްލައަކަށް ނުއުފެދެ އެވެ.


ދުނިޔެ އުފެދުނީ އަމިއްލައަށް ކަމަށް ބުނާ ބުނުމުގެ ދޮގުކަން ފޮތުގައި ސާބިތުކޮށްދީފައިވެ އެވެ. މިކަމަށް ދެއްކިފައިވާ އެއް ހެތްކަކީ، ދިރޭތަކެތީގެ ހަށިތައް ބިނާކޮށްދޭ ދިރު (Cell) ތަކުގެ ތެރޭގައިވާ ކުދިކުދި އެތިކޮޅުތަކެކެވެ. އެއީ ޕްރޮޓީނެވެ.

ޕްރޮޓީންތައް އެކުލެވިފައިވަނީ (ގާތްގަނޑަކަށް) 5 އުންސުރަކުންނެވެ. އެއީ ކަރބަނާއި ހައިޑްރިޖަނާއި ނައިޓްރިޖަނާއި އޮކްސިޖަނާއި ސަލްފަރެވެ.

މިދުނިޔޭގައިވާ ގުދުރަތީ ކެމިކަލް އުންސުރުތައް ބިމުގައި ލައްވާފައިވަނީ ވަކި ތަރުތީބަކުން ނޫނެވެ. މީގެ މާނައަކީ ބިމުގެ އެކި ކަންކޮޅުތަކުގައި އެކިވަރަށް އެ އުންސުރުތައް ލައްވާފައިވެ އެވެ. ކަންމިހެން އޮތްއިރު، ނަންގަނެވިދިޔަ 5 އުންސުރު އެއްތަނަކަށް ޖަމާވެ، އެއިން ޕްރޮޓީންގެ އެންމެ މޮލާރިއެއް (Molecule) އުފެދިދާނެ ކަމަށް ލަފާކުރެވޭ ރޭޝިއޯއާއި، މިކަމަށްޓަކައި ދާއިމީ ގޮތެއްގައި މައްސުނިވަމުން ދާންޖެހޭ މާއްދާގެ މިންވަރާއި މިކަމަށް ބޭނުންވާނެ ވަގުތު ހިސާބުކުރެވިފައި ވެ އެވެ. އެ ހިސާބުތައް ކުރެއްވީ، ސުވިޒްލޭންޑްގެ ސައިންޓިސްޓެކެވެ.

ހިސާބުތަކުން އެނގުނު ގޮތުގައި ޕްރޮޓީންގެ އެންމެ މޮލާރިއެއް އަމިއްލައަށް އުފެދިދާނެ ކަމަށް ލަފާކުރެވޭ ރޭޝިއޯ އަކީ، 10 ގެ 160 ބާރުގެ ކުރިމަތީގައި އެންމެ ފަހަރެކެވެ. 10 ގެ 160 ބާރަކީ، 160 ފަހަރު 10 އާއި 10 ގުނަކުރީމާ ނުކުންނަ ބިޔަ ޢަދަދެވެ. މި މާސިންގާ ބިޔަ ޢަދަދުގެ ކުރިމަތީގައި، ޕްރޮޓީންގެ އެންމެ މޮލާރިއެއް އުފެދިދާނެ ކަމަށް ލަފާކުރެވެން އޮތީ އެންމެ ފުރުޞަތެކެވެ.

ދެން އޮތީ މިކަމަށް ބޭނުންވާނެ މާއްދާގެ މިންވަރެވެ. ޕްރޮޓީންގެ އެންމެ މޮލާރިއެއް އަމިއްލައަށް އުފެދުމަށް ބޭނުންވާ މާއްދާގެ މިންވަރު، މިކައުނަށްވުރެ އެތައް މިލިޔަން ގުނައެއް އިތުރުވާން ޖެހެ އެވެ.

ދެން އޮތީ މިކަމަށް ބޭނުންވާނެ ވަގުތެވެ. ޕްރޮޓީންގެ އެންމެ މޮލާރިއެއް މިދުނިޔޭގައި އަމިއްލައަށް އުފެދުމަށް ބޭނުންވާ ވަގުތަކީ، 10 ގެ 243 ބާރު އަހަރެވެ. 10 ގެ 243 ބާރަކީ، 243 ފަހަރު 10 އާއި 10 ގުނަކުރީމާ ނުކުންނަ މާސިންގާ ބިޔަ ޢަދަދެވެ.

މިކަންތައްތަކުން އެނގޭ އެއްޗަކީ، ޕްރޮޓީންގެ އެންމެ މޮލާރިއެއް ވެސް، އަމިއްލައަށް އުފެދިފައި ނުވާ ކަމެވެ. ވީއިރު، ފުރިހަމަ ދިރެއް އަމިއްލައަށް އުފެދޭނީ ކިހިނަކުންތޯ އެވެ؟ ވީމާ، ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗެއް އުފެދިފައިވަނީ އަމިއްލައަށް ނޫންކަން އެނގެ އެވެ.

މަޒުމޫނު ނިންމަވާލައްވަމުން ލިޔުއްވާފައިވެ އެވެ.
"ނަމަވެސް، ޕްރޮޓީންތަކަކީ، އޭގައި ދިރުމެއްނުވާ ކެމިކަލް މާއްދާތަކެއް ކަމުގައި މެނުވީ ނުވެ އެވެ. ޙަޤީޤަތް ނޭނގޭ ޙައިރާންކުރުވަނިވި ސިއްރު ބާރެއް އެއަށް ވެރިވުމުން މެނުވީ އޭގައި ދިރުން ނު އުފެދެ އެވެ. އެ ސިއްރު ބާރަކީ، ނިމުމެއް ނުވާ ބުއްދި އެވެ. އެއީ ހަމައެކަނި މާތް ﷲ އެވެ. ޕްރޮޓީން މޮލާރިއަކީ އޭގައި ދިރުން ލެއްވުމަށް އެކަށޭނަ އެތިކޮޅެއް ކަން، އެކަލާނގެ ޙިކުމަތްވަންތަކަމުގެ ފުރިހަމަކަމުން، އެކަލާނގެ ދެނެވޮޑިގަތެވެ. އެކަލާނގެއީ، ޕްރޮޓީން ހައްދަވައި އޭގައި ޙަޔާތުގެ ސިއްރު ލެއްވި ރަސްކަލާނގެ އެވެ."

ﷲ އީ މާއްދާއެއް ނޫނެވެ.


ﷲ އީ މާއްދީ ފަރާތެއް ނޫންކަމަށް ފޮތުގެ އެތައް ޞަފުޙާއެއްގައި ތަކުރާރުވެފައިވެ އެވެ. އެ ޞަފުޙާތަކުގައި އައިސްފައިވާ ފިކުރާއި އެއިން ދޭހަވާ މާނަތަކުގެ ޚުލާޞާ ތިރީގައި މިވަނީ އެވެ.

މާއްދާއަކީ ހަލާކުވަމުންދާ އެއްޗެއްކަން، ކެމިސްޓްރީގެ ހޯދުންތަކުން ވަނީ ކަށަވަރުވެފަ އެވެ. ބައެއް މާއްދާތައް ހަލާކުވަމުންދަނީ، ވަރަށް އަވަހަށެވެ. ބައެއް މާއްދާތައް ހަލާކުވަމުންދަނީ ލަހުންނެވެ. ވީމާ، މާއްދާއަކީ ހަލާކުވުމެއް ނެތި އަބަދަށް ދެމިގެންވާ އެއްޗެއް ނޫނެވެ. މާއްދާއަކީ އެއަށް ނިމުމެއްވާ އެއްޗެކެވެ. ނިމުމެއްވާ ކޮންމެ އެއްޗަކަށް ފެށުމެއް ވެ އެވެ. އެހެންވީމާ، މާއްދާއަކީ އެއަށް ފެށުމެއް، ނިމުމެއް، ނުވާ އަޒަލިއްޔަ އެއްޗެއް ނޫނެވެ. މިކަމާމެދު މިހާރު އެއްވެސް ޝައްކެއް ނެތެވެ. އެހެނީ، މާއްދާތައް މި ވުޖޫދަށް އައީ ކޮން އިރަކުކަން ސައިންސްގެ ހޯދުންތަކުންވަނީ އެނގިފަ އެވެ.

މިކަންތައްތައް މިހެން ހުރުމާއެކު، ހުރިހައި މާއްދާތަކެއް ހެއްދެވި ފަރާތެއް ވާން ޖެހެ އެވެ. މާއްދީ ދުނިޔެ ހެއްދެވި ފަރާތަކީ، މާއްދީ ފަރާތެއް ނޫން ކަމުގައި ވާންޖެހެ އެވެ. މިކަން މިހެން ވާންޖެހެނީ، މާއްދާއަކީ ހަލާކުވެދާ އެއްޗެއް ކަމުގައިވާތީ އެވެ. އަދި މާއްދާއަކީ އެއަށް ފެށުމަކާއި ނިމުމެއްވާ އެއްޗެއް ކަމުގައި ވެސް ވާތީ އެވެ.

މާއްދީ ދުނިޔެ ހެއްދެވި ފަރާތަކީ މާއްދީ ފަރާތެއް ކަމުގައި ނުވާއިރު، އެއްވެސް މާއްދީ ސިފައަކުން އެފަރާތް ސިފައެއް ނުކުރެވޭނެ އެވެ. އެއީ ރޫޙާނީ ފަރާތެއް ކަމުގައި ސިފަކުރިނަމަވެސް، އެއީ ކޮންކަހަލަ ރޫޙާނިއްޔަތެއް ކަމެއް ނޭނގެ އެވެ. ކުރުކޮށް ބުނާނަމަ ބުނެވޭނީ، ޚާލިޤުވަންތަ ރަސްކަލާނގެއީ ތަޞައްވުރުކުރަން އެނގޭ ވަރަށްވުރެ މާ މަތިވެރި ފަރާތެއް ކަމަށެވެ.

މުޅި މި ކައުނު ހެއްދެވި ޚާލިޤުވަންތަ ރަސްކަލާނގެ ދީދާރުފުޅާއި ޒާތުފުޅު ތަޞައްވުރުކުރަން ނޭނގޭތީ އެކަމާމެދު ކަންބޮޑުވެ ހާސްވާކަށް ނުޖެހެ އެވެ. އެހެނީ، ނުހަނު ކައިރީގައިވާ ބައެއް މާއްދީ ތަކެތީގެ ޙަޤީޤަތް އިންސާނުންނަށް ވަނީ މިއަދާ ހަމައަށް ވެސް ނޭނގިފަ އެވެ. މައިކްރޮސްކޯޕުން ނޫނީ ނުފެންނަ ވަރުގެ ކުދިކުދި ކާއިނާތްތަކުން ފެށިގެން އިންސާނުންނާ ހަމައަށް ނަޒަރުހިންގާލާއިރު ނޭނގޭ ކަންތައްތައް ވަރަށް ގިނަ އެވެ. އަދި ޒައްރާއިން ފެށިގެން މާސިންގާ ބިޔަ މަޑިކިލަނބުތަކާ ހަމައަށް ނަޒަރުހިންގާލާއިރު ވެސް ނޭނގޭ ކަންތައްތައް ވަރަށް ގިނަގުނަ އެވެ. އެކަންތައްތަކުގެ ޙަޤީޤަތް ހޯދުމަށް ސައިންސް ވަނީ ނުކުޅެދިފަ އެވެ. މިހާރުން ފެށިގެން އެތައް މިލިޔަން އަހަރެއް ވަންދެން ސައިންސް ކުރިއަރަމުން ދިޔަ ކަމުގައި ވިޔަސް، ބުއްދިއާއި ސައިންސްގެ އަލީގައި ހޯދައިނުގަނެވޭނެ ކިތަންމެ ކަންތައްތަކެއް ވާނެ އެވެ.
 
 

މާތް ﷲ އާއި ބޭސްފަރުވާ


ފޮތުގެ 162 ވަނަ ޞަފުޙާއިން 167 ވަނަ ޞަފުޙާއަށް އޮތް މަޒުމޫނުގައި އަލިއަޅުވާލައްވާފައިވަނީ، މާތް ﷲ އާއި ބޭސް ފަރުވާއާ ދެމެދުގައިވާ ގުޅުމުގެ މައްޗަށެވެ. އެ މަޒުމޫނު ލިޔުއްވާފައިވަނީ، ޑރ. ޕޯލް އާނެސްޓެވެ. އޭނާއަކީ، އޮޕަރޭޝަން ކުރުމުގައި ފަންނުގައި ފުންނާބު އުސް ޢާލިމެކެވެ.

އޭނާ ލިޔުއްވާފައިވާ ގޮތުގައި، ބަލިތަކަށް ބޭސްފަރުވާކުރާއިރު، ފުރިހަމަ ޝިފާއަކަށް އެދޭނަމަ އެންމެ މުހިންމު ކަމަކީ، މާތް ﷲ ގެ ވާގިފުޅަށް އެދުމެވެ. އެކަލާނގެ ވާގިފުޅާ ނުލައި ބަލިތަކަށް ފުރިހަމަ ޝިފާއެއް ނުލިބޭނެތީ އެވެ.

ހިތްހަމަނުޖެހުމާއި ކަންބޮޑުވުން، ވަރަށް ބޮޑު ރޯލެއް ކުޅޭ ނަފުސާނީ ބަލިތައް ވަރަށް ގިނަ އެވެ. މާތް ﷲ އަށް އީމާންވުން ވަރުގަދަކުރުމުގެ މައްޗަށް ބިނާކޮށް، އެ ބަލިތަކަށް ފަރުވާދެވިއްޖެނަމަ، ވަރަށް ގިނަފަހަރު އިންސާނާ އޭނާގެ ޠަބީޢީ ޙާލަތަށް ބަދަލުވެދެ އެވެ.

މަޢިދާ ފާރުވުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ، ބައެއް މީހުން ހީކުރާ ފަދައިން، މީހާގެ އަނގައިން އެތެރެހަށްޓަށް ވާޞިލުވާ ކާބޯތަކެއްޗެއް ނޫނެވެ. އެކަމަކު އޭގެ މައިގަނޑު ސަބަބަކީ، މީހާގެ ހިތުން ކައިބޮއިއުޅޭ އެއްޗެއްސެވެ. ބަލިމީހާއަށް ފަރުވާދޭއިރު، ފުރަތަމަ އޭނާގެ ހިތަށް ފަރުވާކުރަން ޖެހެ އެވެ. ހިތުގައިވާ ޙަސަދައާއި ފިތުނައިގެ ވަބާތައް ނައްތާލުމަށްޓަކަ އެވެ. މި ފަރުވާދޭއިރު، ނަބީބޭކަލުންނާ ތަބާވުމަށް ބަލިމީހާއަށް ދަސްކޮށްދޭން ޖެހެ އެވެ. އެބޭކަލުން ވަނީ، ނަމާދުފުޅު ކުރައްވައި، އެބޭކަލުންގެ ދުޝްމަނުންގެ މައްޗަށް ހެޔޮ ދުޢާފުޅު ކުރައްވާފަ އެވެ.

ބަލިމީހާއަކީ، ހިތް ސާފު، އިޚުލާޞްތެރިއެއް ކަމުގައި ވެއްޖެނަމަ، ޝިފާލިބުން ވާނީ ވަރަށްވެސް ކައިރީގަ އެވެ. ޚާއްޞަކޮށް، ނަންގަނެވިދިޔަ ރޫޙާނީ ފަރުވާއާއެކުގައި ބޭސްވެރިކަމުގެ ފަރުވާ ލިބިގަންނަ ނަމަ އެވެ.

އިންސާނާގެ ހަށިގަނޑު ހުންނަން ޖެހޭ އެންމެ ފުރިހަމަ ގޮތުގައި ހުންނާނީ، އެ ހަށިގަނޑު ހެއްދެވި ޚާލިޤުވަންތަ ރަސްކަލާނގެ އެންގެވި ގޮތަށް އުޅުމުންނެވެ. އެހެން ނޫންނަމަ، ބަލިތަކާއި، ހަމަނުޖެހުންތައް، އެ ހަށިގަނޑާ ކުރިމަތިވާނެ އެވެ.

މަޒުމޫނު ނިންމަވާލައްވަމުން ޑރ. ޕޯލް ލިޔުއްވާފައިވެ އެވެ.
"ކަލަކު ވޮޑިގެންވެ އެވެ. އެކަލާނގެ ވޮޑިގެންވާކަން، ވަރަށް ގިނަ ފަހަރުމަތިން އަޅުގަނޑަށްވަނީ އެނގިފަ އެވެ. ބިނދިފައިވާ ކަށިތަކާއި ނުތަނަވަސްވެފައިވާ ހިތްތަކަށް ޝިފާދެއްވަނީ އެކަލާނގެ އެވެ."

ދުނިޔެއަކީ، ކަލަކު ވޮޑިގެންވާކަމުގެ ހެތްކެކެވެ.


ޑރ. ފްރެންކް އެލިން ލިޔުއްވާފައިވާ މަޒުމޫނުގައި މިކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވެ އެވެ. ތިރީގައި މިވަނީ އެ މަޒުމޫނުން ނަގާފައިވާ އޮށްޓަރާއި އަރަގެވެ.

ދުނިޔެއާމެދު ވިސްނައި ފިކުރުކުރުމުން ކަލަކު ވޮޑިގެންވާކަން އެނގިދެ އެވެ. އެއީ ކުޅަދުންވަންތަ ކަލަކު ހެއްދެވި އެއްޗެއް ކަން އެނގިދެ އެވެ. ދުނިޔެއަކީ، އަމިއްލައަށް އުފެދުނު އެއްޗެއް ކަމަށް ނުބުނެވޭހައި ބޮޑެތި ހެކިތައް ދުނިޔޭގައި ލައްވާފައިވާތީ އެވެ.

ދުނިޔެ އޭގެ އަމިއްލަ ނަފުސުގެ ވަށައިގެން އެނބުރެ އެވެ. މިކަމުގެ ސަބަބުން ރޭގަނޑާއި ދުވާލު އުފެދި، ރޭދުވާ ތަކުރާރުވަމުން ދެ އެވެ. އިރުގެވަށައިގެން ދުނިޔެ ބުރެއް ފުރިހަމަކުރާ މުއްދަތަކީ އެއް އަހަރުދުވަހެވެ. އިރުގެ ވަށައިގެން ދުނިޔެ ބުރުއެޅުމުގެ ސަބަބުން، މޫސުމްތައް އުފެދި، ބިންމަތީގައި ދިރިއުޅެން ކަމުދާ އޭރިއާ އިތުރުވެދެ އެވެ.

ދުނިޔޭގެ ބިންމަތިން ފެށިގެން ގާތްގަނޑަކަށް 800 ކިލޯމީޓަރުގެ ދުރަށް ފެތުރިފައިވާ ޖައްވެއް ދުނިޔޭގެ ވަށައިގެން ލައްވާފައިވެ އެވެ. ފަޒާގެ ތެރެއިން ދުނިޔެއަށް އަންނަ ނުރައްކާތެރި އެތައް މިލިއަން ގިނިހިލައަކުން ދުނިޔެ ސަލާމަތްވަނީ އެ ޖައްވުގެ ސަބަބުންނެވެ. ޖައްވު އަދާކުރާ އަނެއް މުހިންމު ވަޒީފާއަކީ، ދިރޭ ތަކެއްޗާ ގުޅޭވަރަށް ޖައްވުގެ ފިނިހޫނުމިން ހިފަހައްޓައިދިނުމެވެ.

ކަނޑުތަކާއި ކޯރުތަކުން އާތްވަށް ބަދަލުވެގެން އަރާ ފެން، ދުނިޔޭގެ ބައްރުތަކުގެ މަތީގައި ވިލާތަކާއެކު ދުރު ހިސާބުތަކަށް އުފުލާދިނުމުގެ ދައުރު ވެސް ޖައްވު އަދާކުރެ އެވެ. ވާރޭގެ ގޮތުގައި ވެހޭ ފެނަކީ އެއީ އެވެ. ވާރޭ ފެނަކީ މީރު ފެނުގެ މަޞްދަރެކެވެ. ވާރޭ ނުވެހޭނަމަ، މުޅި ދުނިޔެއަކީ ދިރޭތަކެތީގެ އަސަރެއް ނެތް، މަރުވެފައިވާ ސަހަރާއެއްކަމުގައި ވީހެވެ.

ފެނާމެދު ހިނދުކޮޅަކު ވިސްނާލަމާތޯ އެވެ. ހޫނުކަން ދަށަށް ދިއުމުން ފެނުގެ ތެރެއަށް އޮކްސިޖަން ވަންނަމުންދާ މިންވަރު އިތުރުވެ އެވެ. ފެނުގެ ޑެންސިޓީ އެންމެ މައްޗަށް ދަނީ، ހޫނުކަން ދަށްވަމުން ގޮސް ހަތަރު ޑިގްރީ ސެލްސިއަސް އަށް އެރުމުންނެވެ. ދިޔާ ފެނުގެ ޑެންސިޓީއަށްވުރެ، ގަނޑުފެނުގެ ޑެންސިޓީ ދަށެވެ. މިކަމުގެ ސަބަބުން، ގަނޑުފެނަކީ ދިޔާ ފެނަށްވުރެ ލުއިއެއްޗެއް ކަމަށް ވެފައިވެ އެވެ. އަދި އަޑިޔަށް ނުގޮސް، ދިޔާ ފެންގަނޑުގެ މަތީގައި ގަނޑުފެންގަނޑު އޮވެދެ އެވެ. ފެނުގައި އުޅޭ ދިރޭތަކެއްޗަށް، ފިނި ހިސާބުތަކުގައި މަރުނުވެ ދިރިއުޅެވެނީ މިކަންކަން މިފަދައިން ލައްވާފައިވާތީ އެވެ.

ދުނިޔޭގައިވާ މިފަދަ ކަންތައްތައް މިހާ ފުރިހަމައަށް ރޭވިގެން ހިނގަމުންދާތީ، ކައުނު ހެއްދެވީ ކަލަކު ވޮޑިގެންވާކަން ވަރަށް ސާފުކޮށް އެނގެ އެވެ. ކައުނު އުފެދިފައިވަނީ އަމިއްލައަށް ކަމަށްވީނަމަ، ނަންގަނެވިދިޔަ ކަންތައްތައް އެހާ ފުރިހަމައަށް ހިނގަމުން ނުދާނެކަން ކަށަވަރެވެ.

މާތް ﷲ ވޮޑިގެން ނުވާކަމުގެ ދަލީލެއް ނެތެވެ.


ފޮތުގެ 173 ވަނަ ޞަފުޙާއިން 192 ވަނަ ޞަފުޙާއަށް އޮތް މަޒުމޫނުގެ ސުރުޚީއަކީ، "މާތް ﷲ ވޮޑިގެންވާ ކަމީ ކަނޑައެޅިގެން އެނގޭ ޙަޤީޤަތެކެވެ." މިއެވެ. އެ މަޒުމޫނުގައި ވެ އެވެ.

މާތް ﷲ ވޮޑިގެންވާ ކަމާމެދު އިންކާރުކުރާ މީހުން އިންކާރުކުރަނީ، ސަލާމަތް ބުއްދި ޤަބޫލުކުރާ ދަލީލެއްގެ މައްޗަށް ބިނާކޮށްގެނެއް ނޫނެވެ. މާތް ﷲ ވޮޑިގެންވާ ކަމީ ދޮގެއްކަން ސާބިތުކޮށްދިނުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ހަމައެފަދައިން އެކަލާނގެ ވޮޑިގެން ނުވާ ކަމަށް ބުނެވޭ ބަހަކީ ތެދު ބަހެއްކަން ސާބިތުކޮށްދިނުމަކީ ވެސް ހަމަ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަލާނގެ ވޮޑިގެންވާ ކަމާމެދު މީހަކު އިންކާރުކޮށްފާނެ އެވެ. ނަމަވެސް އޭނާ ކުރާ އިންކާރުކުރުމަށް ބާރެއް ލިއްބައިދީފާނެ އެއްވެސް ދަލީލެއް ދެއްކުމަކީ އޭނާއާ ލާހިކު ކަމެއް ނޫނެވެ.

މާތް ﷲ ވޮޑިގެންވާކަމުގެ ދަލީލަކަށް މުލްޙިދުން އެދޭއިރު، އެބައިމީހުން ބޭނުންވަނީ އެކަލާނގެއީ މާއްދީ ފަރާތެއް ކަމުގައިވީނަމަ، އެކަލާނގެ ވޮޑިގެންވާކަން ސާބިތުކޮށްދެވޭ ފަދަ ދަލީލަކަށެވެ. މުލްޙިދުން އެކަލާނގެއާމެދު ދެކެނީ، ޝަރީކުކުރެވޭ ތަކެއްޗާމެދު ދެކޭ ފަދައިންނެވެ. މުލްޙިދުން ބުނެއުޅެ އެވެ.

"ތިމަންނައަށް ޖެހިފައިވާ ބައްޔަށް ޝިފާއެއް ދެއްވައިފިނަމަ، މާތް ﷲ ވޮޑިގެންވާ ކަން ޤަބޫލުކުރާނަމެވެ."
ނުވަތަ "ވާރޭ ވެއްސަވައިފިނަމަ، އެކަލާނގެ ވޮޑިގެންވާކަން ޤަބޫލުކުރާނަމެވެ."
އަދިވެސް ބުނެއުޅެއެވެ.
"ޢަދުލުވެރި ކަލަކު ވޮޑިގެންވާނަމަ، ތިމަންނަގެ މިވެނި މީހަކަށް ވޭންހުރި ބައްޔެއް ނުޖެއްސެވީހެވެ."

އެހެން ޢިބާރާތަކުން ބުނާނަމަ، އެބައިމީހުންގެ ބަހަކީ، އެބައިމީހުން އެދޭ ގޮތަށާއި، އެބައިމީހުންގެ ޒާތީ މަޞްލަޙަތާ ފުށު ނާރާ ގޮތަށް، މާތް ﷲ ކަންތައްތައް ރާއްވަވައި މިންވަރުކުރައްވައިފިނަމަ، އެކަލާނގެ ވޮޑިގެންވާ ކަމަށް އެބައިމީހުން އީމާންވާނެ އެވެ.

މިފަދަ، އަމިއްލަ އެދުމުން ފުރިފައިވާ ފިކުރުން ކަޅިވެގެން ހުރެ ވިސްނާ ފިކުރުކުރާނަމަ، މާތް ﷲ ވޮޑިގެންވާކަން ޤަބޫލުކުރުމުގެ އައްސޭރިއަށް ވާޞިލެއް ނުވެވޭނެ އެވެ. އެކަލާނގެ ވޮޑިގެންވާ ކަމަށް އީމާންވެވޭނީ، އަމިއްލަ އެދުމާއި، ޙަސަދަވެރިކަމާއި، ފިތުނަތަކުން ހިތާއި ބުއްދި އެއްކިބާކޮށް، ވަކިފަރާތަކަށް ބުރަވުމެއް ނެތި ވިސްނައި ފިކުރުކުރީމަ އެވެ. މިގޮތަށް ވިސްނާ ފިކުރުކުރާނަމަ، މާތް ﷲ ވޮޑިގެން ނުވާކަމުގެ އެއްވެސް ދަލީލެއް ނުފެންނާނެ އެވެ. ކީއްތޯއެވެ. ފެންނަމުންދާނީ، މުޅިންވެސް އެކަލާނގެ ވޮޑިގެންވާ ކަމުގެ ހެކިތަކާއި ދަލީލުތަކެވެ.

ނިންމާލުން


ފޮތުގައި ލިޔުއްވާފައިވާ ކޮންމެ ސައިންޓިސްޓަކު ވެސް، އެބޭފުޅެއްގެ ޢިލްމާއި ދިރާސާތަކުގެ އަލީގައި، މާތް ﷲ ވޮޑިގެންވާ ކަމުގެ ހެކިތަކާއި ޙުއްޖަތްތައް ދައްކަވާފައިވެ އެވެ. އޭގެ އިތުރުން، އެކަލާނގެ ސިފަފުޅުތަކުގެ ތެރެއިން ބައެއް ސިފަފުޅުތައް ވެސް ބަޔާންކުރައްވާފައިވެ އެވެ. އެކަލާނގެއީ، ޚާލިޤުވަންތަ، ޙިކުމަތްވަންތަ، ކުޅަދުންވަންތަ، އިރާދަކުރައްވާ، މޮޅަށްދެނެވޮޑިގެންވާ އަދި ރަޙުމަތްވަންތަ ރަސްކަލާނގެ ކަމަށް ސައިންޓިސްޓުން ވިދާޅުވެފައިވެ އެވެ. އެ ބޭފުޅުން ބަޔާންކުރައްވާފައިވާ މިފަދަ ސިފަފުޅުތަކަކީ، މާތްވެގެންވާ އިސްލާމްދީނުގައި މާތް ﷲ ގެ ސިފަފުޅުތައް ކަމަށް ބަޔާންކުރައްވާފައިވާ ސިފަފުޅުތަކެވެ.

މިނޫނަސް މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ ކިތަންމެ ކަމެއް، ސައިންޓިސްޓުން ވިދާޅުވެފައިވެ އެވެ. އެފަދަ ބައެއް ކަންތައްތައް ތިރީގައި މިދަންނަވަނީ އެވެ.

1.    އިންސާނާއަކީ، މިދުނިޔޭގައި ލައްވާފައިވާ މާތް ﷲ ގެ ޚަލީފާއެކެވެ.
2.    މާތް ﷲ ހައްދަވާފައިވާ ތަކެތި، ޚަލްޤުކުރައްވައި މިންވަރުކުރައްވާފައިވަނީ އެންމެ ފުރިހަމައަށެވެ.
3.    ޢިލްމުގެ ތެރެއިން މަދު މިންވަރެއް މެނުވީ އިންސާނުންނަކަށް ނުލިބެ އެވެ.
4.    އެންމެހައި މީސްތަކުންނީ، މާތް ﷲ އަޅުތަކުން ކަމުގައިވީތީ، އެބައިމީހުންނީ ހަމަހަމަވެގެންވާ ބަޔެކެވެ.
5.    އިންސާނާ ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގަ އެވެ.

މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާ މިފަދަ އެތައް ކަންކަމެއް އިސްލާމްދީނުގައި އަންގަވާފައިވާ ގޮތަށް ސައިންޓިސްޓުން ވިދާޅުވެފައިވެ އެވެ.

ފޮތުގެ އެންމެ ފަހަތުގައިވަނީ، ޑރ. ޖަމާލުއްދީނު ލިޔުއްވާފައިވާ މަޒުމޫނެކެވެ. ސައިންޓިފިކް ޙަޤީޤަތްތަކާއި މުސްތަޤުބަލްގައި ހިނގާނެ ކަންތަކުގެ ވާހަކަ ނަންގަނެވިފައިވާ ކީރިތި ޤުރުއާނުގެ އާޔަތްތައް އެ މަޒުމޫނުގައި ވެއެވެ.

މި ފޮތަކީ، ކަނޑައެޅިގެން ވަކި ދީނަކަށް ގޮވާލާ ފޮތެއް ނޫނެވެ. ނަމަވެސް މި ފޮތަކީ، މާތް ﷲ ގެ ޙަޟުރަތަށް، އެކަލާނގެ އަޅުތަކުން ކުއްތަންވެ، އެކަލާނގެއާ ގުޅުން ބަދަހިކުރުމަށް ގޮވާލާފައިވާ ފޮތެކެވެ. އެކަލާނގެ ވޮޑިގެންވާކަން ސާބިތުކޮށްދެމުން، އެކަލާނގެ ޙަޟުރަތަށް އީމާންވުމަށް ގޮވާލާފައިވާ ފޮތެކެވެ.


 ޢަބްދުލްމުޢީދު ޙަސަން

ads

ދާއިރާ:

0 comments:

Post a Comment

 
here it is