Wednesday, August 29, 2012

ޤާދިޔާނީންނަށް ނަޒަރެއް

ޤާދިޔާނީ ޙަރަކާތަކީ، ނަވާރަ ވަނަ ޤަރުނުގައި އިންޑިއާގައި އުފެދުނު ޙަރަކާތެކެވެ.

އެ ޙަރަކާތުގެ އަހުލުވެރިން މަސައްކަތްކުރީ، މުސްލިމުން ދީނާ ދުރުކޮށް، ޖިހާދުކުރުން އުވާލުމަށެވެ.

އެކަމުގެ ބޭނުމަކީ، އިންޑިއާގެ މުސްލިމުން، އިނގިރޭސިންގެ އިސްތިޢުމާރާ ދެކޮޅަށް ޖިހާދުކުރުން ހުއްޓުވުމެވެ. އެ ޙަރަކާތުގެ ދުލަކީ، "އަދުޔާން" މަޖައްލާ ކަމުގައިވި އެވެ. އެއީ އިނގިރޭސި ބަހުން ނެރުނު މަޖައްލާއެކެވެ.


އިސް މީހުން
ޣުލާމު އަޙުމަދު
މި ޙަރަކާތުގެ ބާނީއަކީ، މިރުޒާ ޣުލާމު އަޙުމަދެވެ. އޭނާ ދުނިޔޭގައި އުޅުނީ، 1839 ން 1908 ށެވެ. އޭނާ އުފަންވީ، ޕަންޖާބުގެ ޤާދިޔާން އަވަށަށެވެ. އޭނާ މަރުވިއިރު، ފަންސާހަށްވުރެ ގިނަ ފޮތާއި މަޒުމޫނު ލިޔެފައިވެ އެވެ.
ނޫރުއްދީން
މީނާއަކީ، ޣުލާމަށްފަހު، ޙަރަކާތް ނެގެހެއްޓި މީހާ އެވެ.
އިނގިރޭސީން މީނާގެ ބޮލުގައި އެ ޙަރަކާތުގެ ތާޖު އެޅުވި އެވެ.
މުޙައްމަދު ޢަލީ
މީނާއަކީ، ލާހޫރުގެ ޤާދިޔާނީންގެ އަމީރެވެ.
މީނާއަކީ، އިނގިރޭސީންގެ ޖާސޫސެއްކަމުގައިވި އެވެ.
މީނާ ކީރިތި ޤުރުއާން އިނގިރޭސި ބަހަށް ނުބައިކޮށް ތަރުޖަމާކުރި އެވެ.
މުޙައްމަދު ޞާދިޤު
މީނާއަކީ ޤާދިޔާނީންގެ މުފުތީއެކެވެ.
މަޙުމޫދު އަޙުމަދު
މީނާއަކީ، ޣުލާމުގެ ދަރިއެކެވެ. ސީރަތުލް މަހުދީ، ކަލިމަތުލް ފަޞްލި، މި ދެ ފޮތް މީނާ ލިޔުނެވެ.
ބަޝީރު އަޙުމަދު
މީނާއަކީ، ޣުލާމުގެ ދަރިއެކެވެ. އަންވާރުލް ޚިލާފާ، ތުޙުފަތުލް މުލޫކި، ޙަޤީޤަތުއް ނުބުއްވާ، މި ތިން ފޮތް މީނާ ލިޔުނެވެ.


ކުރިޔަށް ދިޔަ ގޮތް

ޣުލާމު، ޙަރަކާތް ފެށީ އިސްލާމްދީނަށް ގޮވާލާ ދާޢީ އެއްގެ ގޮތުގަ އެވެ.
ދެން މީހުން އޭނާއާ ތަބާވުމުން، އޭނާއަކީ، ދީން އާކޮށްދޭ މުޖައްދިދެއް ކަމުގައި ބުންޏެވެ.
އެއަށްފަހު އޭނާއަކީ، އިލްހާމުވާ މީހެއް ކަމުގައި ބުންޏެވެ.
އެއަށްފަހު އޭނާއަކީ، އިންތިޒާރުކުރެވޭ މަހުދީގެފާނު ކަމުގައި ބުންޏެވެ.
އެއަށްފަހު އޭނާއަކީ، ފަހުޒަމާނުގައި ވަޑައިގަންނަވާނެ ޢީސާގެފާނު ކަމުގައި ބުންޏެވެ.
އެއަށްފަހު އޭނާއަކީ، ނަބިއްޔެއް ކަމަށް ދަޢުވާކުރި އެވެ.
އެއަށްފަހު އޭނާގެ ނަބީކަމަކީ، ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ގެ ނަބީކަމަށްވުރެ މާ މަތިވެރި ނަބީ ކަމެއް ކަމުގައި ދަޢުވާކުރި އެވެ.


ޤާދިޔާނީންގެ ބައެއް ޢަޤީދާތައް

1.    ޤާދިޔާނީން އިޢުތިޤާދުކުރާ ގޮތުގައި މާތްﷲ ރޯދަ ހިއްޕަވަ އެވެ. ނަމާދުކުރައްވަ އެވެ. އަވަހާރަފުޅު ލައްޕަވަ އެވެ. ހޭފުޅު ލައްވަ އެވެ. ކުށްކުރައްވަ އެވެ. ... ޤާދިޔާނީންގެ މި ޢަޤީދާތައް، ސުންނަތް ޖަމާޢަތުގެ މުސްލިމުންގެ ޢަޤީދާއާ ފުށުއަރަ އެވެ. އެހެނީ މިފަދަ ސިފަތަކުން މާތްﷲ ހުސްދުރުވެވޮޑިގެންވެ އެވެ.

2.    ޤާދިޔާނީން އިޢުތިޤާދުކުރާ ގޮތުގައި އެބައިމީހުންގެ ކަލާންގެއަކީ، އިނގިރޭސި ކަލާނގެއެކެވެ. މިހެނީ އެބައިމީހުންގެ ކަލާނގެ ބަސްފުޅު ވަޙީކުރައްވަނީ އިނގިރޭސި ބަހުންނެވެ.

3.    ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި ކީރިތި ރަސޫލާ (ޞައްލަ ﷲ ޢަލައިހި ވަސައްލަމަ) ނަބީކަން ޚަތިމްނުކުރައްވަ އެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އިތުރު އެކަލޭގެފާނަށްފަހުގައި ވެސް ނަބީކަން ވަނީ މާތް ﷲ އެދިވޮޑިގެންނެވި އަޅަކަށް ދެއްވާ ގޮތަށެވެ. ޣުލާމު އަޙުމަދަކީ، އެންމެ މާތް ނަބިއްޔާ ކަމަށް އެބައިމީހުން ދަޢުވާކުރެ އެވެ.

4.    ޖިބުރީލުގެފާނު، ޥަޙީ ބަސްފުޅު ހިއްޕަވައިގެން ޣުލާމު އަޙުމަދުގެ ގާތަށް އުޑުން ފައިބާވަޑައިގަންނަވާ ކަމަށް ޤާދިޔާނީން ޤަބޫލުކުރެ އެވެ. އަދި ޣުލާމަށް ބާވައިލެއްވުނު ކަމަށް އެބައިމީހުން ބުނާ ޥަޙީއަކީ، ކީރިތި ޤުރުއާން ފަދަ ކަލާމްފުޅެއް ކަމަށް ވެސް އެބައިމީހުން ބުނެ އެވެ.

5.    ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި ޣުލާމު ގެނެސްދިން ޤުރުއާން ފިޔަވައި އެހެން ޤުރުއާނެއް ނެތެވެ. އަދި އޭނާ ގެނެސްދިން ތަޢުލީމުގެ އަލީގައި ނޫނީ ޙަދީޘެއް ނެތެވެ. އަދި ޣުލާމަކީ، ނަބީބޭކަލުންގެ ސާހިބާ އެވެ. އޭނާގެ ސާހިބުކަމުގެ ދަށުގައި ނޫނީ އެއްވެސް ނަބީބޭކަލެއް ނެތެވެ.

6.    ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި އެބައިމީހުންގެ ފޮތަކީ ބާވައިލެއްވުނު ފޮތެކެވެ. އެ ފޮތުގެ ނަމަކީ، "އަލްކިތާބުލްމުބީން" އެވެ. އެއީ ކީރިތި ޤުރުއާނެއް ނޫނެވެ.

7.    ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި އެބައިމީހުންނަކީ، އާ ދީނެއްގެ ވެރި ބަޔެކެވެ. އަދި އެބައިމީހުންގެ ދީނާއި ޝަރީޢަތަކީ މުސްތަޤިއްލު އެއްޗެކެވެ. ޣުލާމުގެ މިތުރުންނަކީ، ކީރިތި މާތް ރަސޫލާގެ އަޞްޙާބު ބޭކަލުން ފަދަ ބަޔެއް ކަމަށް އެބައިމީހުން އީމާންވެ އެވެ.

8.    ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި ޤާދިޔާނަކީ، މައްކާއާއި މަދީނާ ފަދަ މާތް ރަށެކެވެ. އެބައިމީހުން ދެކޭ ގޮތުގައި އެއީ އެ ދެ ރަށަށްވުރެ ވެސް މާތްކަން ބޮޑުވެގެންވާ ރަށެކެވެ. އެއީ އެބައިމީހުންގެ ޤިބުލަ އެވެ. އަދި އެބައިމީހުން ޙައްޖުވަނީ ވެސް އެ ރަށަށެވެ.

9.    ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި ޖިހާދުކުރުމަކީ ދީނުގައި އޮތް ކަމެއް ނޫނެވެ. އަދި ކިޔަމަންތެރިވާން ޖެހޭނީ އިނގިރޭސި ސަރުކާރަށެވެ. އެބައިމީހުން ޤަބޫލުކުރާ ގޮތުގައި މުސްލިމުންގެ ވަލިއްޔުލް އަމްރަކީ، އިނގިރޭސި ސަރުކާރެވެ. މިކަމަކީ، ކީރިތި ޤުރުއާނުގައި ނައްޞުން ބަޔާންކުރައްވާފައިވާ ކަމެއް ކަމަށް އެބައިމީހުން ބުނެ އެވެ.

10.    ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި ޤާދިޔާނީންގެ ދީނަށް ނުވަންނަ ކޮންމެ މީހަކީ، މުސްލިމެއް ނޫނެވެ. އަދި ޤާދިޔާނީއަކު، އޭނާގެ އަންހެން ދަރިފުޅު ސުންނަތް ޖަމާޢަތުގެ މުސްލިމަކާ ކާވަނިކުރުމަކީ ޙަރާމްކަމެކެވެ.

11.    ޤާދިޔާނީން ޤަބޫލުކުރާ ގޮތުގައި ބަނގުރަލަކީ ހުއްދަ އެއްޗެކެވެ. އަދި އަފިހުނާއި މަސްތުވާތަކެއްޗަކީ ވެސް ޙަލާލުތަކެއްޗެވެ.


ޣުލާމަކީ ކާފިރެއްކަން ސާބިތުވަނީ:

1.    އޭނާ ނަބީކަމަށް ދަޢުވާކުރުމުން ނެވެ.
2.    އިސްތިޢުމާރީ ބާރަށް ޚިދުމަތްކޮށްދިނުމުގެ ގޮތުން ޖިހާދު ކުރުމުގެ ފަރުޟު އުވައިލުމުންނެވެ.
3.    މައްކާއަށް ޙައްޖުވުން ބާޠިލުކޮށް ޤާދިޔާނަށް ޙައްޖުވުމަށް ގޮވައިލުމުންނެވެ.
4.    މާތްﷲ އާ އިންސާނުންނާ އެއްފަދަ ކުރުމުންނެވެ.
5.    ޙުލޫލާއި ތަނާސުޚުގެ ޢަޤީދާ އަށް އީމާންވުމުންނެވެ.
6.    އޭނާގެ ބައްޕައަކީ ކަލާނގެ ކަމަށާއި، އޭނާއަކީ ކަލާނގެ ދަރިކަލުން ކަމުގައި ދަޢުވާކުރުމުންނެވެ.
7.    ކީރިތި މާތް ރަސޫލާގެ ނަބީކަން ޚަތިމްކުރެއްވި ކަމާމެދު އޭނާ އިންކާރުކުރުމުންނެވެ.
8.    ބާޠިނީ ޙަރަކާތްތަކުގައިވާ ފާސިދު ޢަޤީދާތައް އޭނާ ޤަބޫލުކުރުމުންނެވެ.


ދިރިއުޅޭ ޤައުމުތައް

1.    ޤާދިޔާނީންގެ ގިނަ ބަޔަކު ދިރިއުޅެނީ، އިންޑިޔާއާއި ޕާކިސްތާނުގަ އެވެ.

2.    އެބައިމީހުންގެ މަދު ބަޔަކު އިޒުރޭލާއި ޢަރަބި ޤައުމުތަކުގައި ދިރިއުޅެ އެވެ.

3.    އެބައިމީހުން ދިރިއުޅޭ ކޮންމެ ޤައުމެއްގައި، މަތީ މަޤާމުތައް ހޯދަން މަސައްކަތްކުރެ އެވެ. މިކަމުގައި އިސްތިޢުމާރީ ބާރުތައް އެބައިމީހުންނަށް ވާގިވެރިވެ އެވެ.

4.    އެފުރިކާއާއި ހުޅަނގުގެ ޤައުމުތަކުގައި ޤާދިޔާނީން ހީވާގިކަމާއެކު ޙަރަކާތްތެރިވެ އެވެ. އެފުރިކާގައި އެބައިމީހުންގެ ފަސްހާހަށްވުރެ ގިނަ މުރުޝިދުންނާއި ދާޢީން ޙަރަކާތްތެރިވާ ކަމަށް ވެ އެވެ. އެބައިމީހުންގެ މަސައްކަތަކީ ޤާދިޔާނީންގެ ދީނަށް އެހެން މީހުން ވެއްދުމަށް ގަދައަޅައި މަސައްކަތްކުރުމެވެ.

5.    ބައިނަލްއަޤުޥާމީ މުއައްސަސާތަކުގެ އިސް މަޤާމުތައް ޤާދިޔާނީންގެ މީހުންނަށް ހޯދައިދިނުމުގައި އިނގިރޭސީން ވާގިވެރިވާ ކަމަށް ބުނެވެ އެވެ.

6.    ޤާދިޔާނީންގެ ނުރައްކާ މިހާރުވަނީ އިންޑޮނީޝިޔާއަށް ވެސް ފެތުރިފަ އެވެ. އެހެންކަމުން، އެ ޤައުމުގެ ސަރުކާރުން 9 ޖޫން 2008 ގައިވަނީ، އެ ޤައުމުގައި ޤާދިޔާނީން ޙަރަކާތްތެރިވުން މަނާކޮށްފަ އެވެ. އެ ޤައުމުގެ ސަރުކާރުގެ ސަމާލުކަމަށް މި މައްސަލަ ގެނައީ އެ ޤައުމުގެ ޢާއްމު ރައްޔިތުން އެކަމަށްޓަކައި ބޮޑެތި މުޒާހަރާތައް ކޮށްގެންނެވެ.


ޢަބްދުލްމުޢީދު ޙަސަން
 
މަޞްދަރުތައް:
ޞައިދުލްފަވާއިދް ވެބްސައިޓް.
މައުސޫޢަތުލް އިޢުޖާޒިލް ޢިލްމީ ފިލްޤުރުއާނި ވައްސުންނާ.
އިސްލާމްއޮންލައިން ޑޮޓް ނެޓް.

ads

ދާއިރާ:

0 comments:

Post a Comment

 
here it is