Sunday, August 12, 2012

ﷲ ތަޢާލާއަށް ބަރޯސާވުމުގެ ފޮނިކަން

އެންމެ އިޚްލާސްތެރި މީހަކީ، ﷲ ތަޢާލާއަށް ހުރީހާކަމެއްގެ މައްޗަށް ބާރުލިބިވޮޑިގެންވާކަން ދެނެހުރެ، އޭނާގެ ރޭވުންތަކާއި އިޚްތިޔާރުތައް (އެއިލާހަށް) ދޫކޮށްލާ މީހާއެވެ. 


 އިޚްތިޔާރު ކުރުމާއި ރޭވުންތެރިކަން މިލްކުވެގެން ވަނީ އެއިލާހަށް ކަމާއި، އަޅާއަށް އެންމެ ފައިދާހުރިގޮތް ދެނެވޮޑިގެންވާކަމާއި، ބޭނުންތައް ފުއްދައިދިނުމުގެ ކުޅަދުންވަންތަކަން ލިބިވޮޑިގެންވަނީ ގަދަ ކީރިތިވަންތަ އެއިލާހަށްކަން ދެނެގަންނަމީހާއެވެ. އޭނާގެ އަމިއްލަ ނަފްސަށްވުރެ އޭނާއަށް ﷲ ތަޢާލާގެ ބޭނުންެތެރިކަން ބޮޑުކަމާއި، ﷲ ތަޢާލާ އޭނާގެ މައްޗަށް ރަޙްމަތްވަންތަކަމާއި ދީލަތިވަންތަކަން ދަންނަ މީހާއެވެ.
 
ﷲ ތަޢާލާގެ ރޭވުންތެރިކަމުން ނުރެކެވޭނެ ކަމާއި އަދި އެއިލާހުގެ ރޭވުންތައް ބަދަލު ނުކުރެވޭނެކަން އެނގޭ ނަމަ، ނިކަމެތި އަޅަކު އޭނާގެ މައްޗަށް ބާރުލިބިގެންވާ ވަރުގަދަ ރަސްކަލަކަށް އޭނާގެ ހުރިހާ ކަމެއް ހަވާލުކޮށް ދޫކޮށްލާ ފަދައިން އޭނާ އޭނާގެ ހުރިހާ ކަމެއް ﷲ ތަޢާލާއާއި ހަވާލުކޮށް ދޫކޮށްލާނެއެވެ. އެހެނީ އަޅާއަށް އޭނާގެ އަމިއްލަ އެއްވެސް ބާރެއް ލިބިގެނެއް ނުވެއެވެ. އަޅާއަށް މިހުރިހާ ކަމެއް އެނގިގެން ދާހިނދު، އޭނާގެ ހުރިހާ ހިތް ނުތަނަވަސްވުމަކާއި ހިތްހަމަނުޖެހުންތައް ފިލައި މިންޖުވެގެންދެއެވެ.

 އަދި އެއްވެސް ކަންބޮޑުވުމެއް ވަރުބަލިކަމެއް ނުވާ ﷲ ތަޢާލާއާއި އޭނާގެ ހުރިހާ ދަތި އުނދަގޫތަކެއް ހަވާލުކޮށްލައެވެ. އަދި ﷲ ތަޢާލާ އެކަންކަން އުފުއްލަވައެވެ. އެކަމުގައި ﷲ ތަޢާލާގެ އޯގާވަންތަކަމާއި ރަޙްމަތްލައްވަނީ، އެކަންތައްތައް ކޮށްދެވުމުގައި އެއްވެސް ވަރުބަލިކަމަކާއި ބުރަކަމެއް ނެތިއެވެ. އަޅާގެ ހުރިހާ ސަމާލުކަމެއް ދިނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. 

އެހެންކަމުން އެއިލާހުވެސް އޭނާގެ ބޭނުންތަކާއި ފައިދާތަކަށް ސަމާލުކަންދެއްވައި އެކަންތައްތައް އޭނާއަށް ފުއްދަވައިދެއްވާ، އޭނާގެ ހިތް އެކަންތައްތަކުން ހުސްކޮށްދެވަވައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ދިރިއުޅުން ތިޔާގިވެ ހިތަށް އުފާވެރިކަން ލިބިގެންދެއެވެ.

އެހެންނަސް އޭނާ ﷲ ތަޢާލާގެ އޯގާވަންތައްކަމަށް އިންކާރުކޮށް އޭނާގެ އަމިއްލަ އެދުމާއި އެއްގޮތަށް ކަންކަންކުރަން އިސްކަންދީފި ނަމަ، ހަމަ އެފަދައިން ﷲ ތަޢާލާ އޭނާގެ އަމިއްލަ އިޚްތިޔާރާއި އެއްގޮތަށް އޭނާ ދޫކޮށްލަވައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ދިރިއުޅުމަށް ނުތަނަވަސްކަމާއި، ހިތާމަވެރިކަމާއި، ކެކުޅުމާއި އަދި ވަރުބަލިކަން ވެރިވެ ދިރިއުޅުމުގެ ހާލަތު ގޯސްވެގެންދެއެވެ. އަދި އޭނާގެ ހިތް އެގޮތުގައި ދުވަހަކުވެސް ޠާހިރެއް ނުވެއެވެ. ކުރާ މަސައްކަތާއި މެދު ހިތްހަމައެއް ނުޖެހޭނެއެވެ.

 އަދި އެއްވެސް ނަޖާވުމެއް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. އޭނާއަށް ހީވާނީ އޭނާގެ އުފަލާއި ހިތްހަމަޖެހުމާއި ދެމެދު ފަރުދާއެއް ލެވިފައި ހުންނަހެންނެވެ. އޭނާ ދުނިޔެވީ ހަޔާތައިގެން ވަރަށްވެސް ބުރަކޮށް މަސައްކަތް ކުރާނެއެވެ. ނަމަވެސް އުޚްރަވީ ޙަޔާތާއި މެދު އެއްވެސް އުއްމީދެއް ނޯންނާނެއެވެ.
ﷲ ތަޢާލާ އެއިލާހުގެ އަޅާއަށް އަމުރެއް ކުރެއްވުމާއި އެކު ޔަޤީންކަން ދެއްވިއެވެ. އަޅާ ﷲ ތަޢާލާ އަމުރު ކުރެއްވިކަންކަން, އެގޮތުން ހެޔޮ ކަންތައްތަކަށް ނަޞޭޙަތްތެރިވުމާއި، ތެދުވެރިވުމާއި، އިޚްލާޞްތެރިވުމާއި، ވަފާތެރިވުން ފަދަ ހެޔޮ ކަންކަން ކުރާނަމަ, ﷲ ތަޢާލާ އެއިލާހުގެ އަޅާގެ ބޭނުންތައް ފުއްދަވައިދެއްވާނެއެވެ.

 އެގޮތުން އެބައެއްގެ ދިރިއުޅުމުގެ ތަނަވަސްވުމާއި، ފުއްދުންތެރިކަމާއި، ނަޞްރާއި އަދި އެކިއެކި ބޭނުންތައް ފުރިހަމަކޮށްދެއްވުން ހިމެނެއެވެ. ﷲ ތަޢާލާ ވަނީ އެއިލާހަށް އަޅުކަންކުރާ އަޅަކަށް އެހީތެރިވެ ދެއްވާނެކަން ޔަޤީންކޮށްދެވާފައެވެ. ކާމިޔާބު ވަނީ ﷲ ތަޢާލާއަށް އިތުބާރުކޮށް، ހަމަ އެކަނި އެއިލާހުގެ މަދަދައް އެދޭ މީހަކަށެވެ. ފުއްދުންތެރިންނަކީ އޭނާގެ ލަނޑުދަނޑިއަކީ ﷲ ތަޢާލާ ކަމަށް ހަދާ މީހުންނެވެ.

 ފާފަފުއްސެވުން ވަނީ އެކަމަށް އެދޭ މީހަކަށެވެ. އަދި ﷲ ތަޢާލާ އެއިލާހުގެ ކިބައިން އިތުބާރާއި އިޚްލާޞްތެރިކަމާއި އެކު އެދޭ މީހާގެ ބޭނުންތައް ފުއްދަވައި ދެއްވައެވެ. އެމީހަކީ ﷲ ތަޢާލާގެ އަމުރުތަކަށް ފުރިހަމައަށް ފަރުވާތެރިވެ، އެއިލާހުގެ ވަޢުދުތަކަށް ތެދުވެރި އިލާހެއްކަން ދަންނަމީހާއެވެ.

وَمَنْ أَوْفَى بِعَهْدِهِ مِنَ اللَّهِ
"އަދި ޢަހްދު ފުއްދުމުގައި ﷲ އަށް ވުރެ, ވަފާތެރީ ކާކު ހެއްޔެވެ؟" (ސޫރަތުއް ތައުބާ:111)


 

ads

ދާއިރާ:

0 comments:

Post a Comment

 
here it is