Friday, August 3, 2012

ނޭނގުން

މީހަކު ކުރެން އެ މީހަކު ލޯބިވާ ދަރިއެއްގެ ވާހަކަ އަހައިފިނަމަ ދައްކާނޭ ވަރަށް ގިނަ ވާހަކަ ހުރެއެވެ. އެ ވާހަކަތައް ދުވަހަކު ކޮޅުންވެސް ނުލާހައި ގިނައިންނެވެ. އެކަމަކު ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވާހަކައެއް އަހައިފިނަމަ އަނގަ ބަންދުވެދެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއާބެހޭ ގޮތުން އޭނާއަށް އެކައްޗެއްވެސް ނޭނގެނީ ކަހަލައެވެ.

މީހެއްގެ ގާތުގައި އޭނާގެ ޢާއިލާގެ ޤަދަރު ހުރި މުސްކުޅިއެއްގެ ވާހަކަ ނިކަން ދައްކަވަ ބައްލަވާށެވެ. އޭނާގެ ވާހަކަ ހުސް ނުވާހައި ދިގު ވާނެއެވެ. އޭނާގެ ޖަޒުބާތުތައް ހިލިގަނެ، ފޯރި އައިސް އަޑުގަދަކޮށް ވާހަކަ ދައްކައެވެ. އެކަމަކު އެމީހާ ކުރެން ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޚަބަރު ހަމަ އެހުމާއެކު ފޯރިގަނޑު މަޑުވެ، ޖަޒުބާތުތައް އޮބިދެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއާބެހޭ ގޮތުން ދައްކާނޭ ވާހަކައެއް ނޭނގެނީ ކަހަލައެވެ.


މީހަކު ކުރެން އެމީހަކު ތާއީދު ކުރާ "ބޮޑެއް" ގެ ވާހަކަ ނިކަން އައްސަވަ ބައްލަވާށެވެ. އޭނާގެ ދޫ ހަލުވިކަމާއެކު ހިނގައިގަންނާނެއެވެ. މީހަކު ދެމެދަށް ވަދެ މައުޟޫޢު ބަދަލުކޮށް ނުލާހައި ހިނދަކު ހުއްޓައެއް ނުލާނެއެވެ. އެކަމަކު އެމީހާޔާ ﷲ ސުބްޙާނަހޫ ވަތަޢާލާއާބެހޭގޮތުން ސުވާލެއް ކޮށްލުމާއެކު އޭނާގެ ޖޯޝް ފިނިވެދާނެއެވެ. އެއްވެސް ޚަބަރެއް، ދަބަރެއް ނޭނގޭ މީހަކު ފަދައިންނެވެ.
މީހެއްގެ ގާތު ޤައުމީ ބަޠަލެއްގެ ވާހަކަ ނިކަން ދައްކަވަ ބައްލަވާށެވެ. މޮޅު ވާހަކަ ދެއްކުންތެރިއެކޭ އެއްފަދައިން، ފަސޭހަ ކަމާއެކު ތަޢުރީފުގެ ބަސްތައް އަމުނައިލާނެއެވެ. ވާހަކަ ދައްކަން މަޖުބޫރުވާ ފަދަ އެއްވެސް ރޫޙެއް އޭނާގެ އެތެރެހަށްޓަކު ނުއުފެދޭނެއެވެ.

ކިހައި ދެރަ ކަމެއްތޯއެވެ؟ އިންސާނަކަށް ތަޢުރީފު ކުރަން ޖެހުމުން ރީތި ޖުމްލަތަކުން ފުރިފައިވާ ބަސްކޮށާރަ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތަޢުރީފު ކުރަން ޖެހުމުން ހުސްވެދެއެވެ. ތިމާފަދަ އަނެއް އިންސާނާޔާބެހޭ ގޮތުން، އިންސާނާގެ ޚަޒާނާގައި ވަރަށް ގިނަ މަޢުލޫމާތު އެއްކުރެވިފައި ހުރެއެވެ. އެކަމަކު ﷲ ސުބްޙާނަހޫ ވަތަޢާލާއާ ބެހޭ ގޮތުން ދުލުން ނުވަތަ ޤަލަމުން ނަމަވެސް ބޭރު ކޮށްލާނޭ މަޢުލޫމާތެއް ނުހުރެއެވެ. އިންސާނާގެ އީމާންކަން ނިދައި މަރުވީތޯއެވެ؟

ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރިކަން މީހަކަށް ހާމަކޮށްދޭން ފުދޭވަރުގެ ހެކިތަކެއް ލިބިފައި ނެތީތޯއެވެ؟ އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ނިޝާންތައް ނުފެންނަނީތޯއެވެ؟ އިންސާނާއަށް ލިބިފައިވަނީ ހަމައެކަނި މަޚުލޫޤުންގެ ޚަބަރުތޯއެވެ؟ މިހުރިހާ ތަކެއްޗެއް ހެއްދެވި ކުޅަދުންވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއްވެސް ޚަބަރެއް ލިބިފައި ނުވަނީތޯއެވެ؟

ads

ދާއިރާ:

0 comments:

Post a Comment

 
here it is