Tuesday, August 14, 2012

ނިޢުމަތްތަކާ މެދު ޖަވާބުދާރީ ވުން

ނިޢުމަތަކީ ހަމައެކަނި މުއުމިނުންނަށް ޤިޔާމަތްދުވަހު ދެއްވާއެއްޗެއް ނޫނެވެ. އަދި ނިޢުމަތަކީ ހަމައެކަނި ރަނގަޅުކަންތައްތަކެއް ވެސް ނޫނެވެ. ނިޢުމަތުގެ ތެރޭގައި ނުރަނގަޅުކަންތައްތައް ދުރުހެލިކޮށްދެއްވުން ވެސް ހިމެނެ އެވެ.  މާތްﷲ ހެއްދެވި ހުރިހާ މަޚްލޫޤުންނަށް  މި ދުނިޔޭގައި ތަފާތު ނިޢުމަތްތައް ދެއްވަވަ އެވެ.


މި ދުނިޔޭގައި އިންސާނާއަށް ދެއްވި ކޮންމެ ނިޢުމަތަކާ ބެހޭގޮތުން އާޚިރަތްދުވަހު އޭނާއާ ސުވާލުކުރެވޭނެ އެވެ. އޭނާގެ ހަށިގަނޑުގެ ދުޅަހެޔޮކަމާއި އޭނާއަށް ދެއްވި ޞިއްޙަތާ ބެހޭގޮތުން ސުވާލުކުރެވޭނެ އެވެ. އޭނާއަށް ދެއްވި ކާއެއްޗެއްސާއި ބޯއެއްޗެއްސާ ބެހޭގޮތުން ސުވާލުކުރެވޭނެ އެވެ. އޭނާގެ އަރުތެރެއަށް އެތެރެވި ކޮންމެ އެއްޗެކާ  ބެހޭ ގޮތުން، އޭގެ ފިނިކަމާއި ފޮނިކަމާބެހޭގޮތުން، އޭގެ ރަހައާއި އަރާމާ ބެހޭގޮތުން ޤިޔާމަތްދުވަހު ސުވާލުކުރެވޭނެ އެވެ. ފިނިހިޔާވަހިކަމާބެހޭގޮތުންނާއި ، ލޮލަށް އަރާމާއި ލައްޛަތު ގެނެސްދިން މަންޒަރުތަކާއި ފެހިކަމާއި ތާޒާކަމާބެހޭގޮތުން ވެސް އާޚިރަތްދުވަހު ސުވާލުކުރެވޭނެ އެވެ. މުއުމިނުންނާއި ކާފިރުންނާ ހަމަހަމަގޮތުގައި މި ސުވާލުތައް ކުރެވޭނެ އެވެ. މާތް ﷲ ވަޙީކުރައްވަނީ؛

 
    {ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ} -  التكاثر-8

 –
     ''ދެން އެދުވަހުން ނިޢުމަތްތަކާ މެދު ތިޔަބައިމީހުންނާ ސުވާލުކުރައްވާނެކަން ކަށަވަރެވެ."
   
މި އާޔަތް ބާވައިލެއްވުމުން ޒުބައިރުގެފާނު ކީރިތިރަސޫލާ އަށް ދެންނެވި އެވެ. " وَأَيُّ نَعِيمٍ نُسْأَلُ عَنْهُ وَإِنَّمَا هُوَ الْأَسْوَدَانِ التَّمْرُ وَالْمَاءُ قَالَ أَمَا إِنَّهُ سَيَكُونُ – رواه ابن ماجه- އަޅުގަނޑުމެންނާ  ސުވާލުކުރެވޭނީ ކޮން ނިޢުމަތްތަކަކާ ބެހޭގޮތުންތޯ އެވެ؟ އަޅުގަނޑުމެންނަށް ލިބިފައިވަނީ ހަމައެކަނި ކަދުރުކޮޅަކާއި ފެންފޮދެއްނޫންތޯ އެވެ؟ ޖަވާބުގައި ރަސޫލުﷲ صلى الله عليه وسلم  ޙަދީޘްކުރެއްވި އެވެ. އެކަމާބެހޭގޮތުންނާއި އަދި ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާ ބެހޭގޮތުން ސުވާލުކުރެވޭނެއެވެ."
  
އަޅުގަނޑުމެންގެ ކާބަފައިން ކުރީޒަމާނުގައި އުޅުނީ ކިހިނަކުންތޯއެވެ. އެކާބަފައިން ބުނާނެ އެވެ. އަހުރެމެން ކައިއުޅުނީ މަސްކޮޅަކާއި ކާށިކޮޅެކެވެ. މިއީ ކޮން ނިޢުމަތެއް ހެއްޔެވެ؟ އެކަމަކު އެ ކާބަފައިންގެ މިންނަތް މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންނަށް މިއަދު ކިހާ ތަނަވަސްކަމެއް ލިބިފައި އެބަ ހުރިތޯ އެވެ؟ ރަސޫލާގެ ބަސްފުޅު ދިވެހި މުޖްތަމަޢަށް ވެސް މިއަދު ފެތެ އެވެ.
   
އަބޫހުރައިރަތުގެފާނު އަރިހުން، އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއް  ބުނާގޮތުގައި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ސުވާލުކުރެވޭނެ ނިޢުމަތަކީ " ތިމަންރަސްކަލާނގެ ތިބާގެ ހަށިގަނޑަށް  ޞިއްޙަތު ނުދެއްވަމުހޭ؟  އަދި ތިބާއަށް  ފިނި ފެން ނުދެއްވަމުހޭ؟ " ސުވާލުކުރައްވަ އެވެ.
   
ބުޚާރީއާއި މުސްލިމު  ރިވާކުރައްވާގޮތުގައި އަބޫބަކްރުގެފާނާއި ޢުމަރުގެފާނު ބޭރަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ރަސޫލުﷲގެފާނަށް ފެނިވަޑައިގެން ވިދާޅުވި އެވެ. މިގަޑީގައި ތިޔަދެބޭކަލުން ބޭރަށް ނުކުމެވަޑައިގެން ތިޔައުޅުއްވަނީ ކީއްވެތޯ އެވެ. އެ ދެބޭކަލުން ދެންނެވިއެވެ. ހައިހޫނުކަމާހެދި އެވެ. އެހިނދު ރަސޫލުﷲގެފާނު ޙަދީޘްކުރެއްވި އެވެ.
 
 "ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތްގަންދެއްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނު ވެސް ނުކުމެވަޑައިގެން މި އުޅުއްވަނީ ހަމަ ތިޔަކަމާ ހެދި އެވެ. ދެން މި ބޭކަލުން ހިންގަވަނިކޮށް ވަޑައިގެންނެވުނީ އަބޫ އައްޔޫބަލް އަންޞާރީގެ އަރިހަށެވެ. މިބޭކަލުން އެ ގެއަށް ވަޑައިގެންނެވުމުން ވިދާޅުވި އެވެ. މާތްﷲ އަށް ޙަމްދުހުއްޓެވެ. މިއަދު މެހްމާންދާރީ އަދާކުރުމުގައި އަޅުގަނޑަށް ވުރެ ދީލަތިމީހަކު ނުހުންނާނެ އެވެ. އަބޫ އައްޔޫބަލް އަންޞާރީ  މި ބޭކަލުންނަށްޓަކައި ކަންބަޅިއެއް ކަތިލެއްވި އެވެ.  އަދި ކަދުރު އިހަލެއް ގެންނެވި އެވެ.
 
 މި އިހަލުގައި ގަބުޅި ކަދުރާއި ދޮންކަދުރާއި ފާކަދުރު ހުއްޓެވެ. މި ޖާފަތް ނިމުމުން އަބޫބަކްރުގެފާނަށާއި ޢުމަރުގެފާނާ ދިމާއަށް ރަސޫލުﷲގެފާނު ވިދާޅުވި އެވެ. ތިޔަބޭކަލުން ގެއިން ނުކުމެވަޑައިގެންނެވީ ބަނޑުހައިފުޅުވެގެންނެވެ.  ގެ އަށް އެނބުރި ތިޔަވަޑައިގަންނަވަނީ މުޅިން އެހެން ޙާލުކޮޅެއްގަ އެވެ. ޤިޔާމަތްދުވަހު މި ނިޢުމަތާމެދު ސުވާލުކުރެވޭނެ އެވެ.
   
ޤުރައިޝުންނަށް މާތްﷲ ދެއްވި އެންމެ ބޮޑު ދެ ނިޢުމަތުގެ ވާހަކަ  " ޤުރައިޝް" ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. އެކަލާނގެ ވަޙީކުރައްވަނީ؛
 {الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ}

''އެކަލާނގެއީ ބަނޑުހައިހޫނުކަމުގައިވަނިކޮށް އެއުރެންނަށް ކާންދެއްވައި  އަދި ބިރުވެރިކަމުގައިވަނިކޮށް  އެއުރެންނަށް އަމާންކަންދެއްވި ރަސްކަލާނގެއެވެ."
   
އިބްނު މަސްޢޫދުގެ އަރިހުން އިބްނު އަބީ ޙާތިމު ރިވާކުރައްވާގޮތުގައި ، އިބްނު މަސްޢޫދު؛
  {ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ} -  التكاثر : 8 –

''ދެން އެދުވަހުން ނިޢުމަތްތަކާ މެދު ތިޔަބައިމީހުންނާ ސުވާލުކުރައްވާނެކަން ކަށަވަރެވެ."

މި އާޔަތާބެހޭގޮތުން ރަސޫލުﷲގެފާނާ ސުވާލުކުރެއްވުމުން  އެއީ " އަމާންކަމާއި ޞިއްޙަތު "  ކަމަށް  ވިދާޅުވި އެވެ.

ޒައިދު ބިން  އަސްލަމު މި އާޔަތާ ބެހޭ ގޮތުން ސުވާލު ދެންނެވުމުން ރަސޫލުﷲގެފާނު ޖަވާބުގައި ޙަދީޘްކުރެއްވީ އެއީ " އެއީ ހައިހޫނުކަން ފިލުމާއި ފިނިބުއިންތަކާއި ފިނިހިޔާވަހިކަމާއި ނިދީގެ އަރާމެވެ. "
   
މި ބަސްފުޅުތަކުން އެނގެނީ އިންސާނާ ﷲގެ ނިޢުމަތްތަކަށް ޝުކްރުވެރިވާންޖެހޭނެ ކަމެވެ. ﷲގެ ނިޢުމަތްތައް ރަނގަޅުގޮތުގައި ބަލަހައްޓަންޖެހޭނެ ކަމެވެ. އެ ނިޢުމަތްތަކުގެ ބޭނުންކުރަންޖެހޭނީ ﷲގެ ރުހިވޮޑިގަތުން ލިބޭނެ ގޮތްގޮތަށެވެ. މާތްﷲ މަނާކުރައްވާފައިވާ ކަމެއްކުރުމުގައި ނުވަތަ އެފަދަކަމަކަށް އަރައިގަންނަމީހަކަށް އެހީވުމުގައި މި ނިޢުމަތްތަކުގެ ބޭނުންކޮށްގެން ނުވާނެ އެވެ. އޭރުން އެމީހަކު ވާނީ މި ނިޢުމަތްތަކަށް ޙަރާންކޯރުވި މީހަކަށެވެ. އޭރުން މި ނިޢުމަތް  ނިޤްމަތަކަށް ބަދަލުވެދާނެ އެވެ. އޭރުން ޤިޔާމަތްދުވަހު ކުރެވޭ ސުވާލު ހަރުކަށިވާނެއެވެ. އުފުލަންޖެހޭ ޒިންމާ ބުރަވާާނެ އެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is