Wednesday, August 22, 2012

ލޯބީގެ އިޚްލާޞްތެރިކަން

ﷲ ތަޢާލާދެކެ ލޯބިވާކަމަށް ދަޢުވާ ކުރާ މީހުންގެ ކިބައިން އެންމެ ބޮޑަށް އެދެވޭ އެންމެ މުހިންމު އެއްސިފައަކީ ކެތްތެރިކަމެވެ. އެހެނީ، ކެތްތެރިކަމުގެ ދަރަޖައިން، އެބައެއްގެ ވަޢުދަށް އިޚްލާޞްތެރިވަނީ އަދި ވަޢުދަށް އިޚްލާސްތެރިނުވަނީ ކޮންބައެއްކަން އަންގައިދޭތީއެވެ.


 ﷲ ތަޢާލާ ރުއްސެވުމަށްޓަކައި، އުދަނގޫތަކާއި މުޞީބާތްތަކަށް ކެތްތެރިވުމަށް ބޭނުންވާ މިންވަރުން އެމީހަކު އެވާ ލޯބީގެ އިޚްލާޞްތެރިކަން ހާމަކޮށްދެއެވެ. ﷲ ތަޢާލާދެކެ ލޯބިވާ ކަމަށް ވަރަށް ގިނަ މީހުން ދަޢުވާ ކުރެއެވެ. އެކަމަކު، އެބައިމީހުންނަށް މުޞީބާތް ޖެއްސެވުމުން ﷲ ތަޢާލާ އެބައިމީހުން އިމްތިޙާން ކުރެއްވުމުން އެބައިމީހުންނަށް އެލޯބީގެ އަޞްލު ރަހަ ހަނދާންނެތިގެންދެއެވެ. 

ކެތްތެރި އަދި ތަޙައްމަލް ކުރާ މީހުންނަށް މެނުވީ ﷲ ތަޢާލާއަށް ލޯބިވުން މަތީގައި ނުހުރެވޭނެއެވެ. އުދަނގޫތަކާއި އިޚްލާޞްތެރިކަމަށް އިމްތިޙާން ކުރެވެމުން ނޫނީ ﷲ ތަޢާލާއަށް މީހަކު ވާ ލޯބީގެ އިޚްލާސްތެރިކަމެއް ހާމައެއް ނުވާނެއެވެ. ﷲ ތަޢާލާއަށްޓަކައިވާ ލޯބި އެމީހެއްގެ ހިތުގައި އެންމެ ބޮޑަށް ހުންނަ މީހެއްގެ ކިބައިގައި ކެތްތެރިކަމުގެވެސް މަތީ ދަރަޖަވެއެވެ.

އެހެންކަމުން، ﷲ ތަޢާލާވަނީ އެކަލާނގެ އެންމެ ލޯބިވާ އަދި އެކަލާނގެ އެންމެ ގާތް ރަޙްމަތްތެރިން (އައުލިޔާއިން) ނަށް ކެތްތެރިކަމުގެ ސިފައިން ސިފަދެއްވަވާފައެވެ. އެކަލާނގެ ލޯބިވެވޮޑިގަންނަވާ އައްޔޫބް (عليه السلام) އާއި ބެހޭގޮތުން އެކަލާނގެ ވަހީކުރެއްވިއެވެ.
”إِنَّا وَجَدْنَاهُ صَابِرًا نِعْمَ الْعَبْدُ إِنَّهُ أَوَّابٌ“
”ހަމަކަށަވަރުން، އެކަލޭގެފާނީ ކެތްތެރިއަކު ކަމުގައި ތިމަން ﷲ ދެކެވޮޑިގެންފީމެވެ. އެއަޅާގެ ރަނގަޅުކަމާއެވެ! ހަމަކަށަވަރުން އެކަލޭގެފާނީ، ގިނަގިނައިން ތައުބާވެވަޑައިގަންނަވާ ބޭކަލެކެވެ.“
(ސޫރަތުއް ޞާދް 44)

ހުރިހާ އެއްޗަކަށްވުރެ އެކަލާނގެ ލޯބިވެޑިގަންނަވާ ފަރާތަށް އެކަލާނގެ އިރުޝާދުދެއްވީ އެކަލާނގެ ޤަދަރުފުޅު ޤަބޫލުކުރުމުގައި ކެތްތެރިވުމަށެވެ. އަދިވެސް އެންގެވީ ކެތްތެރިކަން އަންނަނީ ހަމައެކަނި ﷲ ތަޢާލާގެ މަދަދުފުޅުން ކަމުގައި ކަމަށެވެ. އެކަލާނގެ ކެތްތެރިންނަށް ތަޢުރީފްކުރައްވާ އެބައިމީހުންނަށް އެންމެ މަތިވެރި އަޖުރުދެއްވުމަށް ވަޢުދުވެލެއްވިއެވެ. އެހެން މީހުންގެ އަޖުރުވަނީ ކަނޑައެޅި ވަކި ޙައްދެއްގެ ތެރޭގައެވެ. 


ނަމަވެސް، ކެތްތެރިންގެ އަޖުރުވަނީ ޢަދަދުނުކުރެވޭ މިންވަރަށެވެ. އީމާންކަމާއި، އިސްލާމްކަމާއި އަދި އިޙްސާންތެރިކަމުގައި ކެތްތެރިކަމަކީ މުހިންމު ކަމެކެވެ. އަދި ހަމައެއާއިއެކު، ކެތްތެރިކަމަކީ އީމާންކަމާއި ތަވައްކަލް ކުރުމުގައިވާ އެންމެ މައިގަނޑު އަސާސެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is