Thursday, August 9, 2012

ރޯދަހިފުމުންވާ ފައިދާއަކީ ކޮބާ؟

ރޯދަހިފުމުންވާ ފައިދާއަށް ބަލާލާއިރު ފާހަގަކޮށްލަންޖެހޭ ދެތިން ކަމެއް އެބައޮތެވެ. އެއްކަމަކީ [އަލްޙަކީމް] އަކީ ﷲ ގެ ނަންފުޅުތަކުގެ ތެރެއިން ނަންފުޅެކެވެ. މި ބަސް އުފެދިފައިވަނީ [ޙުކުމް] އާއި [ޙިކްމަތް] މި ދެބަހުންނެވެ. މިއިން ދޭހަކޮށްދޭ މާނައަކީ ހުރިހާ ޙުކުމެއް ކަނޑައަޅާ ފަރާތަކީ މާތް ﷲ ކަމެވެ. 


އަދި އެ ޙުކުމްތަކަށް އެއްވެސް އުނި އިތުރެއް ގެނަން ނުޖެހޭނެކަމާ، އެއީ އެންމެ ފުރިހަމަ އެންމެ ޙިކްމަތްތެރި ޙުކުމްތައް ކަމެވެ.
ދެވަނަކަމަކީ ﷲ ޙުކުމެއް ކަނޑައަޅުއްވާނީ އޭގައި ބޮޑުވެގެންވާ ޙިކުމަތެއް ވާތީއެވެ. އެ ޙިކުމަތަކީ ފަހަރެއްގައި އަޅުގަނޑުމެންގެ ސިކުނޑިތަކަށް ވިސްނައިގަނެވޭ ޙިކުމަތެއް ކަމުގައިވެސް ވެދާނެއެވެ. ނުވަތަ އެއީ އަޅުގަނޑުމެންގެ ވިސްނުންތަކަށް ނޭނގޭފަދަ ޙިކްމަތެއް ކަމުގައިވެސް ވެދާނެއެވެ. ނޫނީ ޙިކްމަތުން ބައެއް އެނގި، ބޮޑު ބައެއް ފޮރުވިފައިވެސް ވެދާނެއެވެ.

ތިންވަނަ ކަމަކީ، އިންސީންނާއި ޖިންނީންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވީ ކީއްވެކަމާއި އޭގެ ޙިކްމަތް މާތް ﷲ ވަނީ އަންގަވާފައެވެ. ބަޤަރާ ސޫރަތުގެ 183 ވަނަ އާޔަތުގައި އެކަލާނގެ އަންގަވަނީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރި ވުމަށްޓަކައެވެ.]

އެހެންކަމުން ރޯދައަކީ ތަޤްވާވެރިވުމަށް އޮތް މަގެކެވެ. ތަޤްވާވެރިކަމަކީ ﷲ ކުރުމަށް އެންގެވި ކަންތައްތައް ކޮށް، ނަހީކުރެއްވި ކަންތައްތަކުން ދުރުވުމެވެ.
ރޯދަ ހިފުމަކީ އިސްލާމްދީނުގައިވާ މަގުން ހިނގުމަށް މީހާއަށް އެންމެ ބާރުއަޅައިދޭ އެއް ކަންތަކެވެ.

ތަޤްވާވެރިވުމުގައި ހުންނަންޖެހޭ ސިފަތަކަށް ބަލައި، ރޯދަ ހިފަންވީ ސަބަބުތައް ދީނީ ޢިލްމުވެރިންވެސް ތަފުސީރުކޮށްދެއްވާފައިވެއެވެ. އޭގެ ބޭނުމަކީ ރޯދަވެރިޔާ އެ ސިފަތަކަށް ސަމާލުކަންދީ އެ ސިފަތައް ހޯދައިގަތުމުގެ ބޭނުމުގައި މަސައްކަތް ކުރުމަށް މަގުފަހިކޮށްދިނުމެވެ.

ރޯދަ ހިފުމުގެ ފަހަތުގައިވާ ސަބަބުތަކުގެ ތެރޭގައި:
1. ދުނިޔޭގައި އުޅުމުގައި ލިބޭ އުފަލާއި ހިތްހަމަޖެހުމަށް ޝުކުރެވިވުމަށް ރޯދަހިފުމުގެ ސަބަބުން ދަސްވެދެއެވެ. އެންމެ އުފާވެރިކަން ލިއްބައިދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކެއުމާއި ބުއިމާއި ޖިންސީ އެދުން ފުއްދުމުން ދުވާލުގެ ވަގުތުގައި ރޯދަވެރިޔާ ދުރުވެ ހުންނަންޖެހޭ ކަމެވެ. މި އެދުންތަކުން ދުރުވެ ހުންނަންޖެހުމުން، އޭގެ އަގު އަޅުގަނޑުމެންނަށް ވަޒަންކުރެވެއެވެ. އެހެންކަމުން، އެ ނިޢުމަތްތަކަށް ޝުކުރުވެރިވެވެއެވެ.

2. ރޯދަ ހިފުމަކީ ހަރާމްކަންތައްތަކުން ދުރުވުމަށް ލިބޭ ބާރެކެވެ. ސަބަބަކީ ﷲ ގެ ލޯތްބާއި ރުހުން ލިބިގަނެ، ގަދަފަދަވެގެންވާ އަޒާބުން ސަލާމަތްވުމަށްޓަކައި ހަލާލު ކަންތައްތަކުން ދުރުވެވޭނަމަ، ހަރާމް ކަންތައްތަކުން ދުރުވެވުމުގެ ފުރުޞަތު މާބޮޑެވެ. އެހެންކަމުން، ރޯދައަކީ ނުބައިކަންތައްތަކުން ދުރުކޮށްދޭ ކަމެވެ.

3. ރޯދަހިފުމަކީ ތިމާ ހަވާ ނަފުސުގެ އެދުންތަކުން ދުރުކޮށްދޭ ކަމެކެވެ. މީހާ ކައިގެން ހުންނަ ވަގުތުގައި އޭނާގެ އެދުންތައް ދާނީ އިތުރުވަމުންނެވެ. ނަމަވެސް ބަނޑުހިވެފައި ހުރެއްޖެނަމަ، މީހާ ވަރުބަލިވެ ހަވާ ނަފުސުގެ އެދުންތަކުން ދުރުކޮށްދެއެވެ. ކީރިތި ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރައްވާފައިވެއެވެ. [އޭ ޒުވާނުންނޭވެ. ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރެވޭނެ ގާބިލުކަން ލިބިފައިވާ މީހާ އެކަން ކުރާހުށިކަމެވެ. އެއީ މީހާގެ ބެލުން ތިރިކޮށްދީ، މީހާގެ ނަފްސު ތާހިރުކަންމަތީ ބެހެއްޓުމަށްޓަކައެވެ. ނަމަވެސް، ކައިވެނިކުރެވޭނެ ފަދައެއް ނެތް މީހާ ދަންނާށެވެ. އޭނާ ރޯދަ ހިފާހުށިކަމެވެ. ރޯދައަކީ އޭނާއަށް އޮތް ރައްކާތެރިކަމެކެވެ.]

4. ރޯދަ ހިފުމުގެ ސަބަބުން ފަގީރު ނިކަމެތިންގެ ހާލު އިހްސާސްކުރެވި، އެމީހުންނާ މެދު ލޯބި އުފެދެއެވެ. ރޯދައަށް ހުންނައިރު ބަނޑުހައިހޫނު ކަމުގެ ރަހަ ވަގުތުކޮޅަކަށް ނަމަވެސް ދެކެންޖެހޭތީ އަބަދު އެހާލުގައި އުޅޭ މީހުންގެ މަތިން އޭނާ ހަނދާންވެއެވެ. އަދި އޯގާތެރިކަމާއެކު އެމީހުންނަށް އެހީވުމަށް އަވަސްވެ ގަނެވެއެވެ. އެހެންކަމުން ރޯދައަކީ ފަގީރުންނާމެދު ހަމްދަރުދީއާ ލޯބި އުފައްދައިދޭ ކަމެކެވެ.

5. އަބަދުވެސް ﷲ ބައްލަވާވޮޑިގެންވާކަން ރޯދަވެރިޔާ ހަނދާންކޮށް އޭނާގެ ނަފުސު އެ ގޮތުގައި ތަމްރީނުކުރެވެ. ރޯދައަށް ހުރެ އެއްކިބާވ ން ޖެހޭ ކަންތައްތަކަކީ އެއްވެސް މީހަކަށް ނޭނގި ވަގަށްވެސް ކޮށްލެވިދާނެ ކަމެއް ނަމަވެސް، ރޯދަވެރިޔާ އެކަންކަމުން ދުރުވެ އެ ހުންނަނީ ﷲ ބައްލަވާވޮޑިގެންވާތީއެވެ. އެކަން ހަނދާންކޮށްގެނެވެ.

6. ރޯދައިގެ ސަބަބުން ދުނިޔެއަކީ އަދި ދުނިޔޭން ލިބޭ އުފާތަކަކީ މާބޮޑު މާނައެއް ނެތް، ވަގުތީ އުފާތަކެއްކަން ދަނެ، އެ ވިސްނުން އަށަގަނެއެވެ. އަދި ﷲ ގެ ހަޟްރަތުން ލިބެން އޮތް ދާއިމީ އުފާ ލިބިގަތުމަށް މަސައްކަތް ކުރެވެއެވެ.

7. ރޯދައިގެ ސަބަބުން ﷲ އަށް އަޅުކަންކުރުމުގެ އާދަ ހިފައެވެ. ރޯދަވެރިޔާ އާއްމުގޮތެއްގައި ޤުރުއާން ކިޔެވުމާއި އަދިވެސް އެހެން އަޅުކަންތަކުގައި ޝާމިލުވެ އުޅުން ގިނައެވެ. އަދި މި ގޮތުގައި އެއް މަސްދުވަސް ހޭދަކުރުމުން އެކަން އާދައެއްގެ ގޮތުގައިވެ، އެކަންތައްތަކަށް ލޯބި ޖެހޭގޮތް ވެއެވެ.

މިއީ ރޯދަހިފުން ފަރުޟުކުރެއްވުމުގެ ބައެއް ސަބަބުތަކެވެ. ހުރިހާ ސަބަބެއް އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.
މި މަޤްޞަދުތައް ހާސިލްވެ، ހެޔޮގޮތުގައި ﷲ އަށް އަޅުކަންކުރުމުގެ ތަވްފީޤު އަޅަމެންނަށް ދެއްވާށި!

ads

ދާއިރާ:

0 comments:

Post a Comment

 
here it is