Saturday, November 10, 2012

މުސްލިމުންގެ ފިރުޤާތައް


1. ޤާދިޔާނީން
 
ތަޢާރުފު

ޤާދިޔާނީންނަށް"އަޙުމަދީން" ނެވެ، ވެސްކިޔަ އެވެ. އެއީ، މީލާދީ ސަނަތުން 19 ވަނަ ޤަރުނުގެ ފަހުކޮޅުގައިއުފެދުނު ފިރުޤާއެކެވެ. އެ ފިރުޤާ އުފެދުނީ، އިންޑިއާގެ ޕަންޖާބުގެ "ޤާދިޔާން" ނަމަކަށް ކިއުނު ރަށުގަ އެވެ. މިހާރު ދުނިޔޭގައިވާ ޤާދިޔާނީންގެ ޢަދަދު، ދުއިސައްތަ މިލިއަނަށްއަރާކަމަށް ބުނެވެ އެވެ.


މުއައްސިސް

ޤާދިޔާނީ ފިރުޤާގެ މުއައްސިސަކީ، މިރުޒާ ޣުލާމު އަޙުމަދު (ميرزا غلام أحمد) އެވެ. އޭނާއަކީ، އިންޑިއާގެ ޕަންޖާބުގެ ޤާދިޔާނުގެ ރައްޔިތެކެވެ. އޭނާއުފެއްދި ޖަމާޢަތަށް ޤާދިޔާނީންނެވެ، ކިޔަނީ އެރަށަށް ނިސްބަތްކޮށެވެ. އަދި، އެމީހުންނަށް އަޙުމަދީންނެވެ، ކިޔަނީ އޭނާއަށް ނިސްބަތްކޮށެވެ. އޭނާ ބުނި ގޮތުގައި، އޭނާއަކީ، މަހުދީގެފާނެވެ. އަދި އޭނާގެ ޒަމާނުގައި އިސްލާމްދީން އާކުރާނެ މުޖައްދިދެވެ. އޭނާ ޤާދިޔާނީ މަޒުހަބުގެއަސާސްތައް އެކަށައެޅީ، 1889 ވަނަ އަހަރު އެވެ. އޭނާ މަރުވުމަށްފަހު، ޤާދިޔާނީން ދެބަޔަކަށް ބެހިގެން ދިޔަ އެވެ.

މިރުޒާ ޣުލާމަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިކުރެއްވީ، އައްޝައިޚު އަބުލްވަފާ ޘަނާއު ﷲ (الشيخ أبو الوفاء ثناء الله) އެވެ. އޭނާއަކީ، އިންޑިއާގެ ޢިލްމުވެރިއެކެވެ. އޭނާއާއި މިރުޒާ ޣުލާމާ ދެމެދުގައި ބޭއްވުނު ޑިބޭޓެއްގައި މުބާހަލާކުރެއްވި އެވެ. އެ މުބާހަލާގައި އައްޝައިޚު އަބުލްވަފާ ވިދާޅުވީ،އޭނާއާއި މިރުޒާ އާ ދެމީހުންކުރެ ތެދުވެރިޔާ ދުނިޔޭގައި ހުއްޓައި،ދޮގުވެރިޔާ މަރުވުމަށެވެ. އެއަށްފަހު މާގިނަ ދުވަސްތަކެއް ނުވަނީސް މިރުޒާ ޣުލާމު 1908 ވަނައަހަރު ނިޔާވެއްޖެ އެވެ. އޭނާ ދުނިޔެއަށް އައީ، 1835 ވަނަ އަހަރު އެވެ.


ބައެއް ޢަޤީދާތައް

ޤާދިޔާނީން، މާތް ﷲ އަށާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކަށާއި، ރަސޫލުބޭކަލުންނަށާއި، މަލާއިކަތުންނަށާއި، މަޙުޝަރަތްދުވަހަށާއި،ހިސާބުބައްލަވާނެ ކަމަށް އީމާންވެ އެވެ. އަދި އިސްލާމްކަމުގެ ހުރިހާރުކުނެއް ވެސް ގަބޫލުކުރެ އެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި،އެއިން ރުކުނެއްބަދަލުކޮށްފި މީހަކީ، އިސްލާމް ދީނުން ބޭރުވެއްޖެ މީހެކެވެ.

ޤާދިޔާނީ މަޒުހަބުގެ ދެ ޖަމާޢަތުން އެއް ޖަމާޢަތުގެ މީހުން ގަބޫލުކުރާ ގޮތުގައި، މިރުޒާ ޣުލާމަކީ، ނަބީބޭކަލެކެވެ. އަނެއްޖަމާޢަތުގެ މީހުން އެކަން ގަބޫލެއް ނުކުރެ އެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، މިރުޒާ ޣުލާމަކީ، މަހުދީގެފާނެވެ. އަދިއޭނާއަކީ، ފަހުޒަމާނުގައި މާތް ﷲ ފޮނުއްވާނެ މަސީޙު (ޢީސާގެފާނު) ވެސްމެ އެވެ. އޭނާ އައީ، އިސްލާމްދީން އާކުރުމަށްޓަކަ އެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، ހަތިޔާރު އަޅައިގެން ޖިހާދުކުރަންނިކުމެ،ހަނގުރާމަކުރުމަކީ، ހަމައެކަނި ދުޝްމަނުންނާ ދެކޮޅަށް ކުރަންޖެހޭކަމެކެވެ. އެގޮތުން ކުރިމަތިލާންޖެހޭނީ ހަމައެކަނި މުސްލިމުންނާހަނގުރާމަކުރާ ބަޔަކާ އެވެ. މުސްލިމުންނާއެކު ޞުލްޙަވެރިކަން ޤާއިމުކޮށްގެން އުޅޭ ބަޔަކާ ދެކޮޅަށް ހަނގުރާމަކުރުމެއް ނެތެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، މާތްވެގެންވާ އިސްލާމްދީނުގައި ވަނީދީނީ މިނިވަންކަން ދެއްވާފަ އެވެ. އެމީހަކު އުޅެން ބޭނުން ދީނަކަށްދީން ބަދަލުކުރުމަކީ މުސްލިމުންނަށް ކީރިތި ޤުރުއާނުގައި ދެއްވާފައިވާ ޙައްޤެކެވެ. އެހެންކަމުން،މުރުތައްދުވާ މީހަކު ޤަތުލެއް ނުކުރެވޭނެ އެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، ސަލާމްލެއްވި ޢީސާގެފާނު، ޞަލީބަށްއެރުވުނެވެ. ނަމަވެސް ޞަލީބުގައި އެކަލޭގެފާނު އަވަހާރަކޮށެއް ނުލެވެއެވެ. ޞަލީބުންނެގުމަށްފަހު، އެތައް ދުވަހެއް ވަންދެން އެކަލޭގެފާނު ދުނިޔޭގައިއާދައިގެ ދިރިއުޅުމެއް ދިރިއުޅުއްވި އެވެ. އެއަށްފަހު އެކަލޭގެފާނު އަވަހާރަވީ ޠަބީޢީ ގޮތެއްގަ އެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، މަސީޙު އާއި މަހުދީ އަކީ، މިރުޒާޣުލާމުގެ ސިފަތަކުގެ ތެރެއިން ދެ ސިފައެކެވެ.

ޤާދިޔާނީން ގަބޫލުކުރާ ގޮތުގައި، "ޚާތަމުއް ނަބިއްޔީން" (خاتم النبيين) ގެ މާނައަކީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމައެންމެ ފަހުގެ ނަބިއްޔާ ކަމުގައި ވުމެއް ނޫނެވެ. އެކަމަކު، އޭގެ މާނައަކީ، އެންމެ މޮޅުއިތުރު، އެންމެ މާތް ނަބިއްޔާކަމުގައިއިތުރުއެކަލޭގެފާނު ވެވަޑައިގެންނެވުމެވެ.


ސުންނަތްޖަމާޢަތުގެ ނަޒަރު

ސުންނަތްޖަމާޢަތުގެ މީހުން ގަބޫލުކުރާ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުން ބޭރުވެ، މަގުފުރެދިފައިވާ ބަޔެކެވެ. ތިރީގައިމިވަނީ، އެމީހުންނާ ބެހޭ ގޮތުން ސުންނަތްޖަމާޢަތުގެ މުސްލިމުން ދެކޭ ގޮތުގެޚުލާޞާއެކެވެ.

ޖިހާދުކުރުމާއި، ދީނީ މިނިވަންކަމާ ބެހޭ ގޮތުން، ޤާދީޔާނީ މަޒުހަބުގައިވާޢަޤީދާއަކީ، އިނގިރޭސި މުސްތަޢުމިރުންނާ ހަނގުރާމަކުރުން މަނާކުރުމަށްޓަކައި އުފައްދާފައިވާ ދެ ޢަޤީދާއެކެވެ.

1974
ވަނަ އަހަރުން ފެށިގެން ޕާކިސްތާނުގައިވަނީ، ޤާދިޔާނީންގެ ޙަރަކާތްމަނާކޮށްފަ އެވެ. ސުންނީންނާއި ޝީޢީންގެ ގިނަ ފިޤުހުވެރިން ދެކޭ ގޮތުގައި، ޤާދިޔާނީންނަކީ، އިސްލާމްދީނުންބޭރުވެފައިވާޖަމާޢަތެކެވެ. އަދި އެ މީހުންނަކީ، އިންޑިއާގައި އިނގިރޭސީންގެ އިސްތިޢުމާރު އޮތްއިރު، މުސްލިމުން ދީނުގެ ނަމުގައި ޖިހާދުކުރުމާދުރުކުރުމަށްޓަކައި އެ އިސްތިޢުމާރީ ބާރުތަކުން އުފެއްދި ބަޔެކެވެ.

ޤާދިޔާނީންގެ އިސް މީހެއް ކަމަށްވާ، މިރުޒާ ނާޞިރު އަޙުމަދާއެކު 30 ގަޑިއިރުވަންދެން ޕާކިސްތާނުގެ ރައްޔިތުންގެ މަޖިލިހުން ވަނީ، ޙަޤީޤަތް ހޯދުމަށްޓަކައިޑިސްކަސްކޮށްފަ އެވެ. އެއަށްފަހު އެމަޖިލީހުން ނެރުނު ޤަރާރުގައިވަނީ، ޤާދިޔާނީންނަކީ މުސްލިމުން ނޫންކަމަށެވެ.

1974
ވަނަ އަހަރު، މުސްލިމް ވަރލްޑް ލީގް (رابطة العالم الإسلامي) އިން ވަނީ،ޤާދިޔާނީންނާމެދު ގޮތެއް ނިންމުމަށްޓަކައި، މައްކާގައި މަހާސިންތާއެއް ބާއްވާފައެވެ. އެ މަހާސިންތާގައި، ދުނިޔޭގެ ކަންކޮޅުތަކުގައިވާ އިސްލާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކުން ވެސް ބައިވެރިވި އެވެ. އެ މަހާސިންތާގައި ބަހުސްކުރުމަށްފަހު، ނިންމާފައިވަނީ، ޤާދިޔާނީންނަކީ، މުސްލިމުންގެ ތެރެއިންވާ ބަޔެއް ނޫންކަމަށެވެ. އެހެންކަމުން،މުސްލިމުންގެޤަބުރުސްތާންތަކުގައި އެއިން މީހަކު ވަޅުނުލުމަށް ވެސް އެމަހާސިންތާއިންއިޢުލާންކުރި އެވެ.

އިސްލާމީ ދުނިޔޭގެ ބޮޑެތި ފިޤުހީ މުއައްސަސާތަކުން ބުނެފައިވަނީ، ޤާދިޔާނީންނަކީމުސްލިމުން ނޫންކަމަށެވެ. އެފަދަމުއައްސަސާތަކުގެތެރޭގައި، އިސްލާމިކް ސަމިޓްގެ މަޖުމަޢުލް ފިޤުހިލް އިސްލާމީ އާއި،ސުޢޫދީ ޢަރަބިއްޔާގެ ބޮޑެތި ޢިލްމުވެރިންގެ މަޖިލީހާއި، މިޞްރާއި،ޝާމުކަރައާއި،މަޣުރިބުކަރައާއި، އިންޑިއާގެ ޢިލްމުވެރިންގެ މަޖިލިސްތައް ހިމެނެއެވެ.


އަލްއުސްތާޛު ޢަބްދުލްމުޢީދު

ads

ދާއިރާ:

0 comments:

Post a Comment

 
here it is