Saturday, November 3, 2012

އިބުނު ޤައްޔިމު ލިޔުއްވާފައިވާ ” ﷲ ގެ ލޯބި”

ފެށުމުގެ ކުރިން
އިބުނު ޤައްޔިމު ރަޙިމަޙުﷲ އަކީ ކާކު؟
އިބުނު ޤައްޔިމު ރަޙިމަހުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރީ ސަނަތުން 691 ވަނަ އަހަރު ދިމިސްޤުގައެވެ. އެކަލޭގެފާނަކީ ދީނީ ޢިލްމުގެ އިތުރުން ބޭސްވެރިކަމާއި އެސްޓުރޮނޮމީ އާއި އަދިނަފުސާނީ ޢިލްމުގައިވެސް ކުޅަދާނަ ބޭފުޅެކެވެ. އަދި އެކަލޭގެފާނު ޝައިޙުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ގެ އަރިހުގައި ، އިބުނު ތައިމިއްޔާ އަވަހާރަވަންދެން އެކަލޭގެފާނާއިއެކު 16 އަހަރުވަންދެން ކިޔަވާ ވިދާޅުވެފައިވެއެވެ. އިބުނު ކަޘީރު ރަހިމަހުﷲ ތަޢާލާ މިކަން ސިފަކުރައްވަމުން ބަޔާންކުރައްވަނީ އިބުނު ޤައްޔިމަކީ އެދުވަސްވަރު ވަރަށް ގިނަ އިލްމުތަކެއްގެ ކުރިބޯށިކަމަށެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 751 ގައި އުމުރުފުޅުން 60 އަހަރުގައެވެ.

އިބުނު ޤައްޔިމު ރަޙިމަޙުﷲ އަކީ ލިބިފައިވާ ޢިލްމަށް ޢަމަލުކުރެއްވުމުގައިވެސް ނަމޫނާއެކެވެ. ރޭގަނޑެ ދަމު ނަމާދު ގިނައިން ދިގުކޮށްކުރައްވާ ކީރިތި ޤުރުއާން ކިޔެވުމުގައި ގިނަ ވަގުތުތައްހޭދަކުރައްވައެވެ. އަދި ﷲ ތަބާރަކަ ވަތަޢާލާ ގެ މަތިން ގިނަގިނައިން ހަނދާންކުރައްވާ ޒިކުރުކުރައްވައެވެ. އެކަލޭގެފާނަކީ ﷲތަބާރަކަ ވަތަޢާލާއަށް ބިރުވެތިވުމުގައިވެސް ނަމޫނާއެކެވެ. 

އަދި އެތައް ފަހަރަކު ހައްޖަށް ވަޑައިގެން މައްކާގެ ޙަރަމުގައި މަޑުކުރައްވާފައިވެއެވެ. އެކަލޭގެފާނުގެ މަޝްހޫރު ފިޤުހީ ސިޔަރަތު ފޮތްކަމަށްވާ ޒާދުލްމަޢާދަކީ ޙައްޖަށް ވަޑައިގެން މަގުމަތީގައި ދަތުރުކުރު ކޮށްލުމަށްޓަކައި ލިޔުއްވާފައިވާ ފޮތެކެވެ. މިއީ މިއަދު ދީން ކިޔަވާ ކުދިންނަށް މުހިންމެ ރެފަރެންސު ފޮތަކަށްވެފައިވާ ފޮތެކެވެ. މިކަމުންވެސް އިބުނު ގައްޔިމު ރަހިމަހުﷲ ގެ އިލްމުވެރިކަން ދަލީލުކޮށްދެއެވެ.
ލިޔުއްވާފައިވާ ބައެއް ފޮތްތައް
1. ޒާދުލް މަޢާދު ( އާޙިރަތުގެ މޭވާ)
2. ފަވާއިދު
3. އަލްމަނާރުލް މުނީފް
4. އަލްފުރުސިއްޔާ
5. އަލްތިއްބުއް ނަބަވިއްޔާ
6. އައް ދާއު ވައް ދަވާއު ( ބޭހާއި ފަރުވާ)
7. މުއައްވިޒަތައިނިގެ ތަފުސީރު ( ފަލަޤި ސޫރަތާއި ނާސި ސޫރަތުގެ ތަފުސީރު)
 

އަދިވެސް އެތައް އެތައ ފޮތްތަކެއް ލިޔުއްވާފައިވެއެވެ.

ﷲ ގެ ލޯބި

އިބުނު ޤައްޔިމު ރަޙިމަހުﷲ ތަޢާލާ ބަޔާންކުރައްވައެވެ. ތިބާ ﷲ ގެ ލޯބި ބޭނުން ވާނަމަ ނުވަތަ އެލޯބި ލިބުމަށް އަވަހަށް އެދޭނަމަ މިބަޔާންކުރެވޭ ދިހަ ކަންތައް ކުރުމުގެ މަތީގައި ދެމިހުންނާށެވެ.


1. ކީރިތި ޤުރުއާން ހިމޭންކަމާއި މަޑުމައިތިރި ކަމާއެކު ޙުޝޫޢަތްތެރިކަމާއެކު މާނަ ދެނެގަތުމާއެކުގައި ކިޔެވުން


.2 ވާޖިބު އަޅުކަންތައް ތައް އަދާކުރުމަށްފަހު ވީހާވެސް ގިނައިން ސުންނަތް އަޅުކަންތައް ކުރުން. އޭރުން ﷲ ތަބާރަކަ ވަތަޢާލާގެ ލޯތްބާއި ރުއްސެވުން އެންމެ މަތިވެރި ދަރަޖައިގައި ލިބުމަށް މަގުފަހިވާނެއެވެ.

3. ކޮންމެ ވަޤުތެއްގައިވެސް ﷲ ގެ މަތިން ހަނދާންކޮށް ޒިކުރުކުރުން. އެއީ ހިތުންނާއި އަމަލުންނެވެ. ﷲ ތަބާރަކަ ވަތަޢާލާގެ ލޯބި ލިބުން
 ބިނާވެގެންވަނީ މިކަމުގެ މައްޗަށެވެ.

4. ތިބާ އެދޭ ކަންތައްތަކަށްވުރެ ﷲ ތަބާރަކަ ވަތަޢާލާ ލޯބިވޮޑިގެންވާ ކަންކަމަށް އިސްކުރުން.

ނޯޓު: އެއީ ތިބާ އެ ނުބައި އަމަލެއް ކުރަން ހިތްއެދޭ ވަގުތުގައި އެކަމެއްގެ މައްޗަށް ﷲ ލޯބިވެ ވޮޑިގެންވާ ކަން އިސްކުރުމެވެ.

5. ﷲ ތަބާރަކަ ވަތައާލާގެ އިސްމުފުޅުތަކާއި އެއިލާހުގެ ސިފަފުޅުތައް ހިތްމައްޗަށް ގެނައުން

6. އެއިލާހުގެ ފަރާތުން ލިބިފައިވާ ފާޅުވެގެންވާ ނިޢުމަތްތަކާއި އަދި ފެންނަން ނެތް ނިޢުމަތްތަކުގެ މަތިން ހަނދާންކުރުން.

7. ތިބާއަޅުކަންކުރާއިރު ހިތްތިރިކުރާ ފަދައިން އަބަދުވެސް ހިތްތިރިކޮށް މަޑުމޮޅިވުން

8. ރޭގަނޑުގެ ތިންބައިކޮށްފައި ފަހުބައިގައި އެއިލާހު ދުނިޔޭގެ އުޑަށް ތަޖައްލީވެވޮޑިގަންނަވާއިރު އަޅުކަންމަތީގައި ދެމިހުރުން. އެއީ އެގަޑީގައި ނަމާދުކޮށް، ދުޢާކޮށް އަދި އެއިލާހުގެ ބަސްފުޅު ކިޔެވުމެވެ. އަދި ކިޔަމަންތެރިކަމާ އިޚުލާސްތެރިކަމާއެކު ހެޔޮހިތުން އެއިލާހުގެ ހަޟްރަތުގައި ތައުބާވެ ފާފަ ފުއްސެވުމަށް ދެންނެވުމެވެ.

9. ﷲ ތަބާރަކަ ވަތަޢާލާގެ ލޯބިލިބިގެންވާ ނުވަތަ ރުއްސަވާވޮޑިގެންވާ ޞާލިޙު މީހުންނާއި އެކުގައި އުޅުން. އެއީ ހެޔޮލަފާ ޞާލިޙު މީހުންނާއި އެކު މަޖިލިސްކުރުމާއި އެފަދަ މީހުން ރަޙުމަތްތެރިން ކަމުގައި ހިޔާރުކުރުމެވެ.

10. ﷲ ތަބާރަކަ ވަތަޢާލާއާއި ތިމާގެ ހިތް ދުރުކުރާ ކަންކަމުން ދުރުވެ ހުރުން.

ނޯޓު: މިސާލަކަށް މިޔުޒިކު އަޑުއެހުންފަދަ، ނުވަތަ ފާހިޝް ތަކެތި އަޑުއަހާ ބެލުމުގައި ވަގުތު ހޭދަކުރުން ފަދަ ކަންކަމެވެ.

ސަމާލުކަމަށް: ނޯޓުގެ ގޮތުގައި ގެނެސްފައި އެވަނީ އިތުރު ތަފުސީލީ އަމިއްލަ ބަޔާނެކެވެ. ވީމާ އަޅުގަނޑު އެންމެން ނަކީވެސް އިބުނު ޤައްޔިމު ރަޙިމަހުﷲ ތަޢާލާ ގެ މި ނަޞީޙަތުގެ ބަސްކޮޅުން ފައިދާ ލިބިގަންނަ ބަޔެއްކަމުގައި ލައްވައި ދެ ދުނިޔޭގައި ކާމިޔާބު ލިބޭ ބައެއްކަމުގައި ލެއްވުމަކީ އަޅުގަނޑުގެ ދުޢާ އެވެ. މާތްﷲ ސުބުހާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ކާމިޔާބު މިންވަރުކުރައްވާށިއެވެ. އާމީން

ads

ދާއިރާ:

0 comments:

Post a Comment

 
here it is