Thursday, November 8, 2012

ކީރިތިރަސޫލާގެ ސުންނަތާއި ބުޅަލާއި ޒަމާނީ ޢިލްމު

ބުޅަލަކީ ޠާހިރު އެއްޗެއް



ކީރިތިރަސޫލާގެ ވަރަށްގިނަ ޙަދީޘްފުޅުތައް ބުނާގޮތުގައި ބުޅަލަކީ ޠާހިރުއެއްޗެކެވެ. އެކަލޭގެފާނު ސިފަކުރައްވާގޮތުގައި އެއީ ގޭގެއަށް ގިނަގިނައިންގޮސް އުޅޭއެއްޗެކެވެ. އެހެންވެ އެކަލޭގެފާނު ބުޅަލަށް " ޠައްވާފު " ގެ ނަން ދެއްވި އެވެ. އޭތި ބޮއިފާ ހުންނަފެނުން، އެކަލޭގެފާނު ވުޟޫކުރައްވާފައިވެ އެވެ. ސުވާލަކީ ބުޅަކީ ޠާހިރުއެއްޗެއްކަން އަދި އޭތި ނަޖިސްނުވާނެކަން ރަސޫލުﷲގެފާނަށް އެނގިވަޑައިގަތީ ކިހިނަކުންބާވަ އެވެ؟ އެކަލޭގެފާނަކީ ޑަކްޓެރެއްހެއްޔެވެ؟ ނުވަތަ ލެބޯޓަރީގައި  ތަޙްލީލުތައްކުރައްވާ އޭގެ ސާފުކަމާއި ގޮނޑުކަން ދިރާސާކުރެއްވި ބޭކަލެއްހެއްޔެވެ؟

ރަސޫލުﷲގެފާނު ޙަދީޘްކުރައްވަނީ ކުއްތާއަކީ ނަޖިސްއެއްޗެކެވެ. މިއަދު މިޙަޤީޤަތަކީ އެންމެންދަންނަ ޢިލްމީ ޙަޤީޤަތެކެވެ. އެކަލޭގެފާނަށް ކުއްތާ ނަޖިސްކަމަށް އަދި ބުޅާ ޠާހިރުކަމަށް ވިދާޅުވަން އެނގިވަޑައިގަތީ ކިހިނަކުންބާވައެވެ؟ ކީރިތިރަސޫލާ މީގެ 14 ސައްތަ އެތައްއަހަރެއްކުރިން ހާމަކުރައްވާފައިވާ މި ޙަޤީޤަތް ދޮގުކުރެވޭތޯ ބައެއްމީހުން މަސައްކަތްކުރި އެވެ. ނަމަވެސް ދިރާސާތަކުން ފާޅުވެފައިވަނީ އެކަލޭގެފާނުގެ ބަސްފުޅުގެ ތެދުކަމެވެ.

ޢިލްމީ ދިރާސާތައް ބުނާގޮތުގައި ބުޅަލަކީ އާދަކޮށް އޭތީގެ ގައި ސާފުކޮށްހަދާ ޙައިވާނެކެވެ. އޭތީގެ ކުދިދަރިންގެ  ގައިގައިވެސް އަބަދާއަބަދު ދޫ ކާތައި ސާފުކުރާނެތެވެ.
މަޝްހޫރު ސައެންޓިސްޓެއްކަމުގައިވާ ލުއި  ޕެސްޓަރ ވިދާޅުވާގޮތުގައި ބުޅަލަކީ ވަރަށް ސާފު ޙައިވާނެކެވެ. މުޅި ދުވަސް އޭތި ހޭދަކުރަނީ އޭތީގެ ގައި ސާފުކުރުމުގަ އެވެ. އޭތީގެ ހަށިގަނޑުގެ އެއްވެސް ތަންކޮޅެއް ސާފުނުކޮށް ދޫކޮށްލާ ތަނެއް ނުފެނެ އެވެ. ބުޅަލުގެ ހަށިގަނޑު ބޭރުވެށްޓަށް ހުށަހެޅޭތީ އޭތީގެ ބައެއް ހަތާތައް ދިފާޢީ ރޯލެއް އަދާކުރެ އެވެ. އަދި އޭގެ ހަމުގައިވެސް  ވަރަށް ޙައްސާސު ހަތާތަކެއް ހުރެ އެވެ.  އެހެންކަމުން ބުޅަލުގެ ހަންގަނޑަކީ ޖަރާސީމާ ދެކޮޅަށް ހަނގުރާމަކުރާ، ދިފާޢީ ބާރެއް، އޭގައި ހުންނައެއްޗެކެވެ.

ބުޅަލުގެ ދުލުގައި ކީހެއްގެ ބައްޓަމަށް އެތުރިފައި ހުންނަ އޫ އެތިކޮޅުތަކެއް ނުކުމެފައި ހުރެ އެވެ. މިއީ ޙަޤީޤީ ފީރެއްގެ މަސައްކަތްކުރާ އެތިކޮޅުތަކެކެވެ. ބުޅަލުގެ ކެހެރިތައް ސާފުކުރުމުގައި  ދުލުގެ ދައުރު ވަރަށް ބޮޑުބައެއް ކުޅެ އެވެ. ދުލުގެ ސަޠުޙުގެ ރާޅުކަމުގެ ސަބަބުން މަރުވެފައިވާ ކެހެރިތައް ގައިން ބޭރަށް ފޮޅައިލެވެއެވެ.

ބުޅަލަކީ ކިރު ބޯ ހިތްވާ ޙައިވާނެކެވެ. ކިރުބުއިމުގައި ދޫ ބޭނުންކުރާގޮތަކީވެސް ވަރަށް އަޖައިބުވަނިވިކަމެކެވެ. ކިރުބޯ އިރު ނުވަތަ ފެން ބޯ އިރު ދޫ ތިރިއަށް ގުދުކޮށްލަ އެވެ. މިކަމުގެ ސަބަބުން ފެން އަނގައި ތެރެއަށް ނެގުމަށް، ދޫ އުނދުޅިއެއް ފަދައިން، އެހީވެދެ އެވެ. މިހެންވެ،  ބުޅާ އަނގައަށްލާން  ނަގާފެންފޮދު އަނބުރާ ފެންއެއްޗަކަށް ނުދާނެ އެވެ.

ތަފާތު ޢުމުރުގެ ބުޅާތަކުގެ  ތަފާތު ތަންތަނުން ( ބުރަކަށިން –، ވަކިތަކުން ،– ފައިން ،– އަނގައިގެ ވަށައިގެންވާ ސަރަޙައްދުން ) ނެގި ތަފާތު ސާމްޕަލްތައް ލެބޯޓަރީގައި ތަޙްލީލުކޮށް ބެލިބެލުމުން ކަށަވަރުވެފައިވަނީ ބުޅަލުގެ ގައިގެ ބޭރުގައި ޖަރާސީމު ނޫޅޭކަމެވެ. އަނގައިގެ ސަރަޙައްދުން ނެގި ސާމްޕަލްތަކުން ދައްކާގޮތުގައި  80 %   ނެގެޓިވެވެ. ދުލުގެ ސަޠުޙުން ނެގި ސާމްޕަލްތައް 100 % ނެގެޓިވެވެ. މި ތަޙްލީލުތަކުގެ ތެރޭގައި ފާޅުވި ޖަރާސީމުތަކަކީ އިންސާނުންގެ ގައިން ވެސް ފެންނަ ބާވަތުގެ ޖަރާސީމުތަކެކެވެ.
ސައެންޓިސްޓުންގެ ދިރާސާތައް ބުނާގޮތުގައި ބުޅަލުގެ ގައިގައި ޖަރާސީމެއް ވެސް އަދި މައިކްރޯބެއް ވެސް ނޫޅެއެވެ. އޭގެ ކުޅަކީ ޠާހިރު އަދި ޠާހިރުކޮށްދޭ އެއްޗެކެވެ. ޑރ. ޖޮރްޖިސް މަޤްޞޫދު ވިދާޅުވާގޮތުގައި ބުޅަލުގެ ހަށިގަނޑުގެ ބޭރުގައި ޖަރާސީމު އުޅުމަކީ ވަރަށް ނާދިރުކަމެކެވެ. ޖަރާސީމު އުޅޭނަމަ އެބުޅަލަކީ ބަލި ބުޅަލެކެވެ. ޑރ. ޖޮސްޓަވްސަން އިންސާނާގެ ކުޅާއި ކުއްތާގެ ކުޅާއި ބުޅަލުގެ ކުޅު ތަޙްލީލުކުރައްވާ ހެއްދެވި ދިރާސާ ބުނާގޮތުގައި އެންމެ ގިނައިން ޖަރާސީމު އުޅެނީ ކުއްތާގެ ކުޅުގަ އެވެ. ދެން އިންސާނާގެ ކުޅުގައެވެ. އިންސާނާގެ ކުޅުގައި ހުންނަނީ ކުއްތާގެ ކުޅުގައި ހުންނަ ޖަރާސީމުގެ ހަތަރުބައިކުޅައެއްބަ އެވެ.  އެންމެ ޖަރާސީމު މަދީ ބުޅަލުގެ ކުޅުގަ އެވެ. އޭގައި ޖަރާސީމު ހުންނަނީ  އިންސާނެއްގެ ގައިގައި ހުންނަވަރުގެ ދެބައިކުޅައެއްބައި މިންވަރަށެވެ.

ސޫރިއާގެ " މަޝްފަލްބީޠަރާ " ( ޖަނަވާރުގެ ބަލިތަކާ ބެހޭ ކްލިނިކް ) ގެ ޑަކްޓަރެއްކަމުގައިވާ ޑރ. ސަޢީދު ރަފާހު ވިދާޅުވާގޮތުގައި ބުޅަލުގައި ލައިޒޯޒީމު ނަމަކަށް ކިޔާ ތާހިރުކޮށްދޭ މާއްދާއެއް ހުރެއެވެ. އޭނާ ވިދާޅުވާގޮތުގައި ބުޅަލަކީ ފެނާ ވަރަށްދުރު އެއްޗެކެވެ. ނުހިގާ ފެންގަޑުގަޑާ ބުޅާ ވަރަށް ދުރުވާނެ އެވެ. އެއީ ފެނަކީ ބެކްޓީރިޔާ ދިރިއުޅޭ ވާސައަކަށް    ވާތީ އެވެ. ހަމަ އެފަދައިން ބުޅަކީ އަތްވާ ވެސް ދުރުގައި އުޅޭ އެއްޗެކެވެ. އެއީ އޭތީގެ ހަށިގަނޑުގެ ހޫނުކަން ސާބިތުކަންމަތީ ދެމެހެއްޓުމަށްޓަކަ އެވެ. ބުޅަލުގެ ގައިގައި ޖަރާސީމު ނޫޅޭސަބަބަކީ އޭތީގެ ކެހެރިތައް ހިކި ކޮށް ދަމަހައްޓާތީ އެވެ.

ސުންނަތުގައި ބުޅާ


ސައެންސާއި ޒަމާނީޢިލްމަށް ބަލައިލުމަށް ފަހު ކީރިތިރަސޫލާގެ ސުންނަތަށް ބަލައިލަމާތޯއެވެ.
ހ- ކަބްޝާ ބިންތު ކަޢުބު ބިން މާލިކުގެ އަރިހުން ރިވާވެގެންވާ ޙަދީޘެއް ބުނާގޮތުގައި، އެކަމަނާ އަބޫ ޤަތާދާގެ ގޭގައި އުޅުއްވަނިކޮށް އަބޫ ޤަތާދާ  ވުޟޫކުރައްވަންވެގެން  ފެން އޮއްސަވާދެއްވަނިކޮށް ބުޅަލެއް ފެންބޯންވެގެން އައުމުން އެކަންވާރު އޭއްޗަށް ފެންބޯން ދެއްވި އެވެ. ކަބްޝާ ޙައިރާންފުޅުވެގެން ބައްލަވަން ހުންނެވީމާ އެކަލޭގެފާނު ވިދާޅުވި އެވެ. އޭ އަޚާގެ ދަރިފުޅާއެވެ! މިކަމާ ޙައިރާންވަނީ ހެއްޔެވެ؟ އެކަމަނާ އާދޭހޭ ދެންނެވުމުން ވިދާޅުވިއެވެ. ރަސޫލުﷲ صلى الله عليه وسلمޙަދީޘްކުރެއްވި އެވެ.  إِنَّهَا لَيْسَتْ بِنَجَسٍ   ހަމަކަށަވަރުން އެއީ ނަޖިސްއެއްޗެއް ނޫނެވެ.

ށ-  ޢަލީ ބިން އަލްޙުސައިނާއި އަނަސް ބިން މާލިކުގެ އަރިހުން ރިވާވެގެންވެއެވެ. އެއްދުވަހަކު ރަސޫލުﷲގެފާނު މަދީނާގެ ބަޠުޙާން ނަމަކަށް ކިޔާ ހިސާބަކަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަނަސުގެފާނެވެ! ވުޟޫކުރައްވާނެ ފެންފޮދެއް ގެނެސްދެއްވަބައްލަވާށެވެ. ތިމަންކަލޭގެފާނު އެކަލޭގެފާނަށް ފެންފޮދު އޮއްސަވާދެއްވުމުން އެކަލޭގެފާނު ތާހިރުވެވަޑައިގެންނެވިއެވެ. އެ ކަލޭގެފާނު ފެންކަންވާރު ކައިރިއަށް ވަޑައިގެންއިރު  ބުޅަލެއް އެ ކަންވާރުން ފެންބޯން އޮތެވެ. އެ ބުޅާ ފެންބޮއި ނިމެންދެން ރަސޫލުﷲގެފާނު  މަޑުކޮށްލައްވައިގެން ހުންނެވި އެވެ. ބުޅާ ފައްސާލަންތޯ ދެންނެވުމުން ރަސޫލުﷲގެފާނު ޙަދީޘްކުރެއްވި އެވެ. އަނަސުގެފާނެވެ!. އެހެން ނަހައްދަވާށެވެ. ބުޅަލަކީ ގޭތެރޭގެ  އެއްޗެހިތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އޭތި އެއްވެސް އެއްޗެއް މުޑުދާރެއް ނުކުރާނެއެވެ. އަދި އެއްވެސް އެއްޗެއް ނަޖިހެއްވެސް ނުމެ ކުރާނެއެވެ "  

ނ- އެއްދުވަހަކު އަންހެނަކު ޢާއިޝަތުގެފާނަށް ހަރީސާ  ތަށްޓެއް ވެދުމަކަށް އެރުވި އެވެ. މި ތަށި ގެނައި އިރު ޢާއިޝަތުގެފާނު ހުންނެވީ ނަމާދުކުރައްވާށެވެ. އެ ވަގުތު ބުޅެއް އައިސް އެއިން އެތިކޮޅެއް ކައިލި އެވެ. އެވާހަކަ ޢާއިޝަތުގެފާނަށް ދެންނެވުމުން ވެސް އެކަމަނާ އެ ތަށީގައި ހުރި އެއްޗެހި ފަރިއްކުޅުއްވި އެވެ. އަދި އެކަމަނާ އެތާނގައި ތިއްބެވި އަންހެންބޭފުޅުންނާ  ދިމާއަށް ވިދާޅުވި އެވެ. ކީރިތިރަސޫލާ ޙަދީޘްކުރެއްވިއެވެ. އެއީ ނަޖިހެއްނޫނެވެ.

ހުރިހާ މަޛްހަބުތަކެއްވެސް ބުނާގޮތުގައި ބުޅަލަކީ އޭގެ ހަށިގަނޑު ޠާހިރު، އޭގެ ކުޅު ޠާހިރު، އޭތި ބޮއިފާ ބާކީ ހުންނަ ފެން ޠާހިރު އަދި އޭތި ކައިފާ ބާކީ ހުންނައެއްޗެހި ވެސް ޠާހިރު އެއްޗެކެވެ. 

ބުޅާ ޠާހިރުކަމަށް ރަސޫލުﷲގެފާނު ޙަދީޘްކުރެއްވި ޙަދީޘްތަކުގެ ތެދުކަން އަދި އެކަމުގެ ޢިލްމީ ޙަޤީޤަތްތައް މިހާރު މިވަނީ ސާބިތުވެފަ އެވެ. ރަސޫލުﷲގެފާނަށް މި ޙަޤީޤަތްތައް އެނގިވަޑައިގަތީ ކިހިނެއްތޯ އެވެ؟ އެކަލޭގެފާނަކީ ޑަކްޓަރެއްނޫނެވެ. އެކަލޭގެފާނަކީ ބައޯލޮޖިސްޓެއްނޫނެވެ. އެކަލޭގެފާނަކީ ލެބޯޓަރީ ތަޙްލީލުތައް ދެނެވަޑައިގަންނަވާބޭކަލެއްނޫނެވެ. سبحان الله ! މާތްﷲ ވަޙީކުރައްވަނީ : وما ينطق عن الهوى إن هو إلا وحي يوحى  އެވެ.

ބުޅާ ގަނެވިއްކުމުގެ ޙުކުމް


    ބުޅަލުގެ ޠާހިރުކަމާއި، ބުޅަލާބެހޭ ގޮތުން ރަސޫލުﷲގެފާނުގެ ބަސްފުޅުތަކަށް ބަލައިލުމަށް ފަހު ދެން ބަލައިލާނީ ބުޅާ ގަނެވިއްކުމާ ބެހޭގޮތުންނެވެ.
    ގިނަޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބުޅާ ވިއްކުމަކީ ހުއްދަކަމެކެވެ. އެކަމަކު ޡާހިރީންނާއި އިމާމުއަޙްމަދުގެ ބަސްފުޅުތަކުން ބަސްފުޅެއް ބުނާގޮތުގައި ބުޅާ ވިއްކުމަކީ ޙަރާމްކަމެކެވެ. ޙަރާމްކަމަށް ވިދާޅުވާ ބޭކަލުންގެ ދަލީލަކީ  މިދަންނަވާ ޙަދީޘްތަކެވެ.

1-     ކުއްތާއާއި ބުޅަލުގެ އަގާ ބެހޭގޮތުން ޖާބިރުގެފާނަށް ސުވާލުދެންނެވުމުން ވިދާޅުވިއެވެ. އެއީ ރަސޫލުﷲގެފާނު މަނާކުރައްވާފައިވާ  ކަމެކެވެ. 
2-    މީގެ އިތުރަށް އަބޫ ދާވޫދާއި އައްތިރްމިޛީ ރިވާކުރެއްވި ޙަދީޘެއް ބުނާގޮތުގައި ކުއްތާ އާއި ބުޅަލުގެ އަގު، ރަސޫލުﷲގެފާނު ނަހީކުރެއްވިއެވެ.  ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ ޟަޢީފު ޙަދީޘްތަކެކެވެ. 

3-    އައްޝަވްކާނީ ވިދާޅުވާގޮތުގައި ނަހީކުރެއްވި ނަހީކުރެއްވުމުގެ މުރާދަކީ  ތަންޒީހަ މަކްރޫހަކަމެކެވެ. އެކަލޭގެފާނު ވިދާޅުވާގޮތުގައި ބުޅާ ވިއްކުމަކީ ރިވެތިއަޚްލާޤާ އަރާރުންވާ ކަމެކެވެ.
4-    ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަސޫލުﷲގެފާނު ބުޅާ ވިއްކުން މަނާކުރެއްވީ އިސްލާމްދީނުގެ ކުރީކޮޅުގައި ބުޅަލުގެ ޙަޤީޤާތް އެނގިވަޑައިގަންފައިނުވާ ދުވަސްވަރުއެވެ. އެއީ ޠާހިރުއެއްޗެއްކަމަށް ޙަދީޘްކުރެއްވުމުން އެ ޙުކުމް މަންސޫޚުވެގެން ހިނގައްޖެ އެވެ.
5-    އިބްނުލްޤައްޔިމު ވިދާޅުވާ ގޮތުގައި ބުޅާ ވިއްކުމަކީ ޙަރާމްކަމެކެވެ. ކީރިތިރަސޫލާގެ ޞަޙާބީންގެ ތެރެއިން އަބޫހުރައިރަތުގެފާނު މިގޮތަށް ފަތުވާދެއްވާފައިވެއެވެ.

ސުޢޫދީ ފަތުވާ ކޮމެޓީގެ ފަތުވާ


ސުޢޫދީ ޢަރަބިއްޔާގެ ދާއިމީ ފަތުވާ ކޮމެޓީގެ 1832  ވަނަ ފަތުވާ ބުނާގޮތުގައި : ބުޅަލާއި ކުއްތާއާއި ރާމާމަކުނާއި ވަލުޖަނަވާރުންގެ ތެރެއިން ޝިކާރަކޮށް ވީދާކައި ޖަނަވާރުތައް ވިއްކުން ހުއްދަވެގެން ނުވެއެވެ. އެއީ ރަސޫލުﷲގެފާނު އެކަން ނަހީ ކުރައްވާފައިވާތީއެވެ. ހަމަ އެފަދައިން މިފަދަ ޖަނަވާރުތައް ގަތުމަކީ ހުއްދަކަމެއްނޫނެވެ.  އެކަމަކު މި ފަތުވާބުނާގޮތުގައި ބުޅާ ގެންގުޅުމަކީ ހުއްދަކަމެކެވެ. މި ފަތުވާ ބުނާގޮތުގައި ޝިކާރަކުރުމަށް ނުވަތަ ތަންތަން ބެލެހެއްޓުމަށްޓަކައި ގެންގުޅޭ ކުއްތާ ގަނެވިއްކުން ހުއްދަވެގެންވެއެވެ.

ޝާރިޤާގެ ފަތުވާ ކޮމެޓީ ގެ ފަތުވާ 


ޖުމްހޫރުޢިލްމުވެރިން ނުވަތަ ގިނަދަނނަބޭކަލުން ވިދާޅުވާގޮތުގައި ބުޅާ ވިއްކުމަކީ ހުއްދަކަމެކެވެ. އެހެނީ، އެއީ ގެންގުޅުން ހުއްދަ ޙައިވާނެކެވެ. ޙާޞިލުކުރުން ހުއްދަ މަންފާތަކެއް އޭގައި ވެއެވެ. ޡާހިރީންނާއި އިމާމު އަޙްމަދުގެ ބަސްފުޅެއްގައި ބުޅާވިއްކުން މަނާކަމަށް އައިސްފައިވެއެވެ. ނަމަވެސް ކޮމެޓީން ބުރަވާ ރައުޔަކީ އެއީ ހުއްދަކަމެކެވެ.
---------------
 (ނިމުނީ)

އިބްރާހީމް ރަޝީދު މޫސާ

ads

ދާއިރާ:

0 comments:

Post a Comment

 
here it is