Sunday, April 14, 2013

އަބޫ ޛައްރު (رضي الله عنه) ގެ ނަސޭޙަތްޕުޅު


     އަބޫ ޛައްރު (رضي الله عنه) އަކީ ޞަޙާބީންގެ ތެރެއިން ވަރަށް ފާހަގަ ކުރެވޭފަދަ ޝަޚްޞިއްޔަތެއް ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. އަބޫ ޛައްރު މަޝްހޫރުވެވަޑައިގެންފައިވަނީ އެކަލޭގެފާނުގެ ޒުހުދުވެރިކަމާއި މީސްތަކުންނަށް ނަޞޭޙަތްތެރިވުމުގެ ސަބަބުންނެވެ. އަބޫ ނަޢީމްގެ އަލް-ޙިލްޔާގައިވެއެވެ.

     މީހަކު އަބޫ ޛައްރު (رضي الله عنه) ގެ އަރިހުގައި އެހިއެވެ. [އޭ އަބޫ ޛައްރުއެވެ! މީސްތަކުން ކަލޭގެފާނާއި ބައްދަލުވުމަށްފަހު ނުރުހުން ވެގެންވާ ޙާލު އެނބުރިދަނީ ކީއްވެތޯއެވެ؟] އަބޫ ޛައްރު ( رضي الله عنه) ވިދާޅުވިއެވެ. [އެމީހުން ނުރުހެނީ މިދުނިޔެވީ ޙަޔާތުގެ ޚަޒާނާތައް ލިބިގަތުމާއިމެދު ތިމަން އެމީހުންނަށް ނަޞޭހަތް ދޭތީއެވެ.]

ތިރީގައި މިވަނީ އަބޫ ނަޢީމްގެ އަލް-އިޙްޔާގައި ވާފަދައިން ސުފްޔާނުއް-ޘައުރީ (رحمه الله) ގެ ކިބައިން ރިވާވެގެންވާ އަބޫ ޛައްރުގެ ނަޞޭޙަތުގެ ބަސްފުޅުތަކެކެވެ.

އަބޫ ޛައްރު (رضي الله عنه) ވިދާޅުވަނީ [އޭ މީސްތަކުންނޭވެ! އަހުރެންނަކީ ޖުންދުބުލް ޣައްފާރީއެވެ. ހެޔޮ ނަޞޭޙަތް އަޑުއެހުމަށްޓަކައި މިތަނަށް އަންނާށެވެ. މިއީ ތިޔަބައިމީހުންގެ އޯގާތެރި މުސްކުޅި އަޚާއެވެ.] ވަގުތުން މީސްތަކުން އަވަސްވެގަނެ އަބޫ ޛައްރު (رضي الله عنه) ގެ ވަށައިގެން ތިއްބަވާ އަޑު އަހަމުން ދިޔައެވެ.

 އަބޫ ޛައްރު (رضي الله عنه) ވިދާޅުވެއެވެ. [މީހަކު ދަތުރަކު ދިއުމަށް ތައްޔާރުވާތަން ތިޔަބައިމީހުންނަށް ފެނޭ ހެއްޔެވެ؟ އޭނާ އެދަތުރުގެ މަންޒިލާއި ޙަމައަށް ވާޞިލްވާންދެން ބޭނުންވާނެހާ ތަކެތި ތައްޔާރު ނުކުރާނެ ހެއްޔެވެ؟] މީސްތަކުން ޖަވާބު ދިނެވެ. [ޔަޤީނުންވެސް އޭނާ އެކަންތައް ކުރާނެއެވެ.] އަބޫ ޛައްރު (رضي الله عنه) ކުރިއަށް ގެންދެވިއެވެ. [ހަމަ މިފަދައިން، ޤިޔާމަތްދުވަހަކީ އެންމެ ދުރުގައިވާ، ތިޔަބައި މީހުންގެ އެންމެ ފަހުގެ މަންޒިލެވެ. ތިޔަބައިމީހުންނަށް އެންމެ ފައިދާ ކުރަނިވި ކަންތައްތައް އެދުވަހަށްޓަކައި، އެކުގައި ގެންދާށެވެ.] މީސްތަކުން އެހިއެވެ.

 [އަދި އެފަދަ ދަތުރަކަށް އެންމެ ފައިދާ ހުރި ކަންތައްތަކެއް ކަމުގައި ކަލޭގެފާނު ދެކެލައްވަނީ ކޮންކަންތައްތަކެއްތޯއެވެ؟]

އަބޫ ޛައްރު( رضي الله عنه) ވިދާޅުވިއެވެ.
1. ތިޔަބައިމީހުންގެ ނުބައި ފާފަތަކަށްޓަކައި މައްކާއަށް ގޮސް ޙައްޖުވާށެވެ.

2. ޤިޔާމަތްދުވަހުގެ ގަދަ ހޫނުގައި ދިގުދެމިގެންވާ ކޮޅަށް ހުންނަ ހުރުން ހިތަށް ގެނެސްގަނެ، އެންމެ ހޫނު ދުވަސްތަކުގައި ރޯދައަށް ހުންނާށެވެ.

3. ކައްވަޅުގެ ބިރުވެރިކަމާއި، އެކަނިވެރިކަމާއި ހާސްކަމާއިއެކު ފިކުރުހިންގަމުން، ރޭގަނޑުގެ އަނދިރީގައި 2 ރަކުޢަތް ނަމާދެއް ކުރާށެވެ.

4. ހެޔޮ ބަހެއް ބުނާށެވެ. ނުވަތަ ބިރުވެރިކަމާއި މަޑުމައިތިރި ކަމާއިއެކު މަޙްޝަރުގެ މައިދާނުގައި ދިގުދެމިގެންވާ ކޮޅަށްހުރުމާއި މެދު ވިސްނާ، ހަނު ހުންނާށެވެ.

5. ތިޔަބައިމީހުންގެ ފައިސާއިން ޞަދަޤާތް ކުރާށެވެ. އެހެނީ އޭރުން އެފައިސާގެ އިމްތިޙާނުތަކުން ސަލާމަތް ވާނެއެވެ.

6. ދެބާވަތެއްގެ މަޖަލީހަކަށްޓަކައި މިދުނިޔެވީ ޙަޔާތް ތައްޔާރު ކުރާށެވެ. އެއްކަމަކީ މަޙްޝަރު ދުވަހުގެ ހެޔޮކަން ލިބިގަތުމަށްޓަކައެވެ. ދެވަނަ ކަމަކީ ހުއްދަ ކަންތައްތައް ޙާޞިލް ކުރުމަށްޓަކައި ކުރާ ތައްޔާރީގައެވެ. ތިންވަނަ ކަމެއް ވާނަމަ އެކަމެއްވާނީ ފައިދާ ކުރުވަނިވި ކަމެއް ކަމުގައި ނުވެ ގެއްލުން ދެނިވި ކަމެއް ކަމުގައެވެ. އަދި އެންމެ ފަހު ނުކުތާއަކީ:

7. ތިޔަބައިމީހުންގެ ފައިސާ ދެބަޔަކަށް ބަހާލުމެވެ. އެއް ދިރްހަމް ތިމާގެ ޢާއިލާއަށް ހޭދަ ކުރާށެވެ. ދެވަނަ ދިރުހަމް އާޚިރަތަށް މަންފާ ކުރުމަށްޓަކައި ހޭދަކުރާށެވެ. އަދި ތިންވަނަ ދިރުހަމެއް ބާކީ އޮވެއްޖެނަމަ އެއީ ތިބާއަށްވާ ފައިދާއެއްނެތް ގެއްލުން ދެނިވި އެއްޗެއް ކަމުގައި ވާނެއެވެ.

އަބޫ ޛައްރު (رضي الله عنه) އަޑުގެ ކޮޅަށް ވިދާޅުވިއެވެ. [އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ކުޅަދާނަކަން ނުވާ މިންވަރުގެ ކަމެއް ކާމިޔާބު ކުރުމަށް އުޅޭނަމަ އެކަމެއް ތިޔަބައި މީހުން ހަލާކު ކުރާނެތެވެ.]

ads

ދާއިރާ:

0 comments:

Post a Comment

 
here it is