Wednesday, April 3, 2013

ހިތާމައާއި ކަންނެތްކަމުން ދުރުވުމަށް ކުރާ ދުޢާއެއް


ހިތާމައާއި ކަންނެތްކަމުން ދުރުވުމަށް ކުރާ ދުޢާއެއް




اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ ‏ ‏وَضَلَعِ ‏ ‏الدَّيْنِ وَغَلَبَةِ الرِّجَالِ



މާނައަކީ : ''ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮއެވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެ ވާގިފުޅާ ލައިގެން، ވާން އޮތް ކަންކަމަށް ވެވޭ ދެރަ، އަދި ނިމިފައިވާ ކަންކަމަށް ކުރެވޭ ހިތާމަ، އަދި ނުކުޅެދުންތެރިކަން އަދި ކަންނެތްކަން، އަދި ފިނޑިކަން އަދި ދަހިވެތިކަން އަދި ބަރު ދަރަނިވެރިވުން އަދި އެހެން މީހުންގެ ބާރު ދަށުވުމުން، ރައްކާތެރިކަމަށް މިއަޅާ އެދެމެވެ.''
މި ފަދައިން ކީރިތި ރަސޫލާ ދުޢާ ކުރެއްވި ކަމަށް، އަނަސް ބިން މާލިކް ރިވާކުރައްވައިގެން، ޞަޙީޙް ބުޚާރީގެ ދުޢާ ބާބުގައި، މި ދުޢާ ރިވާކުރެވިފައިވެއެވެ.
މި ދުޢާއަކީ ކުރު، ލަފްޒު މަދު އެހެން ނަމަވެސް ވަރަށް ގިނަ ކަންތަކެއް އެއްފަހަރާ ޝާމިލު ގޮތެއްގައި ދުޢާކުރެވޭނެ ދުޢާއެކެވެ. އެހެނީ މުސްލިމަކަށް ދުނިޔެއިން ދިމާވެދާނެ ވަރަށް ގިނަ ނުބައި ކަންތަކުން ސަލާމަތް ވުމަށް އެދޭނެ ޢިބާރާތްތަކެއް މި ދުޢާގައި ހިމެނިގެންވެއެވެ. ނަފްސީ ބަޔަކާއި، ޖިސްމާނީ ބަޔަކާއި، ބޭރުން އަންނަ ބައެއް މިދުޢާގައި ވެއެވެ.
ދެން ވިސްނާލާއިރު ''ހައްމު'' (ވާން އޮތްކަންކަމާއި މެދު ފިކުރުބޮޑުވެ ކުރެވޭ ހިތާމައާއި) ''ޙުޒުނު'' (ނިމިފައިވާ ކަންތަކަށް ކުރެވޭ ހިތާމަ) މިއީ މީހާގެ ނަފުސާނީ ބަޔާއި ގުޅުން ހުރި ކަންކަމެވެ. ދެން އޮތް ''ޖުބްނު'' (ފިނޑިކަން) މިއީ ހިތްވަރާއި ގުޅުން ހުރި އެއްޗެކެވެ. ''ބުޚްލު'' (ދަހިކަން) މިއީ އިންސާނުން މުދަލަށް ހުންނަ ޝަހުވަތްތެރިކަމަކާއި ގުޅިފައި ހުންނަ ނުބައި ސިފައެކެވެ. ''ޢަޖްޒު'' (ނުކުޅެދުން) އާއި ''ކަސަލް'' (ކަންނެއްކަން) މިއީ ހަށިގަނޑާއި ގުޅުން ހުރި ދެކަމެކެވެ. ދަރަނިވެރި ވުމާއި އެހެން މީހުން ދަށުވުމަކީ ބޭރުން އަންން ދެކަމެވެ.
އަނެއް ކޮޅުން ބަލާއިރު މި ދުޢާގައި މީހާގެ މަޢްނަވީ ބަޔާއި، މާއްދީބައިވެސް ގެނެވިފައިވެއެވެ. ފިނޑިކަމާއި ކަންކަމަށް ނުކުޅެދިފައި ކަންނެތްވެފައި ހިތްމަރުވެފައި ހުރުމަކީ މީހާގެ މަޢްނަވިއްޔަތު ދަށްކަމުގެ ހެއްކެކެވެ. ވީމާ މި ދުޢާގައި މި ކަންކަމުން ސަލާމަތްވެ ތިމާއަކީ މަޢްނަވިއްޔަތު މަތި ހިތްވަރުގަދަ، މުރާލި މީހެއް ކަމުގައި ލެއްވުން އެދި ދެންނެވެއެވެ.
މީހާގެ މަޢްނަވީ ބައި ފުރިހަމައަށް ބެހެއްޓޭނީ ދަރަނިވެރި ނުވެ، މީހުން ދަށުނުވެ މުސްތަޤިއްލުވެގެން ކަން ކަށަވަރެވެ. ވީމާ މިކަމަށްވެސް މި ދުޢާގައި އެދެވެއެވެ.
 އިސްމާޢީލް ނާޖީ

ads

ދާއިރާ:

0 comments:

Post a Comment

 
here it is