Tuesday, April 30, 2013

ޚުޒައިމަތު ބުން ޘާބިތުލް އަންޞާރީ


ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަޢުރާބީއެއްގެ އަތުން އަހެއް ބައްލަވައިގަތެވެ. އަދި އެމީހާއަށް އޭގެ އަގު ދެއްކެވުމަށްޓަކައި ފައިސާ ގެންނެވުމަށް ވަޑައިގެން ވަނިކޮށް، އެ އަޢުރާބީގެ ގާތަށް އެހެން ބަޔަކު އައިސް އެއަސް ގަތުމަށް އަގުހުށަހެޅިއެވެ.
 އަދި ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސްލަމައާއި، އެއްބަސްވެފައިވާ އަގަށްވުރެ ބޮޑުއަގެއް އެމީހުން ކިޔެވެ. އެހިނދު އޭނާ ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސްލަމަގެ އަރިހަށް ގޮސް އެއަސް އެކަލޭގެފާނަށް ނުވިއްކާ ކަމުގައިބުނެ އެވިޔަފާރިއަށް އިންކާރު ކުރިއެވެ.

 ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. "އަދި ކިއެއްތޯއެވެ! ތިބާ އެއަސް ތިމަންކަލޭގެފާނަށް ވިއްކިއެވެ." އޭނާ އަނެއްކާވެސް އެކަމަށް އިންކާރު ކުރިއެވެ. ދެން މީސްތަކުން އެކަލޭގެފާނުގެ އަރިހަށް އެއްވިއެވެ. އެހިނދު، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "މީނާ ތިމަންކަލޭގެފާނަށް މިއަސް ވިއްކިކަމަށް ހެކިވާނީ ކާކު ހެއްޔެވެ؟"

އެހިނދު، ޚުޒައިމަތު ބުން ޘާބިތުލް އަންޞާރީ ގެފާނުވިދާޅުވިއެވެ. "ތިމަންނާ ކަލޭގެފާނު އެއަސް ބައްލަވައިގެންނެވިކަމަށް ހެކިވަމެވެ."
ދެން ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އޭނާއަށް ޙަދީޘްކުރެއްވިއެވެ. "ތިބާ ހެކިދިނީ ކީއްވެގެން ހެއްޔެވެ؟ އެކަން ހިނގިވަގުތު ތިބާ އެތަނަކު ނެތީމެއްނޫން ހެއްޔެވެ؟"

އޭނާ ދެންނެވިއެވެ. "ކަލޭގެފާނު އެކަންކަމާއިގެން ވަޑައިގެންނެވި ކަންތައް ތިމަންނާ މިހުރީ ތެދުކޮށްގެންނެވެ. އަދި ކަލޭގެފާނު ޙައްޤުބަސް މެނުވީ ޙަދީޘް ނުކުރައްވާކަންވެސް ތިމަންނާއަށް އެނގެއެވެ."

އެހިނދު ރަސޫލު ﷲ ގެފާނު ޙަދީޘްކުރެއްވިއެވެ. "ޚުޒައިމާ އެމީހަކަށް ހެކި ދީފިނަމަ، ނުވަތަ އެމީހެއްގެ މައްޗަށް ހެކި ދީފިނަމަ ފުދޭނެއެވެ." އެބަހީ: އޭނާގެ ހެކިބަހަކީ ދެމީހުންގެ ހެކިބަހާ އެއްވަރުގެ ހެކިބަހެއްކަމުގައި ހަމަޖައްސަވައިފީމެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is