Thursday, May 2, 2013

البَرَاءُ بِن مالك: ލަޝްކަރުގެ ވެރިކަން ޙަވާލުނުކުރުމަށް އެންގުނު ހަނގުރާމަވެރިޔާ


އިސްކޮޅުން ދިގު ޖާނުން ވަރުގަދަ ބޭކަލެއް ނޫނެވެ. މޫނުފުޅުގައި މަސްޖަހާފައި ނެތުމުންނާއި ހަށިކޮޅު ހިމަކަމުން މީހުން ހަމްދަރުދީ ވާހާވެސް ވެއެވެ. ނަމަވެސް ދީނުގެ ޢަދުއްވުންގެ މައްޗަށް މީނާ ދެއްކެވި ގަދަފަދަ ކަމަކީ ތާރީޚުގައި މިސާލު ޖަހާލެވޭ ފަދަ ގަދަފަދަ ކަމެކެވެ. މީނާގެ ޖެހިލުން ކުޑަކަމާއި މަރުދެކެ ބިރުނުގަތުމުގެ ސިފަ މަޝްހޫރުވީ ވަރަކީ ﷲ ރުއްސުންލެއްވި عُمَر بن خطاب رضي الله عنه ގެ خليفة ކަމުގައި އެއްވެސް ލަޝްކަރެއްގެ ވެރިކަން މީނާ އާއި ޙަވާލު ނުކުރުމަށް عُمَر بن خطاب އިސްލާމީ ރަށްތަކުގެ ގަވަރުނަރުންނަށް އެންގެވިއެވެ.

 
ހަނގުރާމާއިގެ ޤާބިލުކަން ކުޑަކަމަކުން ނޫނެވެ. ނަމަވެސް ފަސް ޖެހުމެއް ނެތި މީނާ ކުރައްވާފާނޭ ޖެހިލުން ކުޑަ ކަމެއްގެ ސަބަބުން މީނާގެ ދަށުގައި ލަޝްކަރެއް އޮވެއްޖެނަމަ ގެއްލުމެއް ލިބިދާނެތީއެވެ. އެކަމުގެ ހެއްކަކީ އެކިއެކި ހަނގުރާމައިގައި މުސްލިމުންނާއި ދެކޮޅަށް ބޮޑެތި ލަޝްކަރު ނެރޭއިރު މީނާ ކޮންމެހެންވެސް ހިމެނުމަށް عُمَر بن خطاب އަންގަވާފައި އެބަހުއްޓެވެ. 

އިސްލާމް ދީނަށްޓަކައި ފިދާވާން އަދި ﷲ ގެ މަގުގައި ޝަހީދުވެދާން ކަރުހިއްކައިގެންފައިވާ ހަނގުރާމަވެރިއަކީ ކާކުތޯއެވެ؟ އެއީ ﷲ ރުއްސުންލެއްވި البَرَاءُ بِن مالك އެވެ. رسول الله صلى الله عليه وسلم ގެ ޚާދިމް ﷲ ރުއްސުންލެއްވި أنس بن مالك ގެ އަޚަކެވެ.
البَرَّاءُ بِن مالك ގެ މުޅި ޙާޔާތަށް ބަލާއިރުވެސް ފެންނަނީ އެކިއެކި ހަނގުރާމައިގައި ކުރައްވާފައިވާ ހައިރާން ކުރުވަނިވި ކަންކަމެވެ.

 މީގެ އެއް ޙާދިޘާއަށް ބަލައިލަމާހެވެ. رسول الله صلى الله عليه وسلم އަވަހާރަވުމާ ގުޅިގެން އަލަށް އިސްލާމް ވީ އެތައް ބަޔަކު ދީނުން އެނބުރިގަނެ ޒަކާތް ދެއްކުމާއި ދެކޮޅު ހަދާ ބައެއް މީހުން ރަސޫލު ކަމަށް ދަޢުވާކޮށް އުޅޭން ފެށިއެވެ. އަދި ފުރިހަމައަށް އިސްލާމް ދީނުގައި ހިފަހައްޓައިގެން ޘާބިތު ކަމުގައި ތިބި ބަޔަކީ ހަމައެކަނި މައްކާ، މަދީނާ، ޠާއިފް، އަދި ވަށައިގެން އޮތް ކުދިކުދި ޤާބިލާތައް ކަމުގައި ވެއްޖެއެވެ.

 މި ނުތަނަވަސް ޙާލަތުގައި ގަދަފަދަ ޢަޒުމަކާއިގެން ދީނާއި ދެކޮޅު ހެދި އެންމެހާ މީސްތަކުންނާއި ހަނގުރާމަކުރެއްވުމަށް ނިންމެވީ ﷲ ރުއްސުން ލެއްވި الصدّ يق أبو بكر رضي الله عنه އެވެ. މިގޮތުން 11 ލަޝްކަރު ނެރުއްވާ އެކި ބޭބޭފުޅުންގެ ވެރިކަމުގެ ދަށުގައި އެކިއެކި ދިމަދިމާލަށް ފޮނުއްވިއެވެ. މި ހަނގުރާމަ ތަކުގައި އިސްލާމީ ލަޝްކަރުތަކާއި ކުރިމަތިވި އެންމެ ބޮޑު އަދި އެންމެ ވަރުގަދަ އެއް ލަޝްކަރަކަށްވީ ރަސޫލުކަމަށް ދަޢުވާ ކުރި مُسَيلَمَة كَذّّابْ ގެ ލަޝްކަރެވެ.


މީނާ ބަނޫ ޙަނީފާގެ އެންމެ ވަރުގަދަ ފަހުލަވާނުން އެކުލެވޭ ގޮތަށް 40,000 މީހުން ހިމެނޭ ލަޝްކަރެއް ނެރުނެވެ. މި ލަޝްކަރާއި ކުރިމަތިލުމަށް މުސްލިމުންގެ ލަޝްކަރެއްގެ މައްޗަށް إِكرِماَ بِن أَبِي جَهل ވެރިކުރައްވާފައި أبو بكر رضي الله عنه ފޮނުއްވެވިއެވެ. ނަމަވެސް مُسَيلَمَة ގެ ގަދަފަދަ ލަޝްކަރުގެ މައްޗަށް މިލަޝްކަރަކަށް ކާމިޔާބު ހޯދޭވަރެއް ނުވިއެވެ. 

އެއަށްފަހު 13,000 މުސްލިމް ހަނގުރާމަވެރިންގެ މައްޗަށް އެކުލެވިގެންވާ ލަޝްކަރެއްގެ މައްޗަށް خاَلِدُ بِن وَلِيدُ ވެރި ކުރައްވާ مُسَيلَمَة އާއި ހަނގުރާމަ ކުރުމަށް ފޮނުއްވިއެވެ. މި ލަޝްކަރުގައި މުހާޖިރުންނާއި އަންޞާރުންގެ އެތައް އެތައް ބޭކަލުންނެއް ހިމެނުނެވެ. 

 އަދި البَرَاءُ بِن مالكވެސް މި ލަޝްކަރުގައި ހިމެނިވަޑައިގަތެވެ. މުސްލިމުންގެ ލަޝްކަރު مُسَيلَمَة އާއި ކުރިމަތިލީ ބަނޫ ޙަނީފާގެ ބާރު ހިނގާ ސަރަޙައްދެއް ކަމަށްވާ ޔަމާމާގައެވެ. ހަނގުރާމަ ފެށި ހިނދުކޮޅެއްގެ ތެރޭގައި مُسَيلَمَة ގެ ލަޝްކަރު ކުރިއަރަން ފަށައިފިއެވެ. 

އަދި މުސްލިމުންގެ ސަފުތައް ރޫޅި ޚުދު خاَلِدُ بِن وَلِيدُ ގެ ފޭލިގެކޮޅާއި ހަމަޔަށް ދުޝްމިނު ހަނގުރާމަވެރީންނަށް އާދެވިއްޖެއެވެ. މިހިސާބަށް މުޞީބާތް ބޮޑުވުމުން އިސްލާމީ ހަނގުރާމަވެރީން އާ ހިތްވަރެއް ލާފައި ދުޝްމިނުންނާއި ކުރިމަތިލާން ފަށައިފިއެވެ.

خاَلِدُ بِن وَلِيدُ މުސްލިމުންގެ ލަޝްކަރުގެ އެކިއެކި ބައިތައް ވަކި ކުރައްވާ މުހާޖިރުންނާއި އަންޞާރުންނާއި އެކިއެކި ޤަބީލާތައް ވަކިވަކި ވެރީންގެ ދަށުގައި ހަމަލާ ދިނުމަށް އެންގެވިއެވެ. ހަނގުރާމައިގެ މައިދާން، މަރުވާ މީހުންނާއި ޒަޚަމްވާ މީހުން އެޅި ފުރެން ފަށައިފިއެވެ.

 ދެ ފަރާތުންވެސް އެއްވެސް ދުލެއް ނުދީ ހަނގުރާމަ ކުރަމުން ދިޔައެވެ. މުސްލިމުންނާއި ކުރީން ދުވަހަކުވެސް ކުރިމަތި ނުވާފަދަ އުނދަގޫ ހަނގުރާމައަކަށް މި ހަނގުރާމަ ވިއެވެ. އެކިއެކި ބޭކަލުން އެދުވަހު ދެއްކެވީ ހައިރާން ވާފަދަ ހިތްވަރެކެވެ. ﷲ ރުއްސުންލެއްވި ثاَبِتُ بِنْ قَيْسْ, زَيْدُ بِنْ الخَطَّابُ, އަދި أَبُو މިނިވަން ކުރެއްވި އަޅު سَالِمْ ފަދަ އެތައް ބޭލުންނެއް ވަރަށް ހިތްވަރު ކުރެއްވުމަށް ޝަހީދުވެގެން ހިނގައްޖެއެވެ.

ހަނގުރާމައިގެ ކަންތައް މިހާ ހިސާބަށް ދިޔަތަނާ خاَلِدُ بِن وَلِيدُ, البَرَاءُ بِن مالك އަށް ވިދާޅުވިއެވެ. "އޭ އަންޞާރުންގެ ޒުވާނާއެވެ. އެއްޗެއް ވިދާޅުވެ ބައްލަވާށެވެ." އެހިނދު البَرَاءُ بِن مالك އަޑު ހަރުކޮށް ވިދާޅުވިއެވެ. "އޭ މަދީނާގެ އަހުލުވެރީންނޭވެ! ކަލޭމެންގެ ތެރެއިން އެކަކުވެސް މަދީނާއަށް އެނބުރި ދިއުމަށް ޚިޔާލު ނުކުރާށެވެ. މިއަދަށްފަހު މަދީނާ އެއް ނެތެވެ. ވަނީ ހަމައެކަނި ﷲ އެވެ. އަދި ސުވަރުގެއެވެ. "މިހެން ވިދާޅުވުމާއި އެކު البَرَاءُ بِن مالك އާއި އަންޞާރުން އެއް ފަހަރާ ދެއްވި ގަދަފަދަ ހަމަލާއަކުން مُسَيلَمَةގެ ލަޝްކަރުގެ ސަފުތައް ރޫޅެން ފަށައިފިއެވެ. އަދި ހަނގުރާމައިގެ ތިލަފަތް މުސްލިމުންގެ ކޮޅަށް ކިރެން ފަށާ ދުޝްމިނުން ފަހަށް ޖެހެން ފަށައިފިއެވެ.

އިސާހިތަކު އެބައި މީހުން ފަސްދީދުވެ ކައިރީގައި އޮތް ބަގީޗާއެއްގެ ތެރެއަށް ވަދެ ރައްކާތެރިކަން ހޯދައިފިއެވެ. މިބަގީޗާގެ ވަށައިގެންވާ އުސްފާރުތަކުގެ ރައްކަލުގައި ތިބެ މުސްލިމުންގެ މައްޗަށް ތީރު އުކަން ފަށައިފިއެވެ. އެހިނދު البَرَاءُ بِن مالك ކުރިއަށް ޖެހި ވިދާޅުވިއެވެ. ތިޔަބައި މީހުންގެ އަށްޑަނަތަކުގެ މައްޗަށް އަހުރެންލާފައި އެ ފާރުމަތިން އެތެރެއަށް އެއްލާށެވެ!

 އެތެރޭން މިބަގީޗާގެ ދޮރާށި ހުޅުވޭތޯ ބަލާނަމެވެ. ދެން މިބޭކަލުން ބަގީޗާގެ ތެރޭގައި ތިބި مُسَيلَمَةގެ ލަޝްކަރުގެ ތެރެއަށް البَرَاءُ بِن مالك އެއްލަވައިފިއެވެ. ވަރުގަދަ ސިންގާއެއް ފަދައިން މިބައި މީހުންގެ މެދަށް البَرَاءُ بِن مالك ވެއްޓިވަޑައިގެން އޭގެ ތެރެއިން 10 މީހުނާއި ހަމަލާދީ ޤަތުލު ކުރުމަށްފަހު ދޮރާށި ހުޅުވާ ދެއްވައިފިއެވެ. މުސްލިމުން ބަގީޗާގެ ތެރެއަށް ވަދެ ގަދަޔަށް ހަނގުރާމަކޮށް ދުޝްމިނުން މުޅީން ބަލިކޮށް ކާމިޔާބު ހޯދައިފިއެވެ. مُسَيلَمَة ގެ ލަޝްކަރުގެ 17,000 އަށްވުރެ ގިނަ މީހުން މި ބަގީޗާގައި ނެތިގެން ދިޔައެވެ.

އުޙުދު ހަނގުރާމައިގައި ޙަމްޒަތުގެފާނު ޝަހީދު ކުރި ވަޙްޝީ (ފަހުން އިސްލާމްވެ ވަޑައިގަތެވެ.) އެއްލެވި ލޮންސިއެއްގެ ބާރު ގަދަކަމުން مُسَيلَمَة އަޅާފައި ހުރި ދަގަނޑު ފޭރާން ފޫދުއްވާލާފައި ބަނޑަށް ވަދެ އޭނާ މަރުވެއްޖެއެވެ. ނަޞްރު ލިބުމަށްފަހު البَرَاءُ بِن مالك އުފުލައިގެން މަދީނާއަށް ގެންދެވުނުއިރު އޭނާގެ ގައިގައި ކަނޑި އަދި ލޮންސިން 80 އެތި ފަހަރު ހުރިކަމަށް ވިއެވެ. މީނާ ގޭގައި ބަހައްޓަވައި ޒަޚަމްތައް ފަސޭހަ ވަންދެން ބަލަހައްޓަވާ ހެއްދުވުމުގައި خاَلِدُ بِن وَلِيدُ އެއް މަސް ދުވަސް ހޭދަކުރެއްވިއެވެ.

އަދިވެސް މި ވަރުގަދަ ފަހުލަވާނުގެ އެހެން ވާހަކައެކެވެ. ޢިރާޤު ކަރައިގައި މުސްލިމުން ފާރިސީންނާއި ހަނގުރާމަކޮށް ކިއްލާއެއްގެ ތެރޭގައި ޚިޞާރު ކޮށްފިއެވެ. ދެން ފާރިސިން ކުރާޏް ފެއްޓި ކަމަކީ ކިއްލާ ތެރެއިން ދޮން ދަގަނޑުގެ ހިލިހިލާތަކެއްގެ ކޮޅުގައި ބުޅިތަކެއްލާފައި މުސްލިމުންނާއި ދިމާލަށް އުކާން ފެއްޓިއެވެ. މި ބުޅިތަކުގައި ޖެހި އެތައް މުސްލިމުންނެއް މަރުވެ އެތައް ބަޔަކު ހައްޔަރުވެ ކިއްލާގެ ތެރެއަށް ދަމާފައި ގެންދަން ފަށައިފިއެވެ. ﷲ ރުއްސުންލެއްވި أَنَسْ بِنْ مَالِك ވެސް މިއިން ބުޅިއެއްގައި ޖެހިވަޑައިގެން ކިއްލާ އާއި ދިމާއަށް، މައްޗަށް ގެންދެވެން ފަށައިފިއެވެ.

البَرَاءُ بِن مالك އަށް މިތަން ބައްލަވާން ހުންނަވާކަށް ކެތެއް ނުކުރެއްވުނެވެ. ދެއަތުން އެ ދޮންވެފައިވާ ހިލިހިލާ ތަކުގައި ހިއްޕަވައިގެން އެކި ގޮތްގޮތަށް މަސައްކަތް ކުރައްވައިގެން އެ ހިލިހިލާ ހަލާކު ކޮށްލެވިއެވެ. މިތަން ފެނި މުސްލިމުންގެ ހިތްވަރު އާވާގޮތްވިއެވެ. އަދި ވަރުގަދަ އެތައް ޙަމަލާ އަކަށްފަހު މިތަންވެސް މުސްލިމުންނަށް ފަތަޙަ ކުރެވުނެވެ.

 ނަމަވެސް البَرَاءُ بِن مالكގެ އަތްޕުޅު ފަސޭހަވީ އެތައް ދުވަހަކުންނެވެ.
ފާރިސީން ހަނގުރާމައަކަށް ފަހު ހަނގުރާމައަކުން ބަލިވަމުން ދިއުމުން މިކަން ހުއްޓުވުމަށްޓަކައި ވަރަށް ބޮޑު އަދި ވަރުގަދަ ލަޝްކަރެއް އެބައި މީހުން ތައްޔާރު ކުރާ ޚަބަރު أَ مِيْرُ المُؤ مِنِيْن عُمَر بُن خَطَّاب ށް ލިބިވަޑައިގަތެވެ. އެބައި މީހުންނާއި ކުރިމަލުމަށް ތައްޔާރުވެފައި އޮތް މުސްލިމް ލަޝްކަރު އިތުރަށް ވަރުގަދަ ކުރެއްވުމަށް ބައެއް ފައުޖުތައް ފޮނުއްވާ މުސްލިމް ފަހުލަވާނުންގެ ތެރޭގައި ކޮންމެހެންވެސް البَرَاءُ بِن مالك ހިމެނުއްވުމަށް عُمَر بُن خَطَّاب އެންގެވިއެވެ. 

މި ދެ ލަޝްކަރު ބައްދަލުވީ އަލް އަހްވާޒް އޭ ކިޔުނު ހިސާބެއްގައެވެ. ހަނގުރާމަ ފެށުނީ ދެ ފަރާތުގެ ފަހުލަވާނުންގެ މެދުގައި ޙަމަލާ ބަދަލު ކުރެއްވުމަށް ފަހުގައެވެ. މި ޙަމަލާ ތަކުގައި ހަނގުރާމައިގެ ހުނަރުތަކާއި އުކުޅުތައް އެންމެ ބޮޑަށް ތަމްސީލު ކުރެއްވި އެއް ފަހުލަވާނަކީ އ البَرَاءُ بِن مالك އެވެ. ވަކިވަކީން ހަނގުރާމަކޮށް ފާރިސީންގެ 100 އަށްވުރެ ގިނަ ފަހުލަވާނުން البَرَاءُ بِن مالك ގެ އަތްޕުޅުން ޤަތުލު ކުރެއްވިއެވެ.

 ދެން ދެ ލަޝްކަރުގެ ސަފުތައް ކައިރިވެ ހަނގުރާމަ ފެށި ހޫނުވެއްޖެއެވެ. ހަނގުރާމަ ވަކި އަތަކަށް ނުޖެހި ގަދަކޮށް ހިނގަމުން ދަނިކޮށް رسول الله صلى الله عليه وسلم ގެ އަޞްޙާބުންގެ ތެރެއިން ބޭކަލަކު البَرَاءُ بِن مالك ގެ ގާތަށް ވަޑައިގެން ވިދާޅުވިއެވެ. "ކަލޭގެފާނު ހަނދުމަފުޅު އެބަހުރި ތޯއެވެ؟ رسول الله صلى الله عليه وسلم އެއް ދުވަހަކު ޙަދީޘް ކުރެއްވި ނޫންތޯއެވެ. "ބޯހޭވިފައި، ހެދުމުގެ ތަންތަންކޮޅުން ވީދިފައި ހުންނަ ބަޔަކު ފިރިހެނުންގެ ތެރެއިން ވެއެވެ. 

މީސްތަކުންއެބައި މީހުންނަށް މާބޮޑު އަޅާލުމެއް ނުބަހައްޓާނެއެވެ. އެކަމަކު އެބައި މީހުންގެ މީހަކު ﷲ ގެ ޙަޟްރަތުން ކަމަކަށް އެދި ދަންނަވައިފިނަމަ ހަމަ ޔަޤީނުންވެސް އެކަމެއް ފުއްދަވާދެއްވާނެތެވެ. البَرَاءُ بِن مالك އަކީ އޭގެ ތެރެއިން ބޭކަލެކެވެ." "ވީމާ البَرَاءُ بِن مالك އެވެ. އަހަރުމެންނަށް ނަޞްރު ލިބޭތޯ ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ބައްލަވާށޭވެ." މި އަޑު އިވިވަޑައިގަތުމާއި އެކު البَرَاءُ بِن مالك ދެ އަތް އުޑާއި ދިމާލަށް އުފުލާލައްވާފައި ގަދަ ކީރިތި ވަންތަ ﷲ އަށް ދެންނެވިއެވެ. "އަޅަމެންގެ ވެރި ﷲ އެވެ.

 އެބައި މީހުންގެ މައްޗަށް އަޅަމެންނަށް ގަދަކަން ދެއްވާފާނދޭވެ! ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އެބައި މީހުން ބަލިކުރައްވާފާނދޭވެ. ﷲ އެވެ އަޅަމެންނަށް ނަޞްރު ދެއްވާ ފާނދޭވެ." މިހެން ދުޢާ ދެންނެވުމަށް ފަހު އަދި އިތުރު ކުރެއްވިއެވެ. "އޭ އަޅުގެ ވެރި ﷲ! އިބަ ﷲ ގެ رسول الله صلى الله عليه وسلم ގެންދެވިތަނަށް މިއަޅާވެސް ގެންދަވާ ފާނދޭވެ." މިހެން ދުޢާ ދެންނެވުމަށްފަހު އެކަލޭގެފާނުގެ أَخْ أنََسْ بِن مَالِك އާއި ދިމާލަށް ބައްލަވާ ލެއްވުމަށްފަހު ދުޝްމިނުންގެ ބައިގަނޑާ ޙަމަލާ ދެއްވައިފިއެވެ. 

 އަދި އެދުވަހު އެކަލޭގެފާނުގެ އެންމެ ބޮޑު އެދުންކަމުގައިވި ﷲގެ މަގުގައި ޝަހީދުވުން ފުރިހަމަވެގެން ދިޔައެވެ. އެހެނީ އެކަލޭގެފާނުގެ ދުޢާ އިޖާބަވެ މުސްލިމުންނަށް ނަޞްރު ލިބި ހަމަ އެދުވަހުމެ އަލްބަރާއު ބިން މާލިކު ޝަހީދު ވެވަޑައިގަތެވެ.

ގަދަ ކީރިތި ވަންތަ ﷲ البَرَاءُ بِن مالك ބިން މާލިކަށް ޖަންނަތުލް ފިރްދައުސް ދެއްވާ ހެޔޮ ރަޙްމަތް ލައްވާށިއެވެ. އަދި البَرَاءُ بِن مالك ފަދަ މުސްލިމުންތަކެއް މިއަދު މި ނިކަމެތި ވެފައިވާ މުސްލިމުންގެ ތެރޭންވެސް ނެރުއްވާފާނދޭވެ. އަދި މުސްލިމުންނަށް އިޚްލާޞްތެރިކަން ދެއްވާ ހެޔޮ މަގުގައި ހިނގުމުގެ ތައުފީޤު ދެއްވާފާނދޭވެ. އަދި ދީނަށްޓަކައި ޤުރުބާންވާ ބައެއް ކަމުގައި އަދި ދުޢާ އިޖާބަވާ ބައެއް ކަމުގައި އަޅަ

ads

ދާއިރާ:

0 comments:

Post a Comment

 
here it is