Friday, May 10, 2013

ސަލަފުންގެ ވާހަކަ: މަރުން ސަލާމާތްވެވޭނީ ކާކަށް ހެއްޔެވެ؟


ޢަބްދުލް ޢަޒީޒު އަބީ މަރްޙޫމު ރިވާކުރެއްވި ކަމަށް މައުސޫޢަތުލް އިބުނު އަބިއްދުންޔާ (ރަޙިމަހުﷲ)ގައި އައިސްފައިވެއެވެ.


 ބަލިމީހަކަށް ޒިޔާރަތް ކުރުމަށްޓަކައި އަލްޙަސަނުލް (ބަޞަރީ) ރަޙިމަހުﷲ އާއި އެކު ބަލިމީހެއްގެ ކައިރިއަށް އަޅުގަނޑުމެން ވަދެއްޖައީމެވެ. އަދި ބަލިމީހާ ކައިރީގައި އިށީންދެ ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ސުވާލުކުރެއްވިއެވެ. ބަލި ހާލު ކިހިނަކުންހެއްޔެވެ؟ ބަލިމީހާ ޖަވާބު ދިނެވެ. އަހަރެން ކާހިތްވެއެވެ. ނަމަވެސް އަރުންދިރޭ ގޮތެއްނުވެއެވެ. އަދި ބޯހިތްވެއެވެ. ނަމަވެސް ކަރުން ފަސޭހައިން ދިރުވާލެވޭގޮތެއްނުވެއެވެ. ދެން ޙަސަނުލް ބަޞަރީ ރަޙިމަހުﷲ ކީރިތިކުރައްވަން ފަށައިފިއެވެ.
ދެން ވިދާޅުވާން ފަށައިފިއެވެ. ފަހެ މިދުނިޔޭގެ ދާރު ބިނާވެގެންވަނީ ބަލިކަމާއި ބަލިމަޑުކަމުގެ މައްޗަށެވެ. ބަލިތަކާއި ބަލިމަޑުކަމުން ސަލާމަތްވެ ތިބުމަށް އަހަރެމެން ގަދައަޅައި މަސައްކަތްކޮށް ބަލިތަކުން ތިބާ ސަލާމަތްވެއެވެ. ނަމަވެސް މަރުން ފަހެ ސަލާމަތްވެވޭނީ ތިޔައިގެ ތެރޭން  ކާކަށް ހެއްޔެވެ؟ ދެން ފަހެ މުޅިގޭތެރެ ރުއިމުގެ އަޑުން ގުގުމާލައިފިއެވެ. (1)
 ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ۗ  سورة آل عمران 185
މާނައިގެ ތަރުޖަމާއީ: ފަހެ ކޮންމެ ނަފުސެއްވެސް މަރުގެ ރަހަދެކޭނެއެވެ.
އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
أَيْنَمَا تَكُونُوا يُدْرِ‌ككُّمُ الْمَوْتُ وَلَوْ كُنتُمْ فِي بُرُ‌وجٍ مُّشَيَّدَةٍ ۗ  سورة النساء 78
މާނައިގެ ތަރުޖަމާއީ: ފަހެ ތިޔަބައިމީހުން ކޮންމެތަނެއްގައި ވީކަމުގައިވިޔަސް މަރުތިޔަބައިމީހުންނާ ބައްދަލުކުރާހުއްޓެވެ. އެއީ ތިޔަބައިމީހުން އުސްވެގެންވާ ގަދަފަދަ ކިއްލާއެއްގައި ވީކަމުގައި ވިޔަސްމެއެވެ.
މަރަށް ތައްޔާރުވެ ތައުބާވެގެންވާ ހާލު މަރުވުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެނަށް ދެއްވާށިއެވެ. އާމީން
و صلى  الله وسلم على سيدنا محمد و آله و صحبه.
ނިމުނީ.


މިވާހަކައިން ލިބެން ޖެހޭ ޢިބުރަތްތަކާއި ފިލާވަޅުތައް.
1. ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ މާތްނަބިއްޔާގެ ސުންނަތެއްކަން. އަދި މިއުއްމަތަށް އެކަލޭގެފާނު ވަނީ ބަލިމީހުންނަށް ޒިޔާރަތްކުރުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ޙައްޤެއްކަމަށް ބަޔާންކުރައްވާފައެވެ.
2 .ކޮންމެ އިންސާނަކީވެސް މަރުވެގެންދާނެ މީހެއްކަން.
3. ޙަސަނުލް ބަޞަރީ ރަޙިމަހުﷲ: މަދީނާގައި ހިޖުރީ ސަނަތުން 21ވަނަ އަހަރު ޢުމަރު ރަޟިޔަﷲ ޢަންހުގެ ޚިލާފަތުގައި އުފަންވެ ވަޑައިގެންނެވި ބޭކަލެއް. ޙަދީޘް ޢިލްމުގައި އަދި ދަރުސްދެއްވުމުގައި ފުންނާބު އުސްބޭކަލެއް. ޢުޘްމާނު ރަޟިޔަﷲ ޢަންހު އަދި ޢަލީ ރަޟިޔަﷲ ޢަންހުއާއި އެކު އުޅުއްވި ބޭކަލެކެވެ.  ހަޔާތުގެ ފަހުކޮޅު ދިރިއުޅުއްވީ ބަޞަރާގައެވެ.
4. އިބުނު އަބިއްދުންޔާ ރަޙިމަހުﷲ: (208ހ-281ހ)   އިމާމު ޢަހުމަދު ބިން ޙަންބަލު (164ހ-261ހ)ގެ ޒަމާނުގައި އުޅުއްވި ޢިލްމުވެރިޔެއް. ވަރަށް ގިނަ ފޮތްތައް ލިޔުއްވާފައިވޭ. އެފޮތްތައް ޖަމާކޮށް ނެރިފައިވާ ފޮތަށް ކިޔަނީ މައުސޫޢަތުލް އިބުނު އަބިއްދުންޔާ. (އިބުނު އަބިއްދުންޔާގެ އެންސައިކުލޮޕީޑިޔާ)އެވެ. އިމާމު ބުޚާރީ، އިމާމު އިބުނު އަބީ ޚާތިމް އަދި އިމާމު ތިރިމިޛީ ރަޙިމަހުމުﷲ ޖަމީޢަން ވަނީ މިކަލޭގެފާނުގެ އަރިހުން ޙަދީޘްރިވާކުރައްވާފައެވެ. ދިރިއުޅުއްވީ ބަޣުދާދުގައެވެ.
_____________________
(1)  ވާހަކައިގެ  މަޞްދަރު: حياة السلف بين القول والعمل, دار ابن الجوزي، ص: 433

ads

ދާއިރާ:

0 comments:

Post a Comment

 
here it is