Wednesday, May 22, 2013

ހިތް ފަސާދަކޮށްލާ ކަންތައްތައް


އިބްނުލް ޤައްޔިމް ވިދާޅުވިއެވެ.

ހިތްފަސާދަކޮށްލާ ކަންތައް ފަހެކެވެ.                   




      1) އެކުވެއުޅުން
      2) (ދުނިޔެވީކަންތަކަށް) އެދުންތެރިވުން
      3) ﷲ ފިޔަވައި އެހެން އެއްޗަކަށް ބަރޯސާވެ ގުޅުން    
      4) ބަނޑުފުރުން 
      5) ނިދުން        އެކަލޭގެފާނު رَحِمَه الله ވިދާޅުވިއެވެ."މީސްތަކުންނާއި އެކުވެއުޅުމުގެ މައްސަލާގައި މަންފާކުރާނެ ގޮތަކީ ހެޔޮކަންތަކުގައި މީސްތަކުންނާއި އެކުވެ މަސްހުނިވެގެން އުޅުމެެވެ. ހުކުރު ނަމާދާއި ޖަމާޢަތާއި ޢީދުތަކާއި ޙައްޖާއި ޢިލްމު އުނގެނުމަޔާއި ޖިހާދުގައާއި ނަޞީޙަތްތެރިވުންފަދަ ކަންތަކުގައިއެވެ. އަދި ނުބައިކަންތަކުގައި އެމީހުންނާއި އެކުވެއުޅުމުން ދުރުވާށެވެ.

     އަދި ހުއްދަކަންތަކުގައިވެސް މާގިނައިން އެކުނުވާށެވެ. ކޮންމެހެން ނުބައިކަމެއްގައި އެމީހުންނާއި އެކުވާން މަޖުބޫރުވެއްޖެނަމަ، ނުވަތަ އެމީހުންނާއި އެކަހެރިވާން ނުކުޅެދިއްޖެނަމަ، އެމީހުންނާއި ރުހި އެއްބަސްވުމާއިމެދު ހުށިޔާރުވާށެވެ. އަދި އެމީހުންގެ އުނދަގޫތަކަށް ކެތްތެރިވާށެވެ. އެހެނީ އޭނާއަށް ބާރެއް ނުވަތަ އެހީއެއް، ނަޞްރުދޭނެ މީހަކު ލިބިގެންނުވާނަމަ، ކަށަވަރުންވެސް އެމީހުން އޭނާއަށް އުނދަގޫކޮށް ދުއްތުރާކުރާނެއެވެ.

    ނަމަވެސް އެއުނދަގުލަކީ އޭގެބަދަލުގައި مُؤْمِنންނާއި ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟްރަތުން އޭނާއަށް ޢިއްޒަތާއި ލޯތްބާއި މާތްކުރުމާއި ތަޢްރީފާއި ޘަނާލިބޭނެ ކަމެކެވެ. ފަހެ އެއުނދަގޫތަކަށް ކެތްތެރިވުމީ އެންމެ ހެޔޮރަނގަޅު އަދި އެންމެ ޙަމްދުލިބެނިވި ގޮތެވެ. އަދި ހުއްދަ ކަންތަކުގައި މާގިނައިން އެކުވެއުޅެން ޖެހިއްޖެނަމަ އެމަޖްލިސް ﷲ އަށް ކިޔަމަންތެރިވާ މަޖްލިސަކަށް ހަދަން ކުޅަދާނަވެގެންވާނަމަ މަސައްކަތްކުރާށެވެ. އަދި އޭނާގެ ނަފްސަށް ހިތްވަރުދީ ހިތްވަރުގަދަކޮށް ޘާބިތުކުރާށެވެ.

   އަދި އެކަންތައް ހުއްޓުވާލަން ޝައިޠާނާގެ ފަރާތުން އަންނަ ވަސްވާސްތަކަށް ނުއެނބުރޭށެވެ. އެއީ އެކަލޭގެ އޭނާއަށް އެއީ ދެއްކުންތެރިކަމެއްކަމަށް އަދި  އޭނާގެ ޢިލްމާއި މޮޅުކަން، އެހެންމީހުންނަށް އަންގައި ދިނުމަށް ލޯބިކުރުންކަމަށް ވަސްވާސްދީ ދައްކާނެއެވެ. ފަހެ، އެކަލޭގެއާއި ހަނގުރާމަކޮށް ދެކޮޅުވެރިވާހުށްޓެވެ. އަދި ﷲގެ ކިބައިން ވާގި ހޯދާހުއްޓެވެ. އަދި އެމީހުންގެ ތެރެއިން ހެޔޮކަންތައް ފެތުރުމަށް ކުޅަދާނަވީވަރަކުން މަސައްކަތްކުރާހުއްޓެވެ.
   ފަހެ އެމީހުން އިޞްލާޙުކޮށް ރަނގަޅުކުރުމަށް، ނުކުޅެދިއްޖެނަމަ ދެން އޭނާގެ ހިތް އެމީހުންގެ ތެރެއިން މަޑުމަޑުން ދަމައިގަންނާށެވެ. އެއީ މޮޑެފައި އޮތް ފުއްގަނޑަކުން އިސްތަށްޓެއް ނެރެލައިހެނެވެ. ދެން ފަހެ، އޭނާ އެމީހުންގެ ތެރޭގައި ޙާޟިރުވެވެގެންވާ ޙާލު ހުންނާނީ ޣާއިބު ވެގެންނެވެ. އަދި އެމީހުންގެ ކައިރީގައިވާ ޙާލު ހުންނާނީ ދުރުގައެވެ. އަދި އެމީހުންނާއެކު އޭނާ ނިދާ ޙާލު އޭނާވާނީ ހޭލައެވެ. އަދި އޭނާ އެމީހުންނާށް ބެލިއެއްކަމަކު އެމީހުންނެއް ނުފެންނާނެއެވެ.

     އަދި އެމީހުންގެ ވާހަކަ އަޑުއަޙާ ޙާލު އޭގެއިން އެއްވެސް އަސަރެއް ނުކުރާނެއެވެ. އެހެނީ އޭނާ ވަނީ އޭނާގެ ހިތް އެމީހުންގެ ތެރެއިން ނަގައިފައެވެ. އަދި އެހިތް ވަނީ އެންމެ މަތީގައިވާ ރަސްވަންތަ އިލާހުގެ ޢަރުޝީގެ ވަށައިގެން ތަސްބީޙަ ކިޔާ ޙާލު ޠާހިރުވެގެންވާ މަތިވެރި ފުރާނަތަކާއި އެކުގައެވެ. އަދި ފަހެ ނަފުސުތަކަށް މިކަން އުނދަގޫ ބުރަކަމަކަށްވެގެން ނުވެއެވެ. އަދި ކިއެއްތަ، ހަމަކަށަވަރުން ﷲ ފަސޭހަކޮށްދެއްވައިފި އަޅަކަށް އެއީ ފަސޭހަ ކަމެކެވެ.

     ފަހެ، އަޅާއާއި އޭނާގެ ރައްބާއި ދެމެދު ވަނީ ﷲ ތަޢާލާ ފުރިހަމައަށް ތެދުކޮށް، އަބަދުމެ އެކަލާނގެއަށް ކުރިމަތި ލައިގެން ހުރުމާއި، އަދި އޭނާގެ ނަފުސު ދެރަވެ، ނިކަމެތިވެގެންވާ ޙާލުގައި އެކަލާނގެ ޙަޟްރަތަށް ކުއްތަންވުމެވެ. ތެދުވެރި ލޯތްބަކާއި ދާއިމީކޮށް ހިތާއި ދުލުން ޒިކުރު ކުރުމުންނާއި ހިތްފަސާދަކޮށްލާ ބާކީ 4 ކަންތަކުން ދުރުވެ، މިހުރިހާ ކަމެއް ޙާޞީލްކުރެވުމުން ނޫނީ މިފަދަ މަގާމަކަށް ނިޢުމަތަކަށް ނުދެވޭނެއެވެ.

     އަދި ޞާލިޙު ހެޔޮ ޢަމަލު ގިނަކޮށްގެންނާއި ﷲ ގެ ޙަޟްރަތުން ބާރާއި މަދަދު ލިބިގެންނާއި އަދި ތެދުވެރި ޢަޒުމެއް ލިބިގެންނާއި އަދި ﷲ ފިޔަވައި އެހެން ފަރާތަކަށް ބަރޯސާވެ ގުޅިލާމެހެމުން ސަލާމަތްވެގެން ނޫނީ މިކަން ޙާޞިލްނުވެވޭ ހުއްޓެވެ." وَالله أَعْلَم!!.

ads

ދާއިރާ:

1 comment:

  1. Lucky Charms Casino and Sportsbook Review (2021)
    Lucky Charms Casino and Sportsbook Review (2021) · Is it legal to 제주 출장안마 play at 제이티엠허브출장안마 a งานออนไลน์ casino? 김제 출장안마 · Is Lucky Charms Casino a scam? · Is Lucky Charms 부산광역 출장샵 casino scam or legit? · Can I withdraw my winnings?

    ReplyDelete

 
here it is