Wednesday, May 8, 2013

ބިލާލު ބިން ރަބާޙް رضي الله عنه




 ”އަބޫބަކުރުގެފާނަކީ އަހަރެމެންގެ ސާހިބާއެވެ. އަދި އަހަރެމެންގެ ސާހިބާ މިނިވަންކުރެއްވި ބޭފުޅާއެވެ.” (އެވިދާޅުވަނީ ބިލާލުގެފާނު މިނިވަންކުރެއްވި ވާހަކައެވެ.)

ޢުމަރުގެފާނު ‘ އަހަރެމެންގެ ސާހިބާ ‘ މިލަޤަބު ދެއްވާފައިވާ ބޭފުޅަކުވާނީ، ޝައްކެއްނެތްގޮތުގައި ވަރަށްވެސް މާތް މަތިވެރި ބޭފުޅަކަށެވެ. އާއެކެވެ. އެކަލޭގެފާނަކީ ހަންގަނޑު ކަޅު، އިސްކޮޅުންދިގު، ތުނބުޅީގެ އިސްތަށިފުޅު ތުނި ބޮލުގެ އިސްތަށިދިގު ބޭކަލެކެވެ. މީހަކު އެކަލޭގެފާނާދިމާއަށް ތަޢުރީފުގެ ގޮތުން އެއްޗެކޭ ބުނެފިނަމަ، ކީރިތިކުރައްވާޙާލު އިސްތަށަށް ޖައްސަވައި ވިދާޅުވެއެވެ. “ހަމަކަށަވަރުން އަހަންނަކީ ޙަބަޝީއެކެވެ. އަދި އިއްޔެ އަހަންނަކީ އަޅަކީމެވެ.”
ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އިއްޔެ ނިކަމެތި އަޅެއްގެގޮތުގައި ހުރި މިބޭފުޅާ ވެގެންދިޔައީ މުސްލިމުންގެ ތެރޭގައި ޤަދަރާއި ޢިއްޒަތް އުފުލިގެން ދިޔަ ބޭކަލަކަށެވެ. އާދެ، މުސްލިމުންނަށް ނަމާދަށް އައުމަށް ގޮވާ މުދިމަކަށެވެ. އަދި އެކަލޭގެފާނަކީ ކެރިގެން ބުދުތަކަށް އިންކާރުކުރައްވާ އެތަކެއްޗަށް ފުރައްސާރަކުރައްވާ އުޅުއްވި ބޭކަލެކެވެ. އެކަލޭގެފާނަކީ ވަރަށްވެސް އާދަޔާ ޚިލާފު ބޭކަލެކެވެ. އިސްލާމްދީން ފެށިގެން މިހާތަނަށް އައިއިރުވެސް މުސްލިމުންގެ ހަތަރު ޚަލީފާއިން މަޝްހޫރުފަދައިން އެކަލޭގެފާނުގެ ނަންފުޅު މަޝްހޫރުވެ މަޢުރޫފްވެފައިވެއެވެ.
 އެންމެ ބޮޑެތިމީހުންނަށް އެނގޭފަދައިން ކުޑަކުއްޖާއަށްވެސް އެކަލޭގެފާނު އެނގެއެވެ. އިސްލާމީ ޤައުމެއްގެ ޕްރައިމަރީ ސުކޫލެއްގައި ކިޔަވާ ކުއްޖެއްކުރެން ނިކަން އައްސަވާބަލާށެވެ. “ބިލާލްގެފާނަކީ ކޮންބޭކަލެއް ހެއްޔެވެ؟” ޖަވާބުގައި އެކުއްޖާ ބުނާނެއެވެ. ” އެއީ رسول الله صلى الله عليه وسلم ގެ މުދިމެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނު ދީންދޫކުރޭތޯ، އެކަލޭގެފާނު އަޅުވެތިކޮށްގެން އުޅުނު މީހާ، ހޫނުގެ ސަބަބުން ދޮންވެފައިވާ ހިލައިން އެކަލޭގެފާނަށް ޢަޛާބު ދައްކަމުން ގެންދިޔައިރުވެސް ޝިރުކުނުކޮށް أحد, أحد އޭ ވިދާޅުވި ސަޙާބީއެވެ.”
ބިލާލުގެފާނަކީ އިސްލާމްދީން އައުމުގެކުރީގައި ހަމައެކަނި އަޅެކެވެ. އެކަލޭގެފާނުގެ ބުރަމަސައްކަތުން އެކަލޭގެފާނު އަޅުވެތިކޮށްގެން އުޅުނު ކަލޭގެއަށް އެތައް ޖަމަލަކަށް ހުއިހިއްޕަވައި ބަލަހައްޓަވައެވެ. އުޖޫރައެއްގެ ގޮތުގައި އެނުބައި ނުލަފާ މުޝްރިކު ކަލޭގެ ދެނީ އަތް ގޮއްޓަށް އަޅާލެވޭ ވަރުގެ ކަދުރުކޮޅެކެވެ. މީސްތަކުން ހީކުރަމުން ދިޔައީ މިފަދަ އަޅެއްގެ ގައިގައި ޙަޤީޤަތާއި ކުރިމަތިލައި އޭގެސަބަބުން ލިބޭ ވޭން ބަރުދާސްތުކުރުމުގެ އެއްވެސް އާރެއްބާރެއް ނުހުންނާނެކަމަށެވެ.
 އަދި މިފަދަ ބޭކަލަކުވާނީ އެއްވެސް އަގެއްނެތް ބޭކާރު މީހަކަށް ކަމަށެވެ. އެހެނެއްކަމަކު އިސްލާމްދީނުގެ ސަބަބުން އެކަލޭގެފާނު ވެގެންދިޔައީ ބަޠަލަކަށެވެ. މުޅިދުނިޔެ ހައިރާންކޮށްލި ފަހުލަވާނަކަށެވެ.
ކޮންފަދަ އީމާންކަމެއްތޯއެވެ. ކޮންފަދަ ކެތްތެރިކަމެއްތޯއެވެ. އޭގެސަބަބުން ލިބިގެންދިޔައީ ކޮންފަދަ މަތިވެރި އަޖުރެއްތޯއެވެ.
އެކަލޭގެފާނުގެ އިސްލާމްވުން އަޑުއަހާލަމާތޯއެވެ.

މައްކާގެ މުޝްރިކުންގެ ދޫދޫމަތިން ބިލާލް رضي الله عنه  އާހަމައަށް رسول الله صلى الله عليه وسلم ގެ ވާހަކަ އިވެންފަށައިފިއެވެ. އަދި އެކަލޭގެފާނު ދިޔައީ އެކަލޭގެފާނުގެ ސާހިބުމީހާއާއި އޭނާގެ މެހުމާނުން رسول الله صلى الله عليه وسلم އާ ބެހޭގޮތުން ދައްކާ ވާހަކަތައް ސިއްރުން އަޑުއައްސަވަމުންނެވެ. އެމީހުން އެކަލޭގެފާނުދެކެ ރުޅިއައިސް އެކަލޭގެފާނާއި ދިމާލަށް ގޮވާ ހުތުރު އެއްޗެހިތައް ބިލާލުގެފާނަށް އިވިވަޑައިގަންނަވައެވެ.

މިބައިމީހުނގެ ވާހަކަތަކުން ބިލާލް رضي الله عنه  އަށް ދިޔައީ މި ދީނާ ބެހޭގޮތުން ދަސްވަމުންނެވެ. އެކަލޭގެފާނަށް އިޙްސާސްވެވަޑައިގަތީ، މިޢުސޫލުތަކަކީ އެކަލޭގެފާނު ދިރިއުޅުއްވަމުންގެންދަވާ މާޙައުލާ މުޅިން ބީރައްޓެހި އުޞޫލުތަކެއްކަމަށެވެ. رسول الله صلى الله عليه وسلم ގެ މާތްކަމާއި މަތިވެރިކަމާއި، އެކަލޭގެފާނުގެ އަމާނާތްތެރިކަމާއި ތެދުވެރިކަމަށް އެބައިމީހުން އިޢުތިރާފްވާކަން ބިލާލްގެފާނަށް ފެނިވަޑައިގަތެވެ. އެބައިމީހުން ބުނެއެވެ.

 “މުޙައްމަދަކީ ދޮގުވެރިއެއް ނޫނެވެ. ސިޙުރުވެރިއެއްނޫނެވެ. އަދި މޮޔައެއްވެސް ނޫނެވެ. އެހެނެއްކަމަކު އަހަރެމެން އެކަލޭގެފާނާއި ދިމާއަށް އެފަދަ ބުނުމުން ބުނަންޖެހޭނެއެވެ. އެއީ އެކަލޭގެފާނުގެ ދީނަށްވަންނަމުންދާ މީހުން މަދުކުރުމަށްޓަކައެވެ.” މިވާހަކަތަކުން ބިލާލުގެފާނަށް ދިޔައީ ފުން އަސަރުތަކެއްކުރުވަމުންނެވެ.

މިފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުންދެއެވެ. އެއްދުވަހަކު ބިލާލް  رضي الله عنه  އަށް އާދަޔާޚިލާފް އިޙްސާސްތަކެއް ކުރެވުނެވެ. ހިދާޔަތުގެ އަލިކަން އެކަލޭފާނަށް ފެނުންކަހަލައެވެ. އެހެންކަމުން އެކަލޭގެފާނު رسول الله صلى الله عليه وسلم ގެ އަރިހަށް ވަޑައިގެން އިސްލާމްވެވަޑައިގަތެވެ.
އެކަލޭގެފާނު އިސްލާމްވުމުގެ މިޚަބަރު ފެތުރުމަށް ނެގީ ކުޑަހިނދުކޮޅެކެވެ. މިކަންތައް ވެގެންދިޔައީ ބަނީ ޖުމުޢާގެ ބޮޑުން ހައިރާން ކޮށްލިކަމަކަށެވެ. އެބައިމީހުންނަށް މިކަންތައްވެގެންދިޔައީ މައްކާގެ އެހެނިހެން މުޝްރިކުން ކުރިމަތީގައި އެބައިމީހުން ލަދުގަންނަވާލި ކަމަކަށެވެ.
އުމައްޔާ ބުން ޚަލަފް އޭނާގެ ހިތާހިތާ ކިޔާލިއެވެ. “މައްސަލައެއްނެތެވެ. ހަމަކަށަވަރުން މިއަދުގެ އިރުއޮއްސޭނީ މިމަގުފުރެދިފައިވާ ކަލޭގެ އިސްލާމްކަމާއެކީއެވެ.” ކޮންމެއަކަސް އިރުއޮއްސުނުއިރުވެސް ބިލާލެގެފާނުގެ އިސްލާމްކަން އޮއްސުނުކަމަކަށްނުވިއެވެ. އެހެނެއްކަމަކު ކޮންމެވެސްދުވަހަކުން އެއިރު އޮއްސުނީ މުޝްރިކުންނާއި އެބައިމީހުންގެ އަޢުވާނުންނާއި އެކީގައެވެ.
ބިލާލުގެފާނު އުޅުއްވަމުން އައީ ވަރަށްވެސް އާދަޔާއި ޚިލާފް އުޞޫލުފުޅަކަށެވެ. މުޝްރިކުން އެކަލޭގެފާނަށް ދެމުން ގެންދިޔަ ގަދަފަދަ އަނިޔާތަކަށް އެކަލޭގެފާނު ޘާބިތުކަންމަތީ ކެތްކުރެއްވިއެވެ. އެކަލޭގެފާނުގެ މިކެތްތެރިކަމުގެ ސަބަބުން އެކަލޭގެފާނު، އެދުވަސްވަރުގެ މީހުންނަށާއި އަދި އަންނަން އޮތް ޖީލުތަކަށް ދެއްވީ ވަރަށްވެސް އަގުހުރި ފިލާވަޅެކެވެ. މާތްކަމާއި މަތިވެރިކަމާއި، މިނިވަންކަމާއި ޙުއްރިއްޔަތަކީ ރަނާއި ރިއްސަށް ނުވަތަ ގަދަފަދަ އުޤޫބާތަށް ގަނެވޭނެ އެއްޗެއްނޫންކަން އެކަލޭގެފާނު ކިތަންމެހާވެސް ރަނގަޅަކަށް ޘާބިތުކޮށްދެއްވިއެވެ.
މުޝްރިކުން އެކަލޭގެފާނަށް ކުރަމުން ގެންދިޔައީ ކޮންފަދަ އަނިޔާއެއްތޯއެވެ. އެބައިމީހުން ދުވާލުގެ އެންމެ ހޫނުގަދަ ވަޤުތު އެކަލޭގެފާނުގެ ޙަށިކޮޅުގައިވާ ފޭރާންކޮޅު އަތުލައި، ހޫނުގެ ސަބަބުން ދޮންވެފައިވާ ހިލަތަކުގެ މައްޗަށް އެކަލޭގެފާނު ވައްޓާލައެވެ. އެއަށްފަހު ދޮންވެފައިވާ، އެކަކަށް އެކަނި ކިރިޔާ އުފުލޭވަރުގެ ހިލައެއްގެނެސް އެކަލޭގެފާނުގެ މޭފުޅުމަތީގައި ބާއްވައެވެ.
 މިގަދަފަދަ އުޤޫބާތް އެކަލޭގެފާނަށް ކޮންމެދުވަހަކު ލިބެމުންދިޔައެވެ. އެންމެފަހުން އެކަލޭގެފާނަށް މިއަދަބުދޭމީހުންގެ ހިތަށް ރަޙުމްވަދެ، އެބައިމީހުންގެ ކަލާނގެތަކާ ބެހޭގޮތުން ހުތުރުއެއްޗެހި ނުކިޔައި އެއެއްޗެއްސާބެހޭގޮތުން ކޮންމެވެސް ރަނގަޅުބަހެއް އެކަލޭގެފާނު ބުނެފިނަމަ އެކަލޭގެފާނު ދޫކޮށްލުމަށް އެބައިމީހުން ނިންމިއެވެ.
ނަމަވެސް ބިލާލް  رضي الله عنه  އެބައިމީހުންގެ ކަލާނގެތަކާއި ބެހޭގޮތުން އެންމެ ހެޔޮބަހެއްވެސް ނުބުނާނެކަމުގައި ވިދާޅުވިއެވެ. އާއެކެވެ. އެކަލޭގެފާނު އެބަހެއްނުބުނެގެން އެކަލޭގެފާނުގެ ނަފްސާއި އެކު އެކަލޭގެފާނުގެ އިސްލާމްކަންވެސް ސަލާމަތް ކުރެވިދާނެ އެ ބަސް ބުނުމަށް އިންކާރުކުރެއްވިއެވެ. އަދި އެކަލޭގެފާނު ހަރުއަޑުން ވިދާޅުވެ، މަތިވެރިކުރައްވަމުން ގެންދެވީ އެކަލޭގެފާނުގެ ޝިޢާރެވެ. ” أحد …. أحد.. ! ” މިއެވެ.
 އަނިޔާވެރިން އެކަލޭގެފާނުގެ މިޢަމަލުފުޅުތަކާއިމެދު ރުޅިއައިސް ހަޅޭލަވައިގަތެވެ. އަދި އެބައިމީހުން ބުންޏެވެ. ” ލާތަ އާއި ޢުއްޒާގެ ނަން ގަންނާށެވެ. ” ޖަވާބުގައި އެކަލޭގެފާނު ވިދާޅުވިއެވެ. ” أحد …. أحد.. ! ” އެވެ. އެބައިމީހުން ބުންޏެވެ. އަހަރެމެން މިކިޔާގޮތަށް ކިޔާށެވެ. ނަމަވެސް އެކަލޭގެފާނު މަލާމާތުގެ ރާގަކަށް ބުންޏެވެ. ” ހަމަކަށަވަރުން ތިޔަފަދައިން ބުނަން އަހަރެންގެ ދުލަކަށް ފަސޭހައެއްނޫނެވެ. “
އެހެންކަމުން އެކަލޭގެފާނަށް ޖެހިވަޑައިގަތީ އެބަރުހިލަ އެކަލޭގެފާނުގެ މޭފުޅުމަތީގައިވާ ޙާލު ހަށިގަނޑު ފިއްސާލަނިވި އެހިލަތައްމަތީ އޮންނާށެވެ. އަދި އިރުއޮއްސުމުން އެބައިމީހުން އެކަލޭގެފާނު ނަގައި، އެކަލޭގެފާނުގެ ކަރުގައި ވާގަނޑެއްޖަހައި، އެބައިމީހުންގެ ކުޑަކުދިންނާއި އެކަލޭގެފާނު ޙަވާލުކުރެއެވެ. އެކުދިން އެކަލޭގެފާނު ފަރުބަދަތަކުގެ ވަށައިގެންނާއި، މައްކާގެ މަގުތަކުގައި ދަމައެވެ.
 ނަމަވެސް ބިލާލުގެފާނު ” أحد …. أحد.. ! ” އޭ ބުނުން ފިޔަވައި އެހެން އެއްޗެއް ވިދާޅެއްނުވެއެވެ. ރޭގަނޑުވެ އަނދިރިވުމުން އެބައިމީހުންގެ މިކުޅިގަނޑު ހުއްޓާލުމަށްފަހު، އެކަލޭގެފާނަށް ބުނަމުން ގެންދެއެވެ. “މާދަމާ އަހަރެމެންގެ ކަލާނގެތަކަށް ހެޔޮބަސް ނޫނީ ނުބުނައްޗެވެ. އަހަރެމެންގެ ކަލާނގެއަކީ ލާތަޔާއި ޢުއްޒާއޭ ބުނާށެވެ.
 އޭރުން އަހަރެމެން ކަލޭ ދޫކޮށްލާނަމެވެ. ކަލެއަށް އަނިޔާކޮށް ކޮށް އަހަރެމެން ވަރުބަލިވެއްޖެއެވެ. މިހާރު އަނިޔާ ލިބުނު މީހުންނަކީ އަހަރެމެންކަހަލައެވެ. ” ނަމަވެސް ބިލާލުގެފާނު ނޫނެކޭބުނުމުގެ ގޮތުން އެކަލޭގެފާނުގެ ބޯފުޅު ހޫރާލިއެވެ. އަދި ތަކުރާރު ކުރަމުންގެންދެވިއެވެ. ” أحد …. أحد.. ! “
އެހިނދު އުމައްޔާ ބުން ޚަލަފް ރުޅިއައިސްގެން އެކަލޭގެފާނުގެ މާތް ހަށިކޮޅުގައި ބާރު އެތިފަހަރެއް ޖެއްސެވެ. އަދި ހަޅޭލަވައިގަތެވެ. ” އޭ ނުބައިކަމުގެ އަޅާއެވެ. ކަލޭ އަހަރެމެންގެތެރެއަށް ގެނެސް އެއްލާލީ ކޮން ބަދުނަސީބެއްހެއްޔެވެ؟ ލާތަޔާއި އުއްޒާ ގަންދީބުނަމެވެ. އަހަރެން ކަލެޔަކީ އަޅުންނާއި ސާހިބުންނަށް ހުރި ޢިބުރަތަކަށް ހަދާލާނަމެވެ. އެހިންދުވެސް ބިލާލުގެފާނު އުފުއްލެވީ އެކަލޭގެފާނުގެ ޝިޢާރެވެ. އަދި ކޮންމެ މުއުމިނެއްގެވެސް ޝިޢާރެވެ.
 ” أحد …. أحد.. ! ” އެވެ. އެހިނދު އެތަނުން އެކަކު (މަކަރުވެރިކަމާއެކު) ބުންޏެވެ. ” އޭ އުމައްޔާއެވެ. އިހަށް މަޑުކޮށްބަލާށެވެ. ލާތަ ގަންދީ ބުނަމެވެ. އޭނަޔަށް ދެން އަނިޔާކޮށްގެން ނުވާނެވެ. އެހެނީ ހަމަކަށަވަރުން އޭނާޔަކީ (އަހަރެމެންގެ ތެރެއިންވާ) އަހަރެމެންގެ މީހެކެވެ. އަދި އޭނާގެ މަންމައަކީ އަހަރެމެންގެ އަޅު އަންހެނެކެވެ.
 އިސްލާމްދީނަށްޓަކައި އަހަރެމެން ރުޅިއަރުވާ އަހަރެމެންނަށް މަލާމަތްކުރާކަށް ބިލާލެއްބޭނުމެއްނުވާނެއެވެ.” އެވަގުތު ބިލާލް  رضي الله عنه  އެބައިމީހުނގެ މަކަރުން ފުރިފައިވާ މޫނުތަކަށް ބަލައިލިއެވެ. އަދި މަޑުމަޑު އަޑަކުން އެތަކުރާރުކުރައްވަމުން ގެންދެވި ބަސްތަކުގެ ސަބަބުން ، އެކަލޭގެފާނުގެ ހިތްވަރުފުޅު ގަދަކަމާމެދު އެބައިމީހުން ހައިރާންވެ އަންތަރީސްވިއެވެ. އެކަލޭގެފާނު ވިދާޅުވަމުން ގެންދެވީ أحد …. أحد.. މިފަދައިންނެވެ.
ޖެހިގެން އައިދުވަހުގެ މެންދުރުވަގުތެވެ. ހޫނުގަދަވެ ހިލަތަށް ދޮންވުމާއެކީ ބިލާލުގެފާނަށް އަދަބުދިނުމަށްޓަކައި ނެރެވިއްޖެއެވެ. އެހެނެއްކަމަކު އެކަލޭގެފާނު ކެތްކުރެއްވިއެވެ. ޘާބިތުވެލެއްވިއެވެ. އަދި އެމުޞީބާތުގެ އަޖުރު އެދިވަޑައިގަތީ ގަދަކީރިތިވަންތަ ހުސްޠާހިރުވަންތަ الله سبحانه وتعالي ގެ ޙަޟުރަތުންނެވެ.
މިފަދަ ގޮތަކަށް މިބައިމީހުން އެކަލޭގެފާނަށް އަނިޔާކުރަމުންދަނިކޮށް أبوبكر الصديق رضي الله عنه  އަށް އެތަނަށް ވަޑައިގަނެވިއްޖެއެވެ. އެކަލޭފާނަށް މިއަނިޔާވެރި މަންޒަރު ފެނިވަޑައިގަތުމާއިއެކު ހަރުއަޑުފުޅުން ވިދާޅުވިއެވެ. “ތިޔަބައިމީހުން އިންސާނަކު ތިޔަ މަރާލަނީ އޭނާގެ އިލާހަކީ ﷲ އޭ ބުނާތީހެއްޔެވެ؟” އެއަށްފަހު އެކަލޭގެފާނު އުމައްޔާ އަށް ވިދާޅުވިއެވެ. ” އޭނާގެ އަގަށް ވާވަރަށްވުރެ އިތުރަށް ނަގާށެވެ. އަދި އޭނާ މިނިވަންކުރާށެވެ. “
މިދަނޑިވަޅު ވެގެންދިޔައީ އުމައްޔާ އެދި އެދި ހުރި ފުރުޞަތަކަށެވެ. އަވަސް އަވަހަށް މުޞީބާތަކުން ސަލާމަތްވާ ފަދައިން ބިލާލުގެފާނު އަބޫބަކުރުގެފާނަށް ވިއްކާލިއެވެ. ހަމަ ވިއްކާލުމާއެކު އަބޫބަކުރުގެފާނު އެކަލޭގެފާނު މިނިވަންކުރެއްވިއެވެ. އެހިނދު އުމައްޔާ ބުންޏެވެ. “އޭނާ ގެންދާށެވެ. ލާތަޔާއި އުއްޒާ ގަންދީބުނަމެވެ. ކަލޭގެފާނު އޭނާ ގަންނަން އެއްބަސްވީ އެންމެ އޫޤިއްޔާއަކަށް(1) ކަމުގައި ވީނަމަވެސް އަހަރެން ކަލޭގެފާނަށް އޭނާ ވިއްކީމުހެވެ.”  އަބޫބަކުރުގެފާނަށް އުމައްޔާގެ މި މަލާމާތުގެ ޢިބާރާތް ވިސްނިވަޑައިގެން އެއަށް ރައްދުދެއްވަމުން ވިދާޅުވިއެވެ. ” ﷲ ގަންދީ ބުނަމެވެ. ކަލޭ އޭނާ ވިއްކަން އެއްބަސްވީ ސަތޭކަ އޫޤިއްޔާއަށް ކަމުގައި ވީނަމަވެސް އަހަރެން އޭނާ ގަތީމުހެވެ.” އެއަށްފަހު ބިލާލް رضي الله عنه  ގޮވައިގެން رسول الله صلى الله عليه وسلم ގެ އަރިހަށް ވަޑައިގަތެވެ. މިކަމާ މުސްލިމުން ވަރަށް އުފާކުރިއެވެ.
رسول الله صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން މަދީނާއަށް ހިޖުރަކޮށްފިއެވެ. އަދި رسول الله صلى الله عليه وسلم މުސްލިމުންނަށް ނަމާދަށް އައުމަށްޓަކައި ބަންގިގޮވުމަށް ކަނޑައަޅުއްވައިފިއެވެ. އެކަމަކު ބަންގިގޮވާނީ ކާކުބާއެވެ؟ ދުރުހިސާބުތަކުގައިވާ މީހުންނަށްވެސް އިވޭނެފަދައިން الله أكبر  ގެ ޝިޢާރު ފާޅުކުރުމުގެ ނަސީބުލިބޭނީ ކޮންޞަޙާބީއަކަށްބާއެވެ؟
رسول الله صلى الله عليه وسلم މިމުހިއްމު މަސްޢޫލިއްޔަތު ޙަވާލުކުރެއްވީ ބިލާލް رضي الله عنه  އާއެވެ. އެކަލޭގެފާނަކީ ވޭނާއި ކެކުޅުމުގައި، ގަދަފަދަ އުޤޫބާތްތަށް ލިބެމުން ދިޔައިރުވެސް އެއްކައުވަންތަކަމުގެ ޝިޢާރު އުފުއްލަވައި ” ﷲ أحد …. أحد..(މާނައީ: ﷲ އެއްކައުވަންތަވެވޮޑިގެންވެއެވެ. އެއްކައުވަންތަވެވޮޑިގެންވެއެވެ.” އޭ ވިދާޅުވުމުގައި ޘާބިތުވެލެއްވި ސަޙާބީއެވެ.
މުސްލިމުންގެ ބަންގިއެއްކަމުގައި ވީ އަންނަނިވި ކަލިމަތަކެވެ.  الله أكبر, ألله أكبر , الله أكبر, ألله أكبر , أشهد الا إله إلا الله, أشهد الا إله إلا الله, أشهد أن محمدا  رسول الله , أشهد أن محمدا  رسول الله , حي على الصلاة , حي على الصلاة , حي على الفلاح , حي على الفلاح , الله أكبر, ألله أكبر , لا إله إلا الله. މިކަލިމަތަށް ބިލާލުގެފާނު ހިތްގައިމު އަޑުން ގޮވަމުންދާއިރު، އަޑުއަހާ މީހުންގެ ހިތްތަކަށް ފިނިކަން ލިބި ، އީމާންކަން އިތުރުވެގެން ދެއެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އެންމެފަހުން ހަނގުރާމަ ފަރުޟުކުރެވިއްޖެއެވެ. މައްކާގެ މުޝްރިކުން މަދީނާއަށް ހަމަލާދީ އެރަށް ހިފުމަށްޓަކައި ހަނގުރާމައަށް އަތުވެއްޖެއެވެ.
އެއީ އިސްލާމްދީނުގެ ފުރަތަމަ ހަނގުރާމައެވެ. އެއީ ބަދުރު ހަނގުރާމައެވެ. އެހަނގުރާމައިގެ މޮޓޯއެއްކަމުގައި رسول الله صلى الله عليه وسلم ހަމަޖެއްސެވީ ” أحد …. أحد..” އެވެ. އެއީ އެހަނގުރާމައެއްގައި މުޝްރިކުންގެ އެތައް ފަހުލަވާނުންނަކާއި، ބޮޑުންނެއް ޤަތުލުވެގެންދިޔަ ހަނގުރާމައެކެވެ. މަދު މުސްލިމުންކޮޅަކަށް ލިބުނު ބޮޑުވެގެންވާ ނަޞްރެކެވެ.
ދެލަޝްކަރު މައިދާނަށް އަތުވެއްޖެއެވެ. އުމައްޔާ ބުން ޚަލަފް އުޅުނީ މައިދާން ދޫކޮށް ފިލަން ދާށެވެ. ނަމަވެސް އޭނާގެ އެކުވެރި އުޤުބާ އަށް މިޚަބަރު ލިބުމާއެކު، މީރުވަސްދުއްވުމަށްޓަކައި އަލިފާން ރޯކުރަން ބޭނުންކުރާ އެއްޗެއް ހިފައިގެން އުމައްޔާ އޭނާގެ ޤަބީލާގެމީހުންގާތު އިންދައި އޭނާގެ ގާތަށް ދިޔައެވެ. އަދި އޭތި އުމައްޔާގެ އަތަށް އެއްލުމަށްފަހު ބުންޏެވެ. “އަމެވެ. ކަލޭ މިބޭނުންކުރާށެވެ. އެހެނީ ކަލެޔަކީ ހަމަކަށަވަރުންވެސް އަންހެނެކެވެ.” އެހިނދު އުމައްޔާ އޭނާޔާދިމާލަށް ހަޅޭލަވާގަތެވެ. އަދި ބުންޏެވެ. “ﷲ ކަލެޔަށާއި ކަލޭއެކަމަކާއިގެން އައިކަމަކީ މުޑުދާރުކަމެއްކަމުގައި ލައްވާށިއެވެ.”  ކޮންމެއަކަސް އުމައްޔާ ގަތްލަދުން ކުރިމަތީ ހަދާނެގޮތެއްނޭނގިގެން އެނބުރި ހަނގުރާމައިގެ މައިދާނަށް ތައްޔާރުވެގެން ހިނގައްޖެއެވެ.  އުޤުބާ އަކީ، ބިލާލްގެފާނާއި އަދިވެސް އެހިނިހެން މުސްލިމުންނަށް އުމައްޔާކުރި އަނިޔާގައި އޭނާއަށް އެންމެ ބޮޑަށް އެހީތެރިވެދިން މީހާއެވެ. މިއަދު އޭނާ ހަލާކުގެ ތެރެއަށް އެއްލައިލީވެސް ހަމަ އޭނާއެވެ.
ހަނގުރާމަ ފެށިއްޖެއެވެ. ފަޒާ ގުގުމައިގެން ދިޔައީ މުސްލިމުންގެ ޝިޔާރުންނެވެ. ” أحد …. أحد..” އެވެ. އުމައްޔާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއީ އޭނާއާއި ބީރައްޓެހި ކަލިމަތަކެއްނޫނެވެ. އާއެކެވެ. އެއީ އޭނާ އަޅަކަށް ހަދައިގެން ގެންގުޅުނު މީހާ، އޭނާއަށް ގަދަފަދަ ޢުޤޫބާތް ދެމުން ގެންދިޔައިރުވެސް ތަކުރާރުކުރި ބަސްތަކެވެ. މިއަދު އެކަލިމަތަށް އެވެގެންދިޔައީ މުޅި ދީނުގެ މޮޓޯއެއްކަމުގައެވެ.
ހަނގުރާމަ ހޫނުވެ ލޭއޮހޮރުވުންތަށް ގިނަވެއްޖެއެވެ. މައިދާނުގައިވަނީ ލޭގެ ކޯރުތަށް އުފެދިފައެވެ. އެންމެ ފަހުން ހަނގުރާމަ އޭގެ ނިމުމަކާއި ކައިރިވުމުން އުމައްޔާ ބުން ޚަލަފަށް ޢަބްދުއްރަޙްމާން ބުން އަޢުފް رضي الله عنه  ފެނިގެން އެކަލޭގެފާނު ގާތަށް ހިނގައްޖެއެވެ. އަދި އޭނާ އަކީ އެކަލޭގެފާނުގެ އަސީރަކަށް ހެދުމަށް އެދުނެވެ. ޢަބްދުއްރަޙްމާން ބުން އަޢުފް އޭނާގެ އެ އެދުން ޤަބޫލުކުރެއްވިއެވެ. އަދި އޭނާއާއި އެކު އަސީރުން ތިބޭތަނާއި ދިމާލަށް މިސްރާބު ޖެއްސެވިއެވެ.
މިމަންޒަރު ބިލާލުގެފާނަށް ފެނިވަޑައިގެންފިއެވެ. އެހިނދު އެކަލޭގެފާނު ހަޅޭލަވައިގަތެވެ. “ކުފުރުގެ ބޯ، އުމައްޔާ ބުން ޚަލަފެވެ! އޭނާ ސަލާމަތްވެއްޖިއްޔާ އަހަރެން ސަލާމަތް ނުކުރައްވާށިއެވެ!” އެކަލޭގެފާނު ކަނޑިކޮޅު ހިއްޕަވައިގެން ކުފުރާއި ބޮޑާކަމުން ފުރިފައިވާ އުމައްޔާގެ ބޯ ކަނޑާލުމަށްޓަކައި ދުއްވައިގަތެވެ. އެހެންނަމަވެސް ޢަބްދުއްރަޙްމާން ބުން އަޢުފް ހަރުއަޑުން ވިދާޅުވިއެވެ. “އޭ ބީލާލެވެ. އޭނާއަކީ އަހަރެންގެ އަސީރެކެވެ.” ހަނގުރާމަ ނުނިމި އުޅެނިކޮށް، އަދި ކިއެއްތަ ހަނގުރާމަ އެއްމެ ހޫނުވެފައިވާ ވަގުތުގައި އަސީރެއްގެ ގޮތުގައި އޭނާ ބަލައިގަންނާނީ ކިހިނެތްހެއްޔެވެ؟ އެމީހެއްގެ ކަނޑިން މުސްލިމުނގެ ޠާހިރުލޭ އޮހޮރި އޮހޮރި ހުރި މީހަކު މިފަދަ ޙާލެއްގައި އަސީރެއްގެ ގޮތުގައި ބަލައިގަނެވޭނީ ކޮންފަދައަކުންހެއްޔެވެ؟ ނޫނެކެވެ. ބިލާލުގެފާނަށް މިގޮތް އެއްގޮތަކަށްވެސް ޤަބޫލެއްނުކުރެވުނެވެ.
ޢަބްދުއްރަޙްމާން ބުން އަޢުފް އޭނާއަށް ދެއްވާފައިވާ ޙިމާޔަތް ބިލާލުގެފާނަށް އެކަނިމާއެކަނި ހަލާކުކޮށް ނުލެވޭނެކަން  އެކަލޭގެފާނަށް އިޙްސާސްވެވަޑައިގަތެވެ. އެހިނދު އަޑުގެ ކޮޅަށް އެކަލޭގަފާނު ގޮވާލިއެވެ. “އޭ ﷲ އަށްޓަކައިވާ އަހުރެންގެ އެހީތެރިންނެވެ! ކުފުރުގެ ބޯ، އުމައްޔާ ބުން ޚަލަފް މިހުރީއެވެ. އޭނާ ސަލާމަތްވެއްޖިއްޔާ އަހުރެން ސަލާމަތް ނުކުރައްވާށިއެވެ.” އެހިނދު މުސްލިމުނގެ ޖަމާޢަތެއް ކަނޑި ހިފައިގެން އެތަނަށް އައިސްފިއެވެ. އަދި އުމައްޔާއާއި އޭނާގެ ދަރި ވަށާލިއެވެ. ޢަބްދުއްރަޙްމާން ބުން އަޢުފަށް އެންމެ ކުޑަމިނުން އެކަލޭގެފާނުގެ އަސީރު، އަޅައިގެން ހުރި ހަތިޔާރުކޮޅުވެސް ނުނެގުނެވެ.
ލެއިން ތަތްތެޅިފައިވާ ކަނޑިތަކުގެ ދަށުގައިވާ އުމައްޔާގެ ހަށިގަނޑަށް ބިލާލް رضي الله عنه  ފުން ނަޒަރަކުން ބައްލަވާލެއްވިއެވެ. އެއަށްފަހު އެކަލޭގަފާނު އަވަސް އަވަހަށް އެމުޑުދާރު މަސްގަނޑާ ދުރައްދުއްވައިގަތެވެ. އެކަލޭގެފާނުގެ ޝިޢާރު އުފުލަމުންނެވެ. ” أحد …. أحد..” އެވެ.
ބިލާލް رضي الله عنه   އުމައްޔާއަށް މަޢާފް ނުކުރީ ކީއްވެގެން ބާއޭ މީހަކު ހިތަށްއެރުން އެކަށީގެންވެއެވެ. ދަންނާށެވެ. ބިލާލްގެފާނާއި އުމައްޔާގެ ކުރިމަތިލުން ހިނގާފައިވަނީ ހަނގުރާމައިގެ މައިދާނުގައެވެ. އެމައިދާނަށް ކޮންމެ ބަޔަކުވެސް އަންނަނީ އެބައިމީހުންގެ ދުޝްމަނުން ނެތިކޮށްލުމަށްޓަކައެވެ. ނަމަވެސް މިކަން ހިނގީ މިފަދަ މައިދާނެއްގައި ކަމުގައި ނުވާނަމަ، ބިލާލުގެފާނުފަދަ ބޭފުޅަކު އޭނާއަށް ރަޙުމް ކުރައްވައިފީހެވެ.

ދުވަސްތައް ފާއިތުވަމުންގޮސް  رسول الله صلى الله عليه وسلم ދިހަހާސް މުސްލިމުންނާއިގެން މައްކާ ފަތަޙަކުރައްވައިފިއެވެ. الله أكبر ވިދާޅުވަމުންނެވެ. އެއަށްފަހު ވަގުތުން އެކަލޭގެފާނު މިސްރާބުޖެއްސެވީ، އެތަނެއް އެބައިމީހުންގެ ބުދުތަކުން ފުރިފައިވާ ކަޢުބަތުﷲ ގެފުޅާއި ދިމާލަށެވެ. ” ޙައްޤު އަތުވެއްޖެއެވެ. އަދި ބާޠިލް ނެތިހިނގައްޖެއެވެ.” އެދުވަހަށްފަހު ލާތައެއް، އުއްޒާއެއް، އަދި ހުބަލެއް ނުވެއެވެ. ހިލައަށް އަޅުކަން ކުރުން ނިމުނީއެވެ. އެހެނީ އަޅުކަންވަނީ ހަމައެކަނި އެއްކައުވަންތަ، ގަދަކީރިތިވަންތަ الله سبحانه وتعالي އަށެވެ.
رسول الله صلى الله عليه وسلم ކައުބާ އަށް ވަދެވަޑައިގަތުމާއެކު، އިބުރާހިމްގެ ފާނުގެ ސިފައިގައި ހަދާފައި ހުރި ބުދެއް ފެނިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ” އިބުރާހީމްގެފާނަކީ ޔަހޫދީއެއް އަދި ނަޞާރާއެއް ނޫނެވެ. އެހެނެއްކަމަކު އެކަލޭގަފާނަކީ  }(ޝިރުކުގެ މަގުދޫކޮށް) އިޚްލާޞްތެރިވެ އުޅުއްވި މުސްލިމެކެވެ. އަދި މުޝްރިކެއްކަމުގައި އެކަލޭގެފާނު ވެވަޑައިގެންނުވެއެވެ.” އެއަށްފަހު އެކަލޭގެފާނު ކަޢުބަތުﷲ ގެފުޅުމައްޗަށް އަރައިވަޑައިގެން ބަންގިދެއްވުމަށް ބިލާލްގެފާނަށް އެންގެވިއެވެ. އެހިނދު ބިލާލުގެފާނު އެތަނަށް އަރާވަޑާގެން ބަންގިދެއްވަން ފެއްޓެވިއެވެ. ކޮންފަދަ މަތިވެރި ވަޤުތުކޮޅެއްތޯއެވެ؟ ކޮންފަދަ މާތް މުނާސަބަތެއްތޯއެވެ؟
މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެތައްހާސް މުސްލިމުންނެއް މަޑުމަޑު އަޑަކުން އެތަކުރާރުކުރަމުން ގެންދަނީ ބިލާލުގެފާނު އެވިދާޅުވާ ކަލިމަތަކެވެ. މުޝްރިކުންތައްތިބީ މި ވަމުންދާ ކަންތައްތަކާއިމެދު އަޖާއިބުވެ އަންތަރީސްވެފައެވެ. އެބައިމީހުންގެ ލޯތަކަށް މިފެންނަ މަންޒަރު އެބައިމީހުންނަށް ޤަބޫލެއްނުކުރެވެއެވެ. ” މިއީ ހަމަ އިހައްދުވަހު އަހަރެމެން މިރަށުން ފައްސާ ބޭރުކޮށްލި، މުޙައްމަދާއި އޭނާއަށް ތަބަޢަވީ ނިކަމެތި މީސްކޮޅުހެއްޔެވެ؟ އަދި މިއީ އަހަރެމެން އެބޭކަލެއްގެ ޢާއިލާ މީހުން ޤަތުލުކޮށް އެބޭކަލަކަށް ފުރައްސާރަކުރި ކަލޭގެފާނުހެއްޔެވެ؟ އެ ހުރިހާ ކަމަކާއި އެކުވެސް ދެންމެ އަހަރެމެންގެ މައްޗަށް އޯގާވެރިވެ ވަޑައިގެން “ކަލޭމެން ދާށޭ! ކަލޭމެންނަކީ މިނިވަނުންނޭ ” ވިދާޅުވީ ހަމަ މިކަލޭގެފާނުހެއްޔެވެ؟
ކޮންމެއަކަސް ބިލާލުގެފާނުގެ ވާހަކައަށް އެނބުރި އަންނަމާތޯއެވެ؟ އެކަލޭގެފާނުގެ ދުވަސްތައް ހޭދަކުރެއްވީ    رسول الله صلى الله عليه وسلم އާއި އެކީއެވެ. އެކަލޭގެފާނު صلى الله عليه وسلم ބައިވެރިވެ ވަޑައިގަންނަވާ ހަނގުރާމަތަކުގައި ބައިވެރިވެ ވަޑައިގަންނަވައެވެ. އަދި ބަންގި ގޮވުމުގެ މުހިންމު މަސްޢޫލިއްޔަތު އަދާކުރައްވައެވެ. އެހެންކަމުން އެކަލޭގެފާނު ދިޔައީ ދުވަހެއް ދުވަހަކަށް     رسول الله صلى الله عليه وسلم ގެ އަރިހުގައި ޤަދަރުވެރިވެ މަތިވެރިވަމުންނެވެ. އެންމެ ފަހުން ބިލާލުގެފާނު ވެގެންދިޔައީ، އެބޭކަލުން ދުނިޔޭގަ ތިއްބަވަނިކޮށް ސުވަރުގެ ވަންނާނެކަމުގެ އުފާވެރި ޚަބަރު رسول الله صلى الله عليه وسلم ދެއްވި  ދިހަ ބޭކަލުންގެ ތެރެއިންނެވެ.
ދުވަސްތައް ފާއިތުވަމުންގޮސް  رسول الله صلى الله عليه وسلم މިދުނިޔެއާ އަލްވަދާޢުކިޔައިފިއެވެ. އަދި އަބޫބަކުރު الصديق رضي الله عنه ޚަލީފާކަމަށް އިސްކުރެވިއްޖެއެވެ. ބިލާލުގެފާނު އަބޫބަކުރުގެފާނު އަރިހަށް ވަޑައިގެން ދެންނެވިއެވެ. ” އޭ ﷲ ގެ ރަސޫލާގެ ޚަލީފާއެވެ.  رسول الله صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް އަހުރެން އަޑުއެހީމެވެ. ” މުއުމިނެއްގެ އެންމެ އެންމެ މާތްވެގެންވާ ޢަމަލަކީ ﷲ ގެ މަގުގައި ޖިހާދުކުރުމެވެ.” އެހިނދު އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ” އެހެންވީމާ ކަލޭގެފާނު ބޭނުންފުޅުވެ ލައްވަނީ ކޮންކަމެއްތޯއެވެ؟” ޖަވާބުގައި ބިލާލުގެފާނު ކީރިތިކުރައްވަމުން ވިދާޅުވިއެވެ. ” ﷲ ގެ ރަސޫލާއަށް ފިޔަވައި އެހެން އެއްވެސް މީހެއްގެ އެދުމަކަށް އަހަރެން ބަންގި ނުގޮވާނަމެވެ.” އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ” ބިލާލެވެ. އަހަރެމެންނާއި އެކު މަޑުކުރާށެވެ. އަދި އަހަރެމެންނަށް ނަމާދަށް ގޮވާމީހަކުކަމުގައި ވާށެވެ.”
ދެރަވެ މާޔޫސްވެފައިވާ ޙާލު، ބިލާލުގެފާނު ވިދާޅުވިއެވެ. ” ކަލޭގެފާނު އަހުރެން މިނިވަންކުރެއްވީ ކަލޭގެފާނަށްޓަކައި ކަމުގައިވާނަމަ، އަހުރެން ކަލޭގެފާނު ބޭނުންފުޅުވެލައްވާ ވިދާޅުވެލެއްވި ކަމެއްކުރާނަމެވެ. ނަމަވެސް ކަލޭގެފާނު އަހުރެން މިނިވަން ކުރެއްވީ ﷲ އަށްޓަކައި ކަމުގައި ވާނަމަ، އެފަރާތަކަށްޓަކައި އަހަރެން މިނިވަންކުރެވުނުފަރާތަށް އަހަރެން ދޫކޮށްލާށެވެ؟” އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ” އަހުރެން ކަލޭގެފާނު މިނިވަންކުރީ ﷲ އަށްޓަކައެވެ.”
ބިލާލުގެފާނުގެ ހިތްގައިމު އަޑުން މީސްތަކުންނަށް ދެމުން އެގެންދެވި ދަޢުވަތު އެދުވަހަށްފަހު މެދުކެނޑުނެވެ. އެކަލޭގެފާނު ބަންގިގޮވާނީވެސް ފަހެ ކިހިނަކުން ހެއްޔެވެ؟ ބަންގިގޮވަމުންގޮސް أشهد أن محمدا رسول الله  މިހިސާބަށް ދާއިރަށް އެކަލޭގެފާނުގެ އަޑު ބަންދުވެއެވެ. އަދި ދެލޯފުޅުން ބޭއިޙްތިޔާރުގައި ކަރުނަތަށް އޮހޮރެންފަށައެވެ. ބަންގީގެ ބާކީބައި ފުރިހަމަކުރަނީ އެކަރުނަތައް ކަހަލައެވެ.
ކޮންމެއަކަސް އެކަލޭގެފާނުގެ އެންމެ ފަހު ބަންގި ގޮވާފައިވަނީ އަމީރުލް މުއުމިނީން عمر بن خطاب رضي الله عنه  ގެ ޚަލީފާކަމުގެ ދުވަސްވަރުގައެވެ. އެއީ އަމީރުލް މުއުމިނީން ސޫރިޔާއަށް ވަޑައިގަތުމުން މުސްލިމުން އެދުނު އެދުމަކަށެވެ. އެބައިމީހުން عمر  ގެ ފާނަށް ދެންނެވީ ހަމައެންމެ ބަންގިއެއް ގޮވައިދިނުމަށްޓަކައި ބިލާލުގަފާނުގެ އަރިހުގައި އެދުމަށެވެ. މިހެންވެ ނަމާދުވަގުތުވުމުން އެކަލޭގެފާނު ބިލާލުގެފާނު ގެންނަވާ އެފަދައިން އެދިލެއްވިއެވެ. ބިލާލުގެފާނު މިއެދުން ޤަބޫލުފުޅުކުރައްވައި މުންނާރަށް އަރާވަޑައިގެން ބަންގިދެއްވަން ފެއްޓެވިއެވެ. އެދުވަހު ޢުމަރުގެފާނާއި رسول الله صلى الله عليه وسلم ގެ ޞަޙާބީން، އެބޭކަލުން  ވަރަށް ކީރިތިކުރެއްވިއެވެ.
ބިލާލުގެފާނު އަވަހާރަވެވަޑައިގަތީ ސޫރިޔާގައެވެ. އެކަލޭގެފާނު އެދިވަޑައިގެން ގޮތަށް ﷲ ގެ މަގުގައި ހަމގުރާމަކުރައްވަނިކޮށެވެ. އާއެކެވެ. މިއަދު ދިމިޝްޤުގެ ބިމުގައި ފަސްދާނުލެވިފައި އެވަނީ رسول الله صلى الله عليه وسلم ގެ ޞަޙާބީންގެ ތެރެއިން އިސްލާމްދީނަށް ޖާނާއި މާލުން ޤުރުބާންވެ ވަޑައިގެން، އެއްކައުވަންތަ ކަމުގެ ކަލިމަ އުފުއްލެވި މާތް ޞަޙާބީއެކެވެ.

ލިޔުއްވީ: އަލްއަޚް ޢަބްދުﷲ އާމިރު


ads

ދާއިރާ:

0 comments:

Post a Comment

 
here it is