Monday, May 6, 2013

ކުޑަކުދިންނަށް އިސްލާމީ އުސޫލުން ތަރުބިއްޔަތު ދޭނެގޮތް



ސުވާލު:

ކުޑަކުދިންނަށް އިސްލާމީ ރިވެތި އުސޫލުން ތަރުބިއްޔަތު ދޭނެގޮތް ނަބަވީ އަލީގައި ބުނެދެއްވިދާނެތޯ؟ އަދި އަދަބުދެވޭނެ ގޮތާއި ދެވޭނެމިންގަޑު ބުނެދެއްވިދާނެތޯ؟

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އިސްލާމީ ތަރްބިއްޔަތު

އިސްލާމީ ތަރްބިއްޔަތުގެ މުހިންމުކަން

ޝައްކެތްނެތް ގޮތުގައި ތަރްބިއްޔަތެއް ދިނުމަކީ އުނދަގޫ ކަމެކެވެ. ވަގުތުތަކެއް ވެސް ހޭދަވާ ކަމެކެވެ. ވަރަށް މާތް މުހިންމު މަސައްކަތެކެވެ. މި މައުޟޫޢުގެ މުހިންމު ނުކްތާތައް ފާހަގަކޮށްލާނަމެވެ.

1. ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހިވަސައްލަމަ- އަދި ޞަޙާބީން އަދި އޭގެފަހުން ވަޑައިގެންނެވި ތާބިޢީން ތަރްބިއްޔަތުގެ މައިދައިނުގައި ގެންގުޅުއްވި އުކުޅުތައް ދަސްކުރުން. އަދި އަޅުގަޑުމެންގެ ދަރީން އެގޮތުގައި ތަރްބިއްޔަތު ކުރުމަށް ގަދައަޅައި މަސައްކަތް ކުރުން.

2. އަޅުގަޑުމެންގެ މުޖްތަމަޢަށް ނަޡަރު ހިންގާލައިފިނަމަ ފެންނަނީ މީގެ ކުރިން ދުވަހަކުވެސް މުޖްތަމަޢެއް ވެއްޓިގެން ނުދާހާ ދަށު ދަރަޖައަކަށް ވެއްޓިގެން ގޮސްފައިވާ ތަނެވެ. މިކަމުގެ ޙައްލަކަށް އޮތީ އިސްލާމީ ތަރްބިއްޔަތުން އަޅުގަޑުމެންގެ ދަރިންނަށް ތަރްބިއްޔަތު ދިނުމެވެ.

3. ކުއްޖާގެ ދިރިއުޅުމުގެ މައިދާނުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާ ކުރިމަތިލުމުގެ ކުޅަދާނަކަން އެކުދިންނަށް ލިބިގެންދާނީ އިސްލާމީ ތަރްބިއްޔަތު އެކުދިންނަށް ދެވިގެންނެވެ.

4. މުޖްތަމަޢަށް ފައިދާކުރަނިވި ކުދިންތަކެއް ކަމުގައި ހެދޭނީވެސް ރަގަޅު ތަރްބިއްޔަތު ދެވިގެންނެވެ.

5. ފިކްރީގޮތުން މުސްލިމުންނަށް ކުރިމަތިވާ ފިއްތުންތަކާއި ދެކޮޅަށް ތެދުވެވޭނީ އިސްލާމީ ތަރްބިއްޔަތު ދެވިގެންނެވެ.

6. މިއަދު މުޖްތަމަޢުގައި ފެންނަމުން މިދާ ނުބައި ކަންތައްތަކުގެ އަޞްލަކީ ތަރްބިއްޔަތު ނުދެވުމެވެ.

7.  ކުއްޖާގެ ކިބައިގައި މާތް ރިވެތި ޞިފަ އަށަގެންނެވޭނީ ރަގަޅު ތަރްބިއްޔަތެއް ދެވިގެންނެވެ.

ކޮންމެ އަކަސް ކުދިންނަށް އިސްލާމީ ރިވެތި އަޚްލާގް ގެ މައްޗަށް ބިނާވެފައިވާ ރަގަޅު ތަރްބިއްޔަތަކުން ތަރްބިއްޔަތު ދިނުމަކީ ކޮންމެ މަންމަ އަކާއި ބައްޕަ އެއްގެ ބޮލުގައި އެޅިފައިވާ ވަރަށްވެސް ބޮޑު ޒިންމާ އެކެވެ. މިކަމުގައި ދިމާވާ ދަތިތަކާއި ހުރަސްތައް ކަޑަކްތުކޮށް އެކަމުގައި ހަރުދަނާވާން ޖެހެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (يَأْتِي عَلَى النَّاسِ زَمَانٌ الصَّابِرُ فِيهِمْ عَلَى دِينِهِ كَالْقَابِضِ عَلَى الْجَمْرِ) މާނައަކީ: "މީސްތަކުންގެ ތެރެއަށް ޒަމާނެއް އަންނާނެއެވެ. އެދުވަސްވަރުގައި އެމީހެއްގެ ދީންމަތީގައި ކެތްކޮށްގެން ހުރުމަކީ އަލިފާން ދަރުގަނޑެއްގައި ހިފަހައްޓައިގެން ހުރުންފަދަ އުނދަގޫ ކަމެކެވެ".

ޝައްކެތްނެތް ގޮތުގައި ކަމަކީ ބުރަކަމެކެވެ. ނަމަވެސް އިންސާނަކަށް ކުރެވޭނެ އެންމެ މަތިވެރި އެއްކަމަކީ އޭނާގެ ދަރީން ހެޔޮގޮތުގައި ތަރްބިއްޔަތު ކުރުމެވެ. އެއީ ތިމާގެ ހަށިގނޑުގެ ބަޔެކެވެ. ހިތުގެ މޭވާ އެވެ. ތިމާގެ ދިރިހުރުން އެކަމެއްގެ މައްޗަށް ބިނާވެފައިވާ ކަންތަކެވެ. މީހާ އަތުގައި ހުރިހާ ކަމެއް ފުރިހަމަވެފައި ހުރިކަމުގައިވީނަމަވެސް ދަރީންނަކީ ރަގަޅު ބަސްއަހާ ކުދިންތަކެއް ކަމުގައި ނުވެއްޖެނަމަ އެއްވެސް އުފަލެއް ނެތެވެ.


 އެހެންކަމުން ތިމާ މިދުނިޔެމަތީގައި އުފަލުގައި އުޅެ، އަދި މަރުވުމަށްފަހުގައިވެސް ތިމާއަށް ފައިދާ އެއް ކުރުވަނިވި ކަމެއް ދުނިޔެއަށް ދޫކުރަން ބޭނުންނަމަ ދަރީން ހެޔޮގޮތުގައި ތަރްބިއްޔަތު ކުރަން ޖެހެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "އާދަމްގެ ދަރިޔާ މަރުވުމަށްފަހުގައި ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓިގެންދެއެވެ. އޭގެ ތެރެއިން އެއް ކަމަކީ އޭނާ އަށްޓަކައި ދުޢާކޮށް ދޭނެ ހެޔޮލަފާ ޞާލިޙް ދަރިޔެކެވެ".

ދަރީންނަކީ ﷲ ތަޢާލާ އިންސާނަކަށް ދެއްވާނެ އެންމެ އަގުބޮޑު އެކައްޗެވެ.

ދަރިންނަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ އަށް ދެއްވާފައިވާ ހަދިޔާ އެކެވެ. އަލްއަންޢާމް ސޫރަތުގެ 84 ވަނަ އާޔަތުގައި ވަޙީކުރައްވަނީ މިފަދައިންނެވެ. (وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ كُلًّا هَدَيْنَا وَنُوحًا هَدَيْنَا مِنْ قَبْلُ وَمِنْ ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَى وَهَارُونَ وَكَذَلِكَ نَجْزِي الْمُحْسِنِينَ) 


މާނައަކީ: "ތިމަން ﷲ އިބްރާހީމް ޢަލައިހިއްސަލާމް އަށް އިސްޙާގް އާއި ޔަޢްގޫބު ޢަލައިހިމައްސަލާމް ހިބަކޮށްދެއްވީމުއެވެ. އެހުރިހާ ބޭކަލުންނަށްވެސް ހިދާޔަތް ދެއްކެވީމެވެ. އަދި އޭގެ ކުރިން ނޫޙް އަލައިހިއްސަލާމަށް ހިދާޔަތް ދެއްކެވީމެވެ. އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅުން ދާވޫދް ޢަލައިހިއްސަލާމް އާއި ސުލައިމާން ޢަލައިހިއްސަލާމް އަދި އައްޔޫބް ޢަލައިހިއްސަލާމް އަދި ޔޫސުފް ޢަލައިހިއްސަލާމް އަދި މޫސާ ޢަލައިހިއްސަލާމް އަދި ހާރޫން ޢަލައިހިއްސަލާމް އަށް ހިދާޔަތްދެއްކެވީމެވެ.  ތިމަން ﷲ އިޙްސާންތެރީންނަށް ޖަޒާ ދެއްވަނީ މިފަދައިންނެވެ".

ތިމާގެ މުށުތެރޭގައި މިވާ ތުއްތު ތުއްތު ކުއްޖަކީ މާތް ﷲ ދެއްވާފައިވާ ބޮޑު ހަދިޔާ އެކެވެ. ތިމާގެ ދަރިޔެކެވެ. އަދި ތިބާ އަކީ އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ އެވެ. ތިބާގެ އަމުރަށް ފުރިހަމައަށް ކިޔަމަންތެރިވާ މަޢުޞޫމް ކުއްޖެކެވެ. އެކުއްޖާގެ ޚަރަދު ބަރަދު ބެލެހެއްޓުމަކީ ތިބާގެ ބޮލުގައި އެޅިފައިވާ ވާޖިބެކެވެ. އެދަރިފުޅަށް ރަގަޅު ތަރްބިއްޔަތެއްދީ، ހެޔޮމަގަށް އެޅުވުމަކީ ތިބާގެ މަސްޢޫލިއްޔަތެކެވެ.


 ކުއްޖާގެ ކަންތަކާއި ފަރުވާ ކުޑަކޮށް ދުނިޔޭގެ ޒީނަތްތެރިކަން ހޯދަން މަސައްކަތްކޮށްފިމީހާ އަކީ ދެދުނިޔެއިން ފެއިލްވެފައިވާ މީހެއްކަން ކަށަވަރެވެ. އެހެންކަމުން، ވަގުތު ފާއިތުވުމުގެ ކުރިން އެކަމަށް ފިޔަވަޅު އަޅަންޖެހެއެވެ. ނޫންނަމަ ތިމާގެ އަތުގައިވާ އެންމެ އަގުބޮޑު ހަދިޔާ ގެއްލިގެން ދިޔައީ އެވެ.

ކުދީން ހެޔޮގޮތުގައި ތަރްބިއްޔަތު ކުރުމަށް ކީރިތި ގުރްއާނުގައި އައިސްފައިވާ ބައެއް އަމުރުފުޅުތައް:

1. ކުދިންނަށް ނަމާދުކުރުމަށް އަމުރުކޮށް އަދި އެކަމުގައި ކެތްތެރިކަމާއި އެކު ޘާބިތުވެ ހުރުމަށް ކީރިތި ގުރްއާނުގައި އަންގަވާފައިވެއެވެ. ސޫރަތު ޠާހާ ގެ 132 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا لَا نَسْأَلُكَ رِزْقًا نَحْنُ نَرْزُقُكَ وَالْعَاقِبَةُ لِلتَّقْوَى) މާނައަކީ: "ކަލޭގެފާނުގެ އަނބިދަރީންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ. އަދި އެކަމުގައި ކެތްތެރިވެވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ ފަރާތުން ރިޒްގަކަށް ތިމަން ﷲ އެދިވަޑައެއް ނުގަންނަވަމުއެވެ. ކަލޭގެފާނަށް ރިޒްގުދެއްވަނީ ތިމަން ﷲ އެވެ. އާޚިރުގައި މޮޅު ރަގަޅުގޮތް ވަނީ ތަގްވާވެރިވީ މީހުންނަށެވެ".

ބަންގީގެ އަޑުއިވޭ ކޮންމެ ހިނދެއްގައި މި އާޔަތުގެ މަތީން ހަދުމަ ކުރުން މުހިންމެވެ. ތިމާއަށް އަމުރުވެވިގެންވަނީ ހަމައެކަނި ތިމާ ނަމާދު ކުރުމަކަށް ނޫނެވެ. ތިމާގެ އަހްލުން ނަމާދު ކުރުމަށް އަމުރުކޮށް އެމީހުން ނަމާދު ކުރޭތޯ ބަލާ ހެދުމަކީ ތިމާގެ މަސްޢޫލިއްޔަތެކެވެ.

2. ތިމާގެ އަމިއްލަ ނަފްސާއި އަހްލުވެރިން ނަރަކައިން ސަލާމަތް ކުރުމަށް ކީރިތި ގުރްއާނުގައި ވަނީ އަންގަވާފައެވެ. ތަޙްރީމް ސޫރަތުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آَمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ) މާނައަކީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކާއި އަހްލުވެރިންނަރަކައިން ސަލާމަތްކުރާށެވެ. އެނަރަކައިގެ ދަރަކީ މީސްތަކުންނާއި ހިލައެވެ. އެތަނުގައި ހިތްހަރު ހަރުކަށި މަލާއިކަތުން ލައްވާފައިވެއެވެ. އެބޭކަލުންނަށް މާތް ﷲ ކުރެއްވި އަމުރަކަށް ނުކިޔަމަންތެރިއެއް ނުވާނެއެވެ. އަދި އެބޭކަލުންނަށް އަމުރުވެވިގެންވާ ކޮންމެ ކަމެއް ކުރާނެއެވެ".

3. ދަރިންނަށް ރަގަޅު ތަރްބިއްޔަތުދީ ހެދުމަށް ކީރިތި ގުރްއާނުގައި ވަޞިއްޔަތް ކުރައްވާފައިވެއެވެ. ނިސާ ސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (يُوصِيكُمُ اللَّهُ فِي أَوْلَادِكُمْ) މާނައަކީ: "ތިޔަބައިމީހުންގެ ދަރީންނަށް ހެޔޮކޮށް ހިތުމަށް މާތް ﷲ ވަޞިއްޔަތް ކުރައްވާ އަމުރުކުރައްވައެވެ".

މިއާޔަތުގައި މިވަނީ ދަރިންނަށް ރިވެތި އަޚްލާގާއި ތަހްޛީބު އަދި ރަގަޅު ޢާދަކާދަ ތައް ދަސްކޮށްދިނުމަށް ވަޞިއްޔަތް ކުރައްވާފައެވެ.

ކޮންމެ އިންސާނަކީވެސް އެމީހަކާ ހަވާލުކުރެވިފައިވާ މަސްޢޫލިއްޔަތާއި ބެހޭގޮތުން ގިޔާމަތް ދުވަހުން ސުވާލުވެވޭނެ މީހެކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا وَمَسْئُولَةٌ عَنْ رَعِيَّتِهَا وَالْخَادِمُ رَاعٍ فِي مَالِ سَيِّدِهِ وَمَسْئُولٌ عَنْ رَعِيَّتِهِ قَالَ وَحَسِبْتُ أَنْ قَدْ قَالَ وَالرَّجُلُ رَاعٍ فِي مَالِ أَبِيهِ وَمَسْئُولٌ عَنْ رَعِيَّتِهِ وَكُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ)


 މާނައަކީ: "ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް މަސްއޫލުވެރިޔެކެވެ. އިމާމްމީހާ ނުވަތަ ގައުމުގެ ވެރިޔާ އަކީ ރަޢްޔިތުންގެ މަސްއޫލުވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތާއި ބެހޭ ގޮތުން ސުވާލުވެވޭނެއެވެ. ފިރިހެނާ އަކީ އޭނާގެ އަހްލުވެރިންގެ ބެލެނިވެރިޔާއެވެ. އެމީހުންގެ ކަންތައްތަކާއި ބެހޭގޮތުން އޭނާ އާއި ސުވާލުކުރެވޭނެއެވެ. އަންހެނާ އަކީ އޭނާގެ ފިރިމީހާގެ ގޭގެ މަސްޢޫލުވެރިޔާ އެވެ. އޭނާގެ މަސްއޫލިއްޔަތާއި ބެހޭގޮތުން ސުވާލުވެވޭނެއެވެ. ޚާދިމް މީހާ އަކީ އޭނާގެ ސައްޔިދު މީހަގެ މުދަލުގެ މަސްއޫލުވެރިޔާއެވެ. އެކަމާއި މެދު އޭނާ އާއި ސުވާލުކުރެވޭނެއެވެ. ޙަދީޘްގެ ރާވީވިދާޅުވިއެވެ. 

އެކަލޭގެފާނު ޙަދީޘް ކުރެއްވި ކަމަށް ލަފާކުރެވެއެވެ. ކޮންމެ ފިރިހެނަކީ އޭނާގެ ބައްޕަގެ މުދަލުގެ ބަލަދުވެރިޔެކެވެ. އެކަމާއި މެދު އޭނާ އާއި ސުވާލުކުރެވޭނެއެވެ. ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް ބެލެނިވެރިޔެކެވެ. ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނާއި މެދު ސުވާލު ކުރެވޭނެއެވެ".

ދަރިފުޅު ތަރްބިއްޔަތު ކުރުމުގައި އިހްމާލުވެފައިވާ ބައްޕައިންނާއި ބެހޭގޮތުން ބައެއް އަޘަރު ތަކުގައި އައިސްފައިވެއެވެ. އެދަރިފުޅަކު ގިޔާމަތްދުވަހުން މާތް ﷲ އަށް ދަންނަވާނެއެވެ. އޭ ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާގެ ބައްޕަ ނަރަކައަށް ވެއްދެވުމަށް ދާންދެން މިއަޅާ ނަރަކައަށް ނުވަންނަހުށީމެވެ. ތިމަންނާ ނަރަކައަށް ވަންނަން މެދުވެރި ސަބަބަކީ އެއީ އެވެ.  އެހެންކަމުން ދަރިންލިބުމުގެ ނިޢްމަތް ލިބިލައްވާފައިވާ އެންމެހާ ބޭކަލުން އެދަރިންނަށް ހެޔޮގޮތުގައި ތަރްބިއްޔަތު ދެވޭތޯ ގަދައަޅައި މަސައްކަތް ކުރަންޖެހެއެވެ.

ދަރިންނާއި އެކު ވަގުތު ހޭދަކުރުން.

ކޮންމެ ދުވަހެއްގެ ވެސް ކޮންމެވެސް ވަގުތުކޮޅެއް ކުދިންނާއި އެކު ހޭދަ ކުރުމަކީ މުހިންމު ކަމެކެވެ. ތިމަންނާ އަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާމީހެކޭ، ތިމަންނާ ގެއަށް ވަންނަނީ އެކުދިން ނިދާފައި ތިއްބަޔޭ އަދި ނިކުންނަނީ ވެސް އެކުދިން ނިދާފައި ތިއްބަޔޭ ބުނެ ފުއްދާލައިގެން ނުވާނެއެވެ. މިއީ ވަރަށް ބޮޑު ގޯހެކެވެ. ބައްޕަޔަކު ކުދިންނާއި މާބޮޑަށް ދުރުވެއްޖެނަމަ ކުއްޖާ ގޯޅިއަޅައިގެން ދިޔުން ގާތްކަން ދިރާސާތަކުން ދައްކައެވެ. އެހެންކަމުން، ކޮންމެ ދުވަހެއްގެވެސް ކޮންމެވެސް ވަގުތުކޮޅެއް ކުދިންނާއި އެކު ހޭދަކުރަންވާނެއެވެ.

ކުދިންނަށް ނަމާދު ކުރުމަށް އަމުރުކުރާ ކަމަށް ވަނީ ނަމަ ﷲ ތަޢާލާ ރިޒްގު ތަނަވަސްކޮށް ދެއްވާނެއެވެ.

1. މިކަމުގެ ދަލީލަކީ ސޫރަތު ޠާހާ ގެ 132 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅެވެ. (وَأْمُرْ أَهْلَكَ بِالصَّلَاةِ وَاصْطَبِرْ عَلَيْهَا لَا نَسْأَلُكَ رِزْقًا نَحْنُ نَرْزُقُكَ وَالْعَاقِبَةُ لِلتَّقْوَى) މާނައަކީ:"ކަލޭގެފާނުގެ އަނބިދަރީންނަށް ނަމާދުކުރުމަށް އަމުރު ކުރައްވާށެވެ. އަދި އެކަމުގައި ކެތްތެރިވެވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ ފަރާތުން ރިޒްގަކަށް ތިމަން ﷲ އެދިވަޑައެއް ނުގަންނަވަމުއެވެ. ކަލޭގެފާނަށް ރިޒްގުދެއްވަނީ ތިމަން ﷲ އެވެ. އާޚިރުގައި މޮޅު ރަގަޅުގޮތް ވަނީ ތަގްވާވެރިވީ މީހުންނަށެވެ"

އެހެންކަމުން، ތިމަންނާ މިއުޅެނީ ކުދިންނަށް ކާންބޯންދޭން ފައިސާ ހޯދާށޭ، އެހެންކަމުން ކުދިންނަށް ނަމާދުކުރުމަށް އަމުރުކޮށް އެކުދިންނާއި އެކު ނަމާދަށް ގޮސްހެދުމަށް ވަގުތެއް ނެތޭ ބުނެ ޙުއްޖަތް ދެއްކޭނެ ޖާގައެއް ނެތެވެ. ސަބަބަކީ ކުދިންނަށް ނަމާދަށް އަމުރުކުރާ ކަމަށް ވަނީ ނަމަ ރިޒްގު ތަނަވަސްކޮށްދެއްވާނެކަން މިއާޔަތުގައި ޞަރީޙަކޮށް އެވަނީ އަންގަވައި ދެއްވާފައެވެ.

ދަރިންނާއި އަނބިމީހާ އަށް ﷲ މަޢްރިފާކޮށް ދަސްކޮށްދޭން ޖެހެއެވެ.

ﷲ މަޢްރިފާކޮށް ދަސްކޮށް ނުދެވޭ ފިރިމީހާ ފެއިލްވެފައިވާމީހެކެވެ. އޭނާ އަމިއްލަ އަށް އެކަން ނުކުރެވޭ ކަމަށް ވަނީ ނަމަ ދަންނަބޭކަލުންގެ ބަސްތައް އިއްވައިގެންނަމަވެސް އެކަންކުރަންޖެހެއެވެ. ސަބަބަކީ ކިތަންމެ އަގުބޮޑު ސާމާނެއްގަނެގެން ކިތަންމެ ޝާހީ ދިރިއުޅުމެއް އުޅެން ދިމާކުރި ކަމުގައިވީނަމަވެސް، އަނބިމީހާ އަށާއި ދަރިންނަށް ދީނީ ނަޞޭޙަތް އަޑުނީއްވާ، ރިވެތި އަޚްލާގް ދަސްކޮށް ނުދެވިއްޖެނަމަ އޭނާގެ ދިރިއުޅުމަކީ ފެއިލްވެފައިވާ ދިރިއުޅުމެކެވެ. އެޔަކު އެއްވެސް އުފާވެރިކަމެއް، ބާއްޖެވެރިކަމެއް ނެތެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަގުބޮޑުތަކެތިބާވެ، އޭގެ މަތިން ފޫހިވެދާނެއެވެ.


 ނަމަވެސް އަނބިމީހާ އާއި ދަރިންގެ ހިތްތަކަށް އީމާންކަމުގެ ނޫރު ވަދެފައިވަނީނަމަ، އަގުބޮޑުތަކެތި ނުލިބުނު ކަމުގައިވީނަމަވެސް، އުފާވެރިކަމާއި އެކުގައި ދިރިއުޅޭނެއެވެ. އެހެންވެ ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (عَلِّمُوْا أَوْلَادَكُمْ وَأَهْلِيْكُمُ الْخَيْرَ وَأَدِّبُوْهُمْ) މާނައަކީ: "ތިޔަބައިމީހުންގެ އަނބިންނާއި ދަރިންނަށް ހެޔޮކަންތައް ދަސްކޮށްދޭށެވެ. އަދި ރަގަޅު ޢާދަތައް ދަސްކޮށްދޭށެވެ".

ދަރިން ތަރްބިއްޔަތު ކުރުމަށް ޓަކައި ކަންތައް ކުރަންޖެހޭ ގޮތްތައް

1. ކުއްޖާ އަށް ޞާލިޙް މަންމަ އަކު ހޯދާ ދޭށެވެ. އިސްލާމް ދީނުގައި ދީންވެރި އަންހެނަކު ޙަޔާތުގެ ބައިވެރިއެއް ކަމުގައި ހެދުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވަނީ އެހެންވެގެންނެވެ. މާތް ﷲ ރުއްސުން ލެއްވި ސަޢީދު ބިން އަބީ ވައްގާޞް ރިވާ ކުރެއްވި ޙަދީޘް އެއްގައިވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.


 (مِنْ سَعَادَةِ ابْنِ آدَمَ ثَلاَثَةٌ ، وَمِنْ شِقْوَةِ ابْنِ آدَمَ ثَلاَثَةٌ ، مِنْ سَعَادَةِ ابْنِ آدَمَ : الْمَرْأَةُ الصَّالِحَةُ ، وَالْمَسْكَنُ الصَّالِحُ ، وَالْمَرْكَبُ الصَّالِحُ ، وَمِنْ شِقْوَةِ ابْنِ آدَمَ : الْمَرْأَةُ السُّوءُ ، وَالْمَسْكَنُ السُّوءُ ، وَالْمَرْكَبُ السُّوءُ).

 މާނަ އަކީ: "އާދަމުގެ ދަރިޔާ ބާއްޖެވެރިވުމަށް މެދުވެރިވާ ތިން ކަމެއްވެއެވެ. އަދި އަބާއްޖެވެރިވުމަށް މެދުވެރިވާ ވެސް ތިން ކަމެއްވެއެވެ. ބާއްޖަވެރިވުމަށް މެދުވެރިވާ ކަންތަކުގެ ތެރޭގައި: ޞާލިޙް އަންބަކު ލިބުމާއި، އުޅޭނެ ރަގަޅު ތަނެއް ލިބުމާއި، ދުއްވާނެ ރަގަޅު ސަވާރީ އެއް ލިބުން ހިމެނެއެވެ. އާދަމުގެ ދަރިޔާ އަބާއްޖެވެރި ކުރުވާ ކަންތައްތަކުގެ ތެރޭގައި: ނުބައި އަންހެނަކާއި ޖެހުން، ދިރިއުޅެން ރަގަޅު ތަނެއް ނުލިބުން، އަދި ދުއްވާނެ ރަގަޅު ސަވާރީ އެއް ނުލިބުން ހިމެނެއެވެ."  މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކްގެ ކިބައިން ރިވާވެގެންވާ ޙަދީޘް އެއްގައި އައިސްފައިވަނީ ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

 (مَنْ رَزَقَهُ اللهُ اِمْرَأَةً صَالِحَةً فَقَدْ أَعَانَهُ اللهُ عَلَى شَطْرِ دِيْنِهِ ، فَلْيَتَّقِ اللهَ فِيْ الشَّطْرِ الثَّانِيْ) މާނައަކީ: " މާތް ﷲ މީހަކަށް ޞާލިޙް އަންބަކު ދެއްވައިފިނަމަ އޭނާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކުރުމުގައި އެހީތެރިވެދެއްވައިފިއެވެ. ބާކީ އޮތް ބަޔާމެދު ތިޔަބައިމީހުން މާތް ﷲ އަށް ބިރުވެތިވެ ތަގްވާވެރިވާށެވެ.

ކައިވެންޏަށް އިޚްތިޔާރު ކުރެވޭ ކުއްޖާ އަކީ ތިރީގައިމިވާ ޞިފަތައް ފުރިހަމަވާ ކުއްޖެއް ކަމުގައިވާންވާނެ އެވެ.

ދީންވެރި ޞާލިޙް ކުއްޖަކު އިޚްތިޔާރު ކުރަންޖެހެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (تُنكَحُ المرأةُ لأربَعٍ : لِمَالِهَا وَلِحَسَبِهَا وَجَمَالِهَا وَلِدِينِهَا فَاظفَر بِذَاتِ الدِّينِ تَرِبَت يَدَاكَ) މާނަ އަކީ: "ހަތަރުކަމަކަށް އަންހެނުންނާއި ކައިވެނިކުރެވެ އެވެ. އޭނާގެ މުދާވެރިކަމާއި، ހަސަބާއިނަސަބުގެ މަތިވެރިކަމާއި، ރިވެތިކަމާއި، ދީންވެރިކަމަށެވެ. ތިޔަބައިމީހުން ދީންވެރި ކަމަށް އިސްކަންދޭށެވެ".

މިޙަދީޘްގައި ދީންވެރިކަމަށް އިސްކަންދޭށޭ އޮތުމުން އޭގެ މާނަ އަކީ އަންހެން ކުއްޖާގެ ރީތި ކަމާއި މެދު އަޅާ ނުލުމެއް ނޫނެވެ. މިޙަދީޘްގައި އެވަނީ މީސްތަކުން އާއްމު ގޮތެއްގައި ކައިވެނި ކުރުމުގައި ބަލައި އުޅޭ ކަންތައްތަކުގެ ވާހަކަ އެވެ. އެހުރިހާ ކަމަކަށްވުރެ ދީންވެރިކަން މުހިންމު ވާހަކަ އެވެ. ހަމައެކަނި ރީތިވުމަކުން ނުފުދޭނެކަމާއި، ރީތިކަމާއި އެކު ދީންވެރިކަންވެސް ހުންނަންޖެހޭނެ ވާހަކައެވެ.

އަންހެން ކުއްޖާގެ ރީތިކަމަށް ވެސް ކޮންމެވެސް ވަރަކަށް ބަލަންވާނެއެވެ. ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމް ގެ އަރިހުން އެންމެހެޔޮކަންބޮޑު އަންހެނަކީ ކޮބައިތޯ ސުވާލު ކުރެވުމުން ޙަދީޘް ކުރެއްވިއެވެ. (التِي تَسُرُّهُ إِذَا نَظَرَ إِليهَا ، وَتُطِيعُهُ إِذَا أَمَر ، وَلا تُخَالِفُهُ فِي نَفسِهَا وَلا فِي مَالِهِ بِمَا يَكرَهُ) މާނަ އަކީ: "އެންމެ ހެޔޮ އަންހެނަކީ ފިރިމީހާ އޭނާ އަށް ބަލައިލުމުން އުފާވެރިކަންލިބޭ، ކަމަކަށް އަމުރުވެވިއްޖެނަމަ ކިޔަމަންތެރިވާ،  ނަފްސާއި މުދަލުން ފިރިމީހާ ނުރުހޭފަދަ ކަންތަކުން ދުރުހެލިވެގެންތިބޭ އަންހެނުންނެވެ".

އަންހެން ކުއްޖާގެ ރީތިކަމަށް ބެލުމަކީ އިސްލާމްދީން ހުއްދަ ކުރާކަމެއްކަން ދޭހަވާ އަނެއް ދަލީލަކީ ކައިވެނީގެ ކުރިން އަންހެން ކުއްޖާއަށް ބެލުމަށް ކީރިތި ރަސޫލް ޞައްލަ ﷲ އަލައިހި ވަސައްލަމަ އިރްޝާދު ދެއްވާފައިވުމެވެ. ޙަދީޘް ކުރެއްވިއެވެ. (أُنْظُرْ إِلَيْهَا فَإِنَّهُ أَحْرَىْ أَنْ يُؤْدَمَ بَيْنَكُمَا ) މާނަ އަކީ: "ކައިވެނި ކުރަން އުޅޭ އަންހެންކުއްޖާ އަށް ބަލާށެވެ، އެއީ ތިޔަ ދެމީހުންގެ ކައިވެނި ދެމިއޮތުމަށް އެޅޭ ބާރެކެވެ". ކައިވެނީގެ ކުރިން ބެލުން ހުއްދަވެގެންވަނީ ހަމަ އެކަނި އަންހެން ކުއްޖާގެ މޫނަށާއި ދެއަތްތިލަ އަށް އެކަންޏެވެ. އެހެނީ މޫނަށް ބެލުމުން ކުއްޖާގެ ރީތިކަން ރަގަޅަށް ދޭހަވެގެންދާނެއެވެ.

މިކަމުގައި އިތުރަށް ހިތުގައި ބަހައްޓަން ޖެހޭނެ ތަންކޮޅަކީ ކިތަންމެ ރީތި އަންހެން ކުއްޖަކަސް އޭނާގެ ކިބައިގައި ދީންވެރިކަމާއި ރިވެތި އަޚްލާގެއް، އަދި ފިރިމީހާއަށް ކަމޭ ހިތުމުގެ އިޙްސާސް ނެތްކަމަށް ވަނީނަމަ ރީތިކަމުގެ ބޭނުމެއްނެތެވެ. އަނބިރީތީ ހެވީއްޔާއޭ ދިވެހި ހަރުބަހުގައިވެސް ބުނެއުޅެއެވެ.

ކައިވެނިކުރެވޭ އަންހެން ކުއްޖާގެ ހުންނަންޖެހޭ އަނެއް ޞިފަ އަކީ ގިނައިން ވިހާ ކަހަލަ ކުއްޖަކަށް ވުމެވެ. މާތް ﷲ ރުއްސުންލެއްވި މަޢުގަލް ބިން ޔަސާރު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުން ގިނައިން ވިހާކަހަލަ އަންހެނުންނާ ކައިވެނި ކުރާ ހުށިކަމެވެ. ހަމަކަށަވަރުން ތިމަންކަލޭފާނުގެ އުއްމަތުގެ މީސްތަކުން ގިނަވުމުން ފަޚުރުވެރިވަޑައިގަންނަވަމެވެ". އެފަދަ އަންހެނުން ބަލާނެ ގޮތަކީ އެ އަންހެން މީހާގެ ޢާއިލާގެ މީހުނަކީ ގިނައިން ވިހާބައެއްތޯ ބެލުމުންނެވެ.

2. ޞާލިޙް ދަރިފަސްކޮޅެއް ދެއްވުން އެދި ދުޢާ ކުރުން. (رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ) سورة آل عمران 38  މާނައަކީ: " ހައްދަވާ ގެންގުޅުއްވާ އިލާހެވެ! އިބަ ﷲ ގެ ހަޟްރަތުން ހެޔޮ ވެގެންވާ ދަރިފަސްކޮޅެއް މިއަޅާ އަށް ދެއްވާފާނދޭވެ! ހަމަކަށަވަރުން އިބަ ﷲ އީ އަޅުތަކުންގެ ދުޢާ އައްސަވާވޮޑިގެންވާ އިލާހެވެ."

3. ޖިމާޢުވުމުގެ ކުރިން ދުޢާ ކުރުން.

(اَللَّهُمَّ إِنِّيْ أَسْأَلُكَ خَيْرَهَا وَخَيْرَ مَا جَبَلْتَهَا عَلَيْهِ، وَأَعُوْذُ بِكَ مِنْ شَرِّهَا وَشَرِّ مَا جَبَلْتَهَا عَلَيْهِ).  މާނައަކީ: "ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މީނާގެ ކީބާގައިވާހާ ހެޔޮކަމަކާއި މީނާގެ ޠަބީޢަތުގައިވާހާ ހެޔޮކަމެއް މިއަޅާއަށް މިންވަރުކޮށްދެއްވާފާންދޭވެ. އަދި މީނާގެ ކިބައިގައިވާހާ ނުބައިކަމަކާއި މީނާގެ ޠަބީޢަތުގައި ލައްވާފައިވާހާ ނުބައިމަކުން މިއަޅާ ދުރުހެލިކޮށްދެއްވާފާންދޭވެ".

4. ދަރިޔަކު ލިބުމުން ކަންތައްކުރުމަށް ސުންނަތުގައި ވާރިދުވެފައިވާ ކަންތައްތައް ފުރިހަމަ ކުރުން. އެގޮތުން ކުއްޖާ ތަޙްނީކް ކުރުމާއި ހަތްދުވަސްވާދުވަހު ބޯބާލާ އިސްތަށީގެ ބަރުދަނަށް ޞަދަގާތްކުރުމާއި، ޚިތާނުކުރުމާއި ޢަގީގާ ކަތިލުމާއި ރަގަޅު ނަމަކުން ނަންކިޔުން ފަދަ ކަންތައް ހިމެނޭ.

5. ދަރިންލިބުމަށްފަހު އެކުދިންނަށް ޓަކައި ހެޔޮދުޢާ ކޮށް ދިނުން. އިބްރާހީމް ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ދަރިންނަށް ކޮށްދެއްވި ބައެއް ދުޢާ ތައް ކީރިތި ގުރްއާނުގައި ވާރިދުވެފައިވެއެވެ. (وَاجْنُبْنِي وَبَنِيَّ أَنْ نَعْبُدَ الْأَصْنَامَ)، މާނައަކީ: "ހައްދަވައިގެންގުޅުއްވާ އިލާހެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ދަރީން ބުދަށް އަޅުކަން ކުރުމުން ދުރުހެލިކުރައްވާފާންދޭވެ".  (رَبِّ اجْعَلْنِي مُقِيمَ الصَّلاةِ وَمِنْ ذُرِّيَّتِي)، މާނައަކީ: "ހައްދަވައިގެންގުޅުއްވާ އިލާހެވެ. ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ދަރިފަސްކޮޅަކީ ނަމާދު ގާއިމްކުރާ ބައެއްކަމުގައި ލައްވާފާންދޭވެ". (رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِنْ ذُرِّيَّتِنَا أُمَّةً مُسْلِمَةً) މާނައަކީ: "ހައްދަވާގެންގުޅުއްވާ އިލާހެވެ. ތިމަންމެން ދެއަޅުންނަކީ އިބަ ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިވާ ދެއަޅުންކަމުގައި ލައްވާފާންދޭވެ. އަދި އަޅަމެންގެ ދަރިފަސްކޮޅަކީވެސް އިބަ ﷲ އަށް ފުރިހަމަ އަށް ކިޔަމަންތެރިވާ ބަޔަކު ކަމުގައި ލައްވާފާންދޭވެ".

ދަރިންގެ މެދުގައި ހަމަހަމަކޮށް ކަންތައްކުރުން. އިސްލާމްދީނުގައި ދަރިން ތަފާތުކުރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އިސްލާމްދީން އަންގަވާފައިވަނީ ހުރިހާ ކުދިންގެ މެދުގައި ހަމަހަމަ ކޮށް ކަންތައް ކުރުމަށެވެ. ބުޚާރީ އާއި މުސްލިމް ގައި އައްނުޢްމާން ބިން ބަޝީރު ގެ ކިބައިން ރިވާވެގެންވެއެވެ. "ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހިވަސައްލަމަ- ގެ އަރިހަށް ނުޢުމާން ބިން ބަޝީރުގެ ބައްޕަ އެކަލޭގެފާނައިގެން ވަޑައިގެން ދެންނެވިއެވެ. "ތިމަންނާގެ މިލްކުގައިވާ ޣުލާމް މިދަރިފުޅަށް ދީފީމެވެ". އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.


 "ތިބާގެ ހުރިހާ ކުދިންނަށް ވެސް ހަމަ މިފަދައިން ދިނިން ހެއްޔެވެ؟"، ނުޢުމާނުގެ ބައްޕާ ދެންނެވިއެވެ. "ނޫނެކެވެ"، ޙަދީޘް ކުރެއްވިއެވެ. "އެހެންވިއްޔާ ހިބަ އަނބުރާ ގެންދާށެވެ". އެހެން ރިވާޔަތެއްގައިވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އޭ ބަޝީރެވެ. ތިބާގެ މިނޫނަސް ދަރިން ތިބޭހެއްޔެވެ؟"، ބަޝީރު ދެންނެވިއެވެ. "އާދޭހެވެ"، ޙަދީޘް ކުރެއްވިއެވެ. " އެހުރިހާ ކުދިންނަށް ހަމަ މިފަދައިން ދިނިންހެއްޔެވެ؟"، ބަޝީރު ދެންނެވިއެވެ. "ނޫނެކެވެ"، ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. "އެހެންވިއްޔާ މިކަމުގައި ތިމަންކަލޭގެފާނު ހެކިނުކުރައްވާށެވެ. ހަމަކަށަވަރުން އަނިޔާވެރިވުމަކަށް ތިމަންކަލޭގެފާނު ހެކިވެރިއެއްނުވަމެވެ".

އިސްވެދިޔަ ޙަދީޘް އިން ވަރަށް ޞަރީޙަކޮށް އެގެން އޮތް ގޮތުގައި ދަރިންގެ މެދުގައި ތަފާތު ކުރުމަކީ އެކުދިންގެ ޙައްގުގައި ވެވޭ އަނިޔާވެރިކަމެކެވެ. އެހެންކަމުން ހުރިހާ ކުދިންގެ މެދުގައި ހަމަހަމައަށް ކަންތައް ކުރަންވާނެއެވެ. ވަކި ދަރިޔަކު ތަފާތުކޮށްގެން ނުވާނެއެވެ.

6. ހަޑިހުތުރު ބަހުން ކުދިންނާއި މުޚާޠަބް ނުކުރުން.

7. އެކުދިންނަށް ރަގަޅު ނަމޫނާ ދެއްކުން. ޢުގްބާ ބިން އަބީ ސުފްޔާން އޭނާގެ ކުދިން މުއައްދިބަކާއި ޙަވާލުކުރައްވަމުން ވިދާޅުވިއެވެ. " އަހަރެންގެ ދަރިން ތަރްބިއްޔަތު ކުރަން ފެށުމުގެ ކުރިން ކަލޭ އިޞްލާޙުވާށެވެ. އެކުދިން އަބަދުވެސް ބަލާނީ ކަލޭ ކުރާ ކަންތަކަށެވެ. ކަލެއަށް ރަގަޅު ކޮންމެ ކަމެއް އެކުދިންނަށް ރަގަޅުވެދެއެވެ. އަދި ކަލެއަށް ގޯސްކޮންމެ ކަމެއް އެކުދިންނަށްވެސް ގޯސްވެދެއެވެ.

8. މައިންބަފައިންނާއި މުދައްރިސުންނާއި ދެމެދުގައި އެހީތެރިކަން ބަދަލުކުރުން. ސްކޫލުގައި ކުއްޖާގެ ކަންތައް ހުންނަގޮތް އޮޅުންފިލުވާ އެކަންތައްތަކާއި މެދުގައި އަޅާނެ ފިޔަވަޅަކާއި މެދުގައި ބެލެނިވެރިޔާ އާއި މުދައްރިސުންގެ މެދުގައި މަޝްވަރާ ކުރެވެންވާނެއެވެ.

9. ކުދިންނަށް ތެދުބަހުން ވާހަކަ ދެއްކުމަށް ޢާދަ ކުރުވަންވާނެއެވެ. ޚަލީފާ އަކު އޭނާގެ ދަރިންގެ މުއައްދިބެއްގެ ގާތުގައި ނަޞޭޙަތް ދެމުން ވިދާޅުވިއެވެ. އެކުދިންނަށް ގުރްއާން ދަސްކޮށްދޭފަދައިން ތެދުބުނަން ދަސްކޮށްދޭށެވެ.

10. ބައްޕަ އާއި އެކުގައި ކުއްޖާ ތަންތަނަށް ގެންގޮސް މީހުންގެ ތެރެއަށް ހާނުވާ ހަދަންވާނެއެވެ. އެކި އެކި ކަންކަމުގައި މީހުންކަންތައްކޮށް އުޅޭ ގޮތް ކުއްޖާ އަށް ދައްކާ އެގޮތަށް ކުއްޖާ ހާނުވަންވާނެއެވެ.

11. ކުއްޖާ ގޯސްކަމެއްކޮށްފިނަމަ މީސްތަކުންގެ ތެރޭގައި އެކުއްޖާ ފަޟީޙަތްކޮށް ނުހަދާށެވެ. އެކުއްޖާ އާއި ވަކިން ބައްދަލުކޮށްފައި ރަގަޅުގޮތް ބުނެދޭށެވެ.

މިނޫންވެސް އެތައް ކަމެއް ހިމެނިގެންވެއެވެ. އެހެންކަމުން، ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަޑުމެންނާއި ޙަވާލުކުރައްވާފައި މިވާ ބޮޑު އަމާނާތާއި މެދު ފުރިހަމަ ގޮތުގައި ރައްކާތެރިވާންވާނެއެވެ.


 އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

ads

ދާއިރާ:

0 comments:

Post a Comment

 
here it is