Tuesday, May 14, 2013

ހަށިގަނޑާއި ފުރާނަ


އާދަމުގެ ދަރިޔާ ޚަލްޤުކުރެވިގެންވަނީ، އޭނާގެ ހަށިގަނޑު ބިމުންނެވެ. އަދި އޭނާގެ ފުރާނަ ޣައިބުގެ ޢާލަމުންނެވެ. އަދި އެދޭތި ވަނީ ގުޅުވައިލެވިގެންނެވެ.

  ފަހެ، އޭނާގެ ހަށިގަނޑު ބަނޑުހައިހޫނު ކަމުގައިހުރެ ނިދި މަދުކޮށް އަދި ރޭގަނޑުން ބައެއްގައި އެހަށިގަނޑު ޤާއިމް ކޮށްފި ކަމުގައި ވާނަމަ، އޭނާގެ ފުރާނައަށް އަރާމާއި ހިތްހަމަޖެހުމާއި ލުއިކަން ލިބޭނެ ހުއްޓެވެ.

    ދެން އެފުރާނަ އޭތި އުފެއްދެވުނު ތަނަށް ލެނބިގެންދެއެވެ. އަދި މަތީގައިވާ މަލަކޫތީ ޢާލަމަށް އެފުރާނަ ޝައުޤުވެރިވެ އެދުންވެރިވެގެން ދެއެވެ. އަދި ފަހެ އެހަށިގަނޑު ބަނޑު ފުރާލާ އަރާމު ހޯދާ ނިދިއިތުރުކޮށް، އެހަށިގަނޑުގެ ޚިދުމަތުގައި އެހަށިގަނޑަށް އަރާމުހޯދުމުގައި މަޝްޣޫލުވެއްޖެނަމަ، އެހަށިގަނޑު އޭތި އުފެއްދެވުނު ތަނަށް ލެނބިގެންދެއެވެ.

  ޖުމުލަކޮށް ބުނާނަމަ، ހަށިގަނޑު ލުއިކަން ހޯދާނަމަ ފުރާނަ ލުއިވެ މަޑުމައިތިރިވެ ހިތްހަމަޖެހި އަދި މަތީގައިވާ ޢާލަމަށް ޝައުޤުވެރިވެ އެދުންވެރިވެއެވެ. އަދި އެހަށިގަނޑު ބަރުވެގަނެ ޝަހުވަތްތަކާއި އަރާމު ހޯދުމަށް ބުރަޖެހި، ލެނބިގެން ހިނގައްޖެއްޔާ، ފުރާނަވެސް ބަރުބޮޑުވެ މަތީގައިވާ ޢާލަމް ދޫކޮށް ތިރީގައިވާ ދުނިޔެވީ ދަށުދަރަޖައިގެ އެއްޗެހި ތެރެއިން ވެދާނެއެވެ.

    ފަހެ އޭނާގެ ފުރާނަ އައްރަފީޤުލް އަޢުލާ (ސުވަރުގޭގައި ﷲގެ ހަޟްރަތުގައި) ވާ ޙާލު އޭނާގެ ހަށިގަނޑު ތިބާގެ ގާތުގައިވާ މީހުން ތިބާއަށް ފެންނާނެއެވެ. ފަހެ އޭނާ ތަންމަތީ ނިދާފައި އޮންނައިރު އޭނާގެ ފުރާނަވާނީ ސިދުރަތުލް މުންތަހާގައި ޢަރުޝި ވަށަައިގެން އެނބުރޭ ޙާލުގައެވެ.

  އަނެއް މީހާ އޭނާގެ ހަށިގަނޑަށް ޚިދުމަތްކުރުމުގައި އަވަދިނެތި އުޅޭއިރު، އޭނާގެ ފުރާނަވާނީ ތިރީގައިވާ، ދަށްވެގެންވާ ތަކެތި ވަށައިގެން އެނބުރޭ ޙާލުގައެވެ. ﷲ ތަޢާލާ ވަޙީކުރެެއްވިއެވެ.(( وَمَنْ أَعْــــــــرَضَ عَـــــنْ ذِكْــــــرِيْ فَـــــإِنَّ لَــــهُ مَعِيْــــشَـــــةً ضَــــــنْكًـــــــــا )) މާނައީ:" އަދި ތިމަންއިލާހުގެ ޒިކުރުން މޫނު އަނބުރާލައިފި މީހާ، ފަހެ އޭނާ ވަނީ ދަތި އުނދަގޫ ދިރިއުޅުމެކެވެ."
  ((އިބްނުލް ޤައްޔިމްގެ"ކިތާބުލް ފަވާއިދު"މިފޮތުން))

ads

ދާއިރާ:

0 comments:

Post a Comment

 
here it is