Tuesday, October 9, 2012

مؤمن އެއްގެ ކިބާގައި ހުންނަންވީ ސިފަތަކުގެތެރެއިން 10ސިފަ:

مؤمن އެއްގެ ކިބާގައި ހުންނަންވީ ސިފަތަކުގެތެރެއިން 10ސިފަ:

 
1- الله تعالى ގެ އެއްކައުވަންކަން قبول ކޮށް އެކަލާނގެ رسول އާ އަށް އީމާންވެ އެކަލާނގެ شرع ކުރެއްވި ކަންތަކަށް عمل ކޮށްފި مؤمن ން ބާއްޖަވެރިވެ ކާމިޔާބުވެއްޖެ އެވެ.
 
2- އެ مؤمن ންނީ އެމީހުންކުރާ ނަމާދުގައި الله تعالى އަށް ބިރުވަތައި އުޅޭ މީހުނެވެ. އެމީހުންގެ ހިތްތައް ވަނީ ނަމާދުގައި مشعول ވެގެނެވެ. އަދި އެނަމާދު ފިޔަވައި ދުނިޔޭގެ އެންމެހައި ކަންތަކުން އެއްކިބާވެގެނެވެ. ނަމާދުގައި އެމީހުންގެ ގުނަވަންތައް ވަނީ މަޑުމައިތިރި ވެފައެވެ.

 
3- އަދި ބަހާއި عمل ގެ ތެރެއިން ހެއުކަމެއްނުވާ ހުރިހައިކަމެއް އެމީހުންވަނި ދޫކޮށްލައިގެނެވެ. 


4- އަދި އެމީހުނީ އެމީހުންގެ މުދަލުގެ ޒަކާތް ވާޖިބުވާ ހުރިހާ ވައްތަރެއްގެ މުދަލުގެ ޒަކާތް އަދާކުރުމުން އެމީހުންގެ އަމިއްލަ نفس ތަކާއި އެމީހުންގެ މުދާ طاهر ކޮށްގެންވާ މީހުނެވެ. 
 
5- އަދި އެމީހުނަކީ الله تعالى حرام ކުރައްވާފައިވާ ޒިނެއާއި لواط އާއި އެންމެހައި فاحش ކަންތަކުން އެމީހުންގެ ފަރުޖުތައް ރައްކާތެރި ކޮށްގެންވާ މީހުނެވެ. 

 
6- އެކަމަކު އެމީހުންގެ އަނބިނާއި، އަޅު އަންހެނުންނާ އެކު އެއްދާންކޮށް އަރާމު ލިބިގަތުމަކީ އެއްވެސް حرج އެއްވާ ކަމެއް ނޫނެވެ. އެހެނީ الله تعالى ވަނީ އެކަނބަލުން حلال ކުރައްވާފައެވެ.

 
7- ވީމާ ތިމާ އަނބި ކަނބަލުންނާއި އަޅު އަންހެނާ ފިޔަވައި އެހެން އެއްވެސް ފަރާތަކުން އަރާމު ލިބިގަތުމަކީ حلال ކުރެއްވި ކަންތައް ފަހަނަޅައިފި މީހެކެވެ. އެފަދަ މީހަކީ الله تعالى ގެ عقابة އާއި ސަޒާ އާއި ކޯފާ އަށް ތިމާ ހުށައަޅައިފި މީހެކެވެ. 

 
8- އަދި އެ مؤمن ންނަކީ އެމީހުނާ حوال ވެވިފައިވާ އަމާނާތް ތަކަށް ރައްކާތެރިކޮށް ހިތައި އެމީހުންގެ عهد ތައް ފުރިހަމަކޮށްފި ބައެކެވެ.

 
9- އަދި އެމީހުނަކީ فرض ނަމާދުތައް އޭގެ ވަގުތު ތަކުގައި شرع ކުރައްވާފައިވާ ގޮތުގެ މަތީން ނަބީ صلّى الله عليه وسلّم ގެ އަރިއަހުން ވާރިދު ވެފައިވާ ގޮތަށް އަދާ ކުރުންމަތީގައި ދެމިތިބޭ މީހުނެވެ. 

 
10- މިސިފަ ތަކުން ސިފަ ލިބިގެންވާ مؤمن ންނަކީ އެއީ ސުވަރުގެ ލިބުން حقّ ވެގެންވާ އެކަމުގެ ވާރުތަ ވެރިންނެވެ. 

 
11- އެމީހުނަކީ ސުވަރުގޭގެ އެންމެ މަތީ ދަރަޖަ އާއި މެދުމިނުގެ ދަރަޖައިގެ ވާރުތަ ވެރިންނެވެ. އެމީހުން އެތާނގައި އަބަދާ އަނަދު ދެމިތިބޭނެއެވެ. އެތާނގެ نعمة ތައް އެއްވެސް حال އެއްގައި އުނިވުމެއް ކެނޑި ދިއުމެއް ނުވާނެއެވެ.

މިދެންނެވުނު ސިފަތަކުގެވެރި مؤمنންނަކީ ފުރިހަމަކަމާ މަތިވެރިކަމުގެ ދަރަޖަތައް ސުވަރުގެއިން ލިބިގެންވާ مؤمنންނެވެ. އަދި މިސިފަތަކުން ސިފަލިބިގެންވާ މީހުނަކީ އެމީހުންގެ ހިތުގައި އީމާންކަން ސާބިތުވެފައިވާ މީހުނެވެ. އެމީހުންގެ ހިތުގައިވަނީ ދީނުގެ ލޯބި ثابت ވެފައެވެ. الله تعالىއަށް ބިރުވެތިވުން އަށަގެންފައެވެ. މިސިފަތަކުން އަހުރެމެނަށް ނަތީޖާލިބެނީ ފުރިހަމަ مؤمنންނަކީ ކޮބައިކަމެވެ. މިދެންނެވުނު ސިފަތަކުން ކޮންމެ مؤمن އަކު ސިފަ ލިބިގަތުން ހުއްޓެވެ. އަދި مؤمنންނަށްވާ ބައެއް ސިފަތަކަކީ جماعة، جماعةގެ މެދުގައިވާ ސިފަތަކެވެ.

އިތުރު ނަސޭހަތެއް:

شيطان އާގެ ބާރުގެ ދަށުން سلامة ވުން:

އެގޮތަކީ شيطان އާ ކޮންމެ މީހަކަށް ވަސްވާސް ދެއެވެ. އަދި އެމީހަކު ދާނޭ މަގު شيطان އާ އެމީހަކަށް ދައްކާނެއެވެ. الله سبحانه وتعالى ވަނީ އެކަލާނގެ مؤمن އަޅުތަކުންނަށް شيطان އާ ގެ ކިބައިން ރައްކާތެރިވާނެ ކިއްލާ ދައްކަވާފައެވެ. ވީމާ އެމީހުން އެކިއްލާއަށް ވަދެ شيطان އާގެ ކިބައިން ރައްކާތެރިވާނެއެވެ. އަދި الله تعالى ވަނީ  مؤمن އަޅުންނަށް ހަތިޔާރު ލައްވަވާފައެވެ. އޭގެ ޒަރީއާއިން އެމީހުން شيطان އާ ފައްސަލައެވެ. سورة فصلت ގެ 36 ވަނަ آية ގައި وحي ކުރައްވާފައިވަނީ:

شيطان އާ، ތިބާގެ ހިތަށް ވަސްވާސްކޮށް ހައްލާލުމަށް މަސައްކަތް ކޮށްފިނަމަ މާތް ﷲ ގެ حضرة އަށް رجوع ވެ އެކަލާނގެ ރައްކާތެރި ކަމުގެ ދަށަށް ވަނުމަށް އެދޭށެވެ. އެހެނީ ހަމަކަށަވަރުން  الله تعالى އީ ތިބާ ރައްކާތެރި ވުމަށް އެދުނު އެދުން އައްސަވައި ވޮޑިގެންވާ އަދި އެކަލާނގެ خلق ތަކުންގެ އެންމެހައި ކަންތައް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ.

إبن عباس رضي الله عنه ވިދާޅުވިއެވެ. ( الشَّيْطَانُ جَاثِمٌ عَلَى قَلْبِ اْبنِ آدَمَ فَاءِذَا سَهَا وَغَفَلَ وَوَسْوَسَ وَاِذَكَرَ اللهَ اِنْخَنَسَ  ) އާދަމުގެ ދަރިޔާގެ ހިތުގެ މައްޗަށް شيطان އާ ވެރިވެގަނެއެވެ. އެއީ އެމީހަކު الله تعالى ގެ މަތިން ހަނދާންނެތި غافل ވެއްޖެ ހިނދެއްގައެވެ. އެވަގުތު شيطان އާ އޭނައަށް ވަސްވާސް ދޭނެއެވެ. އަދި الله تعالى ހަނދާންކޮށް ذكر ކޮށްފިއްޔާ شيطان އާ ނިކަމެތިވެ ذيدل ވެދެއެވެ.

އޭ އަހުރެންގެ أخ އާއެވެ.! ތިބާގެ އީމާން ރައްކާތެރި ކުރުމުގެ މައްޗަށް ދަހިވެތި ވާށެވެ. އެއީ ވާޖިބު ކަންތައް އަދާ ކުރުމާއި حرام ކަންތަކުން ދުރުވެގަތުމާއި އެކުގައެވެ. އަދި ހެއުލަފާ صالح މީހުނަށް ޒިޔާރަތް ކުރުން ގިނަކުރާށެވެ. އެމީހުން ތިބާއަށް ނަރަކައިގެ ބިރު ދައްކާނެތެވެ. އަދި ތިބާގެ ހިތަށް ސުވަރުގޭގެ شوق ވެރި ކުރުވާނެއެވެ.


 އަދި ތިބާގެ އީމާންކަމާއި يقين ކަން އިތުރު ކުރާނެ نصيحة ދޭނެއެވެ. އަދި ތިބާގެ ގުނަވަންތަކުން مؤمن ންނަށް އުދަގޫ ކޮށް ތަކުލީފު ދިނުމުން ދުރުކުރާނެތެވެ. އެހެނީ ހަމަކަށަވަރުން مسلم އަކީ އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން ދެންތިބި مسلم ން ސަލާމަތް ވެގެންވާ މީހެކެވެ. مؤمن އަކީ އެމީހެއްގެ އުނދަގުލާ ތުރާލުން ދެން ތިބި مؤمن ން އަމާން ވެގެންވާ މީހާއެވެ. އޭ أخ އެވެ.! ތިބާގެ ހިތް حسد އާއި ބޮޑާކަމާ ތިމާއަށް ތިމާ ފެނުމުން ދުރުކޮށް ސާފު طاهر ކުރާށެވެ. އެހެނީ ހަމަކަށަވަރުން مؤمن އަކީ މަޑުމައިތިރި تواضع ވެރި މީހެކެވެ. ތިމާގެއަމިއްލަ نفس އަށް ލޯބިކުރާފަދައިން ތިމާގެ مسلم أخ ންނަށް ލޯބިކުރާނެތެވެ.

 އަދި ކޮޅަށް ހުރެއާއި އިށީދެންނާއި އޮށޯވެގެންވާ حال ގައި الله تعالى ގެ ذكر ކޮށް ހަނދާންކުރާ މީހުންގެ ތެރެއިން ވާށެވެ. އެމީހުނަކީ އުޑުތަކާއި ބިންހެއްދެވި ގޮތާމެދު ފިކުރު ކުރާމީހުނެވެ. އަދި  دعاء ކޮށް الله އަށް ދަންނަވާ މީހުނެވެ. އޭއަޅަމެން ހައްދަވައި ބޮޑުކުރައްވާ إله އެވެ. އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ باطل ގޮތެއްގައެއްނޫނެވެ. އިބަ ރަސްކަލާނގެ ހުރިހާ عيب އަކާއި އުނިކަމަކުން ހުސްދުރުވެ ވޮޑިގެން ވެއެވެ.

 އޭއަހުރެންގެ أخއާއެވެ.! ތިބާގެ ދޫ ފައިދާއެއްނެތް ހުތުރު ބަސްތަކާއި فاحش ވާހަކަތައް ދެއްކުމުން އެއްކިބާ ކުރާށެވެ. އެފަދަ ކަންތަކާމެދު ބިރުވެތިވާށެވެ. އަދި އެފަދަ ކަންތައް ކުރުމުން އެއްކިބާވެ އެކަމަށް ބިރުވެތިވާށެވެ.! ޝައްކެއްނެތެވެ. ލަދުވެތި ކަމަކީ އީމާން ކަމުގެ ތެރެއިން ހިމެނޭ ބައެކެވެ. އަދި ދަންނާށެވެ.! ހަމަކަށަވަރުން آخرة ގައި ތިބާގެ رأس المال އަކީ ދުނިޔޭގައި ތިބާ ކޮށް އެއްކުރި عمل އެވެ. آخرة ގެ ގޯތީގައިވާ ތިބާގެ مستقبل ގެ އަމާން ކަން ލިބުން އެދި الله تعالى ގެ حضرة ން ވާގި އެދޭށެވެ.!

سورة الحجر ގެ 49 ވަނަ އާއި 50 ވަނަ آية ގައި وحي ކުރައްވަނީ:
 
އޭ محمّد صلّى الله عليه وسلّم! ތިބާ ތިމަން ރަސްކަލާނގެ مؤمن އަޅުންނަށް خبر ދެއްވާށެވެ! ހަމަކަށަވަރުން ތިމަން ރަސްކަލާނގެއީ، ތިމަން ރަސްކަލާނގެ مؤمن އަޅުން توبة ވުމުން ފާފަ ފުއްސަވާ އެމީހުނަށް رحمة ލައްވާ ރަސްކަލާނގެއެވެ. އަދި توبة ނުވާ އަޅުންނަށް ތިމަންރަސްކަލާނގެ عذاب އަކީ ވޭންދެނިވި ގަދަފަދަ عذاب އެވެ. އަދި ކީއްތޯއެވެ. 


مؤمن އަޅާ ވާންވާނީ ބިރުވެރިކަމާ އުއްމީދު ކުރުމާ ދެމެދުގައެވެ. މިގޮތުގެ މަތީގައި ހުރެ إسلام ދީނުގެ شعار ތައް އަދާކުރުންމަތީ ދެމިހުންނަންވީ الله تعالى އަށް إخلاص ތެރިވެ ހުރެއެވެ. حلال ރޯދި ހޯދުމަށް މަސައްކަތް ކުރަންޖެހޭނެއެވެ. އޭނާ ދުނިޔެއިން ފައިދާ ލިބިގަންނަންވީ އެކަމުން އޭނާގެ ދީނަށް أثر ނުކުރާ އަދި آخرة އަށް ގެއްލުން ނުވާ ގޮތުގެ މަތިންނެވެ.

اللهُ تَعَالَى އަޅަމެނަށް ކުރައްވަވާފައިވާ އަމުރުފުޅުތަކަށް عَمَلُ ކޮށް ނަހީކުރެއްވެވި ކަންތަކުންނާއި އެކަލާނގެ رَسُول އާ ކުރައްވާފައިވާ އަމުރުފުޅަށް عَمَل ކޮށް ނަހީކުރެއްވެވި ކަންތަކުން ދުރުވެ އެއްކިބާވުމުގެ تَوْفِيقُ އެކަލާނގެ އަޅަމެނަށް ދެއްވާށިއެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is