Sunday, October 21, 2012

ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތްކުރައްވާ!

  މާތްކަމާއި ބަރަކާތުން ފުރިގެންވާ ދުވަސްތަކެއް އަޅުގަނޑުމެންނާއި ކުރިމަތިލައިފިއެވެ. އަޅުގަނޑުމެން މިހާރު އުޅެމުން މި ގެންދަނީ އެ ދުވަސްތަކުގެ ތެރޭގައެވެ. ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހެވެ. މި ދުވަސް ވަރު، އެތައްހާސް  މުސްލިމުން ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ޖަމާވެފައެވެ. ޙައްޖު ދުވަސް، ނުވަތަ ޢަރަފާތްދުވަހަކީ، ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ. 



ޙައްޖު މަހުގެ 9 ވަނަ ދުވަހަކީ ތޯވެ! އެދުވަހަކީ ދުވަސްތަކުގެ ތެރެއިން ﷲ ގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ދުވަހެވެ. އެދުވަހު ޙައްޖުގެ އަޅުކަން އަދާކުރުމަށް ޢަރަފާތް ބިމަށް އެއްވެ ތިބޭ މީހުންނަށް ﷲގެ ރަޙްމަތާއި ފާފަފުއްސެވުން ދެއްވައެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ އެއިލާހުގެ މަލާއިކަތް ބޭކަލުންގެ ކުރިފުޅުމަތީގައި އެ މީހުންގެ ކިޔަމަންތެރިކަމުގެ މައްޗަށް ފަޚުރުވެރިވެ ވޮޑިގަންނަވައެވެ. 

އެ ބިމުގައި މި މާތް ދުވަހުގައި ހުރުމުގެ ނަޞީބު ލިބިފައިނުވާ މީހުންނަށް އޮތީ މި ދުވަހު ރޯދަ ހިފުމެވެ.ޢަރަފާތްދުވަހުގެ ރޯދައާ ބެހޭގޮތުން ސުވާލު ކުރެވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.
يُكَفِّرُ السَّنَةَ المَاضِيَةَ وَالبَاقِيَةَ

ފާއިތުވެ ދިޔަ އަހަރުގެ ފާފައާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެދެއެވެ. މިއީ އަޅުގަނޑުމެންނަށް ލިބޭ ރަނުގެ ފުރުޞަތެކެވެ. މި ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ގޮވާލަމެވެ. އަދި އޭގެ އިތުރަށް ތިމާގެ އަނބިދަރިންނާއި ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރީންނާއި އަދި އެނޫން މީހުންނަށްވެސް މިދުވަހުގެ ރޯދަހިފުމަށް އިރުޝާދު ދެއްވާށެވެ. 

ހެޔޮ ކަމަކަށް އަމުރު ކޮށްފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ. އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކަވާށެވެ. އީމެއިލް ކުރައްވާށެވެ. އެސްއެމްއެސް ފޮނުއްވާށެވެ. ފޯނުން ގުޅުއްވާށެވެ.  ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން.

ޙައްޖު މަހުގެ ފުރަތަމަ ދިހައެއްގެ މާތްކަން


އެކެއް: ޙައްޖުމަހުގެ ފުރަތަމަ ދިހައެއްގެ މާތްކަން

މި ދުވަސްތަކުގެ މާތްކަމުގެ މައްޗަށް ކީރިތި ޤުރްއާނުން އިޝާރާތް ލިބެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَأَذِّنْ فِي النَّاسِ بِالْحَجِّ يَأْتُوكَ رِجَالاً وَعَلَى كُلِّ ضَامِرٍ يَأْتِينَ مِنْ كُلِّ فَجٍّ عَمِيقٍ * لِيَشْهَدُوا مَنَافِعَ لَهُمْ وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ" (الحج : الآيتان 27 -28) މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވާލައްވާށެވެ! އޭރުން ފައިމަގުގަޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެބައިމީހުން ކަލޭގެފާނުގެ އަރިހަށް އަންނާނެވެ.(27) އެއީ އެމީހުންނަށް ހުރި (ދީނީ އަދި ދުނިޔަވީ) މަންފާތަކެއް ލިބިގަތުމަށްޓަކައެވެ. އަދި ކަނޑައެޅިގެން އެނގިގެންވާ ދުވަސްތަކެއްގައި، އެމީހުން ﷲ ގެ އިސްމުފު ހަނދުމަކޮށް އުޅުމަށެވެ."

މި އާޔަތުގެ ތަފްސީރުގައި އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުއް ﷲ ވިދާޅުވެފައިވެއެވެ. "އިބްނު ޢައްބާސް ރަޟިޔައް ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. މިއާޔަތުގައިވާ ކަނޑައެޅިގެން الأيام المعلومات "އެނގިގެންވާ ދުވަސްތައް" އަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަހެވެ."

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. "وَالْفَجْرِ * وَلَيَالٍ عَشْرٍ" (الفجر : 1 - 2) މާނައީ: "ފަޖުރުގެ ވަގުތު ގަންދެއްވަމެވެ.(1) އަދި ދިހަ ރޭ ގަންދެއްވަމެވެ." މި ދެއާޔަތުގެ ތަފްސީރުގައި އަލްއިމާމުއް ޠަބަރީ ރަޙިމަހުއް ﷲ ވިދާޅުވެފައިވެއެވެ. " وَلَيَالٍ عَشْرٍ" އޭ އޮތް ބަސްފުޅުގެ މުރާދަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސްކަމުގައި އެންމެހައި ތަފްސީރުގެ ޢިލްމުވެރިން އިޖްމާޢުވެލައްވައެވެ." އަދި އަލްޙާފިޡު އިބްނު ކަޘީރު ރަޙިމަހުއް ﷲ ގެ ބަސްފުޅުން މިވާހަކަތަކަށް އިތުރު ބާރެއް ލިބެއެވެ. އެކަލޭފާނު ވިދާޅުވެފައިވެއެވެ. " وَلَيَالٍ عَشْرٍ" ގެ މުރާދަކީ ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސް ކަމުގައި އިބްނު ޢައްބާސް ރަޟިޔައް ﷲ ޢަންހުމާ އާއި އިބްނުއް ޒުބައިރާ ރަޟިޔައް ﷲ ޢަންހުއާއި މުޖާޙިދާ ރަޙިމަހުއް ﷲ އާއި އަދިވެސް ސަލަފުންނާއި ޚަލަފުންގެ ތެރެއިން އެތައް ބޭކަލެއް ވިދާޅުވެފައިވެއެވެ.

އަދި ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުގައި މި ދިހަދުވަހުގެ މާތްކަމާއި ބެހޭގޮތުން ޙަދީޘްފުޅުތަކެއް ވާރިދުވެފައިވެއެވެ. އޭގެތެރެއިން؛

އެކެއް: އިބްނު ޢައްބާސް ރަޟިޔައް ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުއް ﷲ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ގެފާނު ޙަދީޘްކުރެއްވިއެވެ. ما من أيامٍ العمل الصالح فيها أحبُّ إلى الله من هذه الأيامِ. قالوا : يا رسول الله ، ولا الجهادُ في سبيل الله ؟ قال : ولا الجهادُ في سبيل الله إلا رجلٌ خرج بنفسه وماله فلم يرجعْ من ذلك بشيء" (أبو داود ، الحديث رقم 2438 ، ص 370) . މާނައި: "ހެޔޮ ޢަމަލުކުރުމަށް މި ދުވަސްތަކަށްވުރެ ވަކީން ﷲ ތަޢާލާ އަށް ލޮބުވެތިކަން ބޮޑުވެގެންވާ އެހެން ދުވަސްތަކެއް ނުވެއެވެ." ޞަޙާބީން ވިދާޅުވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެންވެސް ހެޔޮކަން ބޮޑުވެގެންވޭ ތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ޖިހާދުކުރުން ކަމުގައިވިޔަސް މެއެވެ. އެކަމަކު އެމީހެއްގެ ނަފްސާއި މުދަލާއެކު ނުކުމު އޭގެން އެކައްޗެއްވެސް އަނބުރާ ނުގެންނަ މީހަކު ފިޔަވައެވެ."

ދޭއް: ޖާބިރު ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "إن العشرَ عشرُ الأضحى ، والوترُ يوم عرفة ، والشفع " (رواه أحمد ، ج 3 ، الحديث رقم 14551 ، ص 327) މާނައީ: "ހަމަކަށަވަރުން العشرَ އަކީ ޙައްޖުމަހުގެ ދިހަދުވަހެވެ. އަދި الوترُ އަކީ ޢަރަފާތު ދުވަހެއެވެ. އަދި الشفع އަކީ يوم النحر އެވެ."

(يوم النحر އަކީ ކަތިލުމުގެ ދުވަހެވެ. އެއީ އަޞްޙާ ޢީދު ދުވަހެވެ.)

ތިނެއް: ޖާބިރު ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "ما من أيامٍ أفضل عند الله من أيامَ عشر ذي الحجة". قال : فقال رجلٌ : يا رسول الله هن أفضل أم عِدتهن جهاداً في سبيل الله ؟ قال : "هن أفضل من عدتهن جهاداً في سبيل الله" (ابن حبان ، ج 9 ، الحديث رقم 3853 ، ص 164) މާނައީ: "ޙައްޖު މަހުގެ ދިހަ ދުވަހަށްވުރެ ﷲ ގެ ޙަޟުރަތުގައި ހެޔޮ ޢަމަލު ކުރުން މޮޅުއިތުރުވެގެންވާ ދުވަސްތަކެއް ނުވެއެވެ." މީހަކު ދެންނެވިއެވެ. މޮޅު އިތުރުވެގެންވަނީ އެދުވަސްތައް ތޯއެވެ؟ ނުވަތަ އެ ދުވަސްތަކުގެ ޢަދަދަށް ﷲ ގެ މަގުގައި ޖިހާދުކުރުންތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެދުވަސްތަކުގެ ޢަދަދަށް ﷲ ގެ މަގުގައި ޖިހާދު ކުރުމަށްވުރެންވެސް އެދުވަސްތައް މާތްވެގެންވެއެވެ."

މިޙަދީޘްފުޅުތަކާއި އަދިވެސް މިނޫން ޙަދީޘްފުޅުތައް މި މައުޟޫޢުގައި ވާރިދުވެފައިވެއެވެ. ބަޔާންކުރެވިދިޔަ މިންވަރުންވެސް މިދުވަސްތަކުގައި ހެޔޮ ޢަމަލު ކުރުމުގެ މޮޅު އިތުރުކަން ހާމަވެގެން ހިނގައްޖެއެވެ.

ދޭއް: މިދުވަސްތަކަށް ލިބިފައިވާ ޚާއްޞަކަން

ޙައްޖު މަހުގެ ދިހަދުވަހުގެ ޚާއްޞަކަން ގިނަގުނައެވެ. އޭގެތެރެއިން ހިމެނެނީ؛
1) ﷲ ތަޢާލާ އެދުވަސްތައް ގަންދެއްވައި ހުވާކުރައްވާފައިވެއެވެ. ކަމަކުން ނުވަތަ އެއްޗަކުން އެކަލާނގެ ހުވާކުރެއްވުމުން ހާމަވަނީ އެކަމެއްގެ ނުވަތަ އެއްޗެއްގެ މުހިންމުކަމެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "وَالْفَجْرِ * وَلَيَالٍ عَشْرٍ" (الفجر : 1 - 2) މާނައީ: "ފަޖުރުގެ ވަގުތު ގަންދެއްވަމެވެ.(1) އަދި ދިހަ ރޭ ގަންދެއްވަމެވެ."
2) އެދުވަސްތަކުގައި ހެޔޮ ޢަމަލުކުރުމަށް ވަނީ ބާރު އަޅުއްވާފައެވެ.
3) އެދުވަސްތަކުގައި ގިނަގިނައިން التسبيح އާއި التحميد އާއި التكبير ކިޔުމަށް އަމުރު ކުރެއްވިގެންވެއެވެ. އިބްނު ޢުމަރު ރަޟިޔައް ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. "ما من أيام أعظم عند الله ولا أحب إليه العمل فيهن من هذه الأيام العشر فأكثروا فيهن من التهليل والتكبير والتحميد " أخرجه احمد 7/224 وصحّح إسناده أحمد شاكر މާނައީ: "ދުވަސްތަކުގެ ތެރެއިން މި ދިހަދުވަހަށްވުރެ ﷲ ގެ ޙަޟުރަތުގައި މަތިވެރިކަން ބޮޑުވެގެންވާ ދުވަސްތަކެއް އަދި ހެޔޮ ޢަމަލު ކުރުން ލޮބުވެތިކަން ވަކީން ބޮޑުވެގެންވާ ދުވަސްތަކެއް ނުވެއެވެ. ފަހެ މިދިހަ ދުވަހުގައި التهليل އާއި التكبير އާއި التحميد ކިޔުން ގިނަކުރާހުށެވެ."
4) ޙައްޖުގެ އަޅުކަމާއި ޢުޟްޙިޔާ ކަތިލުން ހިމެނެނީވެސް އެދުވަސްތަކުގެ ތެރޭގައެވެ.
5) ޢަރަފާތް ދުވަސް ހިމެނެނީ އެދުވަސްތަކުގެ ތެރެއިންނެވެ. އެދުވަހަކީ اليوم المشهود އެވެ. ހެކެވެވިގެންވާ ދުވަހެވެ. އެބަހީ އެދުވަހު އެތަނަށް ގިނަ ބަޔަކު އެއްވެ އެކަކު އަނެކަކާ ބައްދަލުވުއެވެ. ނުވަތަ އެދުވަހު ﷲ ސުބުޙާނަހޫ ވަތަޢާލާ ދުނިޔޭގެ އުޑަށް ފައިބައި ވަޑައިގެން ޢަރަފާތު ބިމުގައިވާ އެކަލާނގެ ޚަލްޤުތަކުންނަށް ފަޚުރުވެ ވޮޑިގެން މަލާއިކަތުންނަށް ހެކިވެވޮޑިގެންވާ ދުވަހެވެ. އަދި މަލާއިކަތް ބޭކަލުން އެތާނގެ އަހުލުވެރިންނަށް ހެކިވާ ދުވަހެވެ. އެދުވަހުގައި މަލާއިކަތުން އެތަނުގެ އަހުލުވެރިންނަށް ބައްލަވައި އެމީހުންގެ ހެޔޮ ޢަމަލުތަކަށް ދަރުމަޔާއި ޘަވާބު ލިޔުއްވާނެ ދުވަހެވެ.
6) ހަމައެފަދައިން ޢަރަފާތް ދުވަހަކީ އެދުވަހެއްގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށްޓަކައި އިސްލާމް ދީން ފުރިހަމަ ކުރެއްވި ދުވަހެވެ. އަދި އެދުވަހުގެ ރޯދައަކީ ފާއިތުވެ ދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތަކުގެ ކައްފާރާއެކެވެ. އެ ދިހަ ދުވަހުގެ ތެރޭގައި يوم النحر ހިމެނެއެވެ. يوم النحر އަކީ އަހަރުގެ އެންމެ މަތިވެރި ދުވަހެވެ. އެދުވަހުގައި އަޅުކަމުގެ ތެރެއިން، އަހަރުގެ އެހެން އެއްވެސް ދުވަހެއްގައި ނުހިމެނޭ ވައްތަރުތަކުގެ އަޅުކަން އެދުވަހުގައި ހިމެނެއެވެ. (އޭގެ ތެރޭގައި ފަރުޟު ނަމާދުތަކާއި ތަކްބީރުގެ އިތުރުން، ޖަމްރާއަށް ހިލައުކުމާއި، ތަވާފުލް އިފާޟާއާއި، ބޯބޭލުމާއި ހަދުޔު ކަތިލުމާއި ޢީދު ނަމާދު ހިމެނެއެވެ.)

ތިނެއް: އެދުވަސްތަކުގައި ކުރުމަށް ވާރިދުވެގެންވާ ބައެއް ޢަމަލުތައް

އެކެއް: ތައުބާވެ ފާފަކުރުމުން އެއްކިބާވުން: އެހެނީ ފާފައިގެ މަތީގައި ދެމިހުންނަ މީހާގެ ޢަމަލުތަކާއި ދުޢާތައް އިޖާބަކުރެއްވުން ދުރުވެގެންވެއެވެ. ހެޔޮކަމުގެ މިފަދަ މޫސުމެއްގައި މާތް ﷲ ނަހީކުރެއްވި ކަމަކަށް އަރައިގަނެވިފައިވާ މީހުން ތައުބާވުމަށް އަވަސްވެގަންނަން ޖެހެއެވެ. މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "إن الله يغار وغيرة الله أن يأتي المرء ما حرم الله عليه"މާނައީ: "ހަމަކަށަވަރުން މާތް ﷲ ޣީރަތްތެރިވެވޮޑިގަންނަވައެވެ. އެކަލާނގެ ޣީރަތްތެރިވެވޮޑިގަންނަވަނީ މީހަކު އެކަލާނގެ ނަހީކުރެއްވި ކަމަކަށް އަރައިގަތުމުންނެވެ."

ދޭއް: ޙައްޖުގެ އަޅުކަމާއި ޢުމުރާގެ އަޅުކަން އަދާކުރުން. އަޅުކަމުގެ ތެރެއިން ކުރެވޭ އެންމެ ހެޔޮ ޢަމަލަކީ އެއީއެވެ. މާތް ނަބިއްޔާ ޞައްލައް ﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. "العمرة إلى العمرة كفارة لما بينهما والحج المبرور ليس له جزاء إلا الجنة" މާނައީ: "އެއް ޢުމްރާއިން އަނެއް ޢުމްރާއަށް އެދެމެދުގައި ކުރެވުނު ކައްފާރާއެއް ކަމުގައި އެއަޅުކަންވެދެއެވެ. އަދި މަބްރޫރު ޙައްޖަކަށް ސުވަރުގެ ނޫން ދެވަނަ ޖަޒާއެއް ނުވެއެވެ."
ތިނެއް: ޢަރަފާތް ދުވަހު ރޯދައަށް ހުރުމާއި ޙައްޖުމަހުގެ ނުވަ ދުވަހު ރޯދައަށް ހުރުން: އެވެސް ޝައްކެތް ނެތް ގޮތުގައި އަޅުކަންތަކުގެ ތެރެއިން ރޯދައަށްވަނީ ވަރަށްވެސް މަތިރި ދަރުމަޔާއި ޘަވާބެއް ކަނޑައެޅިފައެވެ. އެއީ ޤުދްސިއްޔަ ޙަދީޘްފުޅުގައި ވާފަދައިންނެވެ. "الصوم لي وأنا أجزي به ، إنه ترك شهوته وطعامه وشرابه من أجلي" މާނައީ: "ރޯދަވަނީ ތިމަން ރަސްކަލާނގެއަށެވެ. އަދި އެރޯދަޔަށް ޖަޒާ ދެއްވާނީ ތިމަންރަސްކަލނގެއެވެ. ހަމަކަށަވަރުން ރޯދަވެރިޔާ އޭނާގެ ޖިންސީ އެދުންތަކާއި ކެއިންބުއިމުން އެއްކިބާވެގެން ހުންނަނީ ތިމަން ރަސްކަލާނގެއަށްޓަކއެވެ."

އަދި އެހެން ޙަދީޘްފުޅެއްގައިވެއެވެ. "ما من عبد يصوم يوماً في سبيل الله ، إلا باعد الله بذلك اليوم وجهه عن النار سبعين خريفاً" މާނައީ: "ﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދަހިފައިފި އަޅަކަށްވެސް، އޭނާގެ މޫނު ނަރަކައިގެ އަލިފާނާ ހަތްދިހަ އަހަރުގެ ރާސްތާއަށް ﷲ ސުބުޙާނަހޫވަތަޢާލާ ދުރުކޮށްދެއްވަތެވެ."

އަދި ޢަރަފާތް ދުވަހުގެ ރޯދައާއި ބެހޭގޮތުން ވާރިދުވެފައިވެއެވެ. "صيام يوم عرفة أحتسب على الله أن يكفر السنة التي قبله والتي بعده" މާނައީ: "ޢަރަފާތް ދުވަހުގެ ރޯދައިން ތިމަންކަލޭގެފާނު އުންމީދު ކުރައްވަނީ ފާއިތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ކައްފާރާއެއް ކަމުގައި ލެއްވުމަށެވެ."

ނޯޓް: މިތަނުގައި ފާހަގަކޮށްލުން މުހިމުންމު ނުކުތާއެއްވެއެވެ. އެއީ އެއްވެސް ޙަދީޘްފުޅެއްގައި، ޙައްޖު މަހުގެ ފުރަތަމަ ނުވަދުވަސް އެކުގައި ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ރޯދަ ހިއްޕެވިކަމެއް އެނގޭކަށް ނެތެވެ. އެދުވަސްތަކުގައި ހެޔޮކަމަށް ބާރު އަޅުއްވާފައި ވެއެވެ. ވީމާ ހެޔޮ ކަމުގެ ތެރޭގައި ޒިކުރު ކުރުމާއި، ސުންނަތް ނަމާދު ކުރުމާއި ސުންނަތް ރޯދަހިފުމާއި ޞަދަޤާތް ކުރުން ގިނަކުރުމާއި މިފަދަ ކޮންމެ ހެޔޮ ޢަމެލެއް ކުޅައުންވެސް ގިނަކުރުން މޮޅުއިތުރުވެގެންވެއެވެ. އެދުވަސްތަކުގައި ވަކީން ޚާއްޞަވެގެން ރޯދައިގެ އަޅުކަންކުރުމަކަށް އެއްވެސް ދަލީލެއް ނެތެވެ.

ހަތަރެއް: ﷲ ޛިކުރު ކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުން އިތުރު ކުރުމާއި ދުޢާކުރުން: މާތް ﷲ ވަޙީކުރައްވާފައިވެއެވެ. "وَيَذْكُرُوا اسْمَ اللَّهِ فِي أَيَّامٍ مَعْلُومَاتٍ"(الحج : الآية 28) މާނައީ: "އަދި ކަނޑައެޅި އެނގިގެންވާ ދުވަސްތަކުގައި ތިޔަބައިމީހުން ﷲ ޛިކުރު ކުރާށެވެ." މިއާޔަތުންނާއި އިސްވެ ބަޔާންކުރެވުނު ޙަދީޘްފުޅުތަކުންވެސް އެދުވަސްތަކުގައި ގިނަގިނައިން التسبيح އާއި التحميد އާއި التكبير ކިޔުމަށް ބާރުއަޅުއްވާފައިވާކަން ހާމަވެއެވެ. އަދި ސަލަފުންގެ ބައެއް ބޭބޭކަލުން އެދުވަސްތަކުގައި ބާޒާރު މައްޗަށް ނުކުމެވަޑައިގެން އަޑުހަރުކޮށް ތަކްބީރު ކިޔުއްވައެވެ. އަދި މީސްތަކުންވެސް އެބޭކަލުންގެ ތަކްބީރުގެ އަޑު އިވުމުން އެއް އަޑުހަރުކޮށް ތަކްބީރު ކިޔުއްވާކަމުގައިވެއެވެ. އެތަކްބީރުގެ އަޑުން މުޅި ބާޒާރު ގުގުމައެވެ.

ފަހެއް: އެދުވަސްތަކުގައި ޞަދަޤާތްކުރުމާއި އުޟުޙިޔާ ކަތިލުން: ﷲ އަށް ޤުރުބާނީއެއް ކަތިލުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި ދަރުމަޔާ ސަވާބު ބޮޑުވެގެންވާ އަޅުކަމެކެވެ. ހަމައެފަދައިން ތިމާގެ ހިތް އެދޭ މުދަލުން ޞަދަޤާތް ކުރުމަކީވެސް މަތިވެރިވެގެންވާ އަޅުކަމެކެވެ.

ހަތަރެއް: ބައެއް ޙުކުމްތަކާއި ފިޤުހީ މަސާއިލުތައް

އެދުވަސްތަކުގައި އަޑުހަރުކޮށް ތަކުބީރު ކިޔުން ސުންނަތްވެގެންވާހިނދު، ތަކުބީރުގެ ވައްތަރުތަކާއި ބައިތައް ދެނެގަތުން މުހިންމެވެ.

އެކެއް: التكبير المطلق މުޠުލަޤު ތަކުބީރު: (މި ތަކުބީރަކީ ވަކި ކަމަކާއި ނުވަތަ ވަގުތަކާއި ގުޅުމެއްނެތި ކިޔާ ތަކުބީރެވެ. ނުވަތަ ފަރުޟު ނަމާދުތަކުގެ ފަހުގައި ނޫން ވަގުތުތަކުގައި ކިޔާ ތަކުބީރެވެ.) ވީމާ ޙައްޖު މަހުގެ ފުރަތަމަ ދިހައެއްގައި އާއި أيام التشريق ގެ ތިންދުވަހުގެ، ކޮންމެ ވަގުތެއްގައިމެ ތަކުބީރު ކިޔުން ސުންނަތްވެގެންއެވެ. (أيام التشريق ތިންދުވަހަކީ ޙައްޖުމަހުގެ 11، 12 އަދި 13 އެވެ. އެއީ ޙައްޖުވެރިން މިނާގައި ތިންޖަމުރާއަށް ހިލައުކާ ދުވަސްތަކެވެ.)

އިބްނު ޢުމަރު ރަޟިޔައް ﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ދެ ޢީދު ދެދުވަހު ޢީދަށް ވަޑައިގަންނަވާ މަގުމަތީގައި އާއި ޢީދުކުރާ މުޞައްލައިގައި އިމާމު މީހާ ނަމާދަށް ފެށުމަށް ދާންދެން އަޑުހަރުކޮށް ތަކްބީރު ކިޔުއްވައެވެ. އަދިވެސް ނާފިޢު ރަޙިމަހުއް ﷲ ގެ އަރިހުން ރިވާވެގެންވެއެވެ. އިބްނު ޢުމަރު ރަޟިޔައް ﷲ ޢަންހުމާ މިނާގައި ހޭދަކުރައްވާ ދުވަސްތަކުގައި، ފަރުޟު ނަމާދުތަކަށް ފަހުގައި އާއި ހިނގާވަޑިއިގަންނަވާ ވަގުތު ތަކުގައި އާއި ތަންމަތީގައި އޮށޯވެ އޮންނަވާ ވަގުތު ތަކުގައިވެސް ތަކުބީރު ކުޔުއްވައެވެ.

ދޭއް: التكبير المقيد މުޤައްޔަދު ތަކުބީރު (ފަރުޟު ނަމާދުތަކުގެ ފަހުގައި ކިޔާ ތަކްބީރު) މިތަކުބީރު ފެށެނީ ޢަރަފާތް ދުވަހުގެ ފަތިސް ނަމާދަށްފަހުގައެވެ. އަދި ނިމެނީ أيام التشريق ތިން ދުވަހުގެ ޢަޞްރު ނަމާދަށްފަހުގައެވެ. ޝަޤީޤު ބިން ސަލަމާ ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. "كان علي رضي الله عنه يكبر بعد صلاة الفجر غداة عرفة ثم لا يقطع حتى يصلي الإمام من آخر أيام التشريق ثم يكبر بعد العصر" أخرجه ابن المنذر والبيهقي .و صححه النووي وابن حجر .وثبت مثله عن ابن عباس رضي الله عنهما މާނައީ: "ޢަލީގެފާނު ޢަރަފާތް ދުވަހުގެ ފަތިސް ނަމާދަށްފަހުގައި ތަކުބީރު ކިޔަން ފައްޓަވައެވެ. އަދި އެތަކުބީރު މެދުކަނޑައިލައްވަނީ أيام التشريق ގެ ތިންވަނަ ދުވަހުގެ ޢަޞްރު ނަމާދު ކޮށް ނިމުމަށްފަހު ތަކުބީރު ކިޔުއްވުމަށްފަހުގައެވެ."

އިބްނު ތައިމިއްޔާ ރަޙިމަހުއް ﷲ ވިދާޅުވެފައިވެއެވެ. "ތަކުބީރު ކިޔުމާމެދު އެންމެ ޞައްޙަ ބަހަކީވެސް މިއީއެވެ. އެއީ ސަލަފުންގެ ގިނަ ބޭކަލުންނާއި ޞަޙާބީންގެވެސް ގޮތެވެ. އެއީ ޢަރަފާތް ދުވަހުގެ ފަތިސް ނަމާދަށް ފަހުގައި ތަކުބީރު ކިޔަން ފެށުމެވެ. އަދި أيام التشريق ގެ ތިން ވަނަ ދުވުހުގެ ނިޔަލަށް ކޮންމެ ނަމާދެއްގެ ފަހުގައި ތަކުބީރު ކިޔުމެވެ." އަދި އިބްނު ޙަޖަރު ރަޙިމަހުއް ﷲ ވިދާޅުވެފައިވެއެވެ. "ޞަޙާބީންގެ ކިބައިން މި މައްސަލައިގައި ވާރިދުވެފައިވާ އެންމެ ޞައްޙަ ބަސްފުޅަކީ އިބުނު މަސްޢޫދު ރަޟިޔައް ﷲ ޢަންހުގެ އަރިހުން ރިވާވެފައިވާ މިބަސްފުޅެވެ. "އެތަކުބީރު ކިޔުންވަނީ ޢަރަފާތް ދުވަހުގެ ފަތިހުން ފަށާއިގެން ގޮސް މިނާގެ ފަހުދުވުގެ ނިޔަލަށެވެ."

ތިނެއް: صفة التكبير ތަކުބީރު ކިޔާގޮތް. ގިނަ ޞަޙާބީންގެ އަރިހުން ރިވާވެގެންވާ ޢިބާރާތްތަކުގެ ތެރެއިން މި ޢިބާރާތްވެސް ހިމެނެއެވެ. الله أكبر ، الله أكبر ، لا إله إلا الله ، و الله أكبر ، الله أكبر ، ولله الحمد

ނޯޓް: އަދި މިނޫނަސް އެހެން ޢިބާރާތްތައް ވާރިދުވެފައިވެއެވެ. ނަމަވެސް އެޢިބާރާތްތަކުގެ ޞައްޙަކަން އިތުރަށް ދިރާސާ ކުރަންޖެހޭތީ މިތަންވަޅަށް ކުރުކޮށްލަމެވެ.

ހަތަރެއް: މިދުވަހުގައި ކުރުން މޮޅު އިތުރުވެގެންވާ ޢަމަލުތަކުގެ ތެރޭގައި އުޟުޙިޔާ ކަތިލުން ހިމެނެއެވެ. އެކަމުގެ ޙުކުމްތަކަށް ވަކި ލިޔުމެއްގައި އަލިއަޅުވާލުމަށް އުއްމީދުކުރަމެވެ.

وصلى الله على محمد وآله وصحبه أجمعين. والحمد لله رب العالمين.

ads

ދާއިރާ:

0 comments:

Post a Comment

 
here it is