މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
(އެއްފަހަރަކު) ރަމަޟާންމަހުގެ ޒަކާތުގެ (އެބަހީ: ފިޠުރު ޒަކާތުގެ) ތަކެތި ބެލެހެއްޓުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ތިމަން ކަލޭގެފާނާއި ޙަވާލުކުރެއްވިއެވެ. (އަބޫހުރައިރާ رضي الله عنه ވިދާޅުވިއެވެ.) އެއްރެއަކު ކޮންމެވެސް މީހަކު އައިސް ޒަކާތަށް ޖަމާކުރެވިފައިހުރި ގޮވާމުގެ ބާވަތްތަކުގެ ތެރެއިން ބައެއް ނަގަން ފެށިއެވެ. ފަހެ، ތިމަންކަލޭގެފާނު އެމީހާ އަތުލައިގެންނެވީމެވެ. އަދި އޭނާއަށް ވިދާޅުވީމެވެ. ހަމަކަށަވަރުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހަށް ކަލޭ ގެންދަވާ ހުށީމެވެ. އެމީހާ ބުންޏެވެ. ހަމަކަށަވަރުން ތިމަންނާއީ ބޭނުންޖެހިފައިވާ މީހަކީމެވެ. އަދި ތިމަންނަގެ ވަރަށް ގިނަ ދަރީންތައް ވެއެވެ. ތިމަންނާ މިވަނީ މިތަކެއްޗަށް ނުހަނު ބޭނުންވެގެންނެވެ. (އަބޫހުރައިރާ ވިދާޅުވިއެވެ. އޭނާގެ މިއާދޭސް އަޑުއައްސަވައި) ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީމެވެ. ފަތިސްވުމުން (ތިމަންނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެންނެވީމެވެ.) ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. އޭ އަބޫހުރައިރާއެވެ. ކަލޭގެފާނުގެ އަސީރު، (އެބަހީ ކަލޭގެފާނު ހައްޔަރު ކުރެއްވި މީހާ) ރޭގައި ކަންތައް ކުރީ ކިހިނަކުންތޯއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭނާގެ ޙާޖަތްތެރިކަން ބޮޑުކަމާއި، ދަރީން ގިނަކަމުގެ ވާހަކަ ދެއްކިއެވެ. ފަހެ، އޭނާގެ މައްޗަށް އަޅުގަނޑުގެ ހިތުގައި އޯގާވެރިކަން އުފެދި، އޭނާ ދޫކޮށްލެއްވީމެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. އޭނާ ކަލޭގެފާނުގެ އަރިހުގައި ދެންނެވީ ދޮގެއްކަން ކަށަވަރެވެ. އަދި އޭނާ އަންނަ ހުއްޓެވެ. (އަބޫހުރައިރާ ވިދާޅުވިއެވެ.) އޭނާ، އަންނާނެކަމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވާތީ، އޭނާ އެނބުރި އަންނާނެކަމާމެދުގައި ތިމަންކަލޭގެފާނަށް ފުރިހަމަ ޔަޤީންކަން އޮތެވެ. އެހެންކަމާއެކު، އޭނާގެ އިންތިޒާރުގައި އެރޭ ތިމަންކަލޭގެފާނު ހުންނެވީމެވެ. ފަހެ، އެކަލޭގެ އައިސް (ކުރީރޭ ފަދައިން) ގޮވާމުގެ ބާވަތްތަކުން ބައެއް ނަގަން ފެށިއެވެ. (ފަހެ ތިމަންކަލޭގެފާނު އެމީހާ އަތުލައިގެންނެވީމެވެ. އަދި އޭނާއަށް ވިދާޅުވީމެވެ. ހަމަކަށަވަރުން، މިފަހަރު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ކަލޭ ގެންދަވާ ހުށީމެވެ. އެމީހާ ބުންޏެވެ. ހަމަކަށަވަރުން ތިމަންނާއީ ބޭނުންޖެހިފައިވާ މީހަކީމެވެ. އަދި ތިމަންނަގެ ވަރަށް ގިނަ ދަރީންތައް ވެއެވެ. މީގެފަހުން ތިމަން ނާންނަ ހުށީމެވެ. (އަބޫހުރައިރާ ވިދާޅުވިއެވެ. އޭނާގެ މިއާދޭސް އަޑުއައްސަވައި) ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީމެވެ. ފަތިސްވުމުން (ތިމަންނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެންނެވީމެވެ.) ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. އޭ އަބޫހުރައިރާއެވެ. ކަލޭގެފާނުގެ އަސީރު، ރޭގައި ކަންތައް ކުރީ ކިހިނަކުންތޯއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭނާގެ ޙާޖަތްތެރިކަން ބޮޑުކަމާއި، ދަރީން ގިނަކަމުގެ ވާހަކަ ދެއްކިއެވެ. ފަހެ، އޭނާގެ މައްޗަށް އަޅުގަނޑުގެ ހިތުގައި އޯގާވެރިކަން އުފެދި، އޭނާ ދޫކޮށްލެއްވީމެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. އޭނާ ކަލޭގެފާނުގެ އަރިހުގައި ދެންނެވީ ދޮގެއްކަން ކަށަވަރެވެ. އަދި އޭނާ އަންނަ ހުއްޓެވެ. (އަބޫހުރައިރާ ވިދާޅުވިއެވެ.) ތިންވަނަރޭވެސް އެކަލޭގެ އަންނާނެ ކަމުގެ އިންތިޒާރުގައި ތިމަންކަލޭގެފާނު ހުންނެވީމެވެ. ފަހެ އެކަލޭގެ އައިސް (ކުރީ ރޭފަދައިން) ގޮވާމުގެ އޮށްޓަރުތަކުން ބައެއް ނަގަން ފެށިއެވެ. (ފަހެ، ތިމަންކަލޭގެފާނު އެމީހާ އަތުލައިގެންނެވީމެވެ.) އަދި އޭނާއަށް ވިދާޅުވީމެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ކަލޭ ގެންދަވާ ހުށީމެވެ. މިއީ ތިންވަނަ ފަހަރު ކަލޭ އައި އައުމެވެ. ކޮންމެ ފަހަރަކުވެސް ކަލޭ ބުނަނީ ދެން ނާންނާނެ ކަމަށެވެ. އެކަމަކު ކަލޭ ތިޔަ އަންނަނީއެވެ. އެމީހާ ބުންޏެވެ. ތިމަން ދޫކޮށްލައްވާށެވެ. ހަމަކަށަވަރުން، އޭގެ ސަބަބުން މާތްﷲ، ކަލޭގެފާނަށް މަންފާކޮށްދެއްވާނެ ކަލިމަތަކެއް ތިމަންނާ ކަލޭގެފާނަށް އުނގަންނައި ދޭހުށީމެވެ. (އަބޫހުރައިރާ ވިދާޅުވިއެވެ.) ތިމަންކަލޭގެފާނު ވިދާޅުވީމެވެ. އެއީ ކޮން ކަލިމަތަކެއް ހެއްޔެވެ؟ އެކަލޭގެ ބުންޏެވެ. ކަލޭގެފާނު އަވަހާރަފުޅަށް ތަންމަތީގައި އޮށޯވެވަޑައިގަންނަވާ ހިނދު، އާޔަތުލް ކުރުސީ، ] اللهُ لاَ إلَهَ إِلاَّ هُوَ الحَيُّ القَيُّومُ [ މިއާޔަތް ކިޔަވައި ވިދާޅުވާށެވެ. ފަހެ، އެހިނދު ﷲގެ ޙަޟްރަތުން ކަލޭގެފާނަށްޓަކައި ރައްކައުތެރިއަކު ލައްވާ ހުއްޓެވެ. އޭގެ ސަބަބުން ފަތިސްވެއްޖައުމަށް ދާނދެން ޝައިޠާނާ ކަލޭގެފާނުގެ އަރިހަށް ހުށަހޮޅި ނުގަންނަ ހުއްޓެވެ." (އަބޫހުރައިރާ ވިދާޅުވިއެވެ. އޭނާ މިހެން ބުނުމުން) ތިމަންކަލޭގެފާނު އޭނާ ދޫކޮށްލެއްވީމެވެ. ފަތިސްވުމުން (ތިމަންނާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހަށް ވަޑައިގެންނެވީމެވެ.) ފަހެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. އޭ އަބޫހުރައިރާއެވެ. ކަލޭގެފާނުގެ އަސީރު، ރޭގައި ކަންތައް ކުރީ ކިހިނަކުންތޯއެވެ. ތިމަންކަލޭގެފާނު ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. އޭނާބުނިގޮތުގައި، އޭނާ ވަނީ އޭގެސަބަބުން، މާތްﷲ، އަޅުގަނޑަށް މަންފާކޮށްދެއްވާނެ ކަލިމަތަކެއް އަޅުގަނޑަށް ދަސްކޮށްދީފައެވެ. އެކަމަށްޓަކައި، އަޅުގަނޑު އޭނާ ދޫކޮށްލީއެވެ. ހަދީޘްކުރެއްވިއެވެ. އެއީ ކޮން ކަލިމަތަކެއް ތޯއެވެ؟ (އަބޫހުރައިރާ ވިދާޅުވިއެވެ.) ތިމަންކަލޭގެފާނު ދެންނެވީމެވެ. އަޅުގަނޑަށް އެމީހަކު ބުންޏެވެ. ތިބާ ނިދަން އޮށޯންނަހިނދު، އާޔަތުލް ކުރުސީ، ] اللهُ لاَ إلَهَ إِلاَّ هُوَ الحَيُّ القَيُّومُ [ މިއާޔަތް ފަށައިގެން ނިޔަލަށް ކިޔަވާށެވެ. މިއާޔަތް ކިޔަވައިފިނަމަ، ﷲގެ ޙަޟްރަތުން ލައްވާ ރައްކައުތެރިއަކު، ތިބާގެ ގާތުގައި ލައްވާ ހުއްޓެވެ. އަދި އޭގެ ސަބަބުން ފަތިސްވެއްޖައުމަށް ދާނދެން، ޝައިޠާނާ ތިބާގެ ގާތަށް ހުށަހޮޅި ނުގަންނަ ހުއްޓެވެ. ފަހެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ދަންނާށެވެ! ހަމަކަށަވަރުން (މިފަހަރު) އޭނާ ކަލޭގެފާނަށް ތެދު ދަންނަވައިފިއެވެ. އެކަމަކު އޭނާއީ، ބޮޑު ދޮގުވެރިއެކެވެ. އޭ އަބޫހުރައިރާއެވެ. ތިންރޭ މަތިން ކަލޭގެފާނު އެމީހަކާ ވާހަކަ ދެއްކެވީ، ކާކުކަން ކަލޭގެފާނަށް އެނގިވަޑައިގަނޭތޯއެވެ. (އަބޫހުރައިރާ ވިދާޅުވިއެވެ.) ތިމަންކަލޭގެފާނު ދެންނެވީމެވެ. ނޫނެކެވެ. އަޅުގަނޑު ނުދެނަހުރީމެވެ. ޙަދީޘް ކުރެއްވިއެވެ. އެއީ ޝައިޠާނާއެވެ.
މިޙަދީޘް ރިވާކުރެއްވީ އަލްއިމާމުލްބުޚާރީ ރަޙިމަހުﷲއެވެ. ތިރީގައި މިވަނީ ޙަދީޘްގެ ނައްޞެވެ.
ޙަދީޘްގެ ނައްޞު: وعن أَبي هريرة رضي الله عنه ، قَالَ : وَكَّلَنِي رسولُ الله صلى الله عليه وسلم بِحِفْظِ زَكَاةِ رَمَضَانَ، فَأتَانِي آتٍ فَجَعَلَ يَحْثُو مِنَ الطَّعَام، فَأخَذْتُهُ فقُلتُ: لأَرْفَعَنَّكَ إِلَى رسولِ الله صلى الله عليه وسلم ، قَالَ : إنِّي مُحْتَاجٌ ، وَعَليَّ عِيَالٌ ، وَبِي حَاجَةٌ شَدِيدَةٌ ، فَخَلَّيْتُ عَنْهُ ، فَأصْبَحْتُ ، فَقَالَ رسول الله صلى الله عليه وسلم : (( يَا أَبَا هُريرة ، مَا فَعَلَ أَسِيرُكَ البَارِحَةَ ؟ )) قُلْتُ : يَا رسول الله ، شَكَا حَاجَةً وَعِيَالاً ، فَرحِمْتُهُ فَخَلَّيْتُ سَبيلَهُ . فَقَالَ : (( أمَا إنَّهُ قَدْ كَذَبَكَ وَسَيَعُودُ )) فَعَرَفْتُ أنَّهُ سَيَعُودُ ، لقولِ رسول الله صلى الله عليه وسلم فَرَصَدْتُهُ ، فَجاء يَحْثُو مِنَ الطَّعَامِ ، فَقُلتُ : لأَرْفَعَنَّكَ إِلَى رسول الله صلى الله عليه وسلم ، قَالَ : دَعْنِي فَإنِّي مُحْتَاجٌ ، وَعَلَيَّ عِيَالٌ لاَ أعُودُ ، فَرحِمْتُهُ فَخَلَّيْتُ سَبيلَهُ ، فَأصْبَحْتُ فَقَالَ لي رسول الله صلى الله عليه وسلم : (( يَا أَبَا هُريرة ، مَا فَعَلَ أَسِيرُكَ البَارِحَةَ ؟ )) قُلْتُ : يَا رسول الله ، شَكَا حَاجَةً وَعِيَالاً ، فَرحِمْتُهُ فَخَلَّيْتُ سَبيلَهُ . فَقَالَ : (( إنَّهُ قَدْ كَذَبَكَ وَسَيَعُودُ )) فَرَصَدْتُهُ الثَّالثَة ، فَجاء يَحْثُو مِنَ الطَّعَامِ فَأخَذْتُهُ ، فَقُلتُ : لأَرْفَعَنَّكَ إِلَى رسولِ الله صلى الله عليه وسلم ، وهذا آخِرُ ثلاثِ مَرَّاتٍ أنَّكَ تَزْعُمُ أنَّكَ لاَ تَعُودُ ! فَقَالَ : دَعْنِي فَإنِّي أُعَلِّمُكَ كَلِمَاتٍ يَنْفَعُكَ اللهُ بِهَا ، قُلْتُ : مَا هُنَّ ؟ قَالَ : إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَةَ الكُرْسِيِّ ، فَإنَّهُ لَنْ يَزَالَ عَلَيْكَ مِنَ الله حَافِظٌ ، وَلاَ يَقْرَبُكَ شَيْطَانٌ حَتَّى تُصْبِحَ ، فَخَلَّيْتُ سَبِيلَهُ ، فَأصْبَحْتُ ، فَقَالَ لي رسولُ الله صلى الله عليه وسلم : (( مَا فَعَلَ أسِيرُكَ البَارِحَةَ ؟ )) قُلْتُ : يَا رسول الله ، زَعَمَ أنَّهُ يُعَلِّمُنِي كَلِمَاتٍ يَنْفَعُنِي اللهُ بِهَا ، فَخَلَّيْتُ سَبيلَهُ ، قَالَ : (( مَا هِيَ ؟ )) قُلْتُ : قَالَ لي : إِذَا أَوَيْتَ إِلَى فِرَاشِكَ فَاقْرَأْ آيَة الكُرْسِيِّ مِنْ أوَّلِهَا حَتَّى تَخْتِمَ الآية : ] اللهُ لاَ إلَهَ إِلاَّ هُوَ الحَيُّ القَيُّومُ [ وقال لِي : لاَ يَزَالُ عَلَيْكَ مِنَ اللهِ حَافِظٌ ، وَلَنْ يَقْرَبَكَ شَيْطَانٌ حَتَّى تُصْبِحَ . فَقَالَ النبيُّ صلى الله عليه وسلم : (( أمَا إنَّهُ قَدْ صَدَقَكَ وَهُوَ كَذُوبٌ ، تَعْلَمُ مَنْ تُخَاطِبُ مُنْذُ ثَلاَثٍ يَا أَبَا هُرَيْرَةَ ؟ )) قُلْتُ : لاَ. قَالَ : (( ذَاكَ شَيْطَانٌ )) (رواه البخاري)
ލިޔުއްވީ : މުޙައްމަދު އަނީލް
|
0 comments:
Post a Comment