Thursday, October 18, 2012

ރަމަޟާންމަހު ތިމަންނާ ލަވައެއް ނުކިޔަމެވެ. އެއީ އެ މައްސަރުގެ މާތްކަމަށްޓަކަ އެވެ. އަދި އެ މައްސަރުގައި މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި ވެސްމެ އެވެ."



"އަޅުގެ ވެރިރަސްކަލާކޮ!

މިއަޅާއާއި އެމީހުންގެ ފާފަތައް ފުއްސަވައިފާނދޭވެ!"


"ރަމަޟާންމަހު ތިމަންނާ ލަވައެއް ނުކިޔަމެވެ. އެއީ އެ މައްސަރުގެ މާތްކަމަށްޓަކަ އެވެ. އަދި އެ މައްސަރުގައި މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި ވެސްމެ އެވެ."




ފަޟީލަތުއްޝައިޚު، ޑރ. މުޙައްމަދުލްޢުރައިފީ (فضيلة الشيـخ الدكتور محمد العريفي) އަކީ، ސުޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޒުވާން ޢިލްމުވެރި އެކެވެ. އޭނާއާ ބައެއް ފަންނާނުންނާ ދެމެދުގައި ހިނގާފައިވާ ބައެއް ކަންތައްތަކުގެ ވާހަކަ، ދާދި ފަހުން ވަނީ ހާމަކުރައްވާފަ އެވެ. އެކަންތައްތައް ހާމަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އަޅުގަނޑު އިނީ، މޭޒެއްގެ އެއްކަނެއްގައި ފާރަށް މޫނު ކުރިމަތިކޮށްގެންނެވެ. އެއީ ޤަޠަރަށް ގޮސް އަޅުގަނޑު އެގައުމުގައި ހުރި، ހޮޓަލެއްގެ ރެސްޓޯރެންޓްގައިވާ މޭޒެކެވެ. ފާރަށް މޫނުކުރިމަތިކޮށްގެން އިނީ އެހެން މީހުންނަށް މޫނު ނުދެއްކުމަށްޓަކަ އެވެ. އަޅުގަނޑު އެތަނުން ފެނިއްޖެނަމަ، ބައެއް މީހުންގެ މިނިވަންކަމަށް ބުރުލެއް އަރާފާނެތީ އެވެ. އަޅުގަނޑު އެހެން އިންދާ މީހަކު އައިސް އަޅުގަނޑުގެ ކޮނޑުމަތީގައި އަތް ބާއްވާލި އެވެ. އަޅުގަނޑު ފަހަތަށް އެނބުރި ބަލާލިއިރު އޭނާއާ ހަތަރުކަޅި ހަމަވި އެވެ. އެހިނދު އޭނާ ބުންޏެވެ.

"ތިމަންނާއަކީ، ރަނގަޅު މީހުންދެކެ ލޯބިވާ މީހަކީމެވެ. ނަމަވެސް ތިމަންނާއަކީ ރަނގަޅު މީހަކީމެއް ނޫނެވެ!"

އޭނާ މިހެން ބުނުމުން އަޅުގަނޑު ގޮނޑިން ތެދުވެ، އޭނާއާ ކަރާކަރުޖައްސައި ސަލާމްކުރީމެވެ. ފާޙިޝް ޢަމަލުތަކާއި ލަވަކިއުމުގެ ދުނިޔެއިން ނިކުމެ، ޞާލިޙު ޢަމަލުތަކުގެ ދުނިޔެއަށް މިޞްރާބުޖެހީތީ އޭނާއަށް މަރްޙަބާކީމެވެ. އޭނާއަކީ، މަޝްހޫރު ލަވަކިއުންތެރިޔާ މުޙައްމަދު ޢަބްދޫ (محمد عبدُه) އެވެ. އަޅުގަނޑު އޭނާގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރީމެވެ.

"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއާއި އޭނާގެ ފާފަތައް ފުއްސަވައިފާނދޭވެ!"


އަޅުގަނޑު އެއާޕޯޓަށް ގޮސް ޓާމިނަލް ތެރޭގައި އުޅެނިކޮށް، ރާގުފުމޭ އޮނެއް ހިފައިގެން އުޅުނު މީހަކު ދުށީމެވެ. އެ އޮނު އޮތީ އޭނާގެ ކަނާތުގަ އެވެ. އޭނާގެ ވާތުގައި ދަބަހެއް އޮތެވެ. އޭނާ އައިސް އަޅުގަނޑާ ކުރިމަތިލައި ސަލާމްކުރި އެވެ.

"ގުޑްއިވްނިންގ ޔާ ޝައިޚު!"

އަޅުގަނޑު އޭނާއާ އަތާއަތްޖޯޑުކޮށް ސަލާމްކުރީމެވެ. ނުހަނު ހިތްހެޔޮކަމާއެކު އޭނާ އަޅުގަނޑާ ބައްދަލުކުރީ، ތެދުމަގަށް ރުޖޫޢުވުމުގެ ނިޔަތުގައި ކަމަށް ލަފާކުރެވެ އެވެ. ނަމަވެސް ވަގުތުގެ ދަތިކަމާއެކު، ވާހަކަ ދެއްކޭނެ ގޮތެއް ނުވި އެވެ. އޭނާ ފުރަންދިޔައިރު، އެތައް އިރެއް ވަންދެން އޭނާއަށް އަޅުގަނޑުގެ ނަޒަރު ދީގެން އިނީމެވެ. އޭނާއަކީ، މަޝްހޫރު ލަވަކިއުންތެރިޔާ ޢަބްދު ﷲ އައްރުވައިޝިދު (عبد الله الرويشد) އެވެ. އަޅުގަނޑު އޭނާގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރީމެވެ.

"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއާއި އޭނާގެ ފާފަތައް ފުއްސަވައިފާނދޭވެ!"


ލަވަކިއުމުގެ ދުނިޔޭގައި ވިދާ ބަބުޅަމުންދިޔަ މަޝްހޫރު ތަރިއެކެވެ. ތަންކޮޅެއް ކުރިން އޭނާ އަޅުގަނޑާ ގުޅި އެވެ. އޭނާ ދެއްކި ވާހަކައިގެ ބާވަތުން އެއީ މިތާނގައި ނަންގަނެވިދާނެ ކަހަލަ ވާހަކަތަކެއް ނޫނެވެ. ޚުލާޞާއަކީ، އޭނާ ވެސް މާތް ﷲ ގެ މަގަށް ރުޖޫޢުވި އެވެ. ކީރިތި ޤުރުއާން ކިޔަވައި ނަމާދުކުރުމަށް ފަރުވާތެރިވި އެވެ. ލަވަކިއުމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވިޔަސް، އޭނާގެ ޙަޔާތުގެ ނިމުމުގައި ސިއްކަޖަހައިލީ ކީރިތި ޤުރުއާނުންނެވެ. ޝައިޠާނާގެ ރާގުފުމޭ އޮނަކުން ނޫނެވެ. އޭނާއަކީ، މަޝްހޫރު ލަވަކިއުންތެރިޔާ ޚާލިދު ޢަބްދުއްރަޙުމާނު (خالد عبد الرحمن) އެވެ. އަޅުގަނޑު އޭނާގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރީމެވެ.

"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއާއި އޭނާގެ ފާފަތައް ފުއްސަވައިފާނދޭވެ!"


ދާދި ފަހުން މިދުނިޔެއާ ވަކިވެގެންދިޔަ މަޝްހޫރު ޝަޚުޞިއްޔަތެކެވެ. އަޅުގަނޑުމެން އޭނާގެ މައްޗަށް ކަށުނަމާދުކުރީމު އެވެ. އެ ކަށުނަމާދުގައި ވަރަށްގިނަ ފަންނާނުން ވެސް ބައިވެރިވި އެވެ. އޭނާގެ ހަށިގަނޑު ކަށްވަޅަށް ތިރިކުރީ ވެސް އެ ފަންނާނުންގެ ތެރެއިން ބަޔެކެވެ. އެއަށްފަހު އެމީހުން އެނބުރި ގެއަށް ހިނގައްޖެ އެވެ. އޭނާއާއެކު ކަށްވަޅުގައި މަޑުކޮށްލީ، މިދުނިޔޭގައި އޭނާ ކުރި ޢަމަލުތައް އެކަންޏެވެ. އެހެން ހުރިހައި އެއްޗެއް އޭނާ ދޫކޮށްފައި ދިޔައީ އެވެ. އޭނާއަކީ، މަޝްހޫރު މޫސީޤާރު ޞާލިޙުއްޝަހުރީ (صالح الشهري) އެވެ. އަޅުގަނޑު އޭނާގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރީމެވެ.

"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއާއި އޭނާގެ ފާފަތައް ފުއްސަވައިފާނދޭވެ!"


ނޫސް މަޖައްލާތަކުން ފެންނަ ޒުވާނެކެވެ. ލަވަކިއުމާއި މިއުޒިކުގެ އުދަރެހުގައި ޅައުމުރުއްސުރެ ފިޔަޖަހާލި ތަރިއެކެވެ. އަޅުގަނޑަށް އޭނާގެ ފޮޓޯ ނޫސްތަކުން ފެންނަން ފެށިއިރު، އޭނާގެ ޢުމުރުން ފަނަރަ އަހަރު ނުފުރޭނެ އެވެ. ދާދި މިދާކަށް ދުވަހު އަޅުގަނޑަށް އެނގުނު ގޮތުގައި، މިއުޒިކާއި ލަވަކިއުން ދޫކޮށް އޭނާ ވަނީ ތައުބާވުމަށް މިޞްރާބުޖަހާފަ އެވެ. އޭނާ ލިޔެފައިވެ އެވެ.

"ލަވަކިއުމުގެ ދުނިޔެއިން ތިމަންނާ ސަލާމަތްކޮށްދެއްވުން އެދި ހުރިހައި ބޭފުޅުން ދުޢާކޮށްދެއްވާށެވެ!"

އޭނާއަކީ، މަޝްހޫރު ލަވަކިއުންތެރިޔާ ޢައްބާސް އިބްރާހީމު (عباس إبراهيم) އެވެ. އަޅުގަނޑު އޭނާގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރީމެވެ.

"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއާއި އޭނާގެ ފާފަތައް ފުއްސަވައިފާނދޭވެ!"


އެންމެން ދަންނަ މަޝްހޫރު އަންހެން ކަނބަލެކެވެ. މިއުޒިކާއި ލަވަކިއުމުގެ އާފާޤުގައި ވިދައި ބަބުޅަމުންދިޔަ އަލިގަދަ ތަރިއެކެވެ. މީގެ ދުވަސްކޮޅެއް ކުރިން، ޓްވިޓަރގައިވާ އޭނާގެ ޞަފުޙާގައި ލިޔެފައިވެ އެވެ.

"ރަމަޟާންމަހު ތިމަންނާ ލަވައެއް ނުކިޔަމެވެ. އެއީ އެ މައްސަރުގެ މާތްކަމަށްޓަކަ އެވެ. އަދި އެ މައްސަރުގައި މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި ވެސްމެ އެވެ. ހަމައެފަދައިން، އާ އަހަރު ފެށޭ މުނާސަބަތުގައި ވެސް ތިމަންނާ ލަވައެއް ނުކިޔަމެވެ. އެއީ ކްރިސްޓިއަން ދީނުގެ އަހުލުވެރިން ފާހަގަކުރާ މުނާސަބަތެއް ކަމަށްވާތީ އެވެ. އެހެން ދީންތަކުގެ އެފަދަ މުނާސަބަތުތައް އެމީހުންނާއެކު ފާހަގަކޮށް އުޅުމަކީ، މުސްލިމުންނަށް ޙަރާމްކަމެއް ކަމުގައި ތިމަންނާ ގަބޫލުކުރާތީ އެވެ."

އީމާންކަން އާރާސްތުވެފައިވާ މުސްލިމު ހިތްތަކަށް ފިނިކަން ލިއްބައިދޭނެ މިބަސްތައް ކިއުމަށްފަހު، އަޅުގަނޑު އޭނާގެ މައްޗަށް ވަރަށް ގިނައިން ހެޔޮދުޢާކުރީމެވެ. އޭނާއަކީ، މަޝްހޫރު އަންހެން ލަވަކިއުންތެރިޔާ އަޙުލާމު (أحلام) އެވެ. އަޅުގަނޑު އޭނާގެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރީމެވެ.

"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއާއި އޭނާގެ ފާފަތައް ފުއްސަވައިފާނދޭވެ!"


ނަންގަނެވިދިޔަ ފަންނާނުން ފަދައިން، ލަވަކިއުން ދޫކޮށް، ތައުބާވެ، ތެދުމަގަށް ރުޖޫޢުވުމަށް އެދޭ އެތައް ފަންނާނުންނެއް އެބައުޅެ އެވެ. ދުވަހެއް ދުވަހަކަށްވުރެ އެމީހުންގެ ޢަދަދު ދަނީ އިތުރުވަމުންނެވެ. މާތް ﷲ އެމީހުން ޚަލްޤުކުރައްވާފައިވަނީ، އެކަލާނގެ ޙަޟުރަތަށް އަޅުކަންކުރުމަށްޓަކައިކަން އެމީހުންނަށް ވެސް ވިސްނެމުންދަނީތާ އެވެ! އަޅުގަނޑުގެ ނަޒަރުގައި، ލަވަކިއުމަކީ ޙަރާމްކަމެކެވެ. އެއިން އިވެނީ، ޝައިޠާނާގެ ގޮވާލުންތަކުގެ އަޑެވެ. އެހެނީ، އޭގައި ގޮވާލަނީ، ޙަރާމްކުރައްވާފައިވާ ޢިޝްޤުގައި ޖެހުމަށެވެ. ނަހީކުރައްވާފައިވާ ފާޙިޝް ޢަމަލުތައް ކުރުމަށެވެ.
 ޙަރާމްކުރައްވާފައިވާ ކަންތައްތަކަށް އަރައިގަތުމަށެވެ. އެކަންތައްތަކަށް ގޮވާލާ ލަވަތަކެއްގައި ވާނީ ކޮން ހެޔޮކަމެއްތޯ އެވެ؟ އަދި ލަވަކިޔާ މީހުން ލަވަކިޔަމުން ދަނީ ވެސް ދެޖިންސްގެ މީހުން މައްސުނިވެ، އެއްބަޔަކު އަނެއް ބަޔަކާ ގައިގޯޅިވަމުން ނަށާ ނެށުންތަކާ ވެސް އެކުގަ އެވެ. ބައެއް ފަހަރު އެމީހުންގެ އަތުން ރާތަށިތައް ވެސް ފެނެ އެވެ. އަދި ބައެއް ފަހަރު، ލަވަކިޔާ ފިރިހެނަކު ފޯރީގައި ގޮސް، ހިލޭ އަންހެނެއްގެ ގައިގައި ބީހި، ފާޙިޝް ޢަމަލު ހިންގާތަން ވެސް ފެނެ އެވެ. މި މޭރުމުން ލަވަކިޔައި ނަށައި ފާޙިޝް ޢަމަލު ހިންގާ ތަނަކަށް ދިއުމަށް އިޚުލާޞްތެރި މުސްލިމަކު އެދޭނެތޯ އެވެ؟ ނުވަތަ އެފަދަ ޙަފުލާތައް ބާއްވައިގެން، އެއިން ފައިސާ ހޯދަން ވެސް ރުހޭނެތޯ އެވެ؟ ތެދުވެރި އިޚުލާޞްތެރި މުސްލިމުންގެ ތެރޭގައި އެފަދަ ބަޔަކު އުޅެފާނެ ކަމަކަށް އަޅުގަނޑުގެ ހިތެއް ޤަބޫލެއްނުކުރެ އެވެ.

ދުނިޔޭގައި ހިނގަމުންދާ ކަންތައްތަކަށް ނަޒަރުހިންގައި ބަލާއިރު ފެންނަނީ، ފަހުޒަމާނުގެ ޢަލާމާތްތައް، ޢަލާމާތަކަށްފަހު ޢަލާމާތެއް ފާޅުވަމުންދާ މަންޒަރެވެ. އަޅުގަނޑުމެންގެ އިސްލާމީ އުންމަތާ ހަފަރާތުން ހަނގުރާމަކުރަމުންދާ މަންޒަރެވެ. އެ ހަނގުރާމައިގެ ހަމަލަތައް އަމާޒުވަމުންދަނީ ހަމައެކަނި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނަކަށް ނޫނެވެ. އެކަމަކު، އަޅުގަނޑުމެންގެ މުސްލިމު ޒުވާން އަންހެން ކުދިންނާއި، މުސްލިމު ޒުވާން ފިރިހެން ކުދިން ވެސް އެދަނީ އެ ހަމަލަތަކުން ސިކާރަވަމުންނެވެ.

އުންމަތުގެ ޙާލަތާމެދު ވިސްނައި ފިކުރުކުރާއިރު، ޙައިރާންވެ އަންތަރީސްވެ އެވެ. ލަވަކިއުންތެރިންނޭވެ! ފަންނާނުންނޭވެ! މޫސީޤާރުންނޭވެ! ދުނިޔޭގެ ކަންކޮޅުތަކުގައި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުން، ކަތިލައި ޝަހީދުކުރަމުންދާއިރު، ތިޔަބައިމީހުން ސްޓޭޖްތަކަށް އަރާތިބެ ލަވަކިޔައި ނަށައި އުފާފާޅުކުރަނީ ހެއްޔެވެ؟ މާތް ﷲ ގެ ވަޖުހުފުޅަށްޓަކައި ބުނަމެވެ. ތިޔައީ ވަރަށް ހަޑިހުތުރު ޢަމަލެކެވެ. ތިޔަބައިމީހުން އިސްލާމްދީނަށް ނިސްބަތްވާނީ ކިހިނަކުން ހެއްޔެވެ؟ ތިޔަބައިމީހުންނަށް މުސްލިމުންނޭ ކިޔާނީ ވެސް ކޮން ހަމައަކުން ހެއްޔެވެ؟ ތިޔަބައިމީހުން ކުރާ ނަމާދުތަކުގެ ބޭނުމަކީ ވެސް ފަހެ، ކޮބައިހެއްޔެވެ؟ ޙަރާމްކަންތައް ކޮށްގެން، ޙަރާމް ގޮތުގައި ހޯދާ ފައިސާއާއި މުދަލުން ކައިބޮއި، އެއިން އުނުއަނދެ އޮރިޔާން ނިވާކުރާކަށް ލަދެއް ވެސް ނުގަނޭ ހެއްޔެވެ؟

އެންމެހައި ފަންނާނުންނަށް އަޅުގަނޑު ގޮވާލަނީ، ތެދުމަގަށް ރުޖޫޢުވުމުގައި ސާބިތުކަމާއި ހިތްވަރުގަދަކަން ދެއްކުމަށެވެ. ޝައިޠާނާގެ ގޮވާލުންތަކުން އެއްކިބާވުމަށްޓަކައި ނުގުޑާނެ ފަދަ ޢަޒުމަކުން ޢަޒުމު ކަނޑައެޅުމަށެވެ. ދެޖިންސްގެ މީހުން އެއްތަނަކަށް އެއްވެ، ބާއްވާ ފާޙިޝް ޢަމަލުތަކުގެ ޙަފުލާތަކަށް ނުދިއުމަށެވެ. އަދި ޙަރާމްކުރައްވާފައިވާ ކަންތައްތަކަށް މަގުފަހިކޮށްދޭ ވީޑިއޯ ކްލިޕްތައް ވެސް ނުއުފެއްދުމަށެވެ. އަޅުގަނޑުގެ ދުޢާއަކީ، މާތް ﷲ އެންމެހައި ފަންނާނުންނަށް ތެދުމަގު ދައްކަވައި، އެމީހުންގެ ފާފަތައް ފުއްސެވުމެވެ.

"އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއާއި އެމީހުންގެ ފާފަތައް ފުއްސަވައިފާނދޭވެ!"






ތަރުޖަމާ:

އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން

ads

ދާއިރާ:

0 comments:

Post a Comment

 
here it is