Thursday, October 11, 2012

ގާތިލަށް މައާފް ދިނުމަކީ ހާކިމާއަށް އޮތް ހައްގެއްނޫން: ޝައިޚު ޝަހީމު


ހައްގަކާ ނުލައި މީހުން މަރައި މީހުންނަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަރުގެ އަދަބަކީ ހާކިމާ (ވެރިކަމުގައި ހުންނަ މީހާ) އަށް މައާފް ކުރެވޭނެ އަދަބެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު އައް ޝެއިޚު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.


މަސްޖިދުއް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި މިއަދު ވިދާޅުވި ހުތުބާގައި ޝަހީމު ވިދާޅުވީ "ގާތިލަށް މާފު ދިނުމަކީ ހާކިމާ އަށް ލިބިގެންވާ ހައްގެއް ނޫން" ކަމަށާއި އެއީ ވާރިސުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.

"ގާތިލަށް މައާފު ދިނުމަކީ ހާކިމާއަށް ލިބިގެންވާ ހައްގެއް ނޫން. އެއީ ވާރިސުންގެ ހައްގެއް. ނަމަވެސް މައާފު ހޯދައި ދިނުމުގައި ހާކިމަށް، ނުވަތަ ސުލްހަވެރިކުރުވަން މަސައްކަތް ކުރާ ފަރާތްތަކަށް މެދުވެރިއެއްގެ ދައުރު ޝަރުއީ ހަމަތަކުގެ މަތިން އަދާކުރެވިދާނެ،" ޝެއިޚު ޝަހީމު ވިދާޅުވި އެވެ.

ކީރިތި ޤުރުއާނާއި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސަލަމްގެ ސުންނަތުން ހެކި ދައްކަވަމުން ޝެއިޚު ވިދާޅުވީ އިސްލާމީ ޝަރީއަތުގައިވާ ﷲގެ ޙުދޫދުތަކާއި ޤިޞާސްގެ ހުކުމްތައް ތަންފީޒު ނުކޮށް ދޫކޮށްލުމަކީ މުސްލިމުންނަށް ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ. އަދި އެކަމުގައި އިސްލާމީ ތަރަހައިގެ ތެރެއިން ބޭރުގެ ކަމެއް، (އިސްލާމްދީނާ ގުޅުމެއް ނެތް ކަމެއް) އެއީ މަސްލަހަތެއް ކަމުގައި ބެލުން ވެސް ހުއްދަ ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް ބާރުގަދަ ގައުމަކުން ބުނެފާނެ އެއްޗަކާ މެދު ވިސްނައި. ނުވަތަ އިންސާނީ ހައްގުތަކުގެ ނަމުގައި ދައުވާކުރާ ބަޔަކު ދައްކަފާނެ ވާހަކައަކަށް ބިރުން ހައްދުތަކާ ޤިޞާސުގެ ހުކުމްތައް ދޫކޮށްލުމަކީ ހުއްދަވާނެ ކަމެއް ނޫން،" ޝެއިޚު ޝަހީމު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޝަރީއަތުގައި ބަޔާންވެގެންވާ ހުދޫދުތަކާއި ޤިސާސުގެ ހުކުމްތަކާ ތައާރުޒުވާ ގޮތަށް އެއްވެސް ގާނޫނެއް ހެދުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށެވެ.


ހުކުރު ޚުޠުބާގައި ޝަހީމް ވިދާޅުވީ ނުޙައްޤުން މީހަކު މެރުމުން ދީނުގައި އޮންނަ އަދަބަކީ ޤާޠިލް މެރުންކަމުގައި ގިނަބަޔަކު ހީކުރާ ކަމުގައެވެ. ނަމަވެސް ޤިޞާޞް ހިފުމުގައި ތިން ޙުކުމެއް ވާކަމަށާއި އެއީ މަރަށް މަރުހިފުމާއި، މަރުގެ ދިޔަ އަތުލައި ޤާޠިލާއިއެކީ ޞުލްޙަވެރިވުމާއި، އެކީ އެކަށް އެއްވެސް ބަދަލެއް ނެތި ޤާޠިލަށް މާފުދިނުމެވެ. "މައްޔިތާގެ ވާރިޘުންގެ ފަރާތުން ޤާތިލަށް މާޢާފުދިނުމަކީ އިޚްސާންތެރި ކަމެއްކަމުގައި ﷲ ސިފަ ކުރައްވާފައިވެއެވެ. ޤާތިލަށް މަޢާފްދިނުމަކީ ޙާކިމަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އެއީ ވާރިސުންގެ ޙައްޤެކެވެ." ރައީސް ވަހީދު އައްސަވަމުން ގެންދެވި ޚުޠުބާ ދެއްވަމުން ޝަހީމް ވިދާޅުވިއެވެ.


ފަހަކަށް އައިސް ރާއްޖޭގައި ހިނގަމުންދާ މީހުން މެރުމުގެ ހާދިސާތައް، ހާއްސަކޮށް އެންމެ ފަހުން ހިނގައިދިޔަ ޑރ. އަފުރާޝީމް އަލީ އަވަހާރަކޮށްލި ހާދިސާ ފާހަގަ ކުރައްވަމުން ޝެއިޚު ޝަހީމު ގޮވާލެއްވީ ރާއްޖޭގައި ﷲގެ ޝަރީއަތުގެ ހުކުމް ގާއިމްކޮށްދިނުމަށެވެ.

"މިގައުމު ފަނާވެ ދިއުމުގެ ކުރިން ﷲގެ ޝަރީއަތުގެ ހުކުމް މިގައުމުގެ ރައްޔިތުންގެ މެދުގައި ގާއިމްކޮށްދެއްވާ. މި މުޖުތަމައަށް ދިރުން ލިބިގެންދާނީ އޭރުން،"ޝެއިޚު ވިދާޅުވިއެވެ.

ރާއްޖޭގައި އަމަލުކުރަމުން އަންނަ ގާނޫނުލް އުގޫބާތުގައި މަރުގެ އަދަބު އޮތް ކަމަށް ވިޔަސް، އަދި އެ އަދަބު ދިނުމަށް މިހާތަނަށް އެތައް ބައެއްގެ މައްޗަށް ހުކުމް ކޮށްފައި ވީ ނަމަވެސް އެ އަދަބު ތަންފީޒެއް ނުކުރެ އެވެ. ގިނަ މައްސަލަތަކުގައި އޭރަކު ހުންނަވާ ވެރިއަކު ވަނީ މައާފު ދެއްވާފަ އެވެ. އެގޮތުން 1988 ވަނަ އަހަރުގެ ބަޣާވާތުގައި 19 ދިވެހިން ޝަހީދު ކުރި މީހުންގެ މައްޗަށް ކުރި މެރުމުގެ ހުކުމް ވަނީ އޭރު ހުންނެވި ރައީސް މައާފުކޮށްދެއްވާފަ އެވެ.

ads

ދާއިރާ:

0 comments:

Post a Comment

 
here it is