عَنِ ابْنِ عَبَّاسٍ، رَضِيَ اللَّهُ عَنْهُمَا، قَالَ: "كُنْتُ خَلْفَ النَّبِيِّ صلى الله عليه وسلم يَوْمًا فَقَالَ: "يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ: "احْفَظِ اللَّهَ يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ، إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ، وَاعْلَمْ: أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ، لَـمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَإِنِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ، لَـمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، رُفِعَتِ الأَقْلاَمُ، وَجَفَّتِ الصُّحُفُ". (رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ)
މާނައީ: މާތް اللَّهُ، އެ ދެބަފައިކަލުންނަށް ރުއްސުންލެއްވި ޢައްބާސްގެފާނުގެ ދަރިކަލުން (ޢަބްދު اللَّهِގެފާނު)ގެ ކިބައިން ރިވާވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. އެއް ދުވަހަކު، ތިމަންނާ މާތްނަބިއްޔާ صلى الله عليه وسلم ގެ (ސަވާރީގައި އެކަލޭގެފާނުގެ) ފަހަތްޕުޅުގައި އިންނެވީމެވެ. ފަހެ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
"އޭ ކުޑަކުޑަ ކޮއިފުޅާއެވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނު ތިބާއަށް ކަންތައްތަކެއް އުނގަންނައި ދެއްވާހުށީމެވެ. ތިބާ اللَّهُއަށް ތަޤުވާވެރިވާށެވެ! އޭރުން އެކަލާނގެ ތިބާ ރައްކައުތެރި ކޮށްދެއްވާހުއްޓެވެ.
ތިބާ اللَّهُއަށް ތަޤުވާވެރިވާށެވެ! އޭރުން އެކަލާނގެ ތިބާގެ އެންމެހައި ކަމެއް ހިންމަވައިދެއްވުމުގައި ވޮޑިގެންވާތީ، ތިބާ ދެކޭނޫއެވެ.
ތިބާ ކަމަކަށް އެދެނީނަމަ، اللَّهُގެ ޙަޟުރަތުން ތިބާ އެ ކަމެއް އެދޭށެވެ! ތިބާ ކަމަކުން ރައްކައުތެރިވުމަށް އެދޭނަމަ، اللَّهُގެ ޙަޟުރަތުން ތިބާ ރައްކައުތެރިކަމަށް އެދޭށެވެ!
އަދި ތިބާ ދަންނާށެވެ! ހަމަކަށަވަރުން، އުއްމަތުގެ އެންމެން ތިބާއަށް މަންފާއެއް ލިބިދިނުމަށްޓަކައި، އެބައިމީހުން އެންމެން އެކުގައި މަސައްކަތް ކުރިކަމުގައި ވިއަސް، اللَّهُ، އެ ކަމެއް ތިބާއަށް މިންވަރުކުރައްވައިފައިނުވާ ކަމެއް އެބައިމީހުންނަށް ތިބާއަށް ގެނެސް ނުދެވޭހުއްޓެވެ.
އަދި ހަމަކަށަވަރުން، އުއްމަތުގެ އެންމެން ތިބާއަށް ގެއްލުމެއް ދިނުމަށްޓަކައި، އެބައިމީހުން އެންމެން އެކުގައި މަސައްކަތް ކުރިކަމުގައި ވިއަސް، اللَّهُ، އެ ކަމެއް ތިބާއަށް މިންވަރުކުރައްވައިފައިނުވާ ކަމެއް، އެބައިމީހުންނަށް ތިބާއަށް މެދުވެރި ނުކުރެވޭހުއްޓެވެ.
ގަލަންތައްވަނީ އުފުއްލެވިގެންނެވެ. ފޮތްތައްވަނީ، ލައްޕައިލެވިފައެވެ." (އެބަހީ: ވަނިވިހައި ކަމެއްވަނީ، اللَّهُ ކަނޑައަޅުއްވައި، މިންވަރު ކުރައްވައި، ލިޔުއްވައި ނިންމަވައިފައެވެ. އެއަށް ބަދަލެއްއައުމެއް ނުވެއެވެ.)
އިތުރު ލިޔުންތައް | Sunnah
0 comments:
Post a Comment